ޑޮކްޓަރު ޓެސްޓުތަކެއް ހެދިއެވެ. ނަތީޖާ ލިބެން އިރުކޮޅެއް ވާނެކަމަށް ބުންޏެވެ. އަހަރެމެން ތިބީ ނާރވަސް ވެފައެވެ. އެންމެ ބޮޑަށް ނާރވަސްވެފައި ވަނީ އަބްޔާޒު އެވެ. އިރުކޮޅެއް ފަހެވެ. ނަތީޖާއާއެކު ޑޮކްޓަރު ލެބޯރަޓަރީން ނިކުތެވެ.
“ސަމާގެ ނަތީޖާ އަދިވެސް އެއްކޮށް ނޯމަލް އެއްނޫން. އަދި އިތުރު 45 އިންސައްތަ އެބަ ބޭނުންވޭ. ސަމާ ހާސް ނުވޭ. އަދި ކުޑަކުޑަ ހިތްވަރެއް ބޭނުންވަނީ. އޭރުން ފަހަރަކު ރާއްޖެއިން ބޭރަށް ދާން ނުޖެހިވެސް ދާނެ.”
ޑޮކްޓަރު އެހެން ބުނުމުން އަހަރެމެންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އެކަމަކު…..” ޑޮކްޓަރ އެއްޗެއް ބުނަން އުޅުނުހެން ހީވިއެވެ.
“އެކަމަކު ކީކޭ ޑޮކްޓަރ” އަހަންނަށް ހާސް ވެފައި އަހާލެވުނެވެ.
“ސަމާ، ހާސް ވާނެ ވަރުގެ ކަމެއް ނޫން. އެޑްވައިސް އެއް. ޕޮލިއުޓު ވެފައިވާ އޭރިއާތަކާއި އުނދުން ކައިރީގައި ގިނައިން ނޫޅޭތި”. ޑޮކްޓަރ ބުންޏެވެ. އެހިސާބުން އަހަރެން ހަމަޖެހިލީމެވެ.
އަހަރެމެން ޑޮކްޓަރަށް ޝުކުރު އަދާކޮށްފައި އެރޫމުން ނިކުތީމެވެ. ނިކުމެ މިސްރާބު ޖެހީ ކާރާ ދިމާލަށެވެ.
“ހިގާ ކޮންފެރެންސް ކޯލްއަކުން ފެމިލީ އެންމެނަށް މިޚަބަރު ދޭން.” އަހަރެން ބުނީމެވެ.
“އަހަން. ތީ ހާދަ ރަނގަޅު އައިޑިއާ އެކޭ. ހިނގާ ގުޅަން.” އަބްޔާޒު އެއްބަސްވިއެވެ.
އަބްޔާޒުގެ ޖީބުން ފޯނު ނަގައި ބަލާލިއިރު އަބްޔާޒުގެ މަންމަގެ ފޯނު ކޯލެއް އަންނަނީއެވެ. ފޯނު ނަގާފައި މަޑުކޮށްލާށޭ ބުންޏެވެ. އަދި އަހަރެން ނޫން ދެންތިބި މީހުން ކޯލަށް އެޑުކުރިއެވެ. އެންމެން ގާތުގައި މިއީ ކޮންފަރެންސް ކޯލެއް ކަމަށް ބުންޏެވެ.
“ސަމާ…… ދަރިފުޅާ ރަނގަޅުތަ؟ ކިހިނެއް ނަތީޖާ؟ ކީކޭ ޑޮކްޓަރ ބުނީ؟ އިތުރު ފަރުވާއަށް ބޭރަށް ދާން ޖެހޭތަ؟” އެންމެން އެއްފަހަރާ ސުވާލުކުރަން ފެށިއެވެ.
“މަންމާ، ބައްޕާ، ކާފާ، ބޮޑުދައިތާ، ޖިނާ، ދައްތާ، އެންމެން ހަމަޖެހިބަލަ. ނަތީޖާ ރަނގަޅު. ޑޮކްޓަރ ބުނީ އަދި އިތުރު %45 ބޭނުންވާނެކަމަށް އެއްކޮށް ރަނގަޅުވަން. ދެން ބުނީ ފަހަރަކު ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެންވެސް ރަނގަޅުވެދާނެކަމަށް!” އަހަރެން ބުނީމެވެ.
އެންމެންނަށް ހަމަޖެހިލެވުނެވެ. ﷲ އަށް ޝުކުރު އަދާކުރިއެވެ.
“ހިނގާ އެހެންވީމަ ސަމާ އާއި އަބްޔާޒުގެ ފޭވަރިޓު ރެސްޓޯރެންޓް ސިޓްރޯނަށް މިކަން ސެލެބްރޭޓު ކުރަން ދާން.” ޒައިނާ ބުންޏެވެ.
އަހަރެން އިނީ ވަރަށް އުފަލުންނެވެ. އެންމެން އެއްބަސްވިއެވެ. ގަޑިއަކަށް ކީ ހަވީރު 5 ޖަހާއިރެވެ. މިހާރު 5 ޖަހަން 30 މިނެޓަށް ވެއްޖެއެވެ.
“އަހަރެމެން މިދަނީ. އެކަމަކު އަދި އިރުކޮޅެއް ވާނެ. ބޮޑުދައިތަ މެންނަށް އޮންނާނެ ޓެކްސީއެއް ފޮނުވާފަ. މަންމަމެންވެސް ދޭ.” އަހަރެން ބުނީމެވެ.
ސިޓްރޯނަށް ދިޔަ މަގުމަތީގައި އަހަރެން އިނީ ފުން ޚިޔާލަކަށް ގެއްލި ހުސްވެފައެވެ.
“އަހަރެންގެ ކައިވެންޏަށް އަދި އެއްދުވަސް ވެސް ނުވޭ. އެކަމަކު އަބްޔާޒު މިއަދު އެކަނިވެސް އަހަރެންގެ ވިސްނުން ބަދަލުކޮށްލައިފި” އަހަރެން ހިތަށްއެރިއެވެ.
“އޭއް. ކޮން ޚިޔާލެއްގަ؟” އަބްޔާޒު ގޮވާލިއެވެ.
“ވަކި ޚިޔާލެއްގައެއް ނޫން!” އަހަރެން ބުނީމެވެ.
އިރުކޮޅެއް ވީ އިރަށް އަހަރެމެންނަށް ރެސްޓޯރެންޓަށް ފޯރައިފިއެވެ. އޭރު މަންމަމެން ތިބީ އަހަރެމެންގެ އިންތިޒާރުގައެވެ.
“ކީއްވެ މާ ލަސްވީ؟ މިހާރު ކާފަ މިއުޅެނީ ބަނޑުހައިވެގެން.” ކާފަ އެހިއެވެ.
“ޓްރެފިކްގައި ޖެހުނީ.” އަހަރެން ބުނީމެވެ.
“ޓްރެފިކުގައި ޖެހުނީއޭ.” ޖިނާ މަލާމާތުގެ ރާގަކަށް ބުންޏެވެ. އަހަރެމެން އެންމެން ހިނިގަނޑެއް ޖަހާލީމެވެ.
މަންމަ ހުރީ އަހަރެމެން އެންމެނަށް މި ރެސްޓޯރެންޓްގެ ޓެރަސް ބައިގައި މޭޒެއް ރިޒާވް ކޮށްފައެވެ. އަހަރެމެން އެންމެން ގޮސް އެ ރިޒާވްޑް މޭޒުގައި އިށީންނީމެވެ. އޭރު އަހަރެމެންގެ އޯޑަރ ނެގުމަށްޓަކައި އަހަރެމެންގެ މޭޒު ކައިރިއަށް ވެއިޓަރެއް އަތުވެއްޖެއެވެ. އެންމެން ވާހަކަދައްކައިލުމަށްފަހު އެކި ބާވަތުގެ ކާނާއަށް އޯޑަރ ކުރީމެވެ. އަހަރެމެން ނެގީ ސޭންޑްވިޗެވެ. މަންމަމެންނާއި ބޮޑުދައިތަ މެން ނެގީ ޓޫނާ ފްރައިޑު ރައިސްއެކެވެ.
އިރުކޮޅެއް ފަހެވެ. އަހަރެމެންގެ އޯޑަރ ލިބުމާއެކު މަންމަގެ ޓޯސްޓަކަށް އެންމެންގެ ޑްރިންކްސް ނަގާ އެއްތަށި އަނެއް ތަށްޓާއި ޖެއްސީމެވެ. ޖިނާ އެންމެންނާއެކު ސެލްފީއެއް ނެގިއެވެ. ވީޑިއޯވެސް ކުރިއެވެ. ހަނދާނަކަށެވެ. މިގޮތަށް ދެން އެންމެން އެއްކޮށް ބައްދަލުވާނެ ދުވަހެއް ނޭނގޭނެތީއެވެ.
ކައިނިމިގެން އެންމެން ގެއަށް ދާން ނިކުތެވެ. އަހަރެމެން ދެމީހުންނަށް ނިކުމެވުނީ ތަންކޮޅެއް ލަހުންނެވެ. އެކި މީހުން އެމީހުންގެ ކާރަށް އަރައިގެން ގެއާދިމާލަށް މިސްރާބުޖެހިއެވެ. އަހަރެމެންވެސް މިސްރާބުޖެހީ ގެއާ ދިމަލަށެވެ.
“އަބްޔާޒު، ހާދަ ޒަމާނެއް ކޮށްލާފައޭ ދޯ އެންމެން އެއްކޮށް ކާން މި އެރީ. އަހަރެން ހަނދާންވާ ގޮތުން މީގެ ކުރިން ކާން އެރީ ރިސޯޓުގަ. އަސްލު ވަރަށް އުފާވެއްޖެ މިގޮތަށް ކެއުމެއް ބޭއްވީމަ. އަދި ވާނެ ދޯ އަހަރެން އެއްކޮށް ރަނގަޅުވީމަ އަހަރުންގެ ޓްރީޓެއް ދެން.” އަހަރެން ބުނީމެވެ.
“އާނ. އަސްލުވެސް ސަމާ ބުނިހެން ވަރަށް ގިނަދުވަސް ކޮށްލާފަ އެންމެން އެއްކޮށް ކާން މި އެރީ. އިންޝާ ﷲ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަމާ ރަނގަޅުވާނެ. ރަނގަޅުވީމަ އަދި އަންނާނީ.” އަބްޔާޒު ވަރަށް ލޯބިން ޖަވާބުދިނެވެ.
ދެމީހުން ވާހަކައިގައި ތިއްބާ ވީނުވީ ގޮތެއް ނޭނގުނެވެ. ކުރިމަތިން އައި ޕިކަޕަކާއި އަހަރެމެންގެ ކާރު ކުރިމަތިވިއެވެ. އަބްޔާޒު އަތުން ހުންގާނުގެ ކޮންޓްރޯލް ނައްޓައިގެން ދިޔައެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ކާރު ޖެހުނީ އެޕިކަޕުގައެވެ. އަބްޔާޒު ވަރަށް ބޮޑަށް ޒަޚަމްވިއެވެ. އަހަންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނެވެ. އަހަރެން އަވަހަށް ފޯނު ނަގައިގެން މަންމަމެނަށް ގުޅާފައި މިޚަބަރު ދިނީމެވެ. އަވަހަށް މި ސަރަހައްދަށް އައުމަށް ބުނީމެވެ.
ދެން ވާނީ ކިހިނެއްބާ؟ އަހަރެންގެ ހާލަތު އިތުރަށް ގޯސްވާނީބާ؟ ނޫނީ އަބްޔާޒު ކޯމާއަކަށް……..؟
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 މެއި 2025ވާހަކަމީ ކުރާއުއްމީދު – 05
- 24 އޭޕްރިލް 2025ވާހަކަމީ ކުރާއުއްމީދު – 04
- 2 އޭޕްރިލް 2025ވާހަކަމީ ކުރާއުއްމީދު – އެޕިސޯޑް 03
- 10 ފެބްރުއަރީ 2025ވާހަކަމީ ކުރާއުއްމީދު – އެޕިސޯޑް 02