މުޅިރާއްޖެ ހުޅުވާލައިގެން ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް” 2026ގެ ސެމީފައިނަލުން އޭދަފުށްޓާއި ނައިވާދޫ އަދި ދެއްވަދޫ އާއި ވިލިމާލެ ޖާގަ ހޯދައިފިއެވެ.
ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ ދުވާފަރާއި އޭދަފުށްޓެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 4-6 އިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމުގެ މުޙައްމަދު ފާސިރުއެވެ.

ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުއާޓާރ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ނައިވާދޫ އާއި މަތިވެރިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މަތިވެރީގެ ދެ ކުޅުންތެރިންނާއި އޮފިސަލަކަށް ރަތްކާރޑު ދެއްކިއެވެ. މިމެޗް ނައިވާދޫ ކާމިޔާބު ކުރީ 4-2 އިންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫ ޓީމުގެ އަހްމަދު ހަމީދުއެވެ.

ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުއާޓާރ ފައިނަލްގެ ތިންވަނަ މެޗްގައި ބައްދަލު ކުރީ ގޯލްޑަން ފުޓްސަލްގެ އެންމެ ކާމިޔާބު އެއް ޓީމުކަމުގައިވާ ތިމަރަފުށްޓާއި ދެއްވަދޫއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓް ދެއްވަދޫ ކާމިޔާބުކުރީ 6-8 އިންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫ ޓީމުގެ މުޙައްމަދު އިމްރާން އެވެ.

ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުއާޓާރ ފައިނަލްގެ ހަތަރުވަނަ މެޗްގައި ބައްދަލުކުރީ ވިލިމާލެ އާއި ކުޑަހުވަދޫއެވެ. މިމެޗް ވިލިމާލެ ކާމިޔާބުކުރީ 5-1 އިންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވިލިމާލެ ޓީމުގެ އިސްމާއިލް ވަޖީހުއެވެ.

ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ސެމީފައިނަލްގެ ދެމެޗް 11 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، 20:00 ފަށާ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރާނީ އޭދަފުށްޓާއި ނައިވާދޫއެވެ.
ސެމީފައިނަލްގެ ދެވަނަމެޗް 22:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިމެޗްގައި ވާދަ ކުރާނީ ދެއްވަދޫ އާއި ވިލިމާލެއެވެ.
