ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދުންފަތުގެ އިސްތިޢުމާލުކުރުން އެއް ފަހަރުން ހުއްޓާލާނީ ކިހިނެއް؟

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އިންސާނާގެ ޞިއްޙަތަށާއި، މާލީ ފުދުންތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. އިސްލާމްދީނުގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ ނަހީކުރައްވާފައިވާ ކަމަކަށްވާއިރު، މި ނުބައި އާދައިން ސަލާމަތްވުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި އަޚްލާޤީ ވާޖިބެކެވެ. ގިނަ ބަޔަކު ދުންފަތް ހުއްޓާލުމަށް މަޑުމަޑުން މަދުކުރަމުން ދިޔަ ނަމަވެސް، ދިރާސާތަކުން ދައްކާގޮތުގައި އެއްފަހަރުން މިކަން ހުއްޓާލުމަކީ ކާމިޔާބުވުމުގެ ފުރުޞަތު ބޮޑު ގޮތެކެވެ.

އެއްފަހަރުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ވަރުގަދަ އަޒުމަކާއި އިޚްލާޞްތެރި ނިޔަތެކެވެ. ތިމާ މިކަން ހުއްޓާލަނީ މާތް ﷲގެ ރުހުން ހޯދުމަށާއި، ތިމާގެ ޞިއްޙަތާއި ޢާއިލާގެ ސަލާމަތަށްޓަކައި ކަން ހިތުގެ އަޑިން ގަބޫލުކުރަންޖެހެއެވެ. މި އަޒުމް ކަނޑައެޅުމަށްފަހު، އެކަމަށް ވަކި ދުވަހެއް ކަނޑައަޅައި، އެ ދުވަހުން ފެށިގެން އެންމެ ސިނގިރޭޓެއްވެސް ބޭނުން ނުކުރުމަށް, ނުވަތަ ދުންފަތް ނުލުމަށް، ގުޑުގުޑާ ނުބުއިމަށް، ޝީޝާ ނުބުއިމަށް އަދި ވޭޕްވެސް ނުބުއިމަށް އަމިއްލަ ނަފުސަށް ވަޢުދުވާންޖެހެއެވެ.

ގުޑްގުޑާއިން ދުން ބުއިމަކީވެސް ނުރައްކާތެރިކަމެއް

ދެވަނަ ފިޔަވަޅަކީ ދުންފަތާ ގުޅުންހުރި ހުރިހާ ތަކެއްޗެއް ތިމާގެ މާޙައުލުން ނައްތާލުމެވެ. މީގެ ތެރޭގައި އަޅުގަނޑަށް ކުރެވުނު ތަޖުރިބާއަކީ، ދުންފަތާ ދުރުވާން ބޭނުންވާ ދިވެހީންނަށް އޮތް އެންމެ މޮޅު ގޮތަކީ ދުފުންވެސް އެއްކޮށް ހުއްޓައިލުމަށް ނިޔަތްގަނެ، ދުފުމާ ދުންފަތާ އެއްފަހަރާ ދުރުވުމެވެ. ގޭގައާއި، ވަޒީފާ އަދާކުރާ ތަނާއި، ކާރުގައި ހުރި ސިނގިރޭޓް ފޮށިތަކާއި، އަޅިކެނޑި އަދި ލައިޓަރު، ގަނޭޝް ޕެކެޓްތަކާއި، ފެންޖަހާފައި ހުރި ދުންފަތް ނާށްޓާއި، ގުޑުގުޑާ ފަދަ ތަކެތި އުކާލަންވާނެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމަށް ހިތްޖެހޭ ފަދަ މަޖިލިސްތަކާއި، އެފަދަ ރަޙުމަތްތެރިންނާ ދުވަސްކޮޅަކަށް ދުރުހެލިވުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެކެވެ.

ތިމާގެ އާދަތަކަށް ބަދަލު ގެނައުމަކީވެސް ކާމިޔާބީގެ ތަޅުދަނޑިއެކެވެ. ސިނގިރޭޓް ބޯން ހިތަށްއަރާ ވަގުތުތަކުގައި ގިނައިން ފެން ބުއިމާއި، ކަސްރަތު ކުރުމާއި، ނުވަތަ އެހެން ކަމަކަށް ސަމާލުކަން އަނބުރާލުން މުހިންމެވެ. މާތް ﷲ އަށް ޛިކުރު ކުރުމާއި، ދުޢާ ކުރުމަކީ ނަފްސާނީ ގޮތުން ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ. އުނދަގޫވާ ވަގުތުތަކުގައި ކެތްތެރިކަން އިސްކޮށް، މިއީ ވަގުތީ އުނދަގުލެއްކަމާއި، މީގެ ނަތީޖާ ފޮނިވާނެކަން ހަނދާން ކުރަންޖެހެއެވެ.

ނިންމާލަމުން ދަންނަވާނީ، ދުންފަތުގެ އިސްތިޢުމާލުކުރުން އެއްފަހަރުން ހުއްޓާލުމަކީ އުނދަގޫ ކަމެއް ނަމަވެސް، އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ. ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާއި، ވަރުގަދަ އަޒުމާއި، އިލާހީ އެހީތެރިކަމަށް އެދިގެން ކުރާ މަސައްކަތުން މި ނުބައި ވަބާއިން މިންޖުވެވިދާނެއެވެ. މިއީ ހަމައެކަނި ޞިއްޙީ ނިންމުމެއް ނޫނެވެ. މިއީ އުޖާލާ، ދުޅަހެޔޮ، އަދި ބަރަކާތްތެރި ދިރިއުޅުމަކަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

މަ1 މަސް ކުރިން

މަށަށްވެސް ހުއްޓާލެވޭނެ ނަމަ ދޯ

Home
Menu
Search
Back to top