ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މީހުންގެ ސަމާލުކަން ހޯދުމަށާއި ޝައުޤުވެރިކަން އުފެއްދުމަށް އެންމެ ބޮޑަށް ބޭނުންކުރަމުން އައީ ރަތްކުލައެވެ. ތުންފަތުގައި ޖައްސާ ރަތްކުލައިން ފެށިގެން ގޮސް، ފާހަގަކޮށްލެވޭ ރަތް ހެދުންތަކަކީ އަންހެނުން އެންމެ އިސްކަންދޭ ކުލައެވެ. ނަމަވެސް ގުޅުންތަކާ ބެހޭ މާހިރުން ބުނާ ގޮތުގައި، ލޯބީގެ މައިދާނުގައި މިހާރު ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ކުލަތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ޑްރެގަން ޓޯއިސްގެ ރިލޭޝަންޝިޕް އެކްސްޕާޓް އެމިލީ ކޮންވޭ ބުނެފައިވާ ގޮތުގައި ރަތްކުލައަކީ އަބަދުވެސް ނުފޫޒުގަދަ ކުލައެއް ނަމަވެސް، މިހާރު މީހުންނާ ގާތްކަމާއި އިޙުސާސްތަކާ ގުޅިފައިވާ ކުލަތަކަށް ދެވޭ ސަމާލުކަން ވަނީ އިތުރުވެފައެވެ. ފިރިހެނުން މިހާރު ބޮޑަށް ޝައުޤުވެރިވަނީ ގަދަފަދަ ކުލަތަކުގެ ބަދަލުގައި ހިތްހަމަޖެހުމާއި، އޯގާތެރިކަން އަދި ތެދުވެރިކަން ރަމްޒުކޮށްދޭ މަޑު ކުލަތަކަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މޫޑު ރަނގަޅުކޮށްދޭ ކުލަތައް ކަމަށްވާ މަޑު ނޫކުލަ، ފަނޑު ފިޔާތޮށި ކުލަ އަދި ދަބަރު އޮރެންޖު ކުލައަކީ މިހާރު ލޯބީގެ ގުޅުންތަކުގައި އެންމެ ކުރި ހޯދަމުން އަންނަ ކުލަތަކެވެ. ތިރީގައި މިވަނީ މި ބަދަލު އަންނަން މެދުވެރިވި ސަބަބުތަކާއި، ފާހަގަކޮށްލެވޭ ފަސް ކުލައެއްގެ ތަފްސީލެވެ.
1. މަޑު ނޫކުލަ – އިތުބާރާއި ހަމަޖެހުން
ނޫކުލައަކީ ފިނި ނުވަތަ ދުރުހެލި ކުލައެއް ކަމަށް ބެލެވުނު ޒަމާން ހިނގައްޖެއެވެ. މިހާރު މަޑު ނޫކުލައަކީ ލޯބީގެ ގުޅުންތަކުގައި ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކުލައެކެވެ. މި ކުލައިން ސިފަކޮށްދެނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ހިތްހެޔޮކަމެވެ. މިއީ ފިރިހެނުންނަށް ވަރަށް ކަމުދާ ސިފަތަކެކެވެ. ކޮންވޭ ބުނެފައިވާ ގޮތުގައި، މަޑު ނޫކުލައިން އިތުބާރާއި ހަމަޖެހުމުގެ އިޙުސާސް ވަގުތުން އުފައްދައިދެއެވެ. މިއީ ކޮފީއަކަށް ދިޔުން ނުވަތަ ބަންދު ދުވަސްތަކުގެ ބައްދަލުވުންތަކަށް ވަރަށް އެކަށީގެންވާ ކުލައެކެވެ.

ފޮޓޯ: އޭއައި ބޭނުންކޮށްގެން އުފައްދާފައި / މުނިއަވަސް
2. ފަނޑު ފިޔާތޮށި (ބްލަޝް ޕިންކް) – ހިތްގައިމު އަންހެންވަންތަކަން
ގަދަ ފިޔާތޮށި ކުލައަށްވުރެ މިހާރު މަޤުބޫލީ ފަނޑު ފިޔާތޮށި ނުވަތަ “ބްލަޝް ޕިންކް” އެވެ. މިއީ އަންހެންވަންތަކަމާއި މަޑުމައިތިރިކަމުގެ ފުރިހަމަ މިސާލެކެވެ. މާ ބޮޑަށް ދައްކާލަން އުޅޭހެން ހީނުވާ، އެކަމަކު ހިތް ދަމައިގަންނަ ފަދަ ތަފާތު ރީތިކަމެއް މި ކުލައިގައި އެކުލެވިގެންވެއެވެ. ޚާއްސަކޮށް ރޭގަނޑުގެ ކެއުންތަކާއި ބައްދަލުވުންތަކަށް މި ކުލަ ވަރަށް ފުރިހަމައެވެ.

ފޮޓޯ: އޭއައި ބޭނުންކޮށްގެން އުފައްދާފައި / މުނިއަވަސް
3. ފަނޑު ފެހިކުލަ (ސޭޖް ގްރީން) – ތަފާތު އަދި ސާދާ
ޤުދުރަތީ ކުލަތަކުގެ ތެރެއިން “ސޭޖް ގްރީން” އަކީ ހީނުކުރާ ފަދަ ބޮޑު މަޤުބޫލުކަމެއް ހޯދަމުންދާ ކުލައެކެވެ. މި ކުލައިން ދައްކުވައިދެނީ އަމިއްލަ ނަފްސަށް އިތުބާރު އޮތް، ސާދާ މިޒާޖެއްގެ މީހެއްގެ ސިފައެވެ. ބޭރުތެރޭގައި ބާއްވާ ބައްދަލުވުންތަކާއި، ޕާކު ފަދަ ތަންތަނަށް ދާއިރު މި ކުލަ ވަރަށް ގުޅެއެވެ.

ފޮޓޯ: އޭއައި ބޭނުންކޮށްގެން އުފައްދާފައި / މުނިއަވަސް
4. ދަބަރު އޮރެންޖު (ރަސްޓް އޮރެންޖު) – އުފެއްދުންތެރިކަމާއި ހަކަތަ
މިއީ މާ ބޮޑަށް ހަޅޭއްލަވައިގަންނަ ކުލައަކަށް ނުވެ، އެހެން މީހުންގެ ތެރެއިން ފާހަގަކޮށްލެވޭނެ ހިތްގައިމު ކުލައެކެވެ. މި ކުލައިން ހަކަތައާއި އުފެއްދުންތެރިކަން ރަމްޒުކޮށްދެއެވެ. އާޓް ގެލެރީތަކާއި މިއުޒިކް ޝޯ ފަދަ ތަންތަނަށް ދާއިރު، މި ކުލައިން ތިބާއަކީ ތަފާތު އަދި ޝައުޤުވެރި މީހެއްކަން ހާމަކޮށްދެއެވެ.

ފޮޓޯ: އޭއައި ބޭނުންކޮށްގެން އުފައްދާފައި / މުނިއަވަސް
5. އަޅި-ކަޅު (ގްރޭ-ބްލެކް) – ސިއްރުވެިކަމާއި ފުންކަން
ސާފު ކަޅުކުލައިގެ ބަދަލުގައި، އަޅިކުލައާއި ކަޅުކުލަ އެކުލެވޭ ގަދަ އަޅިކުލައަކީ މިހާރު ފިރިހެނުންނަށް ވަރަށް ކަމުދާ ކުލައެކެވެ. މިއީ ސިއްރުވެރިކަމާއި މުއްސަނދިކަން އިހުސާސްކޮށްދޭ ކުލައެކެވެ. ޚާއްސަކޮށް ރޭގަނޑުގެ ވަރަށް ޚާއްސަ ބައްދަލުވުންތަކަށް މި ކުލަ ވަރަށް ފުރިހަމައެވެ.

ފޮޓޯ: އޭއައި ބޭނުންކޮށްގެން އުފައްދާފައި / މުނިއަވަސް
އެމިލީ ކޮންވޭ ލަފާދޭ ގޮތުގައި، ކުލަ އިޚްތިޔާރު ކުރަންވާނީ ދާ ތަނަކަށާއި ދޭން ބޭނުންވާ މެސެޖަކަށް ބަލައިގެންނެވެ. އެންމެ މުހިންމު ކަމަކީ ތިމާ ލައިގެން ހުންނަ އެއްޗަކުން އަމިއްލަ ނަފްސަށް އިތުބާރު ލިބުމެވެ. ފިރިހެނުންނަށް އެންމެ ކަމުދަނީ އަމިއްލަ ނަފްސަށް އިތުބާރު އޮތް މީހުންނެވެ. ރަތްކުލަ މުޅިން ދޫކޮށްލުމުގެ ބަދަލުގައި، މި އާ ކުލަތައް ބޭނުންކޮށްގެން ތިމާގެ ފެންނަ ފެނުމަށް އިތުރު ފުރިހަމަކަމެއް ގެނެވިދާނެއެވެ.
