މާލޭގެ ހަނި މަގުތަކަށް އިރުގެ ދޯދިތައް އެޅެން ފެށުމާއެކު، ސިޓީގެ ހަލަބޮލިކަން އޭގެ އެންމެ މަތީ ދަރަޖައަށް ދިޔައެވެ. ސައިކަލުތަކުގެ ބާރު އަޑާއި، މީހުންގެ އަވަސް ހަރަކާތްތަކުން މުޅި މާހައުލު އޮތީ ފުރިފައެވެ. ޝިފާ ހޭލީ އޭނާގެ ފޯނުގެ އެލާމް އަޑަށެވެ. ގަޑިން ހެނދުނު ހަޔެއް ޖަހަނީއެވެ.
ޝިފާއަކީ އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ، ހީވާގީ އަންހެނެކެވެ. އޭނާއަކީ މާލޭގެ މަޝްހޫރު މާކެޓިންގ އެޖެންސީއެއްގެ އިސް މަގާމެއް ފުރަަމުންދާ، ހަމައެއާއެކު އަށް އަހަރުގެ ފިރިހެން ކުއްޖެއްގެ އެކަނިވެރި މައެކެވެ. އޭނާގެ ދިރިއުޅުމަކީ ވަގުތާ ކުރެވޭ ހަނގުރާމައެކެވެ.
“ޒަޔާން! ދަރިފުޅާ ތެދުވޭ، ސްކޫލަށް ދާން ގަޑިޖެހެނީއޭ،” ޝިފާ ބަދިގޭގައި ހުރެ ގޮވާލިއެވެ. އޭނާ އެއް އަތުން ރޮށި ފިހަމުން އަނެއް އަތުން ފޯނުން އީމެއިލްތައް ޗެކް ކުރަމުން ދިޔައެވެ.
މިއީ ޝިފާގެ ކޮންމެ ދުވަހެއްގެ ތާވަލެވެ. އަމިއްލަ ނަފުސަށް ހުސްކޮށްލާނެ ސިކުންތެއްވެސް އޭނާގެ ނޯވެއެވެ. ފިރިމީހާއާ ވަކިވިތާ ތިން އަހަރު ވެފައިވާއިރު، ދިރިއުޅުމުގެ ހުރިހާ ބުރައެއް އުފުލަން ޖެހިފައިވަނީ އޭނާ އެކަންޏެވެ.
—–
އެދުވަހުގެ ހަވީރު، ހުޅުމާލޭގެ ފޭސް 1ގެ ހިތްގައިމު ކެފޭއެއްގައި ޝިފާ އާއި އޭނާގެ ގާތް ތިން އެކުވެރިން ބައްދަލުވިއެވެ. އާމިނަތު، ލައިލާ އަދި ޚަދީޖާއެވެ. މިއީ ސްކޫލް ދައުރުން ފެށިގެން ގާތް ހަތަރު އެކުވެރިންނެވެ. ކޮންމެ މީހެއްގެ ދިރިއުޅުންވެސް ތަފާތެވެ. ނަމަވެސް އެންމެންގެވެސް މަގްސަދަކީ އެކައްޗެކެވެ. އެއީ “އުފާވެރިކަން” ހޯދުމެވެ.
“މަށަށް ހީވަނީ މިހާރު މި އުޅެވެނީ ހަމައެކަނި މެޝިނެއްހެން،” އާމިނަތު ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. އާމިނަތަކީ މުއްސަނދި ވިޔަފާވެރިއެއްގެ އަނބިމީހާއެވެ. ބޭރުފުށުން ބަލާއިރު އޭނާގެ ދިރިއުޅުން ފުރިހަމައެވެ. ނަމަވެސް އެ ގަނޑުވަރެއްފަދަ ގޭގައި އޭނާ އުޅެނީ އެކަނިވެރިކަމުގައެވެ. ފިރިމީހާ އަބަދު އުޅެނީ ވިޔަފާރި ދަތުރުތަކުގައެވެ.
ލައިލާ އިނީ ފޯނަށް ގެއްލިފައެވެ. “އަހަރެން މި ބަލަނީ މިފަހަރުވެސް އައި.ވީ.އެފް ހަދަން ރާއްޖޭން ބޭރަށް ދާނެ ގޮތެއް. މަންމަމެން އެ ބުނަނީ ދެން މާ ގިނަ ދުވަސް ނުކުރާށޭ،” ލައިލާގެ އަޑުގައި ހުރީ މާޔޫސްކަމެވެ. އޭނާ ކައިވެނި ކުރިތާ ފަސް އަހަރު ވެފައިވާއިރު، ދަރިއަކު ނުލިބުމުގެ ހިތާމައާއި އާއިލާގެ ފިއްތުންތައް އޭނާއަށް ވަނީ ބޮޑުވެފައެވެ.
ޚަދީޖާ، އެންމެންގެ ތެރެއިން އެންމެ މިނިވަންކޮށް އުޅޭ މީހާ، ހިނިތުންވެލިއެވެ. “ތިޔަ އެންމެން ތި އުޅެނީ ކޮންމެވެސް ކަމަކާ ހާސްވެގެން. ބަލާބަލަ އަހަރެން. އެއްވެސް މީހަކަށް ޖަވާބުދާރީވާކަށް ނުޖެހޭ. ބޭނުން އިރަކު ބޭނުން ތަނަކަށް ދެވޭ،” ޚަދީޖާއަކީ ކެރިއަރަށް އިސްކަންދޭ، ކައިވެންޏާ ދުރުގައި އުޅޭ މީހެކެވެ. ނަމަވެސް އޭނާގެ ހިތުގެ އަޑީގައިވެސް ފޮރުވިފައިވާ ފަޅުކަމެއް ވެއެވެ.
—–
ޖެހިގެން އައި ދުވަހު ޝިފާ އޮފީހަށް ދިޔައީ ވަރަށް ބޮޑު ޕްރެޒެންޓޭޝަނަކަށް ތައްޔާރުވެގެންނެވެ. އެއީ އޭނާގެ ވަޒީފާގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ.
“ޝިފާ، މިއަދުގެ މީޓިންގްއަށް ކޮބާ ތައްޔާރުތަ؟” އޭނާގެ ބޮސް، އަދުނާން އަހާލިއެވެ. އަދުނާނަކީ ވަރަށް ހަރުކަށި، ނަމަވެސް މަސައްކަތަށް ފަރުވާތެރި މީހެކެވެ.
“އާދެ، ހުރިހާ ކަމެއް ތައްޔާރު،” ޝިފާ ޔަގީންކަމާއެކު ބުންޏެވެ. ނަމަވެސް އެވަގުތު ސްކޫލުން ފޯނެއް އައެވެ. ޒަޔާން ބަލިވެގެން އުޅޭ ވާހަކައެވެ. ޝިފާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. އެއްކޮޅުން އޭނާގެ މުސްތަގުބަލެވެ. އަނެއްކޮޅުން އޭނާގެ ފުރާނަ ފަދަ ދަރިފުޅެވެ.
“ކިހިނެއްވީ ޝިފާ؟” އަދުނާން ފާހަގަކުރިއެވެ.
“ދަރިފުޅު ބަލިވެގެން ސްކޫލުން އެ ގުޅަނީ. އަޅުގަނޑު…” ޝިފާގެ އަޑު ތުރުތުރުލާން ފެށިއެވެ.
އަދުނާން އިރުކޮޅަކު ވިސްނާލުމަށްފަހު ބުންޏެވެ. “ދޭ. ދަރިފުޅު ގާތަށް ދޭ. ޕްރެޒެންޓޭޝަން މާދަމާއަށް ފަސްކޮށްލާނަން. އެންމެ މުހިންމު އެއްޗަކީ އާއިލާ.”
މިއީ ޝިފާ ހީކުރި ގޮތެއް ނޫނެވެ. އޭނާއަށް އަދުނާނާ މެދު އޮތް ތަަސައްވަރު ބަދަލުވާން ފެށިއެވެ.
—–
އާމިނަތު އޭނާގެ ބޮޑު ގޭގެ ބެލްކަނީގައި އިނެވެ. އޭނާގެ ކުރިމަތީގައި އޮތީ މާލޭގެ ރީތި މަންޒަރެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ ހުސްކަމެކެވެ. ފިރިމީހާ، އިމްތިޔާޒް، ގެއަށް އައީ ރޭގަނޑު ދިހައެއް ޖެހިފަހުންނެވެ.
“އަދިވެސް ނުނިދަނީތަ؟” އިމްތިޔާޒް ވަރުބަލިކަމާއެކު އަހާލިއެވެ.
“އިމްތީއަށް އިންތިޒާރުގައި މިއިނީ. އަހަރެމެން ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަނުކުރާތާ ކިތައް ދުވަސް؟” އާމިނަތު ޝަކުވާގެ ރާގަކަށް ބުންޏެވެ.
“އާމީ، އަހަރެން މި ހުރިހާ މަސައްކަތެއް މިކުރަނީ ކާކަށްޓަކައި؟ މި ހުރިހާ އަރާމެއް، މި ލަގްޒަރީ ދިރިއުޅުން…”
“އަހަންނަށް ބޭނުމީ މި ތަކެއްޗެއް ނޫން. އަހަންނަށް ބޭނުމީ އިމްތީ. އަހަރެމެންގެ ދިރިއުޅުމުގައި އުފާވެރިކަމެއް ނެތް. ހަމައެކަނި ފައިސާ ހުރީ.” އިމްތިޔާޒްގެ ވާހަކަ މެދުކަނޑާލަމުން އާމިނަތު ބުންޏެވެ.
އެރޭގެ ބާކީ ވަގުތު ހޭދަވީ ހިމޭންކަމުގައެވެ. ދެމީހުން އެއް އެނދެއްގައި ތިބި ނަމަވެސް، އެ ދެމެދުގައި އޮތީ ބޮޑު ފާރެއް އުފެދިފައެވެ.
——
ލައިލާ އޭނާގެ ކޮޓަރީގައި މުސައްލަމަތީގައި އިށީނދެގެން އިނީ ފުން ވިސްނުމެއްގައެވެ. އޭނާގެ އަތުގައި އޮތީ ރާއްޖޭން ބޭރުގެ ހޮސްޕިޓަލަކުން ފޮނުވާފައިވާ މެޑިކަލް ރިޕޯޓުތަކެކެވެ. ފާއިތުވި ފަސް އަހަރު ދުވަހު އޭނާ ނުކުރާކަށް މަސައްކަތެއް ނެތެވެ. ކޮންމެ ރަމަޟާން މަހަކު ކުރާ ހާއްސަ ދުއާތަކާއި، ބޭނުންކުރި އެކި ކަހަލަ ބޭސްތަކުންވެސް އަދި ނަތީޖާއެއް ނުފެނެއެވެ.
“ލައި، އަދިވެސް ތި ރިޕޯޓުތަކަށް ބަލަނީތަ؟” ލައިލާގެ ފިރިމީހާ ފައިސަލް ކޮޓަރިއަށް ވަންނަމުން އަހާލިއެވެ. ފައިސަލަކީ މަޑުމައިތިރި، ކެތްތެރި މީހެކެވެ.
“ފައިސަލް، ޑޮކްޓަރު ބުނަނީ މިއީ އަހަރެމެންގެ ފަހު ފުރުސަތޭ. އައި.ވީ.އެފް ހަދަން މިފަހަރު ބެންކޮކަށް ދާން މަށަށް ފެންނަނީ،” ލައިލާ އުންމީދާއެކު ބުންޏެވެ.
“އަހަރެން ތިކަމަކަށް ދެކޮޅެއް ނަހަދާނަން. އެކަމަކު ލައި، ދަރިއަކު ނުލިބުނަސް އަހަރެން ލައިދެކެ ލޯބިވުން ހުއްޓައެއް ނުލާނަން. މިއީ އިމްތިހާނެއް ކަމަށް ގަބޫލުކުރަން ވާނެ،” ފައިސަލް ލައިލާގެ އަތުގައި ހިފާލަމުން ބުންޏެވެ.
ލައިލާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއަށް އެންމެ ބޮޑު ތަސައްލީއެއް ލިބެނީ ފައިސަލްގެ ފަރާތުންނެވެ. ނަމަވެސް އާއިލީ އެއްވުންތަކަށް ދާއިރު، ތިމާގެ މީހުން ކުރާ ސުވާލުތަކާއި، އަމާޒުކުރާ ބަސްތަކުން އޭނާގެ ހިތް ކުދިކުދިވެއެވެ. “ކޮބާ މިހާރު ކިތައް އަހަރު؟”، “ދެން މާ ލަސްނުކުރޭ”، “އެހެން މީހަކާ ފައިސަލް ކައިވެނި ކުރުވަންވީނު” – މިފަދަ ވިހަ ގަދަ ބަސްތަކަކީ ލައިލާގެ ކޮންމެ ދުވަހެއްގެ ހިތްދަތިކަމެވެ.
—-
ޚަދީޖާ އުޅެނީ އޭނާގެ އަމިއްލަ އެޕާޓްމަންޓްގައެވެ. އެއީ ވަރަށް ޒަމާނީކޮށް، އޭނާގެ އަމިއްލަ ރަހައަށް ފަރުމާކޮށްފައިވާ ތަނެކެވެ. ޚަދީޖާއަކީ މާލޭގެ ނުފޫޒުގަދަ އިންޓީރިއާ ޑިޒައިނަރެކެވެ. އޭނާގެ ދިރިއުޅުމުގައި އެއްވެސް މީހަކު “ޗެކް” ކުރާކަށް ނޯވެއެވެ.
އެރޭ ޚަދީޖާ އިނީ އޭނާގެ އާ ޕްރޮޖެކްޓެއްގެ ކުރެހުންތަކެއް ހިފައިގެންނެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ދިރިއުޅުމުން ގެއްލުނު މީހެއްގެ މެސެޖެކެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ، ރަޔާންއެވެ.
“ޚަދީ، އަހަރެން މާލެ އަތުވެއްޖައިން. ބައްދަލުކޮށްލެވިދާނެތަ؟”
ޚަދީޖާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އޭނާ އަމިއްލަ ނަފުސަށް ބުނެދެމުން ދިޔައީ އޭނާއަކީ މިނިވަން، ވަރުގަދަ އަންހެނެއް ކަމަށެވެ. ނަމަވެސް ރަޔާންގެ ނަން ފެނުމާއެކު، އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ވަޅުލެވިފައިވާ ހަނދާންތައް އާވާން ފެށިއެވެ. ޚަދީޖާ ކައިވެންޏާ ދުރުގައި އުޅޭ އަސްލު ސަބަބަކީވެސް ރަޔާންއެވެ. ރަޔާންއާ ވަކިވި ފަހުން، އެހެން އެއްވެސް މީހަކަށް އޭނާގެ ހިތުން ޖާގައެއް ނުދެވުނެވެ.
——
ޖެހިގެން އައި ދުވަހު ޝިފާ އޮފީހަށް ދިޔައީ އާ ހިތްވަރަކާއެކުގައެވެ. ޒަޔާންގެ ހުން މަޑުވެފައިވާތީ، މަންމަ ގާތު ބަހައްޓާފައި އޭނާ އައީ މިއަދުގެ ޕްރެޒެންޓޭޝަން ދިނުމަށެވެ.
ކޮންފަރެންސް ރޫމަށް ވަންއިރު، އަދުނާން އިނީ އިސްވެރިންނާއެކުގައެވެ. ޝިފާގެ ޕްރެޒެންޓޭޝަން ދިޔައީ ވަރަށް ފުރިހަމައަށެވެ. އެންމެންގެ ތައުރީފު އޭނާއަށް ލިބުނެވެ. މީޓިންގ ނިމުމުން އަދުނާން ޝިފާއަށް މަޑުކޮށްލަން އިޝާރާތް ކުރިއެވެ.
“ޝިފާ، ވަރަށް މޮޅު. އަހަރެން ހީކުރި ވަރަށްވުރެ މާ ފުރިހަމަ،” އަދުނާން ހިނިތުންވެލަމުން ބުންޏެވެ. “އަދި ބުނަން، ޒަޔާން ކިހިނެއް؟”
“ދަރިފުޅު މިހާރު ރަނގަޅު. ވަރަށް ބޮޑަށް ޝުކުރިއްޔާ އަދުނާން، އިއްޔެ އަޅުގަނޑަށް ދިން ފުރުސަތަށް،” ޝިފާ އިޚްލާޞްތެރިކަމާއެކު ބުންޏެވެ.
“އަހަރެންވެސް މިއީ ބައްޕައެއް. އަހަރެންގެ އަންހެން ދަރިފުޅު އުޅެނީ އޭނާގެ މަންމަ ގާތު އޮސްޓްރޭލިއާގައި. އަހަންނަށް އެނގޭ އެކަނިވެރި މައިންބަފައިން އުފުލަންޖެހޭ ބުރަ،” އަދުނާންގެ އަޑުގައި ހުރީ މީގެ ކުރިން ޝިފާ ނުދެކޭ ފަދަ އޯގާތެރިކަމެކެވެ.
މި ވާހަކަކޮޅާއެކު ޝިފާއަށް އަދުނާނަކީ ހަމައެކަނި ހަރުކަށި ބޮސްއެއް ނޫންކަން އެނގުނެވެ. އޭނާގެ ހިތުގައިވެސް ހަމަ އެފަދަ އެކަނިވެރިކަމަކާއި ވޭނެއްވާކަން އިހުސާސްވިއެވެ.
——
އާމިނަތު އެދުވަހު ނިންމީ އޭނާގެ ދިރިއުޅުމަށް ބަދަލެއް ގެނައުމަށެވެ. އޭނާ ދިޔައީ އޭނާގެ ބައްޕަގެ އޮފީހަށެވެ. އާމިނަތަކީ ބިޒްނަސް މެނޭޖްމަންޓުން ދަސްވެނިވެފައިވާ ކުޅަދާނަ ކުއްޖެކެވެ. ނަމަވެސް ކައިވެންޏަށްފަހު އިމްތިޔާޒް ބޭނުންވީ އާމިނަތު ގޭގައި އިނުމަށެވެ.
“ބައްޕާ، އަހަރެން ބޭނުން ވަޒީފާއަކަށް ނުކުންނަން. ބައްޕަގެ ކުންފުނީގައި މަށަށް ކުރެވޭނެ މަސައްކަތެއް އޮންނާނެކަން ޔަގީން،” އާމިނަތު ސީދާ ބުންޏެވެ.
ބައްޕަ ހައިރާންވެފައި ބަލާލިއެވެ. “އެކަމަކު އާމީ، އިމްތިޔާޒް ކީކޭ ބުނާނީ؟ އޭނާއަށް ލިބޭ ފައިސާއިން ދިރިއުޅެން ދަތިވަނީތަ؟”
“ނޫން ބައްޕާ. ފައިސާއަކުން ނޫން ދަތިވަނީ. މަގްސަދެއް ނެތް ދިރިއުޅުމަކުން ދަތިވަނީ. އަހަރެން ބޭނުމީ އަހަރެންގެ އަމިއްލަ ވަކި އައިޑެންޓިޓީއެއް،” އާމިނަތުގެ އަޑުގައި ހުރީ ސާބިތުކަމެވެ.
އެރޭ ގެއަށް އައިސް އާމިނަތު މި ވާހަކަ އިމްތިޔާޒް ގާތު ބުންޏެވެ. ހީކުރި ފަދައިން ބޮޑު ދެބަސްވުމެއް ހިނގިއެވެ.
“މަގޭ އަނބިމީހާ ވަޒީފާއަށް ދާކަށް ނުޖެހޭނެ! މީހުން ކީކޭ ބުނާނީ؟ މަށަށް އާމީއަށް ކާންބޯން ނުދެވެނީއޭތަ؟” އިމްތިޔާޒް ހަޅޭއްލަވައިގަތެވެ.
“އިމްތީ! މިއީ ކާންބޯން ދިނުމުގެ މައްސަލައެއް ނޫން. މިއީ އަހަރެން އިންސާނެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ މައްސަލައެއް. އަހަރެން މިއަދު މި ނިންމީ ނިންމުމެއް، ހުއްދައަކަށް އެދުނީއެއް ނޫން،” އާމިނަތު މަޑުމައިތިރިކަމާއެކު ނަމަވެސް ވަރަށް ބާރަށް ބުންޏެވެ.
މިއީ އާމިނަތުގެ ފަރާތުން އިމްތިޔާޒް ދުވަހަކުވެސް ފެނުނު ސިފައެއް ނޫނެވެ. އޭނާ ބަސްހުއްޓުނެވެ.
—–
ނުނިމޭ
