ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދޯދި” : ދިވެހި ސިނަމާއަށް އަލިގަދަ ދޯއްޖަކަށް މި ފިލްމު ވުމަކީ އުއްމީދެއް
  • އާ މޫނުތަކެއް، އާ ޚިޔާލުތަކަކާއެކު ފިލްމު “ދޯދި” އޮލިމްޕަހުގައި ދައްކަން ފަށާނީ މިމަހު 28 ގައި

ދިވެހި ފިލްމު އުފެއްދުމަށް އައު ފަންނާނުން ނުކުތުމަކީ އަބަދުވެސް ދިވެހި ފިލްމު ބަލާ އޯޑިއަންސުން ބޭނުންވާނެ ކަމެކެވެ. އަދުގެ ޒުވާން ޖީލަށް ކަމުދާ ސްޓައިލަށް، އާއްމުކޮށް ކިޔައިނުދޭ ފަދަ ވާހަކަތަކެއް ގެނެސްދޭ ތަފާތު ފިލްމެއް ސިނަމާއިން ބަލައިންލަން ލިބުމަކީ ފިލްމު ބަލާ އޯޑިއަންސުން އަބަދުވެސް އިންތިޒާރުކުރާނެ ކަމެކެވެ.

މިމަހު 28 ން ފެބްރުއަރީ 15 އަށް އޮލިމްޕަސް ސިނަމާގައި ދައްކަން ތާވަލްކޮށްފައިވާ ދިވެހި ފިލްމު “ދޯދި” ވެގެންދާނީ ތަފާތު ކޮންސެޕްޓަކަށް، ތަފާތު ސްޓައިލެއްގައި ގެނެސްދޭ ފިލްމަކަށެވެ.

މި ފިލްމުގެ މަސައްކަތްތަކުގައި އިސްވެ ހަރަކާތްތެރިވާ މޮވަނު މޫސާ ޝަފީޤް އާ މުނިއަވަސް ޓީމުން ވާހަކަދައްކައިލީމު އެވެ.

ޕްރޮޑަކްޝަން ދާއިރާއަށް އަލަށް ނުކުންނަ ‘ސްޓަރލިޓް ޕްރޮޑަކްޝަން’ގެ އަލަތު ފިލްމުގެ، ފިލްމިންގެ ކަންކަމުގައި ހަރަކާތްތެރިވަނީ ސެޕަރޑް ސްޓޫޑިއޯއިންނެވެ. މީގެ އިތުރުން ފިލްމު ކްރޫގައި އެހެން ސްޓޫޑިއޯތަކަށް ނިސްބަތްވާ ބައެއް ޒުވާނުން ހަރަކާތްތެރިވެފައިވެއެވެ.

މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ މޮވަނު އެވެ.

“ދޯދި” އަކީ މަލް ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތުގެ މުހިއްމު މަރުހަލާއެއް ސިފަކޮށްދޭ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ ސްކޫލް ދައުރު ނިންމުމަށްފަހު، ޒުވާން އުމުރުގައި އޭނާ ކުރިމަތިލާ އައު ތަޖުރިބާތަކާއި، ދިރިއުޅުމުގެ ގޮންޖެހުންތަކުން އަރައިގަންނަ ގޮތެވެ. މީގެއިތުރުން، މަލްގެ ރަހުމަތްތެރިންނާއި އޭނާގެ މަންމައާ ދެމެދު އޮންނަ ގުޅުން، އާންމުކޮށް ފެންނަ ގޮތްތަކާ ތަފާތު، އައު ނަޒަރިއްޔާތަކުން މި ފިލްމުގައި ވަނީ ކުރަހައިދީފައެވެ.

ފިލްމުގެ ލީޑްގަ މި އުޅެނީ އާ ތިން ކުދިން.

ލީޑް ކެރެކްޓަރ މަލްގެ ރޯލުން ފެނިގެންދާނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ އެހެނަސް ހުނަރުވެރި އެކްޓަރު ލާނާ ޖަލީލެވެ. މީގެ އިތުރުން މަލްގެ ގާތް އެކުވެރިން ކަމަށްވާ ޝާ އާއި ޔައިޝްގެ ރޯލުތަކުން ފެނިގެންދާ އައިމިނަތު އިންނަ އާއި ޝަހުދާން ޝަރީފަކީ ވެސް ދިވެހި ސިނަމާއަށް މުޅިން އަލަށް ތަޢާރަފުވާ އައު ފަންނާނުންނެވެ.

މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭއަކީ މޫ ލިޔެފަ.

މި ވާހަކަ ލިޔަން ގާތްގަނޑަކަށް ދެ ވަރަކަށް އަހަރު ނެގި.

މި ފިލްމުގައި ދައްކައިދޭނީ އުމުރުން ވިއްސަކަށް އަހަރަށްދާ ތިން ޒުވާނުންގެ ހަޔާތުގައި ކުރިމަތިވާ ކަންތައްތަކެއްގެ ވާހަކައެވެ. ފިލްމުގެ ލީޑް ކާސްޓެ ނެގީވެސް މި ފާހަގަކުރި އުމުރުފުރާއަށް ފެތޭ ކުދިންކޮޅެއްކަަމަށް މޮވަނު ފާހަގކުރިއެވެ.

މޮވަނު ޕްރޮޑިއުސްކޮށް، ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ “ދޯދި”ގެ ޓިކެޓް މިހާރުވެސް ބްކްކޮށްލެވޭނެއެވެ.

ފިލްމުން އާއްމުކޮށްފައިވާ މަންޒަރުތަކުން ޒުވާން ދެތިން ކުއްޖެއް ފެނުނު ނަމަވެސް، މި ފިލްމުން އެކުދިންގެ ހަޔާތާ ގުޅިފައިވާ އެހެން މީހުންގެ މަންޒަރުތައްވެސް ފެންނާނެއެވެ. އެގޮތުން ދިވެހި ފިލްމީ ދާއިރާގެ ހުނަރުވެރި، ތަޖުރިބާކާރު އެކްޓްރެސް އާމިރާގެ އިތުރުން ވާޝިޔާ އަދި ފައިރޫޒް ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

މި ފިލްމުގެ ލީޑްގަ އުޅޭ މަލް އަދި އޭނަގެ މަންމަގެ ގުޅުން ދައްކުވައިދޭ ވަރުގަދަ ވާހަކައެއްވެސް މި ފިލްމުން ފެންނާނެ.

މިއީ ހަމައެކަނި ޔަންގް ކުދިންނަށް ހަދާފަ އޮތް ފިލްމެއް ނޫން. މިއީ އެންމެންވެސް ބަލައިލަން، ހަމަ އެންމެނާވެސް ރިލޭޓްކުރެވޭނެ ވާހަކައެއް ފެންނާނެ ފިލްމެއް.

މިއީ މޮވަނުގެ އަލަތު ފީޗާ ފިލްމު ނަމަވެސް މީގެ ކުރިންވެސް އޭނާ ވަނީ ދެ ކުރު ފިލްމު ތައްޔާރުކޮށް އާއްމުކޮށްފައެވެ. “ފަޅު” އަދި “އިނދަ”ގެ ނަމުގައި ޔޫޓިއުބްގައި އާއްމުކޮށްފައިވާ ދެ ފިލްމުން ފިލްމު އުފެއްދުމުގައި މޮވަނު ގެންގުޅެފައިވާ ތަފާތުކަން ފާހަގަކުރެވޭނެއެވެ.

ފިލްމު “ދޯދި” ގައި އައު ކުދިންތަކެއް ކާސްޓްކޮށްފައި ވިޔަސް މޮވަނު ދެކެނީ އައު ކުދިން ހިމެނުމުން އެއިން ލިބޭ ފައިދާއެއް އެބަ އޮތް ކަމަށެވެ. އައު ކުދިންތަކެއް ލައިގެން ފިލްމެއް ހެދުމަކީ މާ ބޮޑު ޗެލެންޖެއް ކަމަކަށް ފިލްމު “ދޯދި”ގެ ޓީމުން ނުދެކެއެވެ.

އާ ކުދިން ވީމަވެސް އިނދޭ ނެޗްރަލް ޓެލެންޓެއް ދޯ. މި ހުރިހާ އެއްޗެއް ބަލާފަ މިކުދިން މި ނަގަނީ.

ދެން އޭގެ އިތުރުން އާކުދިން ވީމަ އެކުދިން ވަރަށް ގަދައަށް ވޯރކްޝޮޕްކޮށް ކަންކަން ދަސްކޮށްދީފަ ޝޫޓިން ފައްޓަނީ.

މި ފިލްމަށް ނަގާފައިވާ އެކްޓަރުންނާމެދު މޮވަނު ހިތްހަމަޖެހޭކަން އޭނާގެ ވާހަކަތަކުން ފާހަގަކުރެވުނެވެ.

މި ފިލްމަށް މި ނެގުނީ ހަމަ ވަރަށް މޮޅު ތިންކުދިން. މި ކުދިންގެ ޕާރފޮމަންސް ހަމަ ވަރަށް ކަމުދޭ. ހިއެއްވެސް ނުވޭ އަލަށް އައިސްގެން އުޅޭ ކުދިންތަކެއް ހެނެއްވެސް.

މިވަގުތު މި ފިލްމުގެ ޕްރޮމޯޝަން ކުރިއަށްދަނީ މީސް މީޑިއާގެ މަންސަތައް މެދުވެރިކޮށް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމުގެ ޕޯސްޓަރުތައް މާލެތެރޭގައި ހަރުކޮށް ޕްރޮމޯޝަންގެ އިތުރު ހަރުފަތްތަކެއް ޖެއްސުމަށް ނިންމާފައިވާކަމަށް މޮވަނު ބުންޏެވެ.

އަދި ޕްރިމިއާއާ ދެމެދު ދުވަސްކޮޅެއް އޮތުމާ މިހާރު އަޅުވާފައި ހުރި ފިލްމުތަކާ މާބޮޑަށް ކްލޭޝް ނުވެ ކުރިއަށް ގެންދެވޭތޯ މި ބަލަނީ.

ސްޓާލިޓް ޕްރޮޑަކްޝަންސް އާއި ޝެޕާޑް މޯލްޑިވްސްގެ ފުރަތަމަ ފީޗާ ފިލްމު “ދޯދި”ގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ގަޑިއިރާ 42 މިނެޓެވެ.

ފިލްމު “ދޯދި” މިއީ މޮވަނު ޑައިރެކްޓުކުރި ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓާ އޮފް ފޮޓޯގްރަފީ ހެދީ ލައު މުހައްމަދު އެވެ. މިއީ އޭނާގެވެސް އަލަތު ފީޗާ ފިލްމެވެ. މި ފިލްމުގެ މަސައްކަތްތަކުގައި ބައިވެރިވި ސްޓޫޑިއޯތަކުގެ ކްރޫންގެ ތެރޭގައި ޝެފާޑް މޯލްޑިވްސް، މަދޮޝިޕް ސްޓޫޑިއޯ އަދި އޮކްނޯގެ ޓީމު ހިމެއެވެ. މީގެ އިތުރުންވެސް އިތުރު ބައެއް ޒުވާނުންގެ މަސައްކަތްތައްވެސް މި ފިލްމުން ފެންނާނެ އެވެ.

2
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top