މާކުންބެ
ޑައިނިންގް ހޯލުން ސާރާއަށް ނިކުމެވުނު ގޮތެއް ސާރާ ހަނދާނެއް ނެތެވެ. އެއީ މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ އިނީ އެންމެންގެ ތެރޭގައި، ވަރަށް މަޑުމައިތިރިކަމާއެކު އަމިއްލަ ނަފުސު ކޮންޓްރޯލްކޮށްގެންނެވެ. އެކަމަކު ސާރާ މަޑުމަޑުން ހިނގަން މަސައްކަތްކުރި ނަމަވެސް ބޭއިޚްތިޔާރުގައި ދުއްވައިގަނެވުނެވެ. ދިގު ފެންޑާތަކުގެ ތެރެއިން ލާފައި ގޮސް އެއްވެސް އަޑެއްބަޑެއް ނެތް ފާރުތަކުގެ ކައިރިންނެވެ. ސާރާއަށް ފާރަވެރިވަމުންދިޔަ ގާޑުންގެ ކުރިމަތިންނެވެ. ސާރާ ގޮސް ސޯފީގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭނާ ހުރީ މާނޭވާލެވޭ ހާލުގައެވެ. ނަމަވެސް ދެލޯ ދިޔައީ އުފަލުން ވިދަމުންނެވެ. “ސޯފީ..!” އާދައިގެ މަތިން، އެ ކޮޓަރިން އޭނާއާ ބައްދަލުކުރީ ހަމަހިމޭންކަމެވެ. ފަނޑު އަލިކަމެވެ. މެޝިންތަކުން ނުކުންނަ މަޑު އަޑެވެ. އެއްވެސް ބަދަލެއް ނައިސް ހުއްޓިފައިވާ ފަދަ މަޑުމައިތިރިކަމެކެވެ. އެކަމަކު ސާރާ މަޑެއް ނުކުރިއެވެ.
“އަހަންނަށް ހުއްދަ ލިބިއްޖެ!” އުފަލުން ފުރިގެންވާ އަޑަކުން ސާރާ ބުންޏެވެ. އޭނާގެ އަޑުގައި ހިނިތުންވުމެއް ވިއެވެ. “ޤަބޫލުކުރެވޭތަ؟ އެމީހުން އާނއެކޭ ބުނެފި! އެމީހުން ހަޤީޤަތުގައިވެސް އާނއެކޭ ބުނެފި ސޯފީ… އަހަންނަށް ކިޔެވޭނެ، ރަނގަޅަށް ކަންކަން އުނގެނެވޭނެ!” އެއަށްފަހު.. ސާރާ ހީނލިއެވެ. އެއީ ހަޤީޤީ ލުއި ހިނިތުންވުމެކެވެ. މިނިވަންކަމެވެ. ހީވަނީ ކުރިން ދުވެ ކުޅެން އުޅުނު ކުޑަކުޑަ އަންހެން ކުއްޖާހެންނެވެ.
“އަހަރެން ހުވަފެންތަކާ ބެހޭގޮތުން ކިޔަވާނަން.” އެނދާ ދިމާލަށް ނަށަމުން ކައިރިވަމުން ސާރާ ބުންޏެވެ. “އޭގެ މާނަތަކާ ބެހޭގޮތުން.. އަހަރެމެން މި ދައްކާ ހުރިހާ ވާހަކައަކާ ބެހޭގޮތުން.. އަހަރެމެން މި ހޭދަކުރާ ދިރިއުޅުމާ ބެހޭގޮތުން.”
ސާރާ ގޮސް އެނދާ އަރާ ހަމަވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު ސޯފީގެ އަތުގައި ހިފާލާ، ލޯތްބާއެކު ފިތާލިއެވެ.
“މިހާރު އަހަންނަށް މިކަންކަން މާ ރަނގަޅަށް ދެނެގަނެވޭނެ.” އޭނާ މަޑުމަޑުން ބުންޏެވެ. “އަހަރެމެންގެ ކަންކަން.. މާ ރަނގަޅަށް.” އިރުކޮޅަކަށް އޭނާ އެތަނުގައި ހުއްޓިލައިގެން ހުރީ އޭނާގެ ދައްތައަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. ކޮންމެވެސް ކަމަކަށް އިންތިޒާރުކުރާ، އުންމީދުކުރާ ފަދައަކުންނެވެ. ކޮންމެވެސް ކަމެއް ވާނެ ކަމަށެވެ.
ނަމަވެސް..
މަޑު ބީޕް އެއްގެ އަޑެއް އިވުނެވެ. ސާރާ އޭނާގެ އަތުކުރީ ގަޑިއަށް ބަލާލިއެވެ. އާދައިގެ މަތިން ތާވަލު ކުރެވިގެން ކަންކަން ކުރަންޖެހޭ ވަގުތެވެ. އޭނާގެ ހިނިތުންވުން ކުޑަކޮށް ފަނޑުވި ނަމަވެސް، މުޅިން ފިލައިގެންނެއް ނުދެއެވެ.
“މިއީ ވާހަކަ ކިޔައިދޭ ވަގުތު.” ސާރާ މަޑުމަޑުން ބުންޏެވެ.
ސަރާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލައި، ކޮޓަރީގެ އެއްފަރާތުގައި ހުރި ބޮޑު ކުތުބުޚާނާއާ ދިމާލަށް އެނބުރުނެވެ. އެތައް ބައިވަރު ފޮތްތަކެކެވެ.
ހުޅުވާލެވޭނެ ވަގުތަކަށް އިންތިޒާރުގައިވާ އެތައް ދުނިޔެތަކެކެވެ. އޭނާގެ އިނގިލިތަކުން ފޮތްތަކުގެ ބޭރުގަނޑުގައި މަޑުމަޑުން އަތްލަމުން ދިޔައެވެ. އަދި އެއް ފޮތެއްގެ ކައިރީގައި ހުއްޓުނެވެ. އޭނާ އެ ފޮތް ނެގިއެވެ. އޭނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް އައެވެ.
“މިއަދު..” ސޯފީއަށް ބަލާލަމުން އޭނާ ބުންޏެވެ. “އަހަރެމެން ކިޔާނީ ކަނޑުފޭރޭ މީހުންގެ ވާހަކަ.”
އޭނާ އަނބުރާ ހިނގައިގަތެވެ. މިފަހަރު ކުރިއަށްވުރެ މަޑުމައިތިރިކޮށެވެ. އާދައިގެ މަތިން އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެފައިވާ ގޮތަށެވެ.
ސޯފީގެ ކައިރީގައި އިށީނދެ، އޭނާ ރަޖާގަނޑު ރީތިކޮށްލިއެވެ. އަދި ސޯފީގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅެއް މަޑުމަޑުން އެއްފަރާތްކޮށްލިއެވެ.
ވަރަށް އޯގާތެރިކަމާއެކުގައެވެ.
ސަމާލުކަމާއެކުގައެވެ.
ލޯތްބާއެކުގައެވެ.
“ތައްޔާރުތަ ސޯފީ؟” އޭނާ މަޑުމަޑުން އަހާލިއެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމެވެ. އަދި އާދައިގެ މަތިން.. ސާރާ ޤަބޫލުކުރީ އެ ހަމަހިމޭންކަމަކީ އޭނާއަށް ލިބުނު ޖަވާބު ކަމަށެވެ. އޭނާ ފޮތް ހުޅުވާލިއެވެ. އަދި ކިޔަން ފެށިއެވެ. އޭނާގެ ހަރަކާތްތެރި އަދި ސާބިތު އަޑުން މުޅި ކޮޓަރި ފުރިގެން ދިޔައިރު.. ސޯފީގެ އިނގިލިތައް ވަރަށް ކުޑަކޮށް މީހަކަށް ފާހަގަނުވާނެހާ މަޑުމަޑުން ހަރަކާތްކޮށްލިއެވެ.
ސާރާގެ ދުލުން ވާހަކަ ކިޔަން ފެށުމާއެކު ދުނިޔެ ބަދަލުވާން ފެށިއެވެ. ކޮޓަރީގެ ފާރުތައް ފުސްވެ، މުޅި މާހައުލު އޮމާންވިއެވެ. މެޝިންތަކުގެ މެދުކެނޑުމެއް ނެތް އަޑު މަޑުވަމުން ގޮސް، ދުރުން އިވޭ ރާޅުތަކުގެ ބާރު އަޑަށް ބަދަލުވިއެވެ. އަދި ހަމަ އެހިނދު އެމީހުން ތިބީ އެ ބޮޑު ގަނޑުވަރު ފަދަ ގޭގައެއް ނޫނެވެ. އެމީހުން ތިބީ ކަނޑުމަތީގައެވެ. ފައިދަށުގައި އޮތީ ރަންވަން ފަނޑު އިރުއޮއްސޭ މަންޒަރަކުން ދިއްލިފައިވާ، ލަކުޑިން ހަދާފައިވާ ފުރިހަމަ ކަނޑުފޭރޭ އުޅަނދެކެވެ. މަތީގައިވާ ރިޔާތައް ވަޔާ ދެމިފައިވާއިރު، އިންތިހާއެއް ނެތް ކަނޑުގެ ލޮނުގަނޑު ހުރިހާ ފަރާތަކުން ވިދަމުންދެއެވެ.
މުޅި މާހައުލުގައި ވަނީ ހިނިތުންވުމާއި ހީނލުމުގެ އަޑެވެ. އިންސާނުންގެ އަޑުތަކެވެ. މިއުޒިކެވެ. ދިރުމެވެ. މި ހުރިހާ ކަމެއްގެ މެދުގައި ސާރާ ހުއްޓެވެ. ދިރުމުން ފުރިގެންވާ ހާލުގައެވެ. މިނިވަންކަމާއެކުގައެވެ. އަދި އޭނާގެ ގާތުގައި ސޯފީ ހުއްޓެވެ. އެއްވެސް ހަރަކާތެއް ނެތި އޮތް އޮތުމެއް ނޫނެވެ. ހަނުހިމޭންކަމެއް ނޫނެވެ. ނަމަވެސް، ކޮޅަށް ހުރެގެންނެވެ. ހިނިތުންވެފައިވާ ހާލުގައެވެ. އޭނާގެ ރަން މުށިކުލައިގެ ދިގު އިސްތަށިގަނޑު ކަނޑުގެ ރޯޅިތަކާއެކު ނަށަމުންދެއެވެ.
“މިއަދު ތިޔަ އިޚްތިޔާރު ކުރީ ވަރަށް ރީތި ވާހަކައެއް.” ސޯފީ ސަމާސާ ރާގަކަށް ބުންޏެވެ. އޭނާގެ ލޮލުން އުފާވެރިކަން ފާޅުވެއެވެ. ސާރާ ހީނލިއެވެ. އޭނާގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. “އަހަރެން ބުނީމެއްނު ދައްތައަށް މި ވާހަކަ ކަމުދާނެއޭ.”
އެމީހުންގެ ވަށައިގެން، ކަނޑުފޭރޭ މީހުން ބާރަށް ހަޅޭއްލަވައި އުފާ ފާޅުކުރަމުން ދިޔައެވެ. ޚަޒާނާތައް އުފުލައި، ލަވަކިޔައި، މުޅި ޑެކް ފުރޭވަރަށް ބޮޑު ސުފުރާއެއް ތައްޔާރުކުރަމުން ދިޔައެވެ. ތަށިތައް ވަނީ ކާތަކެތިން ފުރިފައެވެ. ކުލަތައް ގަދަވެފައި، އެތަކެތި ފެންނަލެއް ވަރަށް ހިތްގައިމެވެ.
މި ކުޑަ ހިނދުކޮޅު ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައެވެ. އެހެންނަމަވެސް ވައިގެ މިސްރާބު ބަދަލުވިއެވެ. ނުތަނަވަސް ހިމޭންކަމެއް މުޅި މާހައުލަށް ވެރިވާން ފެށިއެވެ. ލަސްލަހުންނެވެ. އިޙުސާސްކުރަން އުނދަގޫ ގޮތަކަށެވެ. އެއްވެސް އިޝާރާތަކާ ނުލައި، ކަނޑުފޭރޭ މީހުން އެކަކު އަނެކަކަށްފަހު ހުއްޓެން ފެށިއެވެ. އެމީހުންގެ ހުނުމުގެ އަޑު ކެނޑުނެވެ. އެމީހުންގެ ނަޒަރު ހުއްޓުނީ އުޅަނދުގެ އަނެއްކޮޅަށެވެ. ބަރު އަޑެއް އިވުނެވެ. ފިޔަވަޅެއްގެ އަޑެވެ. އުޅަނދުގެ ލަކުޑިގަނޑު ކޮންމެ ފިޔަވަޅަކާއެކު ގުޑަމުން ދިޔައީ، އެއީ އާދައިގެ މީހެއްގެ ބަރުދަނެއް ނޫންކަން އަންގައިދެމުންނެވެ. ފިޔަވަޅެއްގެ އަޑެވެ.
ސާރާއަށް އެ މަންޒަރު ފެނުމުގެ ކުރިންވެސް އެކަން އިޙުސާސް ކުރެވުނެވެ. އޭނާގެ މޭގައި އުފެދުނު ބިރުވެރިކަމެވެ. އެއީ އިންޒާރެކެވެ. ކުރީގެ ވާހަކަތަކުން މަޝްހޫރު ޝަޚުސިޔަތެއް ކުލަވަރުތަކުގެ ތެރެއިން ފާޅުވިއެވެ. މާކުންބޭ! ބޮޑުވެފައި، ބިޔައެވެ. އޭނާގެ ހަށިގަނޑު ވަށްވެފައި ބަރުދަން ބޮޑެވެ. ހަރަކާތްތައް ލަސްވި ނަމަވެސް، އެއީ ހުއްޓުވޭނެ ހަރަކާތްތަކެއް ނޫނެވެ. އޭނާގެ ލޮލުން ފެންނަނީ އެންމެ އެދުމެކެވެ. އެއީ ބަނޑުހައިކަމެވެ.
އޭނާގެ އަތުގައި ކާތަކެތި ހުއްޓެވެ. ކޮޅެއް ނެތްހާ ގިނަ ކާތަކެއްޗެވެ. މާކުންބޭ އެތަކެތި ކައި ހުސްކުރަމުން ދިޔައީ، އެއްވެސް އަސަރެއް ނެތް ފަދަ ބާރުމިނެއްގައެވެ. އޭނާގެ އަޑުން ފުން، ހިތްހަމަޖެހިފައިވާ ހުނުމެއް އިވުނެވެ. ބަރު އަޑެކެވެ. ގުގުމާފައިވާ އަޑެކެވެ. “ކާނާ..” އޭނާ މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑު ވަނީ ވަރުބަލިކަމާއި ފުންކަމުން ފުރިފައެވެ. “ހުރިހާ އެއްޗެއް.. އަހަރެންގެ..”
މީހަކު އެއްޗެއް ބުނުމުގެ ކުރިން އޭނާ ކުރިއަށް ޖެހިގަތެވެ. ތަށިތައް ގެއްލެން ފެށިއެވެ. ބޮޑެތި ފީފާތައް ފުރޮޅާލިއެވެ. ހުރިހާ ކާތަކެތި އޭނާގެ އަތުތެރެއަށް ޖަމާކޮށް، އަނގަޔަށް އަޅައި، މުޅިން ފުހެލިއެވެ. ކަނޑުފޭރޭ މީހުން ހަޅޭއްލަވަމުން ކުރިއަށް ޖެހުނެވެ ނަމަވެސް އެއީ ބޭކާރު ކަމެކެވެ. އޭނާ މާ ބިޔައެވެ. މާ ވަރުގަދައެވެ. އޭނާގެ އެދުން މާ ބޮޑެވެ.
“މާކުންބެ މިޔޮއްގެން ހުރިހާ އެއްޗެއް ކައި ހުސްކުރަނީ!” ސާރާ ބިރުން ހަޅޭއްލަވައިގަތެވެ. ސޯފީ، ސާރާގެ އަތުގައި ހިފެހެއްޓިއެވެ. “އަހަރެމެން އޭނާ ހުއްޓުވައިފިނަމަ އެހެންނެއް ނުވާނެ.”
ސާރާ، ސޯފީއާ ދިމާއަށް ބަލާލިއެވެ. ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ހަމަ ކުރިއެކޭ އެއްފަދައެވެ. އަނެއްކާވެސް އެހެން ވާހަކައެކެވެ. އަނެއްކާވެސް އެހެން އިމްތިހާނެކެވެ. “އެކުގައި؟” ސާރާ އެހިއެވެ. ސޯފީ ހިނިތުންވެލިއެވެ. “އަބަދުވެސް.”
އެމީހުން ކުރިއަށް ދުއްވައިގަތެވެ. ކޮނޑާއި ކޮނޑު ޖައްސައިގެން ތިބެ އެ ހަލަބޮލިކަމުގެ ތެރެއަށެވެ. ނަމަވެސް، ސާރާ ގާތަށް ޖެހިލުމުން އޭނާއަށް ކަމެއް ފާހަގަވިއެވެ. މާކުންބޭ ކިތަންމެ ވަރަކަށް ކެއި ނަމަވެސް އޭނާގެ ބަނޑު ފުރޭ ގޮތެއް ނުވެއެވެ. އޭނާގެ ބަނޑުހައިކަން ކުޑައެއް ނުވެއެވެ. އެ ބަނޑުހައިކަން ދިޔައީ ބޮޑުވަމުންނެވެ. އަދި ކުއްލިއަކަށް ކާތަކެއްޗާއެކު، އުޅަނދުގައި އޮތް އުފާވެރިކަން ގެއްލެން ފެށިއެވެ. ހުނުމުގެ އަޑެވެ. މިއުޒިކެވެ. އަލިކަމެވެ. މި ހުރިހާ ކަމެއް ދިޔައީ އެތެރެއަށް ދަމައިގަންނަމުންނެވެ. ސާރާގެ ހިނގުން މަޑުވިއެވެ. އޭނާއަށް ކަމެއް ވިސްނެން ފެށިއެވެ. ނުތަނަވަސްކަމެވެ. ބިރުވެރިކަމެވެ. މިއީ ހަމައެކަނި ކާތަކެތީގެ ވާހަކައެއް ނޫނެވެ.
މާކުންބޭ ގާތަށް ޖެހިލީ ލަސްލަހުންނެވެ. ބަރު ފިޔަވަޅުތަކަކާއެކު ހުއްޓުވުމެއް ނެތް ބާރަކާ އެކުގައެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު، އެ ނަވުގެ އަޑިން ގުގުމައިގެން ދެއެވެ. ލާ ކޮންމެ ނޭވާއެއްގެ އަޑު އިވެނީ އެއްޗެއް ދަމައިގަންނަ ފަދަ.. ހުސްކޮށްލާ ފަދަ.. ބިރުވެރި އަޑެއްގެ ގޮތުގައެވެ.
އޭނާ ކިތަންމެ ވަރަކަށް ކެއި ނަމަވެސް އޭނާގެ ބަނޑުހައިހޫނުކަމެއް ނުފިލައެވެ. މޭވާތަކާއި އެކި ވައްތަރުގެ ފިހެފައި ހުރި މަހާއި ކުކުޅަކުން ވެސް ނޫނެވެ. ކަނޑުފޭރޭ މީހުންނަށް ތައްޔާރުކޮށްފައިވާ އެ ބޮޑު ސުފުރާއަކުން ވެސް އޭނާއަކަށް ނުފުދުނެވެ. އެއްވެސް އެއްޗަކުން އޭނާގެ ހިތްހަމަޖެހުމެއް ނުލިބުނެވެ.
“ސާރާ..” ސޯފީގެ އަޑު މިފަހަރު އިވުނީ ކުރިއަށްވުރެ މާ މަޑުންނެވެ. އަޑުގައި ތަފާތު ގޮތެއް ހުއްޓެވެ. ސާރާ އެނބުރި ބަލައިލިއެވެ. އޭނާގެ ދައްތަގެ ލޮލުން ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އަސަރެއް ފެނުނެވެ. އެއީ ބިރުވެރިކަމެއް ހާސްކަމެއްވެސް ނޫނެވެ. އެއީ ކަމެއް ވިސްނިގެން ހުރި ފަދަ ބަލައިލުމެކެވެ.
ވަށައިގެން އޮތް ނަވުގެ އަލި ފަނޑުވާން ފެށިއެވެ. ކުރިން އިވުނު ހުނުމުގެ އަޑާއި ހަޅޭކުގެ އަޑުތައް މުޅިން ހިމޭންވެއްޖެއެވެ. ކަނޑުފޭރޭ މީހުން ފެންނާކަށް ނެތެވެ. ކަނޑު އޮތީ މަރުވެފައިވާ ފަދަ ހިމޭންކަމެއްގައެވެ. ފެންނަން ތިބީ ހަމައެކަނި އެ ދެމީހުންނެވެ. އަދި މާކުންބެއެވެ.
މާކުންބޭ މަޑުމަޑުން، ބާރު އަޑަކުން ހީނގަތެވެ. އެމީހުންނަށް ކަންތައްތައް ވިސްނެން ފެށިކަން އޭނާއަށް އެނގޭ ފަދައެވެ. “އޭނާ އެ އަތުލައިގަންނަނީ..” ސޯފީގެ އަޑު ދިޔައީ ދުރުވަމުންނެވެ. ހުވަފެނުގެ ތެރެއަށް ފަނޑުވަމުންދާ ކަހަލައެވެ. “އޭނާ ހުއްޓައެއް ނުލާނެ..”
ސާރާގެ ސިކުނޑީގައި ޚިޔާލުތައް އެނބުރެން ފެށިއެވެ. ލޯމައްޗަށް ސިފަވަމުން ދިޔައީ އެ ބޮޑު ގަނޑުވަރު ފަދަ ގެއެވެ. އެތަނުގައި އޮންނަ ހިމޭންކަމެވެ. ފަޅުކަމެވެ. ވޭތުވެދިޔަ އަހަރުތަކެވެ. ހުރިހާ ނިޢުމަތަކުން ފުރިފައިވާ ދިރިއުޅުމެކެވެ. ނަމަވެސް އެއްވެސް އިޙުސާސެއް ނެތް ދިރިއުޅުމެކެވެ.
“މާކުންބެއަކީ އެ ހުސްކަން.” ސާރާ ބުންޏެވެ.
އެ ބަސްތައް ދުލުން ބޭރުވި ހިނދުން ހުވަފެން ބަދަލުވާން ފެށިއެވެ. މާކުންބޭ ހުއްޓުނެވެ. މުޅިން ހިމޭންވިއެވެ. އަދި މަޑުމަޑުން އޭނާ ހިނިތުންވެލިއެވެ. ފުޅާކޮށް، ފުންކޮށެވެ. އެއީ ފަޚުރުވެރި ހިނިތުންވުމެއް ކަހަލައެވެ. ސަބަބަކީ އޭނާއަށް އެކަން އެނގުމެވެ. އަދި އެކަމުގެ ސަބަބުން މާކުންބެއަކީ ވެސް މި ދެބެންގެ ބައެއް ކަމުގައި ވެގެން ދިޔައީއެވެ.
އެ ބަނޑުހައިހޫނުކަމުގެ ރާޅުބާނިތައް ވައިގެ ތެރޭގައި ދައުރުވާން ފެށިއެވެ.
ސާރާގެ ހިތް މާޔޫސްވިއެވެ. އޭނާގެ މޭގައި އުފެދިފައިވާ އެ ބާރުގަދަ ތަދެވެ. ދުވަހަކުވެސް ނަން ދޭން ނޭނގުނު އެ ފަޅުކަމެވެ. އެއްވެސް މުއްސަނދިކަމަކުން، އުފަލަކުން ނުވަތަ އާދަކާދައަކުން ފޫނުބެއްދުނު އެ އެކަނިވެރިކަމެވެ. އެއީ ހަމައެކަނި އޭނާގެ ބޭރުގައިވާ ކަމެއް ނޫނެވެ. އެއީ އޭނާގެ އެތެރޭގައިވާ ކަމެކެވެ. އަދި މާކުންބޭ ކާނާ ހޯދަމުން އެދަނީ އެ އިޙުސާސްތަކުންނެވެ.
“އެހެންވީމާ، އޭނާއަށް އެއްވެސް އެއްޗެއް ނުދީ.” ސޯފީ ބުންޏެވެ. ސާރާ ކަޅި ޖަހާލިއެވެ. “ކީކޭ؟” “އޭނާ ތިބާގެ އަތުން އެއްވެސް އެއްޗެއް އަތުލިޔަ ނުދީ.” ސޯފީގެ އަޑުގައި މިހާރު ހުރީ އަވަސްކަމެކެވެ. “ތިބާގެ އިޙުސާސްތަކެއް ނޫން.. ތިބާގެ އުންމީދުތަކެއް ނޫން.. އަދި..”
ދުނިޔެ ކުދިކުދިވާން ފެށިއެވެ. އެ ނާ ފުނޑުފުނޑުވެ، އަލީގެ އެތިކޮޅުތަކަކަށް ބަދަލުވިއެވެ. ކަނޑު އެތެރެއަށް އޮބިގެން ދިޔައެވެ. މާކުންބޭގެ ހުނުމުގެ އަޑު ބަދަލުވެ، ބިރުވެރި އަޑަކަށް ވެގެން ދިޔައެވެ. އަދި ސާރާއަށް ހޭލެވުނެވެ.
އޭނާގެ ނޭވާ ހުރީ އަވަސްވެފައެވެ. ކައިރީގައި ފޮތް ހުޅުވިފައި އޮތެވެ. އޭނާގެ އަތް އޮތީ ސޯފީގެ އަތްމަތީގައެވެ. ކޮޓަރި އޮތީ ކުރިންވެސް އޮތް ގޮތަށެވެ. ހިމޭންކޮށެވެ. އެއްވެސް ބަދަލެއް ނެތެވެ. ސާރާ ތިރިއަށް ބަލައިލިއެވެ. އޭނާގެ އިނގިލިތަކުން ސޯފީގެ އަތުގައި ކުޑަކޮށް ހިފަހައްޓާލިއެވެ. އަދި އެއަށްފަހު އޭނާ ގަނޑުވިއެވެ. ސަބަބަކީ މިފަހަރު އެއްވެސް ޝައްކެއް ނެތެވެ. ސޯފީގެ އިނގިލިތަކުން.. ރައްދުގައި ފިތާލިއެވެ. އެއީ ހަމައެކަނި ހަރަކާތެއް ނޫނެވެ. އެއީ ހީވި ހީވުމެއްވެސް ނޫނެވެ. އެއީ ދިން ރައްދެކެވެ. ކުޑަކުޑަ، ބަލިކަށި، ނަމަވެސް ހަޤީޤީ ރައްދެކެވެ.
ސާރާގެ ލޯ ވަގުތުން ފެންކަޅިވިއެވެ. އޭނާގެ ނޭވާ ހުއްޓުނު ފަދައެވެ “ސޯފީ..؟” އެއްވެސް އަޑެއް ނީވުނެވެ. ނަމަވެސް ސާރާ އަތެއް ދުލެއް ނުކުރިއެވެ. އޭނާއަކަށް ދުލެއް ނުކުރެވޭނެއެވެ. ސަބަބަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ފަޅުކަމަކީ ނިމުމެއް ނެތް އެއްޗެއް ކަމަކަށް އޭނާއަށް އިޙުސާސެއް ނުކުރެވުނެވެ.
(ނުނިމޭ)
