އަހަރެން އަވަހަށް ފޯނު ނަގައިގެން މަންމަމެނަށް ގުޅާފައި މިޚަބަރު ދިނީމެވެ. އަވަހަށް މި ސަރަހައްދަށް އައުމަށް ބުނީމެވެ. އިރުކޮޅަކުން ފެނުނީ ބައްޕަމެންގެ ކާރު މިހިސާބުގައި މަޑުކުރިތަނެވެ. އަވަސް ފަރުވާއެއް ލިބިގަތުމަށް އަހަރެމެން ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އަބްޔާޒު އަވަހަށް އެމެޖެންސީގައި އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔައެވެ. އަހަރެންވެސް އާދައިގެ ވޯޑަކަށް ގެންދިޔައެވެ. އިތުރަށް މޮނީޓަރކުރުމަށެވެ.

އިރުކޮޅެއް ފަހެވެ. އަބްޔާޒުގެ ސާޖަރީ ކާމިޔާބުވިކަމަށް ޑޮކްޓަރުން ބުންޏެވެ. ދެތިން ދުވަހަށް އޮބްސަވޭޝަންގައި އޭނާ އޮންނާނެ ވާހަކަވެސް ޑޮކްޓަރުން ބުންޏެވެ.

”އަލްޙަމްދު ﷲ. މާތް ﷲ އަށް ޝުކުރުކުރަން އަބްޔާޒު ސަލާމަތްވީމަ. އެކަމަކު އަދި މިވަރުން އުފަލެއް ނުވެވޭނެ. ޑޮކްޓަރ އަހަރެންގެ އަންހެން ދަރީގެ ހާލުކިހިނެއް؟ ހުރިހާކަމެއް ރަނގަޅުތަ؟“ މަންމަ ސުވާލުކުރިއެވެ.

”ސަމާ ދޯ! އޭނަގެ ހާލު ރަނގަޅެއް ނޫން. ކުރިއަށްވުރެން ގޯސްވީ. ﷲ އަށް ދުއާކުރޭ އޭނަ ސްޓޭބަލް ވޭތޯ. އަދި އޮތީ އައި.ސީ.ޔޫ ގަ“ ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރ އެހެން ބުނުމުން މަންމައާ ބައްޕައާ ދެމީހުންނަށް ބޮޑު ސިހުމެއް ލިބުނެވެ.

”ޒައިނާ، ހަމަޖެހިލާ. އޭރުންދޯ އަބްޔާޒު ހޭއެރީމަ މި ވާހަކަ ބުނަން ހިތްވަރު ހުންނާނީ. އަދި މާދަން ޖެހޭނެ ސަމާގެ އާއިލާގާތު ބުނަންވެސް.“ ބައްޕަ ބުންޏެވެ.

ޖެހިގެން އައިދުވަހެވެ. މަންމަމެން ފަތިސް ނަމާދު ކޮށްގެން ދުޢާކުރިއެވެ. އޭރު އަހަރެންގެ އާއިލާ މީހުންވެސް އައެވެ. އަބްޔާޒުވެސް ހޭއެރިއެވެ. ހޭއެރި ގޮތަށް އެންމެން ގާތު އަހަރެންގެ ހާލު އެހިއެވެ.

”ސަމާ ސްޓޭބަލް އެއް ނޫން. ފަހަރެއްގަ ކޯމާއަށްވެސް ހިނގައިދާނެ.“ މަންމަ ބުންޏެވެ.

”އަހަރެން ބޭނުން ސަމާ ކައިރިއަށް ދާން. ވީލް ޗެއަރ އަކަށް ލައިގެން ނަމަވެސް ގެންގޮސްދީބަ. ޑޮކްޓަރ ޕްލީސް. އާދޭސް ކޮށްފަ މި ބުނަނީ.“ އަބްޔާޒު އާދޭސްކުރިއެވެ. އޭރު ޑޮކްޓަރު ވެސް އެތާގަ ހުރިއެވެ.

ސަމާގެ ނަޒަރުން….

އަބްޔާޒު އާދޭސް ކުރަން ފެށުމުން ނަރުހެއްގެ އެހީގައި އޭނާ އަހަރެން ކައިރިއަށް ގެންދިޔައެވެ. އޭރު އެންމެން ރޯއަޑު އަހަރެންގެ ކަންފަތުގައި ބީހެމުން ދެއެވެ. އެންމެން ކައިރީގައި ހުއްޓާލާށޭވެސް ބުނާ ހިތްވިއެވެ. އަހަރެން ﷲ އިރާދަކުރެއްވިއްޔާ އެންމެނާ ވަކިވެގެން ނުދާނެކަމަށްވެސް ބުނާހިތްވިއެވެ. އަދި އަބްޔާޒު ރޯން ފެށުމުން އަހަރެންގެ ހިތަށް ކެތްކުރެވޭ ވަރެއް ނުވިއެވެ.

”ސަމާ. އަހަރެން ދޫކޮށްލާފަ ނުދޭ. ހެޔޮނުވާނެ“ އަބްޔާޒު އާދޭސް ކުރަންފެށިއެވެ. އަހަރެން ހޭއަރަން ބޭނުންވިއެވެ. އެކަމަކު އަހަރެން ގުޅާފަ އޮތް މެޝެނުން ފާޑެއްގެ އަޑެއް ކިޔަން ފެށިއެވެ. އަހަރެންގެ ހާލު ކުރިއަށްވުރެ ގޯސްވާން ފެށިއެވެ. ނަރުސް ގާތުގައި އެންމެން ބޭރަށް ނެރުމަށް ޑޮކްޓަރ އެންގިއެވެ.

ނަރުސް ކުއްޖާ އެންމެން ބޭރަށް ނެރުމަށްފަހު، ރޫމް ގެ ދޮރު ލެއްޕިއެވެ. އަދި ޑޮކްޓަރ އަހަރެންގެ ހާލު ރަނގަޅުކުރުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އަހަރެން ދިޔައީ ކޯމާއަކަށެވެ.

ބައިގަޑއިރު ފަހެވެ. ޑޮކްޓަރ ދޮރުހުޅުވާލިއިރަށް އެންމެން އެއްފަހަރާ އަހަން ފެށިއެވެ. “ ޑޮކްޓަރ، ސަމާ ކިހިނެއް؟ ހޭ އަރައިފިތަ؟ ސްޓޭބަލްތަ؟“

”ޑޮކްޓަރ، އަހަރެންގެ އަންހެނުން ކިހިނެއް؟ އަހަރެން ބޭނުން އޭނައާ ވާހަކަދައްކަން“ އަބްޔާޒުވެސް އަހަންފެށިއެވެ.

”މާފުކުރޭ، ސަމާ ހިނގިއްޖެ ކޯމާއަކަށް. ދެތިން މަސް ނުވަތަ އަހަރެއްވެސް ނަގައިފާނެ އޭނަ ހޭއަރަން. ﷲ އަށް ދުޢާކުރޭ ސަމާ އަވަހަށް ހޭއަރާތޯ!“ ޑޮކްޓަރ އުއްމީދަކާއެކު ބުންޏެވެ.

ސަމާގެ ނަޒަރުން….

ޑޮކްޓަރ އެހެން ބުނިފަހުން މިހާރު އަހަރެއް ވަނީއެވެ. އަހަރެން އޮތީ ކޯމާގައެވެ. އަބްޔާޒު އަހަރެން ކައިރިންނެއް ދުރަކަށް ނުދެއެވެ. މަންމަމެންވެސް ދޭތެރެއަކުން ވަދެލާފަ ނިކުމެގެން ދެއެވެ.

”ސަމާ ޕްލީޒް ހޭއަރާބަ. އަހަންނަކަށް ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ. މިއަދު އަދި މިއީ ސަމާގެ ބާތުޑޭ އެއްނު. ހާދަ ކަމެއް ރާވާފަ އަހަރެން އެބައޮތޭ. މަންމަމެންވެސް ކޮންމެ ނަމާދަކަށްފަހު އެބަ ދުޢާ ކުރޭ ސަމާ ހޭއަރާތޯ. ކާފަ އާއި ބޮޑުދައިތަ އާ ދެމީހުންނާ ދޭތެރޭވެސް ވިސްނައެއް ނުލަންތަ؟ އެމީހުންގެ ހުރިހާވެސް މީހަކީ ތިއީ. އެޓް ލީސްޓް އެމީހުންނަށްޓަކާ ތި ދެލޯ ހުޅުވާލަބަލަ.“ އަބްޔާޒު ރޮމުން ބުންޏެވެ.

އަބްޔާޒު އެހެން ބުނުމުން އަހަރެންގެ ހާލަތު ރަނގަޅުވާން އުޅުނުހެންވެސް ހީވިއެވެ. ވާނީވެސް އެހެންތާއެވެ. ތިމާ ދެކެ ލޯބިވާމީހުން ކުރާ ދުޢާ މާތް ﷲ އިޖާބަކުރައްވާނެއެވެ. އަބްޔާޒުއަށް އެކަން ފާހަގަ ވުމުން އަވަހަށް އާއިލާގެ މީހުންނަށާއި ޑޮކްޓަރަށް ގޮވާލިއެވެ. އެންމެން ވަރަށް ބާރަށް ދުވެފަ އައެވެ.

”އަލްޙަމްދު ﷲ. ސަމާ މިހާރު އެދަނީ ރަނގަޅުވަމުން. ހޭއަރާނެ ބައިގަޑއިރުގެ ތެރޭގަ.“ ޑޮކްޓަރ އަހަރެން ޗެކް ކުރުމަށްފަހު އެންމެން ގާތުގައި ބުންޏެވެ.

އެންމެން އަވަހަށް އަހަރެން އޮތް ކޮޓަރިއަށް އައެވެ. އޭރު މަޑުމަޑުން އަހަރެން ހޭއަރަމުން ދިޔައެވެ. އެންމެން ތިބީ ވަރަށް އުފަލުންނެވެ. އިރުކޮޅެއް ފަހުން އެންމެން ވަރަށް ސާފުކޮށް ފެންނަން ފެށިއެވެ. ކައިރީގައި އިނީ އަބްޔާޒުއެވެ. އަހަރެންގެ ކަނާތް ފަރާތު އޭނަ އާ ޖެހިގެން ތިބީ މަންމައާއި ބައްޕައެވެ. އެއަށްފަހު ޖިނާއެވެ. އޭގެ ފަހުން އޭނަގެ ފިރިމީހާއެވެ. ދެން އަހަރެންގެ ވާތް ފަރާތުގައި ތިބީ ކާފަ އާއި ބޮޑުދައިތައެވެ. އެއަށް ފަހު ބޮޑުބޭބެއެވެ.

”ޖިނާ ކޮންއިރަކުތަ މެރީކުރީ؟ އަހަރެންގެ ބެސްޓް ފްރެންޑުގެ ވެޑިން ދޯ އަހަންނަށް މިސް މި ކުރެވުނީ“ އަހަންނަށް ރޮމުން ބުނެވުނެވެ. އަބްޔާޒުއާ އެންމެން އަހަރެން ގާތު ނުރުއިމަށް ބުންޏެވެ.

”މަންމަމެން ވަރަށް އުފާވެއްޖެ ސަމާ އެއްކޮށް ރަނގަޅުވީމަ.“ މަންމަ ބުންޏެވެ.

”ދެން އަހަރެން ދޫކޮށްފަ ނުދާތި!“ އަބްޔާޒު ބުންޏެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. އަދި އެންމެން އެއްކޮށް އަހަރެންގެ ގައިގަ ބައްދާލިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު އިމްޝާ އަޙްމަދު
އާމިނަތު އިމްޝާ އަޙްމަދު
މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް