ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެވަނަ މެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނައަށް ނޭޕާލް!
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

ދިވެހިރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ނޭޕާލް ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ ގުރޫޕް އޭ ގެ އެއްވަނައިގަ ހަމަޖެހިލައިފިއެވެ.

ފުރަތަމަ މެޗުގައި 2-1 އިން ބޫޓާން ކައިރިން މޮޅުވި ނޭޕާލް، މިއަދު މޮޅުވީ ސްރީލަންކާއާ ވާދަކޮށް 1-0 އިންނެވެ.

މެޗު ފެށީއްސުރެ މޮޅަށް ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދަމުން ދިޔައީ ނޭޕާލުންނެވެ. އެގޮތުން އެޓީމުގެ ސުބާސް ބަމް ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑިއަށް އަމާޒުވެފައިވާއިރު، ރީބައުންސްގައި އެޓީމުގެ އެހެން ކުޅުންތެރިއަކަށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ.

މިމެޗްގައި ފެނުނު ހަމައެކަނި ލަނޑު ނޭޕާލުން ޖެހީ ފުރަތަމަ ހާފުގެ 24 ވަނަ މިނިޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކުރިން މެޗުގައި ވެސް މޮޅުކުޅުމެއް ދެއްކި ސުބާސް ބަމް އެވެ. އޭރިޔާތެރެއިން އޭނާއަށް ލިބުނު ބޯޅަ އޭނާ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަނަށެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ނޭޕާލެވެ. ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް މިހާފުގައި ވެސް ނޭޕާލަށް ވަނީ ލިބި ބޭނުން ނުކުރެވިއެވެ. ނޭޕާލުން އުފެއްދި ދެހަމަލާއެއް މިހާފުގައި ވެސް ވަނީ ގޯލްދަނޑިއަށް އަމާޒުވެފައެވެ.

ލަނޑު ޖަހާނެ ފުރުސަތު ސްރީލަންކާއަށް ވެސް ލިބުނު މިމެޗް ނިމުނީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

މިމެޗުން ހޯދި ތިންޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނާގައި ނޭޕާލުން ހަމަޖެހެލިއިރު، ގުރޫޕްގެ ދެވަނާގައި މިވަގުތު އޮތީ ސްރީލަންކާއެވެ. ދެން މިގުރޫޕްގައި ހިމެނޭ ދިވެހިރާއްޖެ އާއި ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މި މިބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މިމެޗްގައި ވާދަކުރާނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެ ބޫޓާނާއި ދިވެހިރާއްޖެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top