އިން ފަހަނައަޅައި
އޮފީހުގެ މާހައުލަކީ މިހާރު ހަމައެކަނި މަސައްކަތްކުރާ ތަނެއްގެ ގޮތުގައި އިޙުސާސެއް ނުކުރެވެއެވެ. ރީޝާ އަލުން އެ މާހައުލަށް ފިޔަވަޅު އެޅިއިރު، އެ ބަރުދަން އޭނާގެ ކޮނޑުމަތީގައި ބަރުވަމުންދިޔައީ ކުރިން އިޙުސާސް ނުވާހާ ބޮޑަށެވެ.
އިއްޔެ ހިނގައިދިޔަ ކަންތައްތަކަކީ އޭނާ އުންމީދުކުރި ފަދައިން ހަނދާނުން ފޮހެވިގެންދިޔަ ކަންތައްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ހާދިސާގެ ވާހަކަތައް މުޅި އިމާރާތުގެ ތެރޭގައި ފެތުރިގެން ދިޔައީ، ކޮންމެ ފަހަރަކު ކިޔައިދޭއިރު އާ ބައިތަކެއް އިތުރުވެ، ހަޤީޤަތާ މާ ދުރު ނަމަވެސް، މީހުންގެ ހީތަކުގެ މައްޗަށް ބިނާވެފައިވާ ބޮޑު ފުލޯކު ވާހަކައެއްގެ ގޮތުގައެވެ.
އޭނާ ހިނގާފައި ދާއިރު މީހުން ދައްކަން ތިބޭ ވާހަކަތައް ހުއްޓާލާ ގޮތުންނާއި، އޭނާއަށް ނުބަލާ ކަމަށް ހެދިގެން ތިބެ ފާރަވެރިވާ ގޮތުން އެކަން އިޙުސާސް ކުރެވެއެވެ. އަދި އޭނާއާމެދު އޮންނަ ގުޅުން މަސައްކަތުގެ ބައިވެރިއަކަށްވުރެ ބޮޑަށް، ބަހެއް ބުނުމުގެ ބަދަލުގައި އެމީހެއްގެ ވާހަކަ ދައްކާ ފަރާތަކަށް ބަދަލުވެފައިވާކަން ޔަޤީންވެއެވެ.
އެހެންނަމަވެސް، އޭނާ ހިތްވަރުގަދަކޮށް، ސާބިތުކަމާއެކު ހިނގަމުން ދިޔައެވެ. އެއީ އޭނާގެ ކިބައިން ކުޑަވެސް ބަލިކަށިކަމެއް ފެނިއްޖެނަމަ، އެމީހުން ކުރާ ތުހުމަތުތަކަކީ ތެދުކަމަށް ޤަބޫލުކުރާނެކަން އޭނާއަށް އެނގޭތީއެވެ.
އާންމުކޮށް މަޖާ ވާހަކަދެއްކުމާއި ހިތްހަމަޖައްސާލުމަށް ބޭނުންކުރާ ކޮފީ ބޯ ސަރަހައްދު، އެދުވަހު ހެނދުނު ފެނުނީ ތަފާތު ގޮތަކަށެވެ. އެތަނުގެ މާހައުލު ވަނީ ބުނެދޭން ނޭނގޭ ބަރުކަމަކުން ފުރިފައެވެ. އެތަނަށް ވަނުމުގެ ކުރިން ރީޝާ ކުޑަކޮށް ފަސްޖެހުނެވެ. ނަމަވެސް، އަމިއްލަ ނަފުސަށް ހަނދާންކޮށްދިނީ، މިފަދަ ތަންތަނުން އެއްފަރާތްވުމަކީ އޭނާގެ ދައުރު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އޭނާ އަމިއްލަ މަސައްކަތުން ހޯދި މި މަގާމުން ފަހަތަށް ޖެހުމަށް އޭނާ ދެކޮޅު ހެދިއެވެ.
އެހެންނަމަވެސް، އޭނާ ކޮފީ ތަށްޓަކަށް އަތްލި ވަގުތު، މީހުންގެ ސިއްރު ވާހަކަތައް ފެށުނެވެ. ފުރަތަމަ މަޑުމަޑުންނެވެ. ދެން މާ ބާރަށެވެ.
“މިހުރީ އެންމެންގެ ސަމާލުކަން ހޯދައިގެން އުޅޭ މީހާ ނޫންހޭ” މީހަކު ވަރަށް ފަރުވާކުޑަ ގޮތަކަށް ބުނެލި އަޑު އިވުނެވެ.
ރީޝާގެ އިނގިލިތައް ކޮފީ ތަށީގެ ކައިރިފަށުގައި ތެޅިލިއެވެ. އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނެވެ. ނަމަވެސް، އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް، އެމީހުން ބޭނުންވާ ފަދަ ރައްދެއް ނުދީ މަޑުމައިތިރިކަމާއެކު އުޅުނެވެ.
“އަހަރެން ހައިރާންވަނީ ކިހާ ދުވަހެއް ނެގިބާއޭ.” އިތުރު މީހަކު މަޑުމަޑުން ނަމަވެސް މަލާމާތުގެ ރާގަކަށް ބުންޏެވެ. “މަގުމަތީގެ ދިރިއުޅުމުން އޭނާގެ ގެއަށް ބަދަލުވާން.”
އެއާއެކު މަލާމާތުގެ ހިނިގަނޑެއްގެ އަޑު މުޅި ތަނުގައި ފެތުރިގެން ދިޔައެވެ.
ރީޝާ ކުޑަވަގުތުކޮޅަކަށް ލޯ މަރާލިއެވެ. އޭނާގެ އަތް ބާރުކޮށްލަމުން ކޮފީ އަޅަން ފެށިއެވެ. އެ އާދައިގެ ކަމަކީވެސް އެވަގުތު އޭނާއަށް ކުރަން އުނދަގޫ ކަމަކަށް ވެފައިވެއެވެ.
އަދި އެވަގުތު މީހަކު އޭނާގެ ގާތަށް ޖެހިލިއެވެ. މާ ބޮޑަށް ގާތަށެވެ.
“ކަލެއަށް މި ލިބޭ ސަމާލުކަން ވަރަށް ކަމުދާނެހެން ހީވޭ.” ފިރިހެނެއްގެ އަޑު އިވުނެވެ. އޭގައި އޯގާތެރިކަމުގެ ބަދަލުގައި އޮތީ ބިރުވެރިކަމެވެ. “ކޮންމެ ކޮންމެ މީހަކަށް މިފަދަ.. ފުރުސަތެއް ނުލިބޭނެ.”
ރީޝާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އޭނާ އެމީހާގެ ކިބައިން ދުރުވުމަށް ފިޔަވަޅެއް ފަހަތަށް ޖެހުނެވެ. ނަމަވެސް އެމީހާ އޭނާގެ ފަހަތުން އައިސް، ސިއްރުސިއްރުން ބުންޏެވެ.
“އަބަދުވެސް މަޝްހޫރުކަން ބޭނުންވާނަމަ، އަހަރެންވެސް ތިޔަ ކަމުގައި އެހީތެރިވެދިނުމަކަށް ފަހެއް ނުޖެހޭނަން. އަހަރެންވެސް އެބަހުރިން.”
އެ ބަސްތަކުން ރީޝާގެ ހިތް ނުތަނަވަސްވިއެވެ. އޭނާ މަޑުމައިތިރި ނަމަވެސް ސާބިތު އަޑަކުން ބުންޏެވެ.
“މަށާ ދުރަށް ޖެހޭ.” ނަމަވެސް އެމީހާ ހީނލީ ރީޝާގެ އެ ބަސްތަކަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށް ހަދަމުންނެވެ.
“ކީއްވެ؟” އޭނާ ފަރުވާކުޑަ ގޮތަކަށް އެހިއެވެ. “ބޮސްއާއެކު އުޅުނުއިރު ތިޔަހެންނެއް ނުބުނަމެއްނު؟”
އެވަގުތަކީ ހުރިހާ ކަމެއް ބަދަލުވި ވަގުތެވެ. އޭނާގެ ސަބަބަކުން ނޫނެވެ. އޭނާގެ ފަހަތުންނެވެ.
“ފަހަތަށް ޖެހޭ!”
އެ އަޑަކީ މަޑުމައިތިރި، ނަމަވެސް އަމުރުވެރި އަޑެކެވެ. އެ އަޑާއެކު މުޅި ތަން ހިމޭންވިއެވެ.
އެމީހާ އެ ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ. އަދި މަޑުމަޑުން ފަހަތަށް އެނބުރުނެވެ. އެތަނުގައި ހުރީ ރުޝްދާންއެވެ.
ރުޝްދާންގެ މޫނުމަތިން އެއްވެސް އިޙުސާސެއް ފާޅެއް ނުވެއެވެ. އޭނާގެ ބަލައިލުން ސާބިތެވެ. ނަމަވެސް އެ މަޑުމައިތިރިކަމުގެ އަޑީގައި ނުހަނު ބޮޑު ކޯފާއެއް ފޮރުވިފައިވާކަން އެނގެއެވެ.
ރުޝްދާން އެމީހާއާ ގާތަށް ޖެހިލިއެވެ. އޭނާ ހަޅޭކެއް ނުލަވައެވެ. ނަމަވެސް އެމީހާ އިންފަހަނައަޅައި ގޮސްފައިވާކަން އެނގެއެވެ.
“މިއީ އަހަރެން ބުނާނެ ފަހު ފަހަރު.” ރުޝްދާން ވަރަށް ސާބިތުކަމާއެކު ބުންޏެވެ. “އަދި މިއީ ތަކުރާރު ކުރާނެ ވާހަކައެއް ނޫން.”
މުޅި ތަނުގައި ވަނީ ނޭވާ ހިފަހައްޓާލެވިފައެވެ.
“މި ކުންފުނީގެ އެއްވެސް މުވައްޒަފަކާ ތިޔަފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ނުވާނެ. ޚާއްސަކޮށް އަހަރެންގެ ކުރިމަތީގައި،” ރުޝްދާން ބުންޏެވެ. އެއަށްފަހު ވަގުތުކޮޅަކަށް ހިމޭންވިއެވެ.
“އަދި މިވަގުތުން ފެށިގެން، ކަލެއަކީ މި ކުންފުނީގެ މުވައްޒަފެއް ނޫން.” ރުޝްދާންގެ ނިންމުން އިއްވިއެވެ. އެއީ އެންމެ ފަހުގެ ނިންމުމެވެ.
އެމީހާ ހައިރާންވެ އަންތަރީސްވިއެވެ. އޭނާގެ ކިބައިގައި ހުރި ކުރީގެ ފޮނިކަން ކެނޑިގެން ދިޔައެވެ.
“ތިޔައީ ސީރިއަސްކޮށް ބުނާ އެއްޗެއް..” އޭނާ ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ރުޝްދާން އެ ފުރުސަތެއް ނުދިނެވެ.
“ކަލޭގެ ސާމާނު ހިފައިގެން މިތަނުން ނުކުމޭ.” ރުޝްދާން ބުންޏެވެ.
ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. މިއީ ރުޅިއައިސްގެން ނިންމި ނިންމުމެއް ނޫނެވެ. މިއީ އުސޫލީ ނިންމުމެކެވެ. އަދި އެފަދަ ނިންމުމެއް ބަދަލެއް ނުވާނެއެވެ.
މުޅި ތަނަށް ވެރިވީ ފުން ހިމޭންކަމެކެވެ. އެކަކުވެސް ހަރަކާތެއް ނުކުރެއެވެ. ސިއްރުސިއްރުން ދައްކަމުން ދިޔަ ވާހަކަތަކަށް މިއަދު ވަނީ ޙައްޤު އަދަބު ލިބިފައެވެ.
ރީޝާ ހުރީ ހުއްޓުން އަރާފައެވެ. އޭނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އޭނާ ހީކުރީ މިކަމުގައި ރުޝްދާން ހަނުހުންނާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނަކުން ނޫނެވެ.
އެމީހާ ނުކުމެގެން ދިޔުމުން، މަޑުމަޑުން އެ މާހައުލަށް ދިރުން އަންނަން ފެށިއެވެ. ނަމަވެސް އެތަނުގައި މިހާރު ވަނީ ސަމާލުވާން ޖެހޭ ފަދަ ނުތަނަވަސްކަމެކެވެ.
ރުޝްދާން، ރީޝާއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ ބުނެދޭން ނޭނގޭ ފުން އަސަރެކެވެ.
“އަހަރެންގެ ފަހަތުން އާދޭ.” އޭނާ ބުންޏެވެ.
އެއީ ބާރަށް ބުނި ބަހެއް ނޫނެވެ. ނަމަވެސް އެއީ ދެކޮޅު ނެހެދޭނެ ފަދަ އަމުރުވެރި ގޮތަކަށް ބުނި ބަހެކެވެ.
އޮފީހުގެ ދޮރު ލެއްޕުމާއެކު، ބޭރުގެ ހަލަބޮލިކަން ކެނޑި، މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. ދެމީހުންގެ މެދުގައި އޮތީ ބުނެދޭން ނޭނގޭ ފަދަ ބަދަލެއް އައިސްފައިވާކަމުގެ އިޙުސާސެވެ.
ރީޝާ މަޑުކޮށްލީ ދޮރު ކައިރީގައެވެ. އޭނާގެ އަތުގައި އަދިވެސް އޮތީ ހިހޫވެފައި ހުރި ކޮފީ ތަށްޓެވެ. އޭނާގެ ހިތުގައި ވަނީ ޝުކުރުވެރިކަމާއި، އޮޅުންބޮޅުންވުމާއި، އަދި އެއަށްވުރެ ފުން އިޙުސާސެއް އުފެދިފައެވެ.
“އިށީނދޭ.” ރުޝްދާން ބުންޏެވެ. އޭނާގެ އަޑު މިހާރު މާ މަޑުމައިތިރިއެވެ.
ރީޝާ ފަސްޖެހިފައި ހުރެފައި، މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާ އިނީ ސާބިތުކަމާއެކު ދެއަތް އުނގުމަތީގައި ބާއްވައިގެންނެވެ.
ވަގުތުކޮޅަކަށް ރުޝްދާން އެއްވެސް އެއްޗެއް ނުބުނެ ރީޝާއަށް ބަލަން ހުއްޓެވެ. އެއީ އުނދަގޫވާ ފަދަ ބަލައިލުމެއް ނޫނެވެ. އެއީ މީގެ ކުރިން އަމިއްލަ ނަފުސަށް ބަލަން ހުއްދަނުދޭ، ކަމެއް ދެނެގަންނަން އުޅޭ ފަދަ ބަލައިލުމެކެވެ.
“އަހަރެން ގާތު ބުނަންވާނެ.” އެންމެ ފަހުން ރުޝްދާން ބުންޏެވެ.
ރީޝާ އިސްއުފުލާލިއެވެ.
“އަހަރެން ހީކުރީ..” އޭނާ ވާހަކަ ފެށިއެވެ. “އަހަރެން ހީކުރީ އެއީ މާ މުހިންމު ކަމަކަށް ނުވާނެ ކަމަށް.” ރުޝްދާންގެ މޫނުމަތީގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ.
“އެއީ މުހިންމު ކަމެއް.” އޭނާ ބުންޏެވެ.
ރުޝްދާން އެ ބުނި ގޮތުން ރީޝާ މަޑުޖެހުނެވެ. އެއީ ހަމައެކަނި އޮފީހުގެ އުސޫލާ ބެހޭ ގޮތުން ބުނި ބަހެއް ނޫންކަން އޭނާއަށް އިޙުސާސްވިއެވެ.
“ރީޝާއަށް އެފަދަ ކަންކަން ތަހައްމަލު ކުރާކަށް ނުޖެހޭނެ.” ރުޝްދާން ބުންޏެވެ. “ޚާއްސަކޮށް މިތަނަކު ނޫން.”
އެއަށްފަހު އުފެދުނު ހިމޭންކަމުގައި ދެމީހުންގެ ދެމެދުގައި ބުނަން ބޭނުންވެފައިވާ ގިނަ ވާހަކަތަކެއް ފޮރުވިފައިވާ ފަދައެވެ.
ރީޝާ އިސްޖަހާލަމުން މަޑުމަޑުން ބުންޏެވެ. “އެމީހުން ދެކޭ ގޮތުގައި އަހަރެންނަކީ މިތަނަށް ޙައްޤު މީހެއް ނޫން.”
ރުޝްދާން އެއްވެސް ފަސްޖެހުމެއް ނެތި ޖަވާބު ދިނެވެ. “އެއީ އެމީހުން ނިންމާނެ ނިންމުމެއް ނޫން.”
ރީޝާ އަލުން ރުޝްދާންގެ ލޮލަށް ބަލައިލިއެވެ. “ރުޝްދާން ދެކެނީ ކިހިނެއް؟” އޭނާ ވަރަށް މަޑުމަޑުން އެހިއެވެ.
އެ ސުވާލަކީ އާދައިގެ ސުވާލެއް ނަމަވެސް، އޭގެ މާނަ މާ ފުންވެފައި ގިނައެވެ.
ފުރަތަމަ ފަހަރަށް ރުޝްދާން ވަގުތުން ޖަވާބެއް ނުދެއެވެ. އޭނާ ރީޝާއާ ހަތަރުކަޅި ހަމަކޮށްގެން ހުއްޓެވެ. އޭނާގެ ހަމަޖެހިފައިވާ މޫނުމަތިން ކޮންމެވެސް ކަހަލަ ތެދުވެރި އަސަރެއް ފާޅުވިއެވެ.
“ރީޝާ ތިހުރީ މިތަނުގައި.” އެންމެ ފަހުން އޭނާ ބުންޏެވެ.
އެއީ ސީދާ ޖަވާބެއް ނޫނެވެ. ނަމަވެސް އެއީ ސުވާލުން ރެކުމެއްވެސް ނޫނެވެ. އެއީ އޭގެ ދެމެދުގެ ގޮތެކެވެ.
އަދި ކޮންމެވެސް ސަބަބަކާ ހުރެ އެ ބަސްތަކަކީ އޭނާއަށް ބުނެވޭނެ އެންމެ ތެދުވެރި ބަސްތައް ކަމުގައި ރީޝާއަށް އިޙުސާސްވިއެވެ.
ދެން އުފެދުނު ހިމޭންކަމަކީ ފަސްޖެހޭ ފަދަ ހިމޭންކަމެއް ނޫނެވެ.
މިފަހަރު އެކަކުވެސް އެ ހިމޭންކަން ކަނޑާލާކަށް އަވަހެއް ނުވިއެވެ.
ސަބަބަކީ މި ހިނގާދިޔަ ކަންތައްތަކަކީ އިންފަހަނައަޅައި ދެވުނު ކަންތައްތަކެކެވެ. އަދި އެނބުރި ދިޔުމެއް ނެތް މަގަކަށް މި ދަތުރު މިހާރު ވަނީ ބަދަލުވެފައެވެ.
(ނުނިމޭ)
