ބައިސްކޯފުން އެންމެ ފުރަތަމަ ދައްކަން ފެށި ސީރީޒް “ހުވާ” 3 ވަނަ ސީޒަންގެ ޝޫޓިން ފަށައިފިއެވެ.
ދެ ސީޒަނާއެކު “ހުވާ” ގެ ޖުމްލަ 103 އެޕިސޯޑް ދެއްކުމަށްފަހު “ހުވާ” މެދުކަނޑާލާފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކުއެވެ. ގިނަ އަދަދެއްގެ ތަރިން ހިމަނައިގެން ކުރިއަށް ގެންދާ ސީރީޒަކަށް ވާތީ މެދުކެނޑުމަކަށްފަހު އަލުން ކުރިއަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވެގެން ދިޔަކަމަށް “ހުވާ” ގެ އެއް ޑައިރެކްޓަރ ނަހުލާ ބުންޏެވެ. “ހުވާ” މެދުކެނޑުމުން ގިނަ ބައެއްގެ ޝަކުވާ ލިބޭކަމަށްވެސް ނަހުލާ ބުންޏެވެ.
“ގިނަ ތަރިންވެސް ބޭނުންވޭ ހުވާ ނިންމަން. އެއީ އެމީހުންނަށްވެސް ވަރަށް ޝަކުވާ އާދޭ ހުވާ ނުނިމިގެން.“
– ފާޠިމަތު ނަހުލާ
“ހުވާ” ކުރިއަށް ގެންދިއުން ލަސްވެފައިވާ ސަބަބު ތަކުގެ ތެރެއިން މުހިންމު ސަބަބެއްވެސް ނަހުލާ ހާމަކުރިއެވެ.
“ފަހުން ހުވާ ލަސްވެފަ މީނީ އާރިފާ މަންމި ލަންކާއަށް ބަދަލުވުމާ ގުޅިގެން. އެހެންނަމަވެސް މިހާރު އެކަމަށްވެސް ހައްލެއް ލިބިއްޖެ. ހުރިހާ ތަރިންގެ އެއްބާރުލުމާއެކު އިރާދަކުރެއްވީތީ ހުވާ ސީރީޒްގެ ޝޫޓިން އިއްޔެ މި ފެށުނީ.“
– ފާޠިމަތު ނަހުލާ
ޢައިޝަތު ރިޝްމީ ޑައިރެކްޓްކުރާ ސީރީޒާއި ބެހޭގޮތުން މުނިއަވަސް އަށް މައުލޫމާތު ދެމުން ނަހުލާ ބުންޏެވެ.
މީ ބައިސްކޯފުން ފިލްމާ ސީރީޒް ބަލާ، ދިވެހި އުފެއްދުންތަކަށް، ޚާއްސަކޮށް ނަހުލާގެ އުފެއްދުންތަކަށް ލޯބިކުރާ ގިނަ ބަޔަކަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. އަދި ޝޫޓިން ފެށުމާއެކު މި ސީރީޒް ވަރަށް އަވަހަށް ފެންނާނެކަމުގެ އުއްމީދު އެބައޮތެވެ.
