ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ފިނިފެންމާ – މިނީ ސީރީޒް

“ހަބަރު ހުސްވެފައިއޮތް ޒުވާނަކު ބަނދަރު ބޭރުކޮޅު ރުއްގަނޑު ސަރަހައްދުން ފެނިއްޖެ …. އޭނާގެ އަނގައާ ނޭފަތުން ހުދުފޮނާއި ލޭ އައިސްފަ ހުރީ.”

އަރައިގެން އައި އިރާއިއެކު ރަށުތެރެއަށް ފެތުރު ޚަބަރުން ރައްޔިތުންނަށް ސިހުން ގެނުވިއެވެ. އެއްބަޔަކު ސިއްހީމަރުކަޒާއި ދިމާއަށް ދުއްވައިގަތްއިރު އަނެއް ބަޔަކު އުޅުނީ ވާހަކަ ހޯދާށެވެ.

” އެއީ އެއުޅޭ އަސީލް. ކުރިން ރެއަކު ވެސް ދަންވަރު ޒުވާން ގުރޫޕަކަށް އޭނާ އެތަނުން ފެނިގެން ގެއަށް ގެންދިޔަ. އެރޭ ދެން ކޮންމެވެސް ވަރަކަށް ވާނުވާ އެނގޭ ކަމަށްވަނީ. ” ސިއްހީމަރުކަޒާއި ދިމާއަށް ދިޔަ ހުސެންދީ ކުރި ސުވާލަށް ޖަވާބު ދިނީ އިހުމާދު އެވެ.

” ކޮންމެވެސް އަންހެނެއްގެ ކަންތައް. އެހެން ނޫނީ ހަކުރު ކަހަލަ އެއްޗެއްގެ ކަންތައް އެއުޅެނީ. ” ހުސެންދީ އާއި އިހުމާދުގެ ވާހަކަތަކަށް އަލީ ވެސް ބަޔެއް އިތުރުކޮށްލިއެވެ.

” އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލަށް ވިސްނާލީމަ ވެސް އެނގޭނެ އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން. ” ކޮންމެ މީހަކު ވެސް ދައްކަމުން ދިޔައީ އެމީހަކަށް ގަބޫލުކުރެވޭ ގޮތުގެ ވާހަކައެވެ.

ސިއްހީމަރުކަޒުގައި އެނދުމަތިކޮށް އަސީލަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށުނެވެ.

” ސުވައިލާ … ސުވައިލާ … އެއީ އޭނާއެއް ނޫން. އެއީ ޖިންނިއެއް. އެއީ ޖިންނިއެއް. އޭނާ … ” ހޭ އެރުމާއިއެކު އަސީލް ހަޅޭލަވައިގަތެވެ. އޭނާ މަސައްކަތްކުރީ އެނދުން ފައިބާށެވެ. ކޮންމެވެސް މީހެއްގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރި ކަހަލަ އެވެ. ކަރުގައި ހިފައިގެން ހުރި އަތެއް ނައްޓަން އުޅޭހެން ވެސް ހީވިއެވެ.

” މީހަކު މީހަކު ދެކެ ލޯބި ވާނީ އެހާކަން ވަރަކަށް. ނޫނޭ … ކަލޭ ވާ ނަސީބު ގަދަ. ” ހިޖްރާ އާއި ސުވައިލާ ތިބީ ސުވައިލާގެ ކޮޓަރީގައެވެ. ދެ އެކުވެރިންގެ މެދުގައި ދެކެވެމުން ދިޔައީ ހިނގައިގެން އުޅޭ ހާދިސާގެ ވާހަކައެވެ.

އެނދުމަތިކޮށް ފަރުވާ ދެމުންދިޔަ އަސީލްގެ ގަޔަށް ލޭ އަޅަން ޖެހުނެވެ. އެއްފަހަރުން ނުފުދިގެން ދެވަނަ ފަހަރަށް ވެސް ލޭ އަޅަން ޖެހުނެވެ. ލޭ މަދުވާ ސަބަބު ނުހޯދުނު ނަމަވެސް، ފަރުވާ ހޯދުނެވެ. ލޭ އެޅުމުން އޭނާ ހަމައަކަށް އެޅުނެވެ.

އަސީލާއި ޖަމްސީދު ބައްދަލުކުރީ އިރާކޮޅު ވަގުތު އަސީލްމެން ގެއިންނެވެ. ޖަމްސީދު އެގެއަށް އައީ އަސީލްގެ މަންމަ ވާސިޔާ އާއި ބައްޕަ ފަރުހީން އެދިގެން އަސީލްއާ ބައްދަލުކުރާށެވެ. އޭނާއާއެކު ސުވައިލާ އާއި އޭނާގެ ފިރިމީހާ ނިހާމް ވެސް އައެވެ.

ޖަމްސީދު ދެއްކި ވާހަކަތައް އަސީލް އަޑުއެހިއެވެ. އޭނާއާ ބައްދަލުކުރަނީ ސުވައިލާއެއް ނޫނެވެ. އެއީ ސުވައިލާގެ ސިފައިގަ ހުރި އެހެން މަހުލޫގެކެވެ.
އެއީ ސުވައިލާ ނޫންކަން ސުވައިލާ އާއި އޭނާގެ ފިރިމީހާ ވެސް އަސީލަށް ޔަގީންކޮށް ދިނެވެ. އެކަމަށް ބާރުދޭ އެތައް ހެއްކެއް ދެއްކިއެވެ. އަމިއްލައަށް ވިސްނާލުމުން ވެސް ގަބޫލު ކުރަންޖެހޭ އެތައް ކަމެއް އެމީހުން ބުނެދިނެވެ.

ލޯބި ޖައްސާ ސިހުރު ނުވަތަ އިސްތިރި އާންމުކޮށް ހަދަނީ މީހަކު އެހެން މީހެއްގެ ލޯބި ހޯދުމަށެވެ. ހިތް ޖެއްސުމަށް ނުވަތަ ދުރުވިޔަ ނުދިނުމަށެވެ. އެންމެބޮޑު ބޭނުމަކީ އަބަދު ވެސް އޭނާ ރުއްސާފައި ބެހެއްޓުމެވެ. ބޭނުންވާ މީހާއާ ކައިވެނި ކުރުމުގެ ބޭނުމުގައި އެކަން ކުރާ މީހުން ވެސް އުޅެއެވެ. ސިހުރަކީ ޝިރުކުގެ އަމަލަކަށްވުމުން އެކަމަކީ އެއްވެސް ހާލެއްގައި ހުއްދަ ވެގެންވާ ކަމެއް ނޫނެވެ.

މިފަދަ ހާލަތްތަކުގައި އެކަން ޖެހޭ މީހާ އަނެކާ ދެކެ އާދަޔާ ހިލާފު ލޯތްބެއް ވެއެވެ. އެމީހަކު މަތިން އަބަދު ހަނދާން ވުމާއި ފާހިޝް އަމަލުތަކަށް ބޭނުންވުމާއި، އެކަމަށް ހާއްސަ ސައުގުވެރިކަމެއް ހުރުމަކީ ވެސް މިފަދަ ކަންކަމުން ދިމާވާ ކަންކަމެވެ.

ސިހުރު ޖެހިފައި ހުންނަ މީހާގެ ބުއްދި ގޯސްވުމަކީ ވެސް ދިމާވާ ކަމެކެވެ. ސިހުރަކީ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އެކަމަށް އެތައް އުކުޅެއް ބޭނުންކުރެއެވެ. އެއްޗެއް ކާން ނުވަތަ ބޯން ދީފާނެއެވެ. މަހާނަމަތިން ވެލި ނަގައިގެން ނުވަތަ ތަވީދެއް އަޅުވައިގެން ވެސް އެކަން ކޮށްފާނެއެވެ.

އެވާހަކަތަކާއިމެދު ވިސްނަން އިން އަސީލް، ތެދުބަހުން ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އެއްބަސްވިއެވެ.

އެއީ މީގެ ތިންމަހެއްހާ ދުވަސްކުރިއެވެ. އަސީލް އާއި ސުވައިލާ ބައްދަލުވީ ރައްޓެއްސަކާއިއެކު ކޮފީއަކަށް ދިޔަ ރެއަކު ކެފޭ އިންނެވެ.
ހެދިހުރި އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. ގައިގެ ކުލަ އަލިވެފައި އޮމާނެވެ. ފަންކަން އެކުލެވިގެންވާ ކަޅު ފަށުވި ދިގު އިސްތަށިގަނޑެކެވެ. ބައްޓަން ޗާލުވެފައި ލޫޅާފަތިގޮތެއް ހުއްޓެވެ. ކޮށްފައިވާ ފުރިހަމަ މޭކަޕާއި ލާފައިވާ ޒަމާނީ ހެދުން އޭނާއާ ނުހަނު ގުޅެއެވެ.

ފުރަތަމަ ފެނިލުމުން ވެސް ސުވައިލާގެ ފުރިހަމަ ސޫރަ އަސީލްގެ ހިތުގައި ބިންވަޅު ނެގުނެވެ.
ކޮފީގައި ހޭދަކޮށްލެވުނު ވަގުތުކޮޅު ވެގެން ދިޔައީ އަސީލްގެ ހިތަށް ނުހަނު ހަމަޖެހުން ގެނުވި އުފާވެރި ވަގުތުކޮޅަކަށެވެ. ސުވައިލާއާ ވާހަކަ ދައްކާލެވުމުން ވެސް އޭނާގެ ހިތަށް ފިނިކަން ލިބުނެވެ. ރަނގަޅު ފެށުމަކަށް ވާނެކަމަށް އުންމީދު ކުރެވުނެވެ.
ކިތަންމެ ބޭނުން ވިޔަސް، ދިމާވި ފުރަތަމަ ފަހަރު ވީމާ ފޯނު ނަންބަރު އަހާލާކަށް ނުކެރުނެވެ.
ވަގުތުގެ ދައުރުވުން މެންދަމާއި ދިމާއަށް މިސްރާބު ޖެހިއެވެ. ކޮފީ ނިންމާލުމަށްފަހު އެމީހެއްގެ މަންޒިލާއި ދިމާއަށް އެމީހަކު މިސްރާބު ޖެހިއެވެ. އަސީލަށް ގެއާއި ހަމައަށް އާދެވުނުއިރު ބާރަ ޖަހަން ވެއްޖެއެވެ. ނިދަން އޮތްއިރު ވެސް އަސީލަށް ވިސްނެމުން ދިޔައީ ސުވައިލާއާމެދު އެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ރޭދުވާ ދައުރުވަމުން ދިޔައެވެ. ސުވައިލާއާ ބައްދަލުކޮށްލާނެ ފުރުސަތެއް ލިބޭތޯ އަސީލް ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ނުލިބުނެވެ.

ހިޖްރާއާ އަސީލް ދިމާވީ އޮފީހުން ނުކުމެގެން އައި މަގުމަތިންނެވެ.
ސުވައިލާގެ ވާހަކަ ދައްކާލަން މިއަށްވުރެ ރަނގަޅު ވަގުތެއް ނުލިބޭނެކަން އެނގުމާއިއެކު އަސީލް އެވާހަކަ ފެށިއެވެ.

“އަސީލް! ކަލޭ މޮޔަވީތަ؟ އެއީ މީހެއްގެ އަނތްބެއް … ތިކަމުގައި އަހަރެންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯއްނާނެ.” އަސީލްގެ ވާހަކަތައް އަޑުއަހަން ހުރި ހިޖްރާއަށް ލިބުނީ ހައިރާންކަމެވެ. ކޮންމެވެސް ވަރަކަށް ހިތްހަމަ ވެސް ނުޖެހުނެވެ.

“އެހެން ވިޔަސް ނަންބަރު ދެވިދާނެއެއްނު. ރައްޓެއްސެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާލުން އެއީ އެވަރުގެ ކަމެއް ނޫނެއްނު.” އަސީލް ވާހަކަ ބަދަލުކޮށްލިއެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ އެގޮތްކަން އޭނާއަށް ވިސްނުނެވެ.

“ތިކަމެއް ނުވާނެ. ވަރަށްބޮޑަށް ސޮރީ.” އަސީލް ދައްކާނެ ވާހަކައަކަށް އިންތިޒާރު ކުރުމެއްނެތި އަސީލްއާ ދުރަށް ހިޖްރާ ހިނގައިގަތެވެ.

ކުރިމަތިވި ނާކާމިޔާބުން ލިބުނު މާޔޫސްކަމުގެ މައްޗަށް ހިތްހަމަ ނުޖެހުން ގަދަވެގަތެވެ. ރުޅިވެރިކަމާއިއެކު ހިޖްރާއަށް ބަލައިލަމުން އަސީލް ސައިކަލް ދުއްވާލިއެވެ.

ދެއްކި ވާހަކައިގެ ސަބަބުން ހިތްހަމަ ނުޖެހިގެން ދިޔަނަމަވެސް، އިރުކޮޅަކުން ހިޖްރާ ހަމައަކަށް އެޅޭނެކަމަށް އަސީލަށް ގަބޫލު ކުރެވުނެވެ. އެހެނަސް ކަންތައްވީ އެހެނެއް ނޫނެވެ.
އެތައް ފަހަރަކު އަސީލް ގުޅައިގެން ވެސް ހިޖްރާ ފޯނެއް ނުނެގިއެވެ. މެސެޖްކޮށްކޮށް ޖަވާބެއް ވެސް ނުދިނެވެ.
ކޮންމެގޮތަކުން ނަމަވެސް އޭނާގެ ހަޔާތަށް ސުވައިލާ ގެންނަން އަސީލު ބޭނުންވިއެވެ. އޭނާއާ ނުލައި އަސީލަކަށް ދެން ނޫޅެވޭނެއެވެ. އޭނާގެ ހިތަކަށް ހަމަޖެހުމެއް އުފަލެއް ނުލިބޭނެއެވެ.

އަސީލްގެ ހާލަތު ވަޖުދީއަށް އެނގުނީ އޭނާގެ ގާތް ރައްޓެއްސެއްގެ ފަރާތުންނެވެ.

“އަސީލަށް އަހަރެން ތިކަން ކޮށްދީފާނަން. އެކަމު ބުނަން …. އިތުރު އެއްވެސް މީހަކަށް މިކަން އެނގިގެން ނުވާނެ. މިކަހަލަ ކަންކަން ވާނީ ވަރަށް ހިތްވަރުގަދަ މީހުނަށް. ފެށޭކޮޅު މިއީ ނުރައްކާ ކަމެކޭ ހީވިޔަސް ފަހުން ރަނގަޅުވާނެ. ހިތްވަރު ކޮށްލަން ޖެހޭނީ.” ވަޖުދީ ދިނީ ޔަގީންކަމެވެ.

“އޯކޭ.” އަސީލް އެއްބަސްވިއެވެ. ކޮންމެ ގޮތަކުން ވިޔަސް އޭނާ ބޭނުންވަނީ ސުވައިލާ އެވެ.

“މިރޭ އެގާރަގަޑި ސާޅިސް ހާއިރު އާދޭ އަހަރެން މިހުންނަ ގެއަށް. ދެން ހަދަންޖެހޭ ގޮތް އެތަނުން ބުނާނަން. މީހަކަށް ނުފެނި އަންނާތި.” ގަޑި ހަމަޖެއްސުމަށްފަހު އަސީލާއި ވަޖުދީ ވަކިވިއެވެ.

ރެއަކީ ހަނދުމަހެއްގެ ފުރަތަމަ ދިހައިގެ ރެއަކަށް ވާތީ ރަށުތެރޭން ފެންނަމުން ދަނީ ފަނޑު ހަނދުވަރެއްގެ އަލިކަމެވެ. ވަގުތުގެ ދައުރުވުން މެންދަމާއި ދިމާއަށް ދަތުރުކުރަމުން ދިޔައިރު، މަގުތަކުން ފެންނަމުން ދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ.

އެހެން އެއްވެސް މީހަކަށް ނޭންގޭނެހެން އަސީލް ގެއިން ނުކުތެވެ. މިފަދަ ވަގުތެއްގައި އެކަނިމާއެކަނި އެހާ ދުރަށް ދާން ޖެހުމުން ކޮންމެވެސް ވަރަކަށް ނުތަނަވަސްވި ނަމަވެސް، ލިބެން އުޅޭ ފުރުސަަތަށް ބަލައި ހިތްހަމަ ޖައްސާލިއެވެ. ވަށައިގެން ހޯދަމުން ހޯދަމުން މަޑުމަޑުން ކުރިޔަށް ދިޔައެވެ.
އެ ގެއާއި ހަމައަށް އަސީލަށް ދެވުނުއިރު ވަޖުދީ ގެއިން ނުކުންނަނީއެވެ. އަސީލްއާ ވާހަކަ ދައްކަން އިރުކޮޅަކު ވަޖުދީ މަޑުކުރިއެވެ. ވަޖުދީ ފަހަތުން އަސީލް ހިނގައިގަތެވެ. އޭނާ ހިނގަމުން ދިޔައީ އެންމެ އަނދިރި އެންމެ އެކަހެރި މަގުތަކުންނެވެ. އެއްވެސް މީހަކަށް އެދެމީހުން ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

“މިތަނަށް ވަނުމަށްފަހު އަނގައިން ނުބުނާތި. އަހަރެން ދެއްކި ވާހަކަތައް ރަނގަޅަށް ހަނދާން ބަހައްޓާތި. ފުރުސަތު ލިބޭނީ އެންމެ ފަހަރަކު. ” ގަބުރުސްތާނާއި ހަމައަށް ދެވުމުން، ހިނގުން ހުއްޓާލައި އަސީލަށް ބަލައިލަމުން ވަޖުދީ ވާހަކަ ދެއްކިއެވެ.

ގަބުރުސްތާނަކީ ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވާ ތަނެކެވެ. އެތަނުގެ ނާމާންކަމާއި ބިރުވެރިކަމުގެ އަސަރު ކޮށްފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. ބައެއް މީހުން އަދިވެސް އުޅެނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ. ހަ ފޫޓަށްވުރެ އުސްކޮށް ވަށައިގެން ފާރު ރާނާފައި ހުރުމުން އެތަނުގެ ތެރޭގައި ކަމެއް ހިނގިޔަސް އެއްވެސް މީހަކަށް ނުފެންނާނެއެވެ.
އަސީލްގެ ހިތުގައި އަނެއްކާ ވެސް ނުތަނަވަސްކަން އުފެދުނެވެ. އެތަނަށް ވަންނަން ޖެހިލުންވާން ފެށިއެވެ.
“އެމަންޖެ ބޭނުންތަ؟” ވަޖުދީ ބަލައިލީ ސީދާ އަސީލްގެ މޫނަށެވެ.
ވަޖުދީގެ ފަހަތުން އަސީލް ގަބުރުސްތާނަށް ވަނެވެ.

ގަބުރުސްތާނު ވަށައިގެންވާ މަގުތަކުގައި ހަރުކޮށްފައިވާ މަގުބައްތީގެ އަލިކަން ކޮންމެވެސް ވަރަކަށް ގަބުރުސްތާނު ތެރެއަށް ފޯރާފައި ހުއްޓެވެ. އަސީލަށް ގަބޫލުކުރެވުނު ގޮތުގައި އެއީ ވެސް ނަސީބެކެވެ.
މިއިން ދުވަހަކު ވެސް އެތަން ސާފުކޮށްފައި ނުވެއެވެ. މިރިހިގަހާއި އުނިގަހާއި އެކި ބާވަތުގެ ވިނަތަކުން އެތަން ވަނީ ފުރިފައެވެ. ބައެއް ހިސާބުތަކުގައި ފަސްވަރަކަށް ފޫޓަށްވުރެ މައްޗަށް ގަހާއި ވިނަ ހެދިފައި ހުއްޓެވެ. އެހިސާބުތަކުން މަހާނައެއް އެހެން އެއްޗެއް ވަކިވާވަރެއް ނުވެއެވެ. ބައެއް މަހާނަތަކުގައި، މަހާނަގައު އައުކޮށްފައި ހުރުމުންނާއި ވެލި ބަދަލު ކޮށްފައި ހުރުމުން އެފަދަ ތަންތަން އެނގެން ހުރި ނަމަވެސް ގިނައީ ތަނެއްދޮރެއް ނޭންގޭ ހިސާބުތަކެވެ.

ފަރުވާތެރިކަމާއިއެކު ވަރަށް ބަލައިގެން މަޑުމަޑުން ހިނގަމުންދިޔަ ވަޖުދީގެ ފަހަތުން އަސީލް ހިނގަމުން ދިޔައެވެ. އޭނާގެ ކިބައިން ފާޅުވަމުންދިޔަ ކަންބޮޑުވުމާއި ނުތަނަވަސްކަމަށް ކުޑަނަމަވެސް ލުޔެއް ނުލިބެއެވެ.

ބާރުބާރަށް ގޮވައިލަމުން ފައިބުޑުން ކަހަލަ ގޮތަކަށް ދުއްވައިގަތް ބޮޑު ކަޅުބުޅާ ފެނިފައި އަސީލް ދިޔައީ ސިއްސައިގެން ނެވެ. ލިބުނު ސިހުމާއިއެކު ހަޅޭލަވައި ވެސް ގަނެވުނެވެ. އަސީލާއި ދިމާއަށް ބަލައިލި ވަޖުދީގެ ކިބައިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.

ވަޖުދީ މަޑުކުރީ މީގެ ދެމަހެއްހާ ދުވަސްކުރިން ނިޔާވި އައިމިނަގެ މަހާނަ ކައިރިއަށެވެ. އައިމިނަ އަކީ ސުވައިލާގެ މަންމަ އެވެ.

ނުނިމޭ

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top