އިންސާނުންނަކީ އިޖުތިމާއީ ބައެއް ކަމުން، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ތަފާތު މިޒާޖުގެ މީހުންނާ ބައްދަލުވެއެވެ. އޭގެ ތެރޭގައި އެކުގައި އުޅެން އުނދަގޫ، ނުވަތަ ކޮންމެ ކަމެއްގައި ދެކޮޅުވެރިކަން ދައްކާ މީހުން ހިމެނެއެވެ. މިފަދަ މީހުންނާ މުއާމަލާތް ކުރުމަކީ ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގޮންޖެހުން ބޮޑު ކަމެކެވެ. ނަމަވެސް، ހިކުމަތްތެރިކަމާއެކު މިފަދަ ހާލަތްތައް މެނޭޖުކުރުމަކީ އަމިއްލަ ނަފްސުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
1. ކުރިމަތިލުންތަކާއި ދެބަސްވުންތައް މެނޭޖުކުރުން
އުނދަގޫ މީހަކާ ދެބަސްވުމެއް އުފެދޭ ހިނދު، އެންމެ ފުރަތަމަ ކަމަކަށް ދިފާއީ އައްޑަނައެއް ނުނަގާށެވެ. އަމިއްލަ ނަފްސު ދިފާއުކުރަން އުޅުމުގެ ބަދަލުގައި، އެ މީހެއްގެ ބަސްތަކާ ނަފްސާނީ ގޮތުން ދުރުހެލިވެ، މަސްލަހަތު ފިނިކުރަން މަސައްކަތް ކުރާށެވެ. އެފަދަ މީހުންނާ ބަހުސްކުރުމަކީ ވަގުތު ބޭކާރުވުން ކަމުގައި ދެކި، ބަހުސް ކުރުމުން އެއްކިބާވާށެވެ. ގިނަ ފަހަރަށް އެފަދަ މީހުންނާއެކު ބުއްދިވެރި ވާހަކައެއް ނުދެއްކޭނެކަން ގަބޫލުކޮށް، ބައެއް ހާލަތްތަކުގައި އަޅާނުލާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ.
ވާހަކަ ދައްކާއިރު ފުންކޮށް ވިސްނާލަން މަޖުބޫރުވާ ފަދަ ސުވާލެއް ކުރިމަތިކުރުވުމަކީ އެމީހުންގެ އަމަލުތަކާމެދު ވިސްނަން މަޖުބޫރުކުރުވާ ކަމެކެވެ. ހާލަތު ގޯސްވާނަމަ ކުޑަ ވަގުތުކޮޅަކަށް އެތަނުން ދުރުވެލާ، ހަމަޖެހިލާށެވެ. އަދި އަބަދުވެސް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަމަހައްޓައި، ހާލަތާ ގުޅޭގޮތުން ރޭވުންތެރިކަން ބަދަލުކުރާށެވެ. ހަމައެއާއެކު، ތިމާގެ ހަށިގަނޑުގެ ބަހުރުވަ (ބޮޑީ ލޭންގުއޭޖް) ހުރީ ހަމަޖެހޭ ގޮތަކަށްތޯ ޔަގީންކުރަންވާނެއެވެ.

2. ހާލަތު ގަބޫލުކުރުން
ބައެއް ފަހަރު މީހުންނާ މައްސަލަ ޖެހެނީ ދެމީހުންގެ މިޒާޖު ދިމާނުވާތީ ކަމަށް ވެދާނެއެވެ. އެހެންކަމުން އެއީ ކޮންމެހެން އެމީހެއްގެ ގޯސްކަމުން ވާކަމެއް ނޫންކަން ގަބޫލުކުރުން މުހިންމެވެ. އެމީހުންގެ އުނދަގޫ ސިފަތައް ތިމާގެ ކިބައިގައި އަށަގަނެވުނަ ނުދިނުމަށް ސަމާލުވާށެވެ. އެފަދަ މީހުންގެ ކިބައިން ތިމާއަށް ދަސްކުރެވޭނީ ކޮން ފިލާވަޅެއްތޯ ވިސްނާށެވެ. އެފަދަ މީހުންގެ އިހުސާސްތައް ކުއްލި ކުއްލިއަށް ބަދަލުވެދާނެ ކަމަށް ތައްޔާރުވެގެން ހުރެ، އަބަދުވެސް ކަންކަމުގެ ފައްސި (ޕޮޒިޓިވް) ބަޔަށް ސަމާލުކަން ދޭށެވެ. އަދި މިފަދަ ކަންކަމުގައި އިތުބާރު ހިފޭ މީހަކާ ވާހަކަދައްކާ މަޝްވަރާ ކުރުމަކީ ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ.
3. އަމިއްލަ ނަފްސު ރައްކާތެރިކުރުން
އުނދަގޫ މީހުންނާ މުއާމަލާތް ކުރާއިރު އަމިއްލަ ނަފްސުގެ އަގު (ސެލްފް އެސްޓީމް) ހިފަހައްޓަންވާނެއެވެ. އަމިއްލަ ޒާތީ ކަންކަން އެފަދަ މީހުންނަށް ހިއްސާނުކޮށް ސިއްރުވެރިކަން ދަމަހައްޓާށެވެ. އެމީހުން ކިތަންމެ ގޯސްކޮށް އުޅުނަސް، ތިމާއަކީ އެމީހުންނާ އިދިކޮޅު، ރަނގަޅު މިޒާޖުގެ މީހަކަށް ވާށެވެ. އެމީހުންގެ ކަންކަމަށް މާ ބޮޑަށް ސަމާލުކަން ނުދީ، އަމިއްލަ ދިރިއުޅުމަށް ފޯކަސް ކުރާށެވެ. ބައެއް ފަހަރު ތިމާއާ ކުރިމަތިލަނީ ނަފްސާނީ ގޮތުން އަނިޔާވެރި މީހެއްކަން ދެނެގަނެ، އެކަމުން ރައްކާތެރިވާން އިންތަކެއް (ބައުންޑަރީތަކެއް) ކަނޑައަޅާށެވެ. ހާލަތު ރަނގަޅު ނުވާނަމަ، އެމީހަކާ ވަކިވެ ދުރުވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
4. ތަފާތު މިޒާޖުތަކުގެ މީހުންނާ މުއާމަލާތްކުރުން
ކޮންމެ މީހެއްގެ ވެސް އުނދަގޫވަނީ ކޮން ސިފައެއްކަން ދެނެގަތުމަށް މަސައްކަތް ކުރާށެވެ. އެމީހުންނާ މުއާމަލާތް ކުރުމުގައި ނުކުރާނެ ކަންކަމާއި، ކުރާނެ ކަންކަން ދެނެގަންނާށެވެ. މާ ބޮޑަށް ތަތްވާ މީހުންނާއި، ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން އުޅޭ މީހުންނާއި، އަބަދު ވާދަވެރިކަން ބާއްވާ މީހުންނާ މުއާމަލާތް ކުރާނެ ހާއްސަ ގޮތްތަކެއް ހޯދާށެވެ. ހަމައެހެންމެ، ތިމާއީ މާ މޮޅު މީހެއް ކަމަށް ދެކޭ މީހުންނާއި، އަބަދު ޝަކުވާކުރާ މީހުންނާ މުއާމަލާތް ކުރާއިރު ކެތްތެރިވާން ޖެހެއެވެ. މީގެ އިތުރުން، ކަންކަން ބޮޑުކޮށްލައިގެން އުޅޭ މީހުންނާއި އަދި ނުސީދާކޮށް ރުޅިވެރިކަން ދައްކާ މީހުންނާ މުއާމަލާތް ކުރާއިރު ބުއްދީގެ ބޭނުންކޮށް، އެމީހުންގެ މަޅީގައި ނުޖެހި ސަލާމަތްވާން ޖެހެއެވެ.
ނިންމާލަމުން ދަންނަވާނީ، އުނދަގޫ މިޒާޖުގެ މީހުންނާ މުއާމަލާތް ކުރުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން ބޭނުންވާ ކަމެކެވެ. އަމިއްލަ ނަފްސުގެ ހަމަޖެހުމާއި ރައްކާތެރިކަމަކީ އެހެން އެއްވެސް ކަމަކަށްވުރެ މުހިންމު ކަމެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އެފަދަ މީހުން ބަދަލުކުރުމުގެ ބަދަލުގައި، އެމީހުންނާ މުއާމަލާތްކުރާ ގޮތް ބަދަލުކުރުމަކީ އަމާން ދިރިއުޅުމަކަށް އޮތް މަގެކެވެ.
