ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ލޯތްބާ ނުލައި – ދެވަނަ ބައި

ޝަފްރާޒް ހިމޭންވިއެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. “އަހަރެން… އަހަރެން އޮފީހުގެ ބައެއް ފައިސާ… ކޮންމެވެސް ބަޔަކު އަތުން ނެގިން. އެމީހުން ބުނި ވަގުތަށް ނުދެވުނީމާ…”

މުނާ ޝަފްރާޒްގެ މޫނަށް ބަލާލީ ފޫހިކަމާއެކުގައެވެ. “ކަލޭގެ ފައިސާގެ ދަހިވެތިކަމުގެ އަގު މި ދައްކަނީ މަގޭ ދަރިފުޅުތަ؟”

ޝަފްރާޒްގެ އިއުތިރާފާއެކު މުޅި މާހައުލު ބަދަލުވެގެން ދިޔައެވެ. ފުލުހުންގެ ތަހުގީގު ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ ހަމައެކަނި ގެއްލިފައިވާ ކުއްޖަކު ހޯދުމަކަށް ނޫނެވެ. މިއީ ރޭވުންތެރި ކުށްވެރި އަމަލެއްގެ ގޮތުގައި އެމީހުން ބަލަން ފެށިއެވެ.

“ޝަފްރާޒް، އެމީހުންނަކީ ކޮން ބައެއްކަން ކަލެއަށް އެނގެންވާނެ،” އޮފިސަރު ހަރުކަށިކަމާއެކު ބުންޏެވެ. “ކަލޭ ދަރަނި ނެގީ ކާކު އަތުން؟”

ޝަފްރާޒް އޭނާގެ ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ. “އެއީ… އެއީ މާލޭގައި ކޮންސްޓްރަކްޝަން ސާމާނު ސަޕްލައިކުރާ ބައެއް. އެކަމަކު އެމީހުންނަކީ ގޭންގުތަކާ ގުޅުން އޮންނަ ބައެއްކަން އަހަންނަށް އެނގުނީ ފަހުން. އަހަރެން ހީކުރީ ފައިސާ ދިނީމާ ނިމުނީ ކަމަށް.”

މުނާ އިނީ ގަބުވެފައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އަލީފްގެ ފޮޓޯއެވެ. އެ ކުޑަކުޑަ ދަރިފުޅުގެ ބަނދެފައިވާ އަތާއި ފައި، އަދި ބިރުން ފުރިފައިވާ ލޯ ފެނުމުން އޭނާގެ މުޅި ހަށިގަނޑު ހީވަނީ ފިސްފިސްވާހެންނެވެ. އޭނާއަށް އިހުސާސް ކުރެވެމުންދިޔައީ އަމިއްލަ ނަފުސު ކުށްވެރިކުރެވޭ އިހުސާސެކެވެ. ރޭގައި އޭނާ އަލީފަށް ހަޅޭއްނުލެވި ނަމަ، އޭނާގެ މައްޗަށް ލޯބި އިސްކުރި ނަމަ، މިއަދު މި ހާލަތެއް ދިމައެއް ނުވީހެވެ.

ފުލުހުން ޝަފްރާޒް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް މާލޭގެ ބައެއް ތަންތަން ރޭޑް ކުރަން ފެށިއެވެ. ހުޅުމާލޭގެ ފޭސް 2 އިން ފެށިގެން މާލޭގެ ހަނި ގޯޅިތަކާ ހަމައަށް ފުލުހުންގެ ހަރަކާތްތައް އިތުރުވިއެވެ.

މި ހުރިހާ ހަލަބޮލިކަމެއްގެ ތެރޭގައި، މުނާގެ ފޯނަށް އަނެއްކާވެސް ކޯލެއް އައެވެ. މިފަހަރު އެއީ ވީޑިއޯ ކޯލެކެވެ. މުނާ ތުރުތުރުލާ އަތަކުން ފޯނު ނެގިއެވެ.

ސްކްރީނުން ފެނުނީ އަނދިރި ކޮޓަރިއެކެވެ. ކޮޓަރީގެ ކަނެއްގައި އަލީފް އިނީ ބިމުގައި އިށީނދެގެންނެވެ. އޭނާގެ އަނގަމަތީގައި ވަނީ ޓޭޕް އަޅާފައެވެ.

“ބަލާބަލަ، މިއީތަ ތިޔަ ހޯދާ ކުއްޖަކީ؟” ބަރު އަޑަކުން މީހަކު ވާހަކަދެއްކިއެވެ. އެ މީހާގެ މޫނެއް ނުފެނެއެވެ. “ޝަފްރާޒް ގާތު ބުނޭ، އަހަރެމެން ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނޭ. އޭނާގެ އަތުގައި އޮތް އެ ލިޔުންތައްވެސް ބޭނުމޭ. އެ ލިޔުންތައް ނުލިބެނީސް މި ކުއްޖާ ދޫނުކުރާނަން.”

“ލިޔުންތަކޭ؟” މުނާ ހަޅޭއްލަވައިގަތެވެ. “ކޮން ލިޔުމެއްގެ ވާހަކައެއް ތިޔަ ދައްކަނީ؟ ޝަފްރާޒް! ކަލޭ ކޮން ކަންތައްގަނޑެއް ހިންގައިގެން ތި އުޅެނީ؟”

ޝަފްރާޒްގެ މޫނު ހުދުވިއެވެ. އޭނާ ދެންމެ ދެންމެ ބިމަށް ވެއްޓިދާނެހެން ހީވިއެވެ. “އެއީ… އެއީ އޮފީހުގެ ބައެއް ސިއްރު ޕްރޮޖެކްޓްތަކުގެ ލިޔުންތަކެއް. އެމީހުން ބޭނުންވަނީ އެ ބޭނުންކޮށްގެން ސަރުކާރުގެ ބޮޑު ބިމެއް ހޯދަން.”

މުނާ ޝަފްރާޒްގެ ގަމީހުގެ ގިރުވާނުގައި ހިފައި ތަޅުވައިގަތެވެ. “ކަލޭގެ ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް މަގޭ ދަރިފުޅު ވައްދަން ކަލެއަށް ކެރުނީ ކިހިނެއް؟ ކަލޭގެ އަމިއްލަ އެދުމަށްޓަކައި އަލީފްގެ ފުރާނަ އަތަށް ތިޔަ ލައިދިނީ!”

ފުލުހުން މުނާ ދުރުކުރިއެވެ. އޮފިސަރު ޝަފްރާޒާ ސުވާލުކުރަން ފެށިއެވެ. “އެ ލިޔުންތައް ކޮބާ؟”

“އެއީ… އެ ހުންނާނީ އަހަރެން ރައްކާކޮށްފަ އަހަރެންގެ އާ އެޕާޓްމަންޓްގަ،” ޝަފްރާޒް އިސްދަށަށް ޖަހައިގެން ހުރެ ބުންޏެވެ.

ފުލުހުން ވަގުތުން ޝަފްރާޒްގެ އާ އެޕާޓްމަންޓަށް ދިޔައެވެ. އެއީ މާލޭގެ މެދުތެރޭގައި ހުރި އާ އިމާރާތެކެވެ. މުނާވެސް އެމީހުންނާއެކު ދިޔައެވެ. އޭނާ ބޭނުންވީ އެތަނުގައި އުޅޭ “އަނެއް އަންހެންމީހާ” ދެކިލާށެވެ.

އެޕާޓްމަންޓަށް ވަދެވުމާއެކު، ފެނުނީ ސިޓިންގްރޫމުގައި އިން މާބަނޑު އަންހެނެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ މަޑުމައިތިރިކަމާއި ކަންބޮޑުވުމެވެ. އެއީ އައިޝާއެވެ.

“ޝަފްރާޒް؟ ކިހިނެއްވީ؟ މިއީ ކޮން ބައެއް؟” އައިޝާ ތެދުވަމުން އެހިއެވެ.

މުނާ އައިޝާއަށް ބަލާލީ ނަފުރަތުން ފުރިފައިވާ ނަޒަރަކުންނެވެ. “ކަލޭތަ މަގޭ އާއިލާ ރޫޅާލި މީހަކީ؟ ކަލޭގެ ބަނޑުގައި އޮތް ދަރިފުޅަށްޓަކައި މަގޭ ދަރިފުޅު ގުރުބާން ކުރަންތަ ތިޔަ އުޅެނީ؟”

އައިޝާ ބިރުން ފަހަތަށް ޖެހުނެވެ. “އަހަރެން… އަހަންނަކަށް ނޭނގޭ ތިޔަ ދައްކާ ވާހަކައެއް.”

ފުލުހުން އެޕާޓްމަންޓް ބަލާ ފާސްކުރަން ފެށިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަލަމާރީގެ ފުރަގަހުގައި ހުރި ސިއްރު ވަތްގަނޑަކުން ބޮޑު ސިޓީއުރައެއް ފެނުނެވެ. އޭގައި ހުރީ ސަރުކާރުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ މުހިއްމު ލިޔުންތަކެކެވެ.

“މިއޮތީ ހެކި،” އޮފިސަރު ބުންޏެވެ. “ޝަފްރާޒް، ކަލޭގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލޭނެ. އެކަމަކު މިވަގުތު އެންމެ މުހިއްމީ އަލީފް. މި ލިޔުންތައް ބޭނުންކޮށްގެން އަހަރެމެން އެމީހުން މަޅިއެއްގައި ޖައްސާނީ.”

ފުލުހުން ރޭވުމެއް ރޭވިއެވެ. ޝަފްރާޒް އެމީހުންނަށް ގުޅައި، ލިޔުންތައް ބަދަލުކުރަން އެއްބަސްވާ ތަނަކަށް ދާން ބުންޏެވެ. އެ ތަނަކީ މާލޭގެ އިންޑަސްޓްރިއަލް ޒޯންގެ ފަޅު ގުދަނެކެވެ.

އެރޭގެ ދަންވަރު، މާލޭގެ މަގުތައް ހަމަހިމޭންވެފައި އޮތް ވަގުތު، ޝަފްރާޒް އެކަނިމާއެކަނި އެ ގުދަނާ ދިމާލަށް ހިނގަމުންދިޔައެވެ. އޭނާގެ ހަށިގަނޑުގައި ވަނީ ފުލުހުން ހަރުކޮށްފައިވާ އަޑުއަހާ އާލާތްތަކެވެ. ފުލުހުން ތިބީ ދުރުގައި ފިލައި ހުޝިޔާރުވެގެންނެވެ.

ގުދަނުގެ އެތެރެއަށް ވަދެވުމާއެކު، ބަރު ދޮރެއް ލެއްޕުނު އަޑު އިވުނެވެ. “ލިޔުންތައް ގެނައިންތަ؟” އަނދިރީގެ ތެރެއިން އަޑެއް އިވުނެވެ.

“އާނ، މިއޮތީ. ކޮބާ މަގޭ ދަރިފުޅު؟” ޝަފްރާޒްގެ އަޑު ތުރުތުރުލައެވެ.

ކުއްލިއަކަށް ބޮކިތައް ދިއްލުނެވެ. ޝަފްރާޒްގެ ކުރިމަތީގައި ތިބީ ވަޅި ހިފައިގެން ތިން މީހުންނެވެ. އެމީހުންގެ މެދުގައި އަލީފް އިނީ ގޮނޑިއެއްގައި ބަނދެފައެވެ. އޭނާގެ ލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. އޭނާގެ ބައްޕަ ފެނުމުން އޭނާ ރޯން ފެށިއެވެ.

“ބައްޕާ…” އޭނާގެ އަޑު އިވުނީ ވަރަށް މަޑުންނެވެ.

“ދަރިފުޅާ، ބިރުނުގަނޭ. ބައްޕަ މިއައީ ދަރިފުޅު ގެންދަން،” ޝަފްރާޒް ބުންޏެވެ.

ނަމަވެސް އެމީހުންގެ ތެރެއިން އިސްކޮށް ހުރި މީހާ ހިނިތުންވެލިއެވެ. “ޝަފްރާޒް، ކަލޭ ހީކުރީ އަހަރެމެންނަކީ މޮޔައިން ކަމަށްތަ؟ ކަލޭގެ ފަހަތުން ފުލުހުން އަންނަކަން އަހަރެމެންނަށް އެނގޭ. މި ލިޔުންތަކަކީ މިހާރު ބޭނުންތެރި އެއްޗެއް ނޫން. އަހަރެމެން މިހާރު ބޭނުންވަނީ ކަލޭގެ ދަރިފުޅެއް ނޫން. އަހަރެމެން ބޭނުންވަނީ ކަލޭގެ ފުރާނަ!”

އެމީހާ ވަޅި ނަގައި ޝަފްރާޒަށް އަމާޒުކުރިއެވެ. އަލީފް ހަޅޭއްލަވައިގަތެވެ. ހަމަ އެވަގުތު ފުލުހުން ގުދަނުގެ ދޮރުތައް ފަޅާލާފައި އެތެރެއަށް ވަނެވެ.

ގުދަނުގެ ތެރޭގައި ހިނގައިދިޔަ ކުރިމަތިލުންތަކުގެ ތެރޭގައި، މުޅި ތަން ވަނީ ދުމުން ފުރިފައެވެ. ފުލުހުން ހަލުވިކަމާއެކު ކުށްވެރިން ހިފަހައްޓަން މަސައްކަތް ކުރަމުންދިޔައެވެ.

ޝަފްރާޒް ބިމަށް ތިރިވެ، އަލީފްއާ ދިމާލަށް ދާން މަސައްކަތް ކުރިއެވެ. “އަލީފް! އަލީފް!” އޭނާ ގޮވަމުންދިޔައެވެ.

ކުއްލިއަކަށް ބާރު ގޮވުމެއްގެ އަޑު އިވުނެވެ. ގުދަނުގެ އެއްފަރާތުގައި ހުރި ކެމިކަލް ފީފާތަކެއްގައި އަލިފާން ހިފައި، ބޮޑު ގޮވުމެއް ގޮވީއެވެ. މުޅި އިމާރާތް ތުރުތުރުލާން ފެށިއެވެ.

“ދަރިފުޅާ!” ޝަފްރާޒް ދުވެފައި ގޮސް އަލީފްގެ އަތްފައި މޮހެން ފެށިއެވެ. އަލީފް ބިރުން ތުރުތުރުލަމުން ޝަފްރާޒްގެ ގައިގައި ބައްދާލިއެވެ. “ބައްޕާ، އަވަހަށް ހިނގާ ދާން!”

ދެމީހުން ގުދަނުން ނުކުންނަން ދުވަމުންދިޔައިރު، މަތިން ސީލިންގްގެ ބައިތައް ވެއްޓެމުންދިޔައެވެ. އަލީފްގެ ގައިމަތީގައި ޝަފްރާޒް އަތްއަޅައިގެން އޭނާ ސަލާމަތް ކުރަން އުޅެނިކޮށް، ބޮޑު ކޮންކްރީޓް ބުރިއެއް ޝަފްރާޒްގެ ފައި މައްޗަށް ވެއްޓުނެވެ.

“އާހް!” ޝަފްރާޒް ހަޅޭއްލަވައިގަނެ ބިމަށް ވެއްޓުނެވެ.

“ބައްޕާ!” އަލީފް ރޮމުން ޝަފްރާޒް ކައިރީގައި އިށީނދެ، އެ ބަރު ކޮންކްރީޓްގަނޑު ނަގަން މަސައްކަތް ކުރިއެވެ.

“ދަރިފުޅާ، ދޭ! އަވަހަށް މިތަނުން ނުކުމޭ!” ޝަފްރާޒް އުނދަގުލާއެކު ބުންޏެވެ. “ބައްޕައަށް ނުދެވޭނެ. ދަރިފުޅު ސަލާމަތްވޭ!”

“ނޫން ބައްޕާ! ބައްޕަ ގޮވައިގެން ނޫނީ އަހަރެން ނުދާނަން!” އަލީފް ގިސްލާފައި ރޮމުންދިޔައެވެ.

އެވަގުތު މުނާ ގުދަނުގެ ދޮރުމައްޗަށް އައެވެ. ފުލުހުން އޭނާ ހިފަހައްޓަން އުޅުނަސް، އޭނާ ފޮޅުވާލާފައި އެތެރެއަށް ވަނެވެ. “އަލީފް! ޝަފްރާޒް!”

އޭނާއަށް ފެނުނު މަންޒަރުން ހިތް ކުދިކުދިވިއެވެ. އަލިފާނުގެ ހުޅުގަނޑުގެ ތެރޭގައި އޭނާގެ ފިރިމީހާއާއި ދަރިފުޅު ތާށިވެފައި ތިބި މަންޒަރެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި އެމީހުންގެ ކައިރިއަށް ދިޔައެވެ.

“މުނާ، އަލީފް ގެންދޭ! އަވަސް ކުރޭ!” ޝަފްރާޒް ބުންޏެވެ. އޭނާގެ މޫނުމަތީގައި ވަނީ ތަދާއި ރިހުމެވެ.

މުނާއާއި އަލީފް އެކުވެގެން އެ ކޮންކްރީޓްގަނޑު ކޮންމެވެސް ވަރަކަށް ދުރަށް ޖައްސާލިއެވެ. ޝަފްރާޒް އޭނާގެ ފައި ދަމައިގަތެވެ. އޭނާގެ ފައި އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. މުނާ ޝަފްރާޒްގެ ކޮނޑުގައި އަތްއަޅައި، އަލީފް އަނެއް ފަރާތުން އެހީވެގެން ތިންމީހުން އެކުގައި ބޭރަށް ނުކުތެވެ.

ބޭރަށް ނުކުމެވުމާއެކު، ޝަފްރާޒް ބިމަށް ވެއްޓުނެވެ. އެމްބިއުލާންސްގެ އަޑު އިވެން ފެށިއެވެ. މުނާ އަލީފްގެ ގައިގައި ބާރަށް ބައްދާލިއެވެ. ދެމީހުންގެ ލޮލުންވެސް ހުއްޓުމެއް ނެތް ކަރުނަ އޮހެމުންދިޔައެވެ.

“މަންމާ، އަހަރެން މައާފަށް އެދެން،” އަލީފް މަޑުމަޑުން ބުންޏެވެ.

“ނޫން ދަރިފުޅާ، މައާފަށް އެދެންޖެހޭނީ މަންމަ. މަންމައަށް ދަރިފުޅުގެ ހިތުގެ ރިހުން ނުފެނުނީތީ. މަންމަގެ އަމިއްލަ ދުނިޔޭގަ އުޅެވުނީތީ،” މުނާ ރޮމުން ބުންޏެވެ.

ޝަފްރާޒް އެމްބިއުލާންސަށް އެރުވުނެވެ. އޭނާ މުނާގެ އަތުގައި ހިފާލިއެވެ. “މުނާ… އަހަރެމެންނަށް ދެން އެކުގަ އުޅެވިދާނެތަ؟”

މުނާ ހިމޭންވިއެވެ. އޭނާ ބަލާލީ އަލީފްގެ މޫނަށެވެ. އަލީފްގެ ލޮލުގައި ވަނީ އުންމީދެވެ. އޭނާ ބޭނުންވަނީ އޭނާގެ އާއިލާއެވެ. ނަމަވެސް މުނާއަށް އެނގެއެވެ. ލޯބި ނެތް ތަނެއްގައި އާއިލާއެއް ބިނާ ނުކުރެވޭނެކަމެވެ.

“ޝަފްރާޒް، އަހަރެމެން ދެމީހުންގެ މެދުގައި އޮތް ލޯބި މަރުވެއްޖެތާ ކިތަންމެ ދުވަހެއް ވެއްޖެ އެއްނު. ދެން އެހެން ނޫނަސް ތި ވާހަކަ ދައްކާނީ ފަހުން.” ވާހަކަ އޮއްބައިލުމަށް މުނާ ދިނީ ރުންކުރު ޖަވާބެކެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ހިމޭން ކޮރިޑޯތަކުގައި ވަނީ ބޭސްވަހާއި ނުތަނަވަސްކަމެވެ. ޝަފްރާޒް އޮތީ އޮޕަރޭޝަން ތިއޭޓަރުގައެވެ. އޭނާގެ ފައިގެ ކަށިތައް ހުރީ ވަރަށް ބޮޑަށް ފިސްވެފައެވެ. މުނާ އިނީ ބޭރުގައި ހުރި ގޮނޑިބަރީގައި އަލީފްގެ ބޯ އޭނާގެ އުނގުގައި ބާއްވައިގެންނެވެ. އަލީފް އޮތީ ގަދަ ނިދީގައެވެ. އެތައް ދުވަހެއްގެ ވަރުބަލިކަމާއި ބިރުވެރިކަމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ވަރުބަލިވެފައެވެ.

އެވަގުތު މުނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ އައިޝާގެ މެސެޖެކެވެ. “ޝަފްރާޒް ކިހިނެއް؟ އަހަރެން ހޮސްޕިޓަލަށް ދާން ބޭނުން.”

މުނާ ފުން ނޭވާއެއްލިއެވެ. އޭނާގެ ހިތުގައި އައިޝާއަށްޓަކައި އޮތް ނަފްރަތު މިހާރު ވަނީ މަޑުވެފައެވެ. އޭނާއަށް ވިސްނުނީ އައިޝާއަކީވެސް ޝަފްރާޒްގެ ދޮގުތަކާއި އޮޅުވާލުންތަކުގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމެވެ. އޭނާގެ ބަނޑުގައި އެއޮތީ ޝަފްރާޒްގެ ދަރިއެކެވެ. އަލީފްގެ ކޮއްކޮއެކެވެ.

މުނާ ޖަވާބު ލިޔުނެވެ. “އޭނާ އޮތީ އޮޕަރޭޝަން ތިއޭޓަރުގަ. މިވަގުތު ނައުން ބުއްދިވެރި. ފަހުން ގުޅާނަން.”

އިރުކޮޅަކުން ފުލުހުންގެ އޮފިސަރު އައިސް މުނާގެ ކައިރީގައި އިށީނދެލިއެވެ. “މުނާ، ޝަފްރާޒްގެ މައްޗަށް ކުރެވޭ ތަހުގީގު ކުރިއަށް ދާނެ. އޭނާ ކުރި ކަންތައްތަކަކީ ކުޑަ ކަންތައްތަކެއް ނޫން. އޭނާ ރަނގަޅުވުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ.”

މުނާ ބޯ ޖަހާލިއެވެ. “އަހަންނަށް އެނގޭ. އޭނާ އޭނާގެ އަމަލުތަކުގެ ޒިންމާ އުފުލަން ޖެހޭނެ. އެކަމަކު އަހަރެން އެދެނީ އަލީފަށް މި ހުރިހާ ކަމެއްގެ އަސަރު ވީހާވެސް ކުޑަކޮށް ކުރާނެ ގޮތަކަށް ކަންތައް ކޮށްދިނުން.”

“އަހަރެމެން މަސައްކަތް ކުރާނަން،” އޮފިސަރު ބުންޏެވެ.

ތިން މަސް ފަސް

ހުޅުމާލޭގެ އަތިރިމަތީގައި އަލީފް ދުވެލާފައި އުޅެއެވެ. އޭނާގެ މޫނުމަތިން މިހާރު ފެންނަނީ އުފާވެރިކަމެވެ. އޭނާ މިހާރު ދަނީ ކައުންސެލިންގް ނަގަމުންނެވެ. އޭނާގެ ހިތުގައި އުފެދުނު ބިރުވެރިކަމުގެ ލަކުނުތައް ފިލަން އަދި ދުވަސް ނަގާނެއެވެ. ނަމަވެސް މުނާގެ ލޯތްބާއި އަޅާލުމުގެ ސަބަބުން އޭނާ ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

ޝަފްރާޒް ހުރީ ޖަލުގައެވެ. އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައެވެ. މުނާ ކޮންމެ މަހަކު އެއްފަހަރު އަލީފް ގޮވައިގެން ޝަފްރާޒާ ބައްދަލުކުރަން ދެއެވެ. އެމީހުންގެ ކައިވެނި މިހާރު ވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފައެވެ.

މުނާ މިހާރު އުޅެނީ އަމިއްލަ ކުޑަ އެޕާޓްމަންޓެއްގައެވެ. އޭނާ ވަނީ ވަޒީފާއަކަށް ދާން ފަށާފައެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާވެސް އަމާޒަކީ އަލީފްއެވެ.

އެއްދުވަހު ހަވީރު، މުނާ ބެލްކަނީގައި އިށީނދެ އިންދާ އައިޝާ އޭނާއަށް ގުޅިއެވެ. އައިޝާ ވިހައިފިއެވެ. އޭނާ ބޭނުންވީ އަލީފް އޭނާގެ ކޮއްކޮ ދެކިލަން ގެންދާށެވެ.

މުނާ އަލީފަށް ގޮވާލިއެވެ. “ދަރިފުޅާ، ކޮއްކޮ ދެކިލަން ދާންވީނު؟”

އަލީފްގެ ލޮލުން އުފާވެރިކަން ފެނުނެވެ. “އާނ މަންމާ! ހިނގާ އަވަހަށް ދާން.”

މުނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި މިހާރު ވަނީ ކުރިން ނެތް ކަހަލަ ހަމަޖެހުމެކެވެ. ލޯބި ނެތް ދުނިޔެއަކުން، ލޯބިން ފުރިގެންވާ އައު ދުނިޔެއަކަށް އޭނާ ވަނީ ދަތުރުކޮށްފައެވެ.

މާލޭގެ އުޑުމަތި ދަނީ ރަތްކުލައިގެ ރީތި ކުލަތަކުން ފެވެމުންނެވެ. އިރު އޮއްސެމުންދިޔައިރު، އެއީ ނިމުމެއް ނޫން ކަމާއި، އާ ދުވަހަކަށް ފުރުސަތު ދިނުމަށްޓަކައި ވާ ގުރުބާނީއެއްކަން މުނާއަށް އިހުސާސް ކުރެވުނެވެ.

ނިމުނީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top