އަނދިރި ދުނިޔޭގެ ތެރެއަށް
އެމީހުން އޭނާ އެ ކަންކަމުގެ ތެރެއަށް ވެއްދީ އޮމާންކަމާއެކުއެއް ނޫނެވެ. އޭނާ އެއްލާލީއެވެ. ޖެހިގެން އައި ދުވަހު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އެނދުމައްޗަށް ކޮތަޅެއް އެއްލިއެވެ. “މި ލާ.” އެތަނުން އެކަކު ބުންޏެވެ. އަމީރާ އެ ކޮތަޅު ހުޅުވާލިއެވެ. އޭގައި ހުރީ ތަފާތު ޒަމާނީ ނިވާކަން ކުޑަ ހެދުންތަކެކެވެ. އެއީ އޭނާގެ އަމިއްލަވަންތަކަން ހުރި ހެދުންތަކެއް ނޫނެވެ. ބާރު، ކުރު އަދި އަނދިރި ކުލަތަކުގެ ހެދުންތަކެކެވެ. އެއީ މީހުންގެ ތެރޭގައި ފާހަގަވުމުގެ ބަދަލުގައި، އަނދިރިގަނޑުގެ ތެރެއަށް އޮޅިގެންދާ ފަދަ ހެދުންތަކެކެވެ. އޭނާއަށް ވަގުތުން ވިސްނުނެވެ. އެމީހުން މިހާރު އޭނާ ފޮރުވަނީއެއް ނޫނެވެ. އެމީހުން އޭނާގެ ބޭނުން ހިފަނީއެވެ. ޚާއްސަކޮށް ޒީވާއެވެ. މެންދުރު ފަސްވީއިރު، އަމީރާ ހުރީ އެ ގޭގެ ހަތަރުފާރުން ބޭރުގައެވެ. އޭނާ ހުރީ މާލޭގެ ހަނި ގޯޅިތަކާއި އަނދިރި ކަންކަންމަތީގައެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ފާހަގަވެފައި ނުވާ ތަންތަނެވެ. ނޫނީ ފަހަރުގައި، ފާހަގަކުރަން ބޭނުންނުވި ތަންތަނެވެ. ނަމަވެސް މި ރާސްތާ މިހާރު އޭނާ ގޮސް މި ކޮށްޕާލީ ކަޅު ބާޒާރެއްގެ ތެރެއަށެވެ. މަސްތުވާތަކެއްޗާއި، ހަށިވިއްކުމާއި، މާރާމާރީއާ ބިރުދެއްކުން އަދި އިންސާނީ ވަގުފާރި.. ނިމުމެއް ނެތް ބިރުވެރި ދިރިއުޅުމެއްގެ ތެރެއަށެވެ.
ފުރަތަމަ ފަހަރު އޭނާއާއެކު ގައްޑޭ ހުއްޓެވެ. ބަލަމުންނެވެ. ދަސްކޮށްދެމުންނެވެ. އަދި ކޮންޓްރޯލް ކުރަމުންނެވެ. “ކަލޭ ހުންނާނީ މިތާ.” އޭނާ ހަރުކަށިކަމާއެކު ބުންޏެވެ. “މާ ގިނަ ވާހަކަ ނުދައްކާ ހުންނާނީ. ސުވާލު ކުރުމެއް ނެތް.” އޭނާގެ އަތަށް ކުޑަ ޕެކެޓްތަކެއް ދިނެވެ. އަމީރާގެ އިނގިލިތައް ގަނޑުވި ކަހަލައެވެ. “މި ހަވާލުކުރޭ. ލާރި އަތުލާ. އެ ނިމުނީ. މަކަރު ހަދައިފިއްޔާ އަދި ފިލަން މަސައްކަތް ކޮށްފިނަމަ ދުވަހަކުވެސް ދެން ދަރިންނެއް ނުފެންނާނެ!” އަމީރާ ބިރުން ހުރެ މަޑުމަޑުން އަހާލިއެވެ. “ކަމެއް ގޯސްވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟” ގާއްޑޭ އޭނާއަށް ބަލާލިއެވެ. އޭނާގެ ލޮލުގައި އެއްވެސް އޯގާތެރިކަމެއް ނެތެވެ. ޖެހިލުންވުމެއްވެސް ނެތެވެ. އަދި ގާއްޑޭ ކައިރީގައި ޒީވާ މި ހުރިހާ މަންޒަރެއް ބަލަމުން އަޑުއަހަމުން ދިޔައެވެ. މިއީ އޭނާ ބޭނުންވި ގޮތެވެ. އަމީރާއަކީ މިހާރު ޒީވާ ބޭނުންވި ކަހަލަ އެއްވެސް އަގެއް ނެތް މަގުމަތީ ގިނަވެފައިވާ ޕާޓޭއަކާއި އެއްވެސް ތަފާތެއް ނެތެވެ.
“އަތުލައިގަނެފިއްޔާ..” ގާއްޑޭ މަޑުމަޑުން ބުންޏެވެ. “ކަލޭ އަހަރެމެންނެއް ނުދަންނާނެ.”
އަދި ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު “ކަލެއަކަށް ކަލޭގެ ދަރިންނެއް ދެން ދުވަހަކުވެސް ނުފެންނާނެ.”
އެ ބަސްތައް އަމީރާގެ ހިތުގެ ފުނަށް ފޭދިގެން ދިޔައެވެ. އެއީ ބަރުދަން ހުރި، ނިހާއީ ނިންމުމެކެވެ. އަމީރާ މަޑުމަޑުން ބޯޖަހާލިއެވެ. އެއީ އެކަމާ އެއްބަސްވީތީއެއް ނޫނެވެ. އެކަމަކު ހާލަތު އޮތްގޮތް ވިސްނުނީތީއެވެ. މިއީ މިހާރު އޭނާގެ ދުނިޔެއެވެ.
ގަޑިތައް ފާއިތުވަމުން ދިޔައެވެ. މީހުންގެ މޫނުތައް ފެނިފައި އޮޅެމުން ދިޔައެވެ. މުއާމަލާތްތައް ތަކުރާރުވަމުން ދިޔައެވެ. އަވަހެވެ. ހިމޭނެވެ. ހަޑިމުޑުދާރެވެ.
އަމީރާ ހުރިހާ ކަމަކަށް ފާރަވެރިވިއެވެ. ހަމައެކަނި ބަލާލުމަކުން ކަންކަން ނިންމާލާ ގޮތެވެ. ވާހަކަދެއްކުމަށްވުރެ ބާރަށް ފައިސާ ދައުރުވާ ގޮތެވެ. ކޮންމެ ކަންމައްޗެއްގައި ބިރުވެރިކަން އޮތް ނަމަވެސް، އެކަކުވެސް އެވާހަކަ ނުދައްކާ ގޮތެވެ.
އޭނާގެ ހިތް ކުދިކުދިވީ އެތަނުން ފެނުނު ޒުވާނުންގެ ސަބަބުންނެވެ. ތުުނބުޅި މަތިމަސްވެސް ނުފަޅާ ކުޑަކުދިންނެވެ. ލޯތައް ވަޅުވަދެފައިވާ، އަތްފައި ތުރުތުރުއަޅާ ހާލުގައެވެ. އަންހެން ކުދިންނެވެ. މާ ހަގު ކުދިންނެވެ. މަގުއޮޅި، ބޭނުންކޮށްލެވި، އެއްލާލެވިފައިވާ ކުދިންނެވެ.
މަޑުޖެހޭނެ މީހަކު ނެތެވެ. އަޅާލާނެ މީހަކު ނެތެވެ. ސަބަބަކީ ކޮންމެ މީހަކީވެސް އެކަމުގެ ބައިވެރިއަކަށް ވުން ނުވަތަ އެކަމުގެ ތެރެއަށް ވަންނަން ބިރުގަންނަ މީހަކަށް ވުމެވެ. އަމީރާގެ ކަރުބުޑުގައި އުފެދުނު އިހުސާސް ބޭރުކޮށްލަން އޭނާ މަސައްކަތް ކުރިއެވެ. މިއީ ހަމައެކަނި ކުށެއް ނޫނެވެ. މިއީ މުޖުތަމައު ފީވެ، ހަލާކުވަމުންދާ ދިއުމެކެވެ. ލަސްލަހުން، ހިމޭންކަމާއެކު، އެންމެން ޤަބޫލުކޮށްފައިވާ ކަމެކެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. މުދާ ހަވާލުކުރުމާއި، ބަލާ ދިއުމެވެ. ބަލައި ދަސްކުރުމެވެ. ދިރިހުރުމަށްޓަކައި މަސައްކަތް ކުރުމެވެ. އޭނާ މާ ހިމޭންވިއެވެ. ކަންކަމަށް ވިސްނުން ތޫނުވިއެވެ. އޭނާގެ ހިތުގައިވާ އެއްޗެއް ދެނެގަތުން އުނދަގޫވިއެވެ. އެމީހުން ބޭނުންވީވެސް އެގޮތެވެ. އޭނާއަށް ބޭނުންވީވެސް އެ ހިތްވަރެވެ.
ދެން، އެއްރެއަކު ހުރިހާ ކަމެއް އަނެއްކާވެސް ބަދަލުވިއެވެ. އެއީ ކުޑަ ކަންމައްޗެކެވެ. އަނދިރި، މީހުން މަދު ތަނެކެވެ. އާދައިގެ މަތިން މުދާ ހަވާލުކުރަން އަމީރާ މަޑުކޮށްލައިގެން ހުއްޓެވެ. މީހަކު ކައިރިވަމުން އައެވެ. ލަސްލަހުން، ފިޔަވަޅުތައް އަޅަމުންނެވެ. އެއީ ޒުވާން އަންހެނެކެވެ. ހިކި، ވަރުބަލިވެފައިވާ ލޮލެއްގެ ވެރިއެކެވެ. ލައިގެން ހުރީ ބޯވެފައިވާ ހެދުމެކެވެ. ތުރުތުރުއަޅާ އަތަކުން އޭނާ އަތް ދިއްކޮށްލިއެވެ.
އަމީރާ ސިކުންތުކޮޅަކަށް ހުއްޓުން އެރިއެވެ. އެ އަންހެންކުއްޖާގެ ކިބައިން ތަފާތު ކަމެއް ފާހަގަވިއެވެ. އެއީ ހަމައެކަނި ފެނުނު މޫނެއް ނޫނެވެ. ހަމައެކަނި ހިނގި މުއާމަލާތެއް ނޫނެވެ. އޭނާގެ ކިބައިގައި ހޭލުންތެރިކަމެއް ހުއްޓެވެ. ތަދާއި، ދެނެގަތުމެވެ.
އެ އަންހެންކުއްޖާ އަމީރާއަށް ބަލާލިއެވެ. ވަރަށް ފުންކޮށް ބަލާލިއެވެ. އެވަގުތު، އެ ދެމެދުގައި ބުނެދޭން ނޭނގޭ އިހުސާސެއް ދަތުރުކޮށްލިއެވެ. އިންސާނިއްޔަތުކަމުގެ، ބަހެއް ނެތް މުއާމަލާތެކެވެ. އަމީރާ ޕެކެޓް ހަވާލުކުރިއެވެ. ފައިސާ އަތުލިއެވެ. ނަމަވެސް އޭނާގެ އިނގިލިތައް އެ ކުއްޖާގެ އަތުގައި ކުޑަކޮށް ޖެހިފައި ހުއްޓެވެ. އެ ކުއްޖާއަށް އެކަން ފާހަގަވިއެވެ. އޭނާގެ ލޯ ކުޑަކޮށްލިއެވެ. ހައިރާންކަމާއި ޝައުގުވެރިކަމާއެކުގައެވެ.
އަމީރާ ކުޑަކޮށް ކައިރިވެލިއެވެ. އޭނާގެ އަޑު އިވޭނީ ހަމައެކަނި އެ ކުއްޖާއަށެވެ. “މިއީ ކަލޭ އުޅެންވާ ތަނެއް ނޫން.” އެ ކުއްޖާ ބަލިކަށި، ހިތްދަތި ހިނިތުންވުމަކާއެކު ބުންޏެވެ. “ކަލޭވެސް.” ހިނދުކޮޅަކަށް ހަނު ހުރެވުނެވެ. އަމީރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މިއީ ނުރައްކަލެކެވެ. އެކަމަކު އޭނާގެ ހިތް ބުނަމުންދިޔައީ މިއީ މުހިންމު ކަމެއް ކަމަށެވެ. “ކަލެއަށް މިކަމުން ސަލާމަތްވެ ދެވިދާނެތަ؟” އަމީރާ މަޑުމަޑުން އަހާލިއެވެ. އެ ކުއްޖާ ފަސްޖެހުނެވެ. ދެން މަޑުމަޑުން ބޯ ހޫރާލިއެވެ. “މަށަށް އެކަންޏެއް ތިކަމެއް ނުވާނެ.” އަމީރާގެ އަޑު ކުރިއަށްވުރެ މަޑުކޮށްލިއެވެ. “އަހަރެން ހެލްޕް ވާނަން. އޭރުން އޯކޭތަ؟”
މިހާރު އެ ކުއްޖާ އަމީރާއަށް ރަނގަޅަށް ފުންކޮށް ބަލާލިއެވެ. ޝައްކާއި، އުންމީދާއި، ބިރުވެރިކަން އެއްފަހަރާ އެ މޫނުމަތިން ފެނުނެވެ. “ކަލެއަކީ އެމީހުންގެ ތެރެއިން މީހެއް.” އޭނާ މަޑުމަޑުން ބުންޏެވެ. އަމީރާގެ ލޮލުން ހަރުކަށިކަން ފެނުނެވެ. “ނޫން.” އޭނާ ބުންޏެވެ. “އަހަރެން މި އުޅެނީ ސަލާމަތްވާން.” ހިމޭންކަން ވެރިވިއެވެ. ދެން، އެ ކުއްޖާ ކުޑަކޮށް ކައިރިވެލިއެވެ. އަޑު ދަށްކޮށްލަމުން ބުންޏެވެ. “ދޯންޏެއް އެބައޮތް. ވަރަށް އިތުބާރުކުރެވޭ ބައެއްގެ، އެއްވެސް ބަޔަކަށް ނޭނގި، ދަންވަރު ފުރާ ދޯންޏެއް.”
އަމީރާގެ ހިތުގެ ވިންދު އަވަސްވިއެވެ. “ދަނީ ކޮންތާކަށް؟” އެ ކުއްޖާ ހިންދިރުވާލުމަށްފަހު ޖަވާބު ދިނެވެ. “ލާމު އަތޮޅު ރަށަކަށް، ވިލަރެސްފުށި.” އަމީރާގެ ހަށިގަނޑު ހުއްޓުން އެރިއެވެ. މިއީއެވެ. މިއީ ފުރުސަތެވެ. މިއީ އޮތް މަގެވެ. “ކޮން އިރަކު؟” އަމީރާ އެހިއެވެ.
“ދެ ރޭ ފަހުން.” އެ ކުއްޖާ ޖަވާބު ދިނެވެ. “އެކަމަކު މިއީ ނުރައްކާތެރި ކަމެއް. ދޯނި މީހުންނަށް އެއް ހާސް ރުފިޔާ ދޭންޖެހޭނެ ކޮންމެ މީހަކަށް. އަދި އެއްވެސް ކަމެއްގައި ބެދި އަތުވެއްޖެއްޔާ މި މީހުން ޒިންމާއެއް ނުނަގާނެ.” އޭނާ ވާހަކަ ނިންމައެއް ނުލައެވެ. އޭގެ ބޭނުމެއްވެސް ނެތެވެ. އަމީރާއަށް މިހާރުވެސް އެނގެއެވެ. އަމީރާ މިފަހަރު ވާހަކަދެއްކީ ކުރިއަށްވުރެ ސާބިތުކަމާއެކުގައެވެ. “އަހަރެންގެ ދަރިން އެބަތިބި.” އެ ކުއްޖާގެ މޫނުމަތިން ކުޑަ އޯގާތެރިކަމެއް ފެނުނެވެ. “ޔެސް، އައި ނޯ.” އޭނާ މަޑުމަޑުން ބުންޏެވެ. “އަހަރެން އެކުދިން ދުށިން ކަލޭއާއެކު އެއް ދުވަހު.”
އެ ބަސްތައް އަމީރާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. މީސްްމީހުން ތިބީ ބަލަބަލައެވެ އެކަމަކު އަޅައެއް ނުލައެވެ. “އަހަރެމެން ދާނީ އެކުގައި.” އަމީރާ ބުންޏެވެ. “ކަލޭ އަހަންނަށް އެހީވޭ އެކުދިން ބޭރަށް ނެރެން. އަހަރެން ކަލޭ ސަލާމަތްކޮށްދޭނަން.” އެ ކުއްޖާ ފަސްޖެހިފައި ހުރެ، މަޑުމަޑުން ބޯޖަހާލިއެވެ. “އޯކޭ.”
މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާއެކު، އަމީރާ ވަގުތުން ފަހަތަށް ޖެހުނެވެ. ދައްކަމުންދިޔަ ވާހަކަ ވެސް މެދުކަނޑާލީއެވެ. ޝައްކުކުރެވޭނެ ކަމެއް ވާހަކައެއް ނެތެވެ. އެރޭ ގެއަށް ގޮސް، އަމީރާ އިނީ ހިމޭނުންނެވެ. މަޑުމައިތިރިކޮށް، ހަމަޖެހިގެންނެވެ. އެކަމަކު އޭނާގެ ސިކުނޑި ދިޔައީ މަސައްކަތް ކުރަމުންނެވެ. ރާވަމުންނެވެ. ހިސާބުތައް ޖަހަމުންނެވެ. ދެ ރޭ. ދޯންޏެއް. އެ ރަށް. ފުރުސަތެއް. އެކަމަކު ނުރައްކާ އޮތީ ކޮންމެ ދިމާލެއްގައެވެ. ގާއްޑޭ އަދި އޭނާގެ މީހުން ދެން އެންމެ ބޮޑު ނުރައްކަލަކީ ޒީވާއެވެ. އޭނާއަށް ފާރަލަމުންދާ، އިންތިޒާރުގައި ހުރި، އެންމެ ކުށަކަށް ބަލަބަލައި އިންތިޒާރުގައި ހުރި އަންހެންމީހާއެވެ.
އެރޭ އަމީރާ ކުޑަ ވަގުތުކޮޅަކަށް ލޯ މަރާލާ ނިދޭތޯ މަސައްކަތް ކުރިއެވެ. ދެފަރާތުގައި ދެކުދިން އަމީރާ ގާތު ނިދާފައި އޮތެވެ. އެއްވެސް ޔަޤީންކަމެއް، ރައްކާތެރިކަމެއް، ހިމާޔަތެއް، އަޅާލާނެއް ބަޔަކު ނެތް ތަނެއްގައި މި ދެކުދިން ބޮޑުވަމުން ދަނީއެވެ. މިއީ އަހަރެންގެ ނިކަމެތިކަމެވެ. އަމީރާ ހިތަށް އެރިއެވެ. އަދި އަމިއްލަ ނަފްސަށް ވަޢުދެއް ވިއެވެ. ހަމައެކަނި ދިރިހުރުމަކަށް ނޫނެވެ. ފިލައިގެން ދިއުމަށެވެ. އޭނާގެ ދަރިންނާއެކުގައެވެ. ކޮންމެ މީހަކާ ކުރިމަތިލާން ޖެހުނަސް، ކޮންމެ ފަދަ މީހަކަށް އޭނާ ބަދަލުވާން ޖެހުނަސް ހެވެވެ. ސަބަބަކީ މިހާރު އޭނާއަކީ ހަމައެކަނި އެމީހުންގެ ދުނިޔޭގައި ބަންދުވެފައިވާ މީހެއް ނޫނެވެ. އޭނާ މިހާރު ދަނީ އެ ދުނިޔެ މަސައްކަތްކުރާ ގޮތް ދަސްކުރަމުންނެވެ. އަދި ވަރަށް އަވަހަށް، އޭނާ އެކަން އެމީހުންނާ ދެކޮޅަށް ބޭނުންކުރާނެއެވެ.
(ނުނިމޭ)
