ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮމިއުނިޓީ ބްރޯޑްކާސްޓިންގ: ރާއްޖޭގައި މި ދޮރު ހުޅުވަން ސަރުކާރުތަކުން ފަސްޖެހެނީ ކީއްވެ؟

ރާއްޖޭގެ މީޑިއާގެ މާހައުލު ކުރިއަރަމުން ދިޔަ ނަމަވެސް ވަކިވަކި ރަށްރަށުގެ މުޖުތަމައުތަކަށް ހާއްސަ ރޭޑިއޯ ނުވަތަ ޓީވީ ޗެނަލްތައް ހިންގުމުގެ ހުއްދަ ނުވަތަ “ކޮމިއުނިޓީ ބްރޯޑްކާސްޓިންގ” އަކީ އަދިވެސް ހަގީގަތަކަށް ނުވެ އޮތް ކަމެކެވެ. ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދިނުމަކީ ރާއްޖޭގައި މަދުން ނަމަވެސް ބަހުސްކުރެވޭ އެކަމަކު އަމަލީ ސިފައެއް ނާންނަ ކަމެކެވެ. މީގެ މައިގަނޑު ސަބަބުތަކަށް ބަލާލާއިރު ބައެއް މުހިއްމު ކަންތައްތައް ފާހަގަކުރެވެއެވެ. މީގެ ފަހަތުގައި ހުރި ސަބަބުތައް ތަޖުރިބާކާރުން ތަފާތު ގޮތްގޮތަށް މާނަކުރެއެވެ.

1. ސިޔާސީ ނުފޫޒާއި ކޮންޓްރޯލް ގެއްލިދާނެކަމުގެ ބިރު

ސަރުކާރުތަކުން އެންމެ ބޮޑަށް ޖެހިލުންވާ އެއް ސަބަބަކީ ރަށްރަށުގައި ހިންގާ ބްރޯޑްކާސްޓަރުންގެ މައްޗަށް އޮންނަ ސިޔާސީ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރުހީވުމެވެ. ކޮމިއުނިޓީ ރޭޑިއޯއެއް މެދުވެރިކޮށް ސަރުކާރާ ދެކޮޅު ޚިޔާލުތައް ފެތުރުމުގެ ފުރުސަތު އޮތުމަކީ ހާއްސަކޮށް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން ވަރަށް ބޮޑަށް ބިރުގަންނަ ކަމެކެވެ.

ނަމަވެސް ސަރުކާރުތަކަށް ފަހުމުވެފައި އޮންނަން ޖެހޭ ހަގީގަތަކީ މިއަދު ކޮންމެ މީހަކީވެސް ކޮމިއުނިޓީ ބްރޯޑްކާސްޓަރެއް ކަމެވެ. ކޮންމެ މީހެއްގެ ފޭސްބްކް ނުވަތަ ޓިކްޓޮކް ލައިވްއަކުން ބޭނުން އެއްޗެއް ބްރޯޑްކާސްޓްކުރުމަކީ ނުވަތަ ޓެލެކާސްޓްކޮށްލުމަކީ އެއްވެސް ކަމެއް ނޫނެވެ. ރަށްރަށުގެ ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުންވެސް އިވެންޓްތަކާ މުބާރާތްތައް ވަގުތުން ވަގުތަށް ފޮނުވަމުން އަންނަ އައުމަކީ އަދުގެ ހަގީގަތެވެ.

2. ރެގިއުލޭޓް ކުރުމުގެ ގޮންޖެހުންތައް

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގާ ކުދިކުދި ސްޓޭޝަންތައް މޮނިޓަރކޮށް އެތަންތަނުން ފޮނުވާ ކޮންޓެންޓް ބެލެހެއްޓުމަކީ ވަސީލަތްތައް ހުރި ގޮތުން ދަތި ކަމެކެވެ. ނުރަނގަޅު މައުލޫމާތު ފެތުރުމާއި މުޖުތަމައުގައި ފިތުނަ އުފެދޭ ފަދަ ވާހަކަ ދެއްކުން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ހުއްދަ ނުދޭން ދައްކާ އެއް އުޒުރެވެ. ނަމަވެސް ކުރިން ފާހަގަކޮށްލެވުނު ފަދަ ހާލަތެއް މިއަދު ރާއްޖޭގައި އޮތްއިރު، ހުއްދަ ނުދޭންވީ ސަބަބެއްވެސް ނެތެއް ނޫންތޯއެވެ.

3. މާލީ ގޮތުން ދެމެހެއްޓެނިވިކަން ނެތުން

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ އަކީ ވިޔަފާރި އުސޫލުން ހިންގާ އެއްޗަކަށް ނުވާއިރު މިފަދަ ސްޓޭޝަންތައް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް އޮތުމަކީ މުހިއްމު ކަމެކެވެ. ސަރުކާރުގެ ބިރަކީ މިފަދަ ތަންތަން ހިންގަން ނުކުޅެދިގެން ވަކި ބަޔަކު ދޭ ފައިސާއަށް މުޅި ސްޓޭޝަންގެ ކޮންޓްރޯލް ދޫކޮށްލަން ޖެހިދާނެތީ ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

4. އިޖުތިމާއީ ބަދަހިކަމަށް އަތުވެދާނެ ލޮޅުން

ކޮންމެ ރަށެއްގައި ވަކި ރޭޑިއޯއެއް ހުރުމުން ގައުމީ އެއްބައިވަންތަކަމުގެ ބަދަލުގައި ރަށު ފެންވަރުގެ ތަފާތުކުރުންތަކާއި އާއިލީ ނުވަތަ ސިޔާސީ ހަސަދަވެރިކަން މީޑިއާގެ ތެރެއަށް ވަދެދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. ނަމަވެސް މިއީވެސް، ބަވަނަ ވެފައިވާ ދުނިޔެއެއްގައި ބަޔަކު ގަބޫލުކޮށްގެން ތިބޭ ވަަރަށް ހަނި ވިސްނުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ

ނިންމުން

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ އަކީ ރަށްރަށުގެ ތަރައްގީއާއި މައުލޫމާތު ފެތުރުމަށް އޮތް މުހިއްމު ފުރުސަތެއް ނަމަވެސް މީގެ ސަބަބުން ކުރިމަތިވެދާނެ ސިޔާސީ އަދި އިޖުތިމާއީ ނަތީޖާތަކާ މެދު ސަރުކާރުތަކުން އަދިވެސް ތިބީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. މި ދޮރު ހުޅުވޭނީ މިދެންނެވި ގޮންޖެހުންތަކަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެން ކަމަށް މީޑިއާގެ ތަޖުރިބާކާރުން ފާހަގަކުރާއިރު، އަދުގެ ޒުވާން ޖީލުގެ ވިސްނުން މި ވިސްނުމާ ތަފާތުވުމަކީވެސް ގާތްކަމެކެވެ.

2
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top