އަޅުގަނޑުމެން އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތަކަކީ ހަނދާން ނެތުމާއި، ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރުވާ ބޭސްތަކެއްކަން ދިރާސާތަކުން ދައްކައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ބޭސްތަކަކީ:
1- ބެންޒޯޑިއަޒެޕީންސް
ބޭހުގެ ބާވަތްތައް: މީގެ ތެރޭގައި އެޓިވަން، ޒެނެކްސް، ވެލިއަމް، އަދި ރެސްޓޮރިލް ހިމެނެއެވެ.
ހަނދާނަށް ކުރާ އަސަރު: މިއީ ހަނދާންނެތުމުގެ މައްސަލަ ކުރިމަތިކުރުވާ ބޭހެކެވެ. ހާއްސަކޮށް ކުރު މުއްދަތަކަށް ހަނދާން ނެތުމުގެ މައްސަލަ ދިމާވެދާނެއެވެ. ނަމަވެސް ބޭސް ހުއްޓާލުމުން މިކަން ރަނގަޅުވެއެވެ. އެކަމަކު ގިނަ ދުވަހު މި ބޭސް ބޭނުންކުރުމަކީ އުމުރުން ދުވަސްވީ މީހުންނަށް “ޑިމެންޝިއާ” ނުވަތަ ހަނދާންނެތުމުގެ ބަލިޖެހުމަށް މަގުފަހިވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާ: ނުތަނަވަސްކަމަށް މި ބޭސް ބޭނުންކުރާނަމަ، އެސް.އެސް.އާރް.އައި ފަދަ އެހެން ބޭހަކަށް ބަދަލުކުރުމަށް ނުވަތަ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ ފަދަ ބޭހާ ނުލައިދޭ ފަރުވާތަކާ ބެހޭގޮތުން ޑޮކްޓަރާ މަޝްވަރާ ކުރެވިދާނެއެވެ.
2- ފިޓުޖެހޭތީ ނުވަތަ ވާޅުވާތީ ދޭ ބޭސްތައް
ބޭހުގެ ބާވަތްތައް: ލެމިކްޓަލް، ޓޮޕަމެކްސް، ޓެގްރެޓޯލް ފަދަ ބޭސްތަކެވެ.
ހަނދާނަށް ކުރާ އަސަރު: މި ބޭސްތަކުން ސިކުނޑީގެ މަސައްކަތްތައް މަޑުޖައްސާލާތީ، ކަންކަން ހަނދާން ބެހެއްޓުމާއި ސަމާލުކަން ދިނުމަށް އުނދަގޫވެއެވެ. މީގެ ސަބަބުން އާ މައުލޫމާތުތައް ދަސްކުރުމަށް ދަތިވެއެވެ. ހާއްސަކޮށް ބޭސް ގިނައިން ބޭނުންކުރާނަމަ މި އަސަރު ބޮޑުވެއެވެ.
ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާ: މިފަދަ އަސަރު ކުޑަ އެހެން ބޭހަކަށް ބަދަލުކުރުމަށް ޑޮކްޓަރުގެ ލަފާ ހޯދިދާނެއެވެ. މީގެ އިތުރުން ކެއުމަށް ބަދަލު ގެނައުމާއި، އޮޕަރޭޝަން ކުރުން ފަދަ ފަރުވާތައްވެސް ހުރެއެވެ.
3- އޮޕިއޮއިޑްސް ނުވަތަ ތަދުކަނޑުވާ ބާރުގަދަ ބޭސްތައް
ބޭހުގެ ބާވަތްތައް: އޮކްސީކޮންޓިން، ވިކޮޑިން، މޯފިން ފަދަ ބޭސްތަކެވެ.
ހަނދާނަށް ކުރާ އަސަރު: މި ބޭސްތަކުގެ ސަބަބުން ސިކުނޑީގައި ހަނދާންތައް ރައްކާކޮށްދޭ ބަޔަށް ނޭދެވޭ އަސަރުކުރެއެވެ. އަދި މި ބޭސް ބޭނުންކުރާ މީހުންނަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑެވެ.
ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާ: އެންސެއިޑްސް، ޕެނަޑޯލް، ނުވަތަ ތަދުކަނޑުވާ ކްރީމް ފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ.
4- ޓްރައިސައިކްލިކް އެންޓިޑިޕްރެސަންޓްސް
ބޭހުގެ ބާވަތްތައް: އެލަވިލް، ޕެމެލޯ ފަދަ ބޭސްތަކެވެ.
ހަނދާނަށް ކުރާ އަސަރު: މި ބޭސްތަކުގެ ސަބަބުން ސިކުނޑީގެ ކެމިކަލްތަކަށް ބަދަލު އާދެއެވެ. މީގެ ސަބަބުން ދަސްކުރުމާއި ހަނދާން ބެހެއްޓުމަށް ބޭނުންވާ މުހިންމު ކެމިކަލެއް ކަމަށްވާ “އެސިޓައިލްކޯލިން” ހުއްޓުވައެވެ.
ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާ: އެސް.އެސް.އާރް.އައި ނުވަތަ އެސް.އެން.އާރް.އައި ފަދަ ބޭސްތަކަކީ މިފަދަ އަސަރު ކުޑަ ބޭސްތަކެކެވެ.
5- އެލާޖީއަށް ދޭ ބޭސްތައް
ބޭހުގެ ބާވަތްތައް: ބެނަޑްރީލް، ފެނަގަން، ޒައިރްޓެކް (ސެޓްރިޒެން)، އަދި ކްލެރިޓިން ފަދަ ބޭސްތަކެވެ.
ހަނދާނަށް ކުރާ އަސަރު: ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ބައެއް ބޭސްތަކުގެ ސަބަބުން ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާ: ބައެއް ބޭސްތަކަކީ ސިކުނޑިއަށް ކުރާ އަސަރު ކުޑަ ބޭސްތަކެކެވެ. އެހެންކަމުން އެންމެ އެކަށީގެންވާ ބޭހެއް ހޯދުމަށް ޑޮކްޓަރާ މަޝްވަރާ ކުރާށެވެ.
6- ނިދާބޭސް
ބޭހުގެ ބާވަތްތައް: އެމްބިއެން، ލުނެސްޓާ ފަދަ ބޭސްތަކެވެ.
ހަނދާނަށް ކުރާ އަސަރު: މި ބޭސްތަކުގެ ސަބަބުން ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށާއި، ކުރިމަގުގައި ކުރަން ހުންނަ ކަންކަން ހަނދާން ނެތުމުގެ މައްސަލަ ދިމާވާކަމަށް ދިރާސާތަކުން ދައްކައެވެ.
ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާ: މެލަޓޮނިން ފަދަ މާއްދާތައް ބޭނުންކުރުމާއި، ނިދުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމަކީ އެދެވިގެންވާ ކަމެކެވެ.
7- ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ދޭ ބޭސް
ބޭހުގެ ބާވަތްތައް: ޑިޓްރޮޕޭން، ވެސިކެއާ ފަދަ ބޭސްތަކެވެ.
ހަނދާނަށް ކުރާ އަސަރު: މި ބޭސްތަކުގެ ސަބަބުން ކުރު މުއްދަތުގެ ހަނދާންތަކަށް ބުރޫއަރައި، ޑިމެންޝިއާގެ ނުރައްކާ އިތުރުވެއެވެ.
ބަދަލުގައި ބޭނުންކުރެވިދާނެ ފަރުވާ: މިއާ އެކު ބޭނުންކުރެވިދާނެ އެހެން ބޭސްތަކާއި، ކަސްރަތު ފަދަ ފަރުވާތަކާ ބެހޭގޮތުން ޑޮކްޓަރުގެ ލަފާ ހޯދާށެވެ.
ހަނދާން ނެތުމުގެ ނުރައްކާ އިތުރުވާ ކަންތައްތައް:
💊 ބޭސް ގިނަ މިންވަރަކަށް (ހައި ޑޮސޭޖް) ބޭނުންކުރުން.
💊 ގިނަ ދުވަސްތަކެއް ވަންދެން ބޭސް ބޭނުންކުރުން.
💊 އުމުރުން ދުވަސްވުން.
💊 އެއްފަހަރާ ގިނަ ބޭސްތަކެއް ބޭނުންކުރުން.
އެއްފަހަރާ ތިން ބޭހަށްވުރެ ގިނަ ބޭސް ބޭނުންކުރާ އުމުރުން ދުވަސްވީ މީހުންނަށް ހަނދާން ނެތުމާއި ބޯ އެނބުރުން އެރުން ފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
