ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުނިޔޭގެ ތާރީޚު މިހާތަނަށް ދުށް އެންމެ މުއްސަނދި މީހާއަކީ ކާކުކަން އެނގޭތަ؟
މަންސާ މޫސާ ސިފަކޮށްދިނުމަށް ގްރޮކް އިން އުފައްދާފައިވާ ފޮޓޯއެއް

ދުނިޔޭގެ ތާރީޚުގައި މިހާތަނަށް އުޅުނު އެންމެ މުއްސަނދި މީހާގެ މިލްކިއްޔާތުގައިވާ މުއްސަނދިކަން، އީލޮން މަސްކް، މުކޭޝް އަމްބާނީ، މާކް ޒަކަރބާގް އަދި ޔޫ.އޭ.އީގެ ސުލްޠާނުންގެ މުއްސަނދިކަން އެއްކޮށްލުމުން ލިބޭ މިންވަރަށްވުރެ މާ އިތުރެވެ. އެއީ 14 ވަނަ ގަރުނުގައި މާލީ އެމްޕަޔަރގެ ރަސްކަން ކުރެއްވި މަންސާ މޫސާއެވެ.

ފޯބްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެސްލާގެ ސީ.އީ.އޯ އީލޮން މަސްކަކީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވުމާ ގާތްވެފައިވާ ބޭފުޅެކެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު 787.9 ބިލިއަން ޑޮލަރު ހުރިއިރު، މިއީ އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ 97.4 ބިލިއަން ޑޮލަރަށްވުރެ ގާތްގަނޑަކަށް އަށް ގުނަ އިތުރު އަދަދެކެވެ.

ނަމަވެސް، ތާރީޚު ދެކެފައިވާ އެންމެ މުއްސަނދި އިންސާނާގެ މުއްސަނދިކަމަކީ އީލޮން މަސްކް، މުކޭޝް އަމްބާނީ، ގޯތަމް އަދާނީ، މާކް ޒަކަރބާގް އަދި ޢަރަބި ރަސްކަލުންގެ މުދާ އެއްކޮށްލުމުން ލިބޭ މިންވަރަށްވުރެވެސް ބޮޑު މިންވަރެކެވެ. ތާރީޚު ދިރާސާކުރާ ފަރާތްތަކުން އޭނާގެ މުއްސަނދިކަން ސިފަކުރަނީ “ބަޔާންކުރަން ދަތި” ނުވަތަ “އަދަދު ނުކުރެވޭހާ ގިނަ” މިންވަރެއްގެ ގޮތުގައެވެ.

ދުނިޔޭގައި މިހާތަނަށް އުޅުނު އެންމެ މުއްސަނދި މީހަކީ ކޮބާ؟

އެއީ 14 ވަނަ ގަރުނުގައި އެފްރިކާގެ ފުޅާވެގެންވާ މާލީ އެމްޕަޔަރގައި ރަސްކަން ކުރެއްވި މަންސާ މޫސާއެވެ. ޒަމާނީ ތާރީޚު އިލްމުވެރިން ގަބޫލުކުރާ ގޮތުގައި އޭނާގެ މުއްސަނދިކަން މިހާރުގެ ފައިސާއިން ބަލާނަމަ އެތައް ޓްރިލިއަން ޑޮލަރަކަށް އަރާނެއެވެ. ލަފާކުރެވޭ ގޮތުގައި މަންސާ މޫސާގެ މިލްކިއްޔާތުގައިވާ މުއްސަނދިކަން، އީލޮން މަސްކް، ޖެފް ބޭޒޯސް، މާކް ޒަކަރބާގް، މުކޭޝް އަމްބާނީ އަދި ސަރްގޭ ބްރިން ފަދަ ޒަމާނީ ބިލިއަނަރުންގެ މުދާ އެއްކޮށްލުމުން ލިބޭ މިންވަރަށްވުރެވެސް އިތުރެވެ.

މަންސާ މޫސާއަކީ ކާކު؟

މޫސާ ‘މަންސާ’ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތީ 14 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. އެމަނިކުފާނު ރަސްކަން ކުރެއްވި 1312 އާއި 1337 އާ ދެމެދުގެ މުއްދަތުގައި، މާލީ އެމްޕަޔަރ ނުވަތަ މާލީގެ ރަސްކަން އޭގެ އެންމެ ފާގަތި ދުވަސްވަރު ތަޖުރިބާކުރިއެވެ. މި މުއްދަތުގައި އެ ގައުމުގެ ބޯޑަރުތައް އެޓްލާންޓިކް ކަނޑުން ފެށިގެން ނައިޖާ ކޯރާ ހަމައަށް ފުޅާވެގެން ދިޔައެވެ.

މަންސާ މޫސާގެ ރަސްކަމުގައި، ހުޅަނގު އެފްރިކާގައި ހުރި މުއްސަނދި ރަނާއި ލޮނުގެ މައިންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ނަތީޖާއެއްގެ ގޮތުން، މާލީ ވެގެންދިޔައީ ދުނިޔޭގައި އެންމެ ގިނައިން ރަނާއި ލޮނު އުފައްދާ ގައުމަށެވެ. އެ ދުވަސްވަރު ދުނިޔޭގައި ރަނަށް އޮތް ބޮޑު ޑިމާންޑާއެކު، ރަނާއި ލޮނުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކުގެ މައްޗަށް އެމަނިކުފާނު ހިންގެވި ފުރިހަމަ ބާރުގެ ސަބަބުން، އެމަނިކުފާނަކީ އިންތިހާއަށް މުއްސަނދި ބޭފުޅަކަށް ވެގެންދިޔައެވެ. އެމަނިކުފާނުގެ މުއްސަނދިކަން ހުރި މިންވަރަކީ އޭގެ އަގު ވަޒަންކުރަންވެސް ދަތި މިންވަރެއް ކަމަށް ބުނެވެއެވެ.

މަންސާ މޫސާގެ މުއްސަނދިކަން ހުރީ ކިހާ މިންވަރަކަށް؟

ތަފާތު ރިޕޯޓްތަކުން ދައްކާ ގޮތުގައި މަންސާ މޫސާގެ މިލްކިއްޔާތުގެ އަގު ގާތްގަނޑަކަށް 400 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އެމަނިކުފާނުގެ ބާރުގެ ދަށުގައި ހުރި ގުދުރަތީ ވަސީލަތްތަކާއި، ހާއްސަކޮށް ދުނިޔޭގެ އެންމެ އަގުބޮޑު މުދާ ކަމުގައިވާ ރަނުގެ މައްޗަށް އޮތް ބާރުވެރިކަމުގެ ސަބަބުން، އެ މުއްސަނދިކަން ސީދާ އަދަދަކުން ކަނޑައެޅުމަކީ ތާރީޚީ އިލްމުވެރިންނަށް ދަތި ކަމަކަށް ވެފައިވެއެވެ.

މަންސާ މޫސާގެ މުއްސަނދިކަމުގެ ބިޔަކަން އެންމެ ބޮޑަށް ހާމަވެގެންދިޔައީ 1324 ވަނަ އަހަރު އެމަނިކުފާނު މައްކާއަށް ކުރެއްވި ހައްޖު ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަރަށް ބޮޑު ލަޝްކަރަކާއި، ރަން ބަރުކޮށްފައިވާ ގިނަ އަދަދެއްގެ ޖަމަލުތައް ގެންދެވި ކަމަށް ރިވާވެގެންވެއެވެ.

މި ދަތުރުފުޅުގައި މިޞްރުގެ ގާހިރާއަށް އެމަނިކުފާނު އެހާ ގިނަ އަދަދަކަށް ރަން ވެންދެވުމުގެ ސަބަބުން، ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ރަނުގެ އަގު ދަށަށްގޮސް، އެ ގައުމުގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދިޔަކަމަށްވެސް ތާރީޚުގައި ނޯޓުކުރެވިފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top