ރާއްޖޭގެ މަޝްހޫރު ލެޖަންޑްރީ ލަވަކިއުންތެރިޔާ އަބްދުލް ހަންނާނު މޫސާދީދީއަށް ހާއްސަ ހަފްލާއެއް ބާއްވާފިއެވެ.
“އޭން އީވްނިންގ ވިތު ހަންނާން” ގެ ނަމުގައި 3 ފެބްރުއަރީ 2023 ވަނަ ދުވަހުގެރޭ މ. ކުދިމާވިލާ ޓެރަސްގައި ބޭއްވި މިހަފްލާގައި ހަންނާނުގެ ދެމަފިރިކަނބަލުން ބައިވެރިވިއެވެ. މީގެ އިތުރުން އާއިލީ މެމްބަރުންނާއި ގާތް ރަހްމަތްތެރިންވެސް ބައިވެރިވިއެވެ.
ރޭގަނޑުގެ ފަރިއްކޮޅަކާއިއެކު ކުރިއަށްދިއަ މި ހަފްލާގައި ހަންނާނުގެ ރީތި ދެ އަޑުގެ ލަވަތައްވެސް ހަފްލާގެ ބައިވެރިވި ފަރާތްތަކުންވަނީ ކިޔާފައިވެއެވެ.
މިހަފްލާގައި ހަންނާނުގެ ރީތި ހިއްގައިމު ލަވަތައް ކަރޯކޭ ސްޓައިލްގައި ކިޔާފައި ވަނީ ހަންނާނުގެ އާއިލީ ފަރާތްތަކާއި މ. ކުދިމާވިލާގޭގެ މެމްބަރުންގެ އިތުރުން ހަންނާނުގެ ރަހްމަތްތެރި ބައެއް ފަރާތްތަކުންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ދިރިއުޅުމަށްފަހު މިވަގުތު ރާއްޖޭގައި ހުންނެވި ހަންނާން ވަނީ މި ހަފްލާގައި ލަވަވެސް ކިޔާފައެވެ.

ދިވެހި މިއުޒިކީ ޖައްވަށް އެންމެ ހިތްގައިމު އަމިއްލަ ރާގުތަކެއް ނެރުއްވަމުން ގެންދަވާ ހަންނާނަކީ އޭރުވެސް އަދި މިހާރުވެސް ދިވެހީންނަށް އެންމެ ކަމުދާ ސްޓައިލްގެ ރާގުތައް އުފައްދަވާ ފަންނާނު ކަމަށް ދިވެހީން އިއްތިފާޤުވެއެވެ.
