އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ބުރު ސްޕޯޓްސް އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ހުއްރިއްޔާ ކާމިޔާބު ކޮށްފިއެވެ.
ގުރޫޕްގެ ފުލުގައި އޮތް ބުރާއި ތިން ވަނައިގައި އޮތް ހުއްރިއްޔާ މި މެޗަށް ނުކުތްއިރު ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ދެ ޓީމަށް ވެސް ގެއްލިފައެވެ.
މިއަދު ހަވީރު ބުރާއި ވާދަކޮށް ހުއްރިއްޔާ މެޗު ކާމިޔާބުކުރީ 10-0 އިންނެވެ. މި މެޗްގެ ފުރަތަމަ ހާފުގައި ހުއްރިއްޔާއިން 8 ލަނޑު ޖެހިއިރު އެ ޓީމުގެ އަލީ ޝިހާމް އާއި އަލީ އުމަރު ވަނީ ހެޓްރިކް ހަދައިފައެވެ. މުހައްމަދު ރަޝީދު ލަނޑެއް ޖެހިއިރު ބުރު ކުޅުންތެރިއެއް ދިފާއުކުރަން މަސައްކަތްކުރި ބޯޅައެއް ބައިކޮޅަށް ވަދެފައި ވެސް ވެއެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ފުލުފުލުގައި ތަނަވަސްކުރި ހުއްރިއްޔާއަށް ދެވަނަ ހާފުގައި ޖެހުނީ ދެ ލަނޑެވެ. ފުރަތަމަ ހާފުގެ ހެޓްރިކް ހެދި އަލީ އުމަރު ހުއްރިއްޔާގެ 9 ވަނަ ލަނޑު ޖެހިއިރު އެޓީމުގެ 10 ވަނަ ލަނޑު ޖެހީ ހުސެއިން ނަސީރުއެވެ.
ލަނޑު ޖަހާނެ ފުރުސަތު ބުރަށް ވެސް ލިބުނު މި މެޗް ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ޕޮލިސް ކުލަބެވެ. މާދަމާގެ މެޗުން މޮޅުވެއްޖެނަމަ، ގުރޫޕްގެ އެއްވަނައިގައި އޮތް ހުޅުމާލޭ ވެޓަރަންސް އާއި އެއްވަރަށް ޕޮލިސް ކުލަބަށް ޕޮއިންޓް ލިބޭނެއެވެ. 11 ލަނޑުގެ ތަފާތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ވެސް ޕޮލިސް ކުލަބަށް އެބައޮތެވެ.
