ނިދުމަކީ ހަމައެކަނި ހަށިގަނޑަށް ލިބޭ އަރާމެއް ނޫނެވެ. އެއީ އިންސާނާގެ ސިކުނޑިއާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ހިނގާ ވަރަށް މުހިންމު، ފުރިހަމައަށް ރޭވިފައިވާ ބަޔޮލޮޖިކަލް މަރުހަލާތަކެކެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނިދުމަކީ އެއް ހާލަތެއްގައި ގިނަ ވަގުތު ތިބުން ކަމަށެވެ. ނަމަވެސް، އަހަރެމެން ނިދާފައި ތިބޭއިރު ސިކުނޑި އާއި ހަށިގަނޑު އެކި ކަހަލަ ބަދަލުތަކެއްގެ ތެރެއިން ދަތުރުކުރެއެވެ. ނިދީގެ ތެރޭގައި ހަށިގަނޑާއި ސިކުނޑީގައި ތަފާތު މަރުހަލާތަކެއް ހިނގައެވެ. މިއަށް ކިޔަނީ “ސްލީޕް ސައިކަލް” ނުވަތަ ނިދީގެ ބުރުތަކެވެ.
ނިދީގެ ބުރަކީ (ސްލީޕް ސައިކަލް) ކޮބާ؟
ނިދީގެ ބުރު ނުވަތަ “ސްލީޕް ސައިކަލް” އަކީ ނިދީގެ އެކި މަރުހަލާތައް އެކުލެވޭ އެއް ބުރެވެ. އާދައިގެ ބޮޑު މީހަކު ނިދާފައި އޮންނަ ވަގުތު، މިފަދަ އެތައް ބުރެއް ފުރިހަމަކުރެއެވެ. އާންމުގޮތެއްގައި އެއް ބުރު ފުރިހަމަވުމަށް ގާތްގަނޑަކަށް 90 މިނެޓާއި 120 މިނެޓާ ދެމެދުގެ ވަގުތެއް ނަގައެވެ. ރޭގަނޑުގެ ނިދީގައި ގާތްގަނޑަކަށް 4 ނުވަތަ 6 ފަހަރު މި ބުރު ތަކުރާރުވެއެވެ.
ނިދީގެ މަރުހަލާތަކަކީ ކޮބާ؟
ނިދީގެ މަރުހަލާތައް މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ނޮން-އާރް.އީ.އެމް (Non-REM) ނިދި އަދި އާރް.އީ.އެމް (REM) ނިންޖެވެ. ނިދީގެ މުޅި ބުރު އެކުލެވިގެންވަނީ ނޮން-އާރް.އީ.އެމްގެ ތިން މަރުހަލާއަކާއި އާރް.އީ.އެމްގެ އެއް މަރުހަލާގެ މައްޗަށެވެ.

ނިދީގެ ބުރުގެ ބައިތައް ދައްކައިދޭ މަޢުލޫމާތު ގްރެފިކެއް – ފޮޓޯ: މުނިއަވަސް
ނޮން-އާރް.އީ.އެމް (Non-REM) ނިދީގެ މަރުހަލާތައް
ފުރަތަމަ މަރުހަލާ (N1): މިއީ ނިދިޖެހޭ ވަގުތެވެ. މިއީ ވަރަށް ލުއި ނިދީގެ މަރުހަލާއެކެވެ. މި ވަގުތު ކުޑަ އަޑަކަށް ވެސް މީހާ ހޭލެވިދާނެއެވެ. މި މަރުހަލާގައި ހަށިގަނޑުގެ މަސްތައް ދޫވެ، ވިންދު މަޑުޖެހެން ފަށައެވެ.
ދެވަނަ މަރުހަލާ (N2): މިއީ އަސްލު ނިދީގެ ތެރެއަށް ވަދެވޭ މަރުހަލާއެވެ. މި ވަގުތު ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ނޭވާލުމާއި ހިތުގެ ވިންދު އެއްވަރެއްގައި ހިފެހެއްޓެއެވެ. އަހަރެމެން ނިދީގައި ހޭދަކުރާ ވަގުތުގެ ބޮޑުބައި ހޭދަވަނީ މި މަރުހަލާގައެވެ.
ތިންވަނަ މަރުހަލާ (N3): މިއީ “ގަދަ ނިދި” ނުވަތަ ޑީޕް ސްލީޕްގެ މަރުހަލާއެވެ. މި މަރުހަލާގައި މީހާ ހޭލެއްވުމަކީ އުނދަގޫ ކަމެކެވެ. މި ވަގުތަކީ ހަށިގަނޑުގެ ސެލްތައް އާވެ، ހަށިގަނޑު މަރާމާތުވެ، ހެދިބޮޑުވުމަށް ބޭނުންވާ ހޯރމޯންތައް ދޫކުރާ މުހިންމު ވަގުތެވެ.

ރޭގަނޑުގެ ނިދީގެ ބުރުގައި ހިމެނޭ ނިދީގެ މަރުހަލާތައް ވަގުތާއެކު ދައްކައިދޭ މައުލޫމާތު ގްރެފިކެއް – ފޮޓޯ: މުނިއަވަސް
އާރް.އީ.އެމް (REM) ނިދީގައި ހިނގާ ކަންތައްތައް
އާރް.އީ.އެމް ނުވަތަ “ރެޕިޑް އައި މޫވްމަންޓް” ނިދި ފެށެނީ ނިދާތާ ގާތްގަނޑަކަށް 90 މިނެޓު ފަހުންނެވެ. މި މަރުހަލާގައި:
- މި މަރުހަލާ ތެރޭގައި ލޮލުގެ ކަޅި ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވެއެވެ.
- ސިކުނޑީގެ މަސައްކަތްތައް ހޭލާ ހުންނަ ވަގުތާ އެއްވަރަށް އިތުރުވެއެވެ.
- ގިނަ ހުވަފެންތައް ފެންނަނީ މި މަރުހަލާގައެވެ.
- ހަށިގަނޑުގެ މަސްތައް ވަގުތީ ގޮތުން “ޕެރަލައިޒް” ނުވަތަ ހަރަކާތް ނުކުރެވޭ ގޮތްވެއެވެ. މިއީ ފެންނަ ހުވަފެނާ އެއްގޮތަށް ހަށިގަނޑަށް ހަރަކާތް ނުކުރެވޭނެހެން ރައްކާތެރިކަމަށްޓަކައި ވާގޮތެކެވެ.
- މިއީ ހަނދާންތައް ވަރުގަދަކުރުމަށާއި، އުނގެނުމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މަރުހަލާއެކެވެ.
ނިދީގެ މަރުހަލާތަކަށް އަސަރުކުރާ ކަންތައްތައް
ނިދީގެ ބުރަށް އެކި ކަންކަމުގެ ސަބަބުން ބަދަލު އާދެއެވެ. އޭގެ ތެރޭގައި:
އުމުރު: އުމުރުން ދުވަސްވާ ވަރަކަށް ގަދަ ނިދީގައި (N3) ހޭދަކުރާ ވަގުތު މަދުވެއެވެ.
ކެފެއިން އަދި ބައެއް ބޭސްތައް: ކޮފީ ނުވަތަ ސައިގެ ސަބަބުން ނިދީގެ މަރުހަލާތަކަށް ބުރޫއަރައެވެ.
ނިދުމުގެ އާދަތައް: ނިދާ ގަޑިތައް ތަރުތީބު ނުވުމަކީ ނިދީގެ ބުރުތައް އޮޅުންބޮޅުންވާ ކަމެކެވެ.
ބަލިތައް: ނިދީގައި ނޭވާލާން އުނދަގޫވުން (ސްލީޕް އެޕްނިއާ) ފަދަ ކަންކަމުގެ ސަބަބުން ގަދަ ނިދީގެ މަރުހަލާއަށް ނުދެވި މީހާ ހޭލެވެއެވެ.
ދުުޅަހެޔޮ ނިދީގެ ބުރެއް ހޯދާނީ ކިހިނެއް؟
ދުުޅަހެޔޮ ނިދީގެ ބުރެއް ހޯދުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ:
ވަގުތަށް ސަމާލުކަންދިނުން: ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ނިދާފައި، އެއް ގަޑިއަކަށް ހޭލުމަށް އާދަކުރާށެވެ.
މާހައުލު ތައްޔާރުކުރުން: ނިދާ ކޮޓަރިއަކީ އަނދިރި، ހިމޭން އަދި އަރާމު ފިނިހޫނުމިނެއް ހުރި ތަނަކަށް ހަދާށެވެ.
ސްކްރީންތަކާ ދުރުވުން: ނިދުމުގެ އެއް ގަޑިއިރު ކުރިން ފޯނު، ޓީވީ އަދި ކޮމްޕިއުޓަރު ބޭނުންކުރުން ހުއްޓާލާށެވެ.
ކެއިންބުއިމަށް ސަމާލުވުން: ނިދުމުގެ ކުރިން ގަދައަށް ކެއުމާއި، ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުވާށެވެ.
ސްލީޕް ސައިކަލް އެނގިފައި އޮތުމުގެ މުހިންމުކަން
ސްލީޕް ސައިކަލް ދެނެގަތުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން ނިދި ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ވަގުތު ދެނެގަނެވިދާނެއެވެ. މިސާލަކަށް، ގަދަ ނިދީގެ މަރުހަލާއެއްގައި ހުއްޓާ ކުއްލިއަކަށް ހޭލަން ޖެހިއްޖެނަމަ، މުޅި ދުވަހު ބޯ އެނބުރުމާއި ވަރުބަލިކަން އިހުސާސްވާނެއެވެ. ނަމަވެސް ސްލީޕް ސައިކަލެއް ނިމޭ ވަގުތު (ލުއި ނިދީގައި ހުއްޓާ) ހޭލެވިއްޖެނަމަ، މީހާ ހުންނާނީ ވަރަށް ބޮޑަށް ތާޒާވެފައެވެ.
މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި، ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މި ސައިކަލްތައް ފުރިހަމަވުން ލާޒިމެވެ. ގަވާއިދުން އެއް ވަގުތެއްގައި ނިދުމާއި ހޭލުމަކީ ހަށިގަނޑުގެ މި ނިޒާމު ހަމަޖެއްސުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ނިންމުން
ނިދީގެ ކޮންމެ މަރުހަލާއަކީ ވެސް ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި މަރުހަލާތަކެކެވެ. އެހެންކަމުން، ހަމައެކަނި ނިދާ ވަގުތު އިތުރުކުރުމުގެ ބަދަލުގައި، ފެންވަރު ރަނގަޅު ނިދީގެ ބުރެއް ހޯދުމަށް މަސައްކަތް ކުރުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
މަޢުލޫމާތު: ސްލީޕްފައުންޑޭޝަން އޯރގް
