މަޝްހޫރު ފިލްމު ޕްރޮޑިއުސަރ، ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ފިލްމު ކުންފުނި ’ކްރިސްޓަލް އެންޓަޓެއިންމެންޓް’ގެ ކުޑަދަށުން ބެލުންތެރިންނަށް ދޫކޮށްލާ ހަމަ ކޮންމެ ފިލްމީ އުފެއްދުމަކީ ’ކްރިސްޓަލްއެއް‘ ފަދަ އަގުހުރި އަދި ބެލުންތެރިން ބަލައިގަންނަ އުފެއްދުމަކަށް އޮންނަނީ ވެފައެވެ. އެގޮތުން މިދިޔަ ޖޫން މަހު 17ގައި އޮލިމްޕަހުގައި ރިލީޒްކުރި ބްލޮކްބަސްޓަރ ދިވެހި ފިލްމު ”ސޮރީ“ން ވަނީ އެތަކެއް ހިތްތަކެއް ކަތިކޮށް، ހިތްތައް ރޮއްވާލާފައެވެ.

ފިލްމު ”ސޮރީ“ގެ ހައުސްފުލް 47 ޝޯ މިހައިތަނަށް އައިއިރު އޮލިމްޕަހުގައި ދައްކާފައިވާއިރު ވަދާއީ ޝޯތައް ތާވަލްކުރީ މިމަހު 26، 27 އަދި 28 ވަނަ ދުވަހުގެ ރެއަށެވެ. އެހެން ނަމަވެސް ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ އިތުރުން އޮލިމްޕަހުގައި މި ފިލްމުގެ އިތުރު ޝޯތަކެއް ދެއްކުމުގެ ފުރުޞަތު ލިބިފައިވާތީ ވަދާޢީ ޝޯތައް މިވަނީ މިމަހު 30 އަދި 31 އަށް އަލުން ތާވަލްކޮށްފައެވެ.

 

View this post on Instagram

 

A post shared by Fathimath Nahula (@fnahula)

މީޑިއާތަކާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) މުނިއަވަސް އޮންލައިންއަށް މަޢުލޫމާތުދެމުން ބުނީ ފިލްމު ”ސޮރީ“ އޮލިމްޕަހުގައި ދައްކަން ނެގި ދުވަސްތައް ހަމަވެފައިވިޔަސް މިހާތަނަށް އައިއިރު ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

”ފިލްމު ”ސޮރީ“ގެ 50 ޝޯ ހަމަކުރަންވެސް ބޭނުންވޭ، ފިލްމު ”ޔޫސުފް“ގެ ރެކޯޑް މުގުރާލަން.

* ފާޠިމަތު ނަހުލާ (ނަހޫ)

އޮލިމްޕަސް ސިނަމާގައި ފިލްމު ”ސޮރީ“ގެ ހައުސްފުލް 47 ވަނަ ޝޯ ދެއްކުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް މުނިއަވަސްއާ ވާހަކަދައްކަމުން ނަހޫ ބުނީ ފިލްމު އެޅުވުމަށް ނަގާފައި ހުރި ދުވަސްތައް ހަމަވެފައި ވިޔަސް، މިހާރު ދެތިން ފަހަރެއްގެ މަތިން އިތުރު ޑޭޓްތައް އޮލިމްޕަހުން ދެއްވާފައިވާ ކަމަށެވެ.

ފިލްމު ”ސޮރީ“ގެ ހައުސްފުލް 47 ޝޯ އޮލިމްޕަހުގައި ދައްކާފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ވަނީ ހައުސްފުލް ޝޯތަކެއް ދައްކާފައެވެ. ރަށްރަށުން ފިލްމުގެ ޝޯތައް އިތުރުކޮށްދިނުމަށް ކެނޑިނޭޅި އެދެމުން އަންނަކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެއެވެ.

”ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގަ ބަލައިފި. ގިނަ ރަށްރަށުގަ ހަމަ ރެކޯޑް ހަދާފަވަނީ.

ބައެއް ރަށްރަށުގަ މެންދުރުފަހު ޝޯއެއް. ރޭގަނޑު އިރާކޮޅު ޝޯއެއް އަދި ދަންވަރު ޝޯއެއްވެސް ވަނީ ދައްކާފަ.“

* ފާޠިމަތު ނަހުލާ (ނަހޫ)

ނަހޫ ބުނީ މި ޗުއްޓީ ތެރޭ ފިލްމު ބަލައިލުމުގެ ފުރުޞަތު ލިބޭނެތޯ އަހައި އޮޅުންފިލުވަމުން ދިޔަ ގިނަ އަދަދެއްގެ ފަރާތްތަކަށް މިހާރު މި ހުޅުވައިލެވުނު ފުރުޞަތުގެ ސަބަބުން ފިލްމު ބަލައިލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމު ”ސޮރީ“އަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނަން ވިދާ ގިނަ ތަރީންތަކެއް ހިމެނޭހެން ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ އިތުރުން ”ސޮރީ“ ވަނީ ލަންކާ އަދި ތައިލެންޑުގައިވެސް އަޅުވާފައެވެ.

މި ޝޯތަކުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ހޮޓްލައިން ނަންބަރު 7844422 އަށް ގުޅައިގެން ގަނެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.