“ޒޯޔާ!” ކޮޓަރިއަށް ވަންނަން އުޅުނު ޒޯޔާއަށް އަޔާން ގޮވާލިއެވެ. ޒޯޔާ އެނބުރި ބަލާލިއެވެ. އަދި އަޔާންއާ ކުރިމަތިލިއެވެ.
“އެނގޭތަ އަޔާން. މީގެ ކުރިން ދުވަހަކުވެސް މިހާ ޚަރާބު އުފަންދުވަހެއް އަހަރެންގެ ނާދޭ.” އަޔާން އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ ޒޯޔާ ބުނެލިއެވެ.
“ޒޯޔާ! އެއްފަހަރުވެސް އަހަރެން ބުނާ އެއްޗެއް އަޑުއެހީމައެއްނު..”
“އަޑުއަހަން ކޯއްޗެއްތަ ބާކީ އޮތީ؟” ރުޅިވެރިކަމާއެކު އެހެން ބުނެލަމުން ޒޯޔާ ދޮރު ހުޅުވާލިއެވެ.
ދޮރު ހުޅުވާލާފައި ކޮޓަރީގެ ލައިޓްތައް ޖައްސާލުމާއެކު ޒޯޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މުޅި ކޮޓަރި ތެރޭގައިވަނީ ރަތާއި ހުދުގެ ފުއްޕާހަމުން ފުރިފައެވެ. ޓައިލްތަކުގެ މަތީގައި ރަތާއި ހުދުގެ ފިނިފެންމާ ފިޔަތައް ހުރިއިރު، ކޮޓަރީގެ އެކި ހިސާބުތަކުގައި އުއްބައްތި ބަހައްޓާފައިވެއެވެ. އުއްބައްތީގެ މީރުވަސް ކޮޓަރި ތެރޭގައި ހަރުލާފައިވެއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ޒޯޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އަޔާންއަށް ފެނުމުގެ ކުރިން އޭނާ އެކަން ފޮރުވިއެވެ.
ހައިރާންކަމާއެކު ކޮޓަރި ތެރެއަށް ރަނގަޅަށް ވަދެވުމާއެކު އެނދުމަތީގައި އޮތް ރަތްކުލައިގެ ފިނިފެންމާ ބޮނޑިއާއި ކާޑު ޒޯޔާގެ ލޮލުގައި އަޅައިގަތެވެ. ހަމަ އެއާއެކު އެއްފަރާތުގައި ރަތާއި ހުދު އެކުލެވޭ ފޮތިގަނޑަކުން ނިވާކޮށްލާފައިވާ ކެންވަސް ވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކެންވަސް ބަލާލުމުގެ ޝައުޤުވެރިކަން ހުރި ނަމަވެސް އަޔާން ކޮޓަރިއަށް ވަނުމުން ފަރުވާކުޑަ ގޮތެއް ދައްކަމުން އެނދުގައި އިށީނެވެ. ނަމަވެސް އޭނައަކަށް އެކަމެއް ނުފޮރުވުނެވެ.
“އަޔާން. މި ހުރިހާ ކަމެއް..” ހައިރާންކަމާއެކު ޒޯޔާއަށް ބުނެވުނެވެ.
“އަހަރެން ކުރީ. ޒޯޔާގެ އުފަންދުވަހަށްޓަކާ. އަދި އެއަށްވުރެ ބޮޑަށް ކައިވެންޏަށް ހަ އަހަރު ފުރުނު ދުވަސް ވީމަ. އެކަމަކު މި ހުރިހާ ކަމެއް ކުރުމުގެ އެއްވެސް ފައިދާއެއް ކޮބާ؟ މީ ޒޯޔާގެ އެންމެ ޚަރާބު އުފަންދުވަހެއްނު.” އަޔާން ބުނެލިއެވެ. އެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. ނަމަވެސް އެއީ ވީ ދެރައިގެ ސަބަބުން އުފެދުނު ހިތްހަމަނުޖެހުމެކެވެ.
“އަޔާން. ކޮންއިރަކު މި ހުރިހާ ކަމެއް ކުރީ؟” ޒޯޔާ އަހާލިއެވެ.
“އޭރު ގެއިން ނުކުމެގެން ދިޔައިމަ. އަހަރެން ރޭވީ ރެސްޓޯރެންޓްގަ މިކަން ސެލެބްރޭޓް ކޮށްލަން. އެކަމަކު.. މި ދެން ބުނެލީ. މި ހުރިހާ ވާހަކައެއް ދެއްކުމުގެ އެއްވެސް ފައިދާއެއް ނެތް. އަޅާނުލާ.” އަޔާން ބުންޏެވެ.
“އަޔާން. ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނެތް..”
“ޒޯޔާ، އަސްލު މައްސަލައަކީވެސް ތީ. އަހަރެމެންގެ ދެމެދުގައި ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނެތުން. އެނގޭތަ؟ އެކަކު އަނެކަކު އުފާކޮށްދޭން އަހަރެމެން ކިތަންމެ މަސައްކަތެއް ކުރިޔަސް، އެންމެ ފަހުން އަހަރެމެންނަށް ހިތްހަމަޖެހުމެއް މި ލިބެނީ އެކަކު އަނެކަކު ދެރަކޮށްލައިގެން. މީއެއްނު މިއަދުގެ ހަޤީޤަތަކީ.” ހިތްހަމަނުޖެހުމާއެކު އެހެން ބުނެފައި އަޔާން ގޮސް ފާޚާނާއަށް ވަނެވެ.
އަޔާން ދިޔަ ދިމާއަށް ބަލަން ހުރި ޒޯޔާގެ ލޮލުން ކަރުނަ އައީ އޭނާގެ ކުށް އިޙުސާސްކުރެވިގެން ކަންނޭނގެއެވެ. އޭނާ ގޮސް ކޮޓަރީގެ ދޮރު ލައްޕާ ތަޅުލާފައި އައިސް އެނދުގައި އިށީނދެލިއެވެ. ފާޚާނާއަށް ފުރަގަސްވާ ގޮތަށް އިށީނދެގެން އިންއިރު އޭނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ފާޚާނާ ފްލަޝްކޮށްލި އަޑު އިވުމާއެކު އަވަސްއަވަހަށް ދެލޯ ފޮހެލާފައި ޑްރެސިން ޓޭބަލް މަތީގައި އޮތް ވާހަކަ ފޮތެއް ނެގިއެވެ. އަދި އަވަހަށް އެ ފޮތް ކިޔާ ކަމަށް ހެދުނެވެ.
އަޔާން ފާޚާނާއިން ނުކުތީ އެއްޗެހި ބަދަލުކޮށްލައިގެންނެވެ. ޒޯޔާ އުފާކޮށްދިނުމަށް އޭނާ ރޭވި ހުރިހާ ރޭވުމެއް ފެނަށް ވުމުން އިތުރަށް އެކަމަށްޓަކައި އޭނާ ތައްޔާރުވި ގޮތަށް ހުރުމުގެ ބޭނުމެއް ނުފެނުނީއެވެ. އޭނާއަށް ޒޯޔާ ފޮތް ހިފައިގެން އިންތަން ފެނުމުން ކުޑަކޮށް ހިނިއަންނަ ގޮތް ވިއެވެ. އޭނާ އެނދުމަތީ އޮތް ބާލީހެއް ނަގައި ޒޯޔާއާ ދިމާއަށް އެއްލިއެވެ. ޒޯޔާގެ ގައިގައި ބާލީހުން ޖެހުމުން ޒޯޔާ ނުރުހުމާއެކު ބަލާލިއެވެ.
“އަޔާން. މިއަދު ވާވަރަށް ޒުވާބުވެސް ކުރެވިއްޖެއެއްނު. އަދިވެސް ހިތެއް ނުފުރޭތަ؟” ޒޯޔާ ބުނެލިއެވެ.
“ވެދާނެ އަހަރެންގެ ތަޤުދީރުގަ ލިޔެވިފަ އޮތީ ހަމައެކަނި ޒޯޔާއާ ޒުވާބުކުރުން ކަމަށް.” އެނދުމަތީ އިށީނދެ ޒޯޔާގެ ކޮނޑުމަތީގައި ދަތްދޮޅި ވިއްދާލަމުން އަޔާން ބުންޏެވެ.
“އަޔާން. އުނދަގޫ ނުކޮށްބަލަ. ނުފެނޭތަ އަހަރެން މި ފޮތް ކިޔާތަނެއް؟” ޒޯޔާ އަޔާން ދުރަށް ޖައްސާލަމުން ބުންޏެވެ. އަޔާން ހީނލިއެވެ.
“އެބަ ފެނެޔޭ. އަހަންނަށްވެސް އިވޭވަރަށް ކިޔައިދޭންވީނު. ފޮތް ތިއޮތީ އެކޮޅުކޮޅުން.” އަޔާން އެހެން ބުނަމުން ޒޯޔާގެ އަތުގައި އޮތް ފޮތް ރަނގަޅު ކޮޅަށް އަނބުރާލިއެވެ.
“އަހަންނެއް ނުކިޔަމޭ. މި ހަމަ ބަލާލަނީ.”
“ދޮގެއްވެސް ހަދާކަށް ނޭނގެ. ދެން އެއްބަސްވޭ އަހަރެން އައިސް ޒޯޔާ ރުއްސާނެ އިރެއްގެ އިންތިޒާރުގަ އިނީ ކަމަށް. އެވާހަކަ ބާއްވާ. އަދި އެބައޮތް ސަޕްރައިޒެއް. އެ ފެނުނީމަ ތިހެން ނޫންކަމަށް ހަދާފަ ރުޅިމޫނު ހަދައިގެން ނީނދެވޭނެ. އުފާވެރި ބަހާރެއްގަ މާތައް ފޮޅޭހެން ތި މޫނު އުޖާލާ ވާނެ. މީ ވަޢުދެއް.” އަޔާން އެހެން ބުނަމުން ގޮސް ކެންވަސްގެ ކައިރިއަށް ހުއްޓުނެވެ. އަދި އޭގައި އައްސާފައިވާ ރެބަން ފަށް މޮހާލުމަށްފަހު އޭގައި އަޅާފައިވާ ފޮތިގަނޑު ދަމައިގަތެވެ.
ނުބަލަން އުޅުނު ޒޯޔާއަށް ސިއްރުސިއްރުން ބަލާލެވުނެވެ. އެވަގުތު ފެނުނީ ކެންވަސްގައި ކުރަހާފައި ހުރި އޭނާގެ ތަސްވީރެކެވެ. ހަނދުވަރު ދޭ ރެއެއްގައި އަތިރިމަތީގައި ރަތްކުލައިގެ ދޯޕައްޓާ ހެދުމެއް ލައިގެން ވަރަށް އުފާވެރި ހިނިތުންވުމަކާއެކު ހުރި މަންޒަރެކެވެ. އޭނާ ހައިރާންވެ އުފާވި ނަމަވެސް އެ އިޙުސާސްތައް މޫނުމަތިން ފާޅުވިޔަ ނުދީ ވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ.
“ނޯ ރިއެކްޝަން؟ އަޅެ މި ކުރެހުން އަހަރެން ހިތްހަމަޖެހޭ ފެންވަރަށް ތައްޔާރުކުރަން ހަމަސް ދުވަސް ނެގިއޭ. ކޮންމެވެސް އެއްޗެކޭ ބުނެބަލަ.” އަޔާން ބުންޏެވެ. ޒޯޔާ ދުރަށް އެނބުރުނެވެ.
“ކިހިނެއްވީ؟ ރީއްޗެއް ނޫންތަ؟ ކަމަކު ނުދޭތަ؟” ޒޯޔާ ދުރަށް އެނބުރުމުން އަޔާން މާޔޫސްވިއެވެ. އޭނާ އެހާ ދުވަހު ކުރި ބުރަ މަސައްކަތް ފެނަށް ވީއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ކެންވަސްއަށް ބަލަހައްޓައިގެން ހުއްޓާ ކުއްލިއަކަށް އޭނާގެ ކަރުމަތީގައި ބާލީހަކުން ޖެހުމުން ސިހިފައި ބަލާލެވުނެވެ.
“އަނެއްކާ ނުފަށާތި!” އަޔާން ބުންޏެވެ.
“މިދިޔަ ހަމަސް ދުވަހު މީ ތި ކުރި ކަމަކީ؟ ވަރަށް މުހިންމު ކަމެކޭ ކިޔާފަ. އަހަރެން ގާތު ބުނެވެސްނުލާ.” ޒޯޔާއަށް އެ ކުރެހުން ކަމުދިޔަކަން ޔަޤީންވުމުން އަޔާންގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ޒޯޔާގެ މޫނުމަތިންވެސް އުފާވެރި ހިނިތުންވުމެއް ފާޅުވިއެވެ.
“ބުނިނަމަ މިކަހަލަ ލޯބި ހަދިޔާތައް ކިހިނެއް ލިބޭނީ.” އަޔާން ބުނެލިއެވެ.
“އެހެންތަ؟” ޒޯޔާ އެހެން ބުނުމާއެކު އިތުރު ބާލީހެއް ނެގިއެވެ.
“ނޫން. ޒޯޔާ ނޫން.” އަޔާން ޒޯޔާ ހުއްޓުމަށްޓަކައި ގޮސް ޒޯޔާގެ ދެއަތް ބަންދުވާނެހެން ހިފަހައްޓާލި ވަގުތު ބެލެންސް ކަޓައިގެން ދެމީހުން އެކުގައި އެނދުމައްޗަށް ވެއްޓުނެވެ. އަޔާންގެ މޭމަތީގައި އޮތް ޒޯޔާގެ މޫނުގައި ހިފާ އުފުލާލިއެވެ. އަދި ދެމީހުން އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި އެތައް އިރަކު އޮތެވެ. ދެން ދިޔައީ އެ ދެމަފިރިންގެ ދެމެދުގައިވި ނުތަނަވަސްކަން ހަނދާން ނެތުނު އުފާވެރި ވަގުތުތަކެކެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޒޯޔާ ކޮޓަރިން ނުކުތް ވަގުތު ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. އޭނާ ގޮސް ގޭގެ ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ އޭނާގެ މަންމަ، އާފިޔާއެވެ.
“މަންމާ!” އުފާވެރި ހިނިތުންވުމަކާއެކު ޒޯޔާ، އާފިޔާގެ ގައިގައި ބައްދާލިއެވެ.
“ހެޕީ ބާތުޑޭ ޑާލިންގް.” އާފިޔާ ޒޯޔާގެ ބޮލާއެކު ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
“މަންމާ. އާދޭ އެތެރެއަށް.” އާފިޔާ ގޮވައިގެން އައިސް ސޯފާގައި ބައިންދަމުން އާފިޔާއާ ޖެހިގެން ޒޯޔާ އިށީނެވެ.
“ރޭގަ ކޮންތާކު އުޅުނީ؟” އާފިޔާ އެހިއެވެ. ޒޯޔާގެ ހިނިތުންވުން ފަނޑުވިއެވެ.
“މަންމަ ހާދަ ވަރަކަށް ގުޅީމޭ. ފޯނެއް ނުނަގާ. މަންމަ ކިހާ ކަންބޮޑުވާނެ.” އާފިޔާ ބުންޏެވެ.
“ރޭގަ އަޔާންއާ އެކީ ދިޔައީ އިހަށް ދުވަހު އަލަށް އެ ހުޅުވީނު ރައްޔާ ރެސްޓޯރެންޓް. އެތަނަށް. ފޯނު ސައިލެންޓަށް ލެވިފަ، ހޭންޑްބޭގްގަ ފޯނު އޮތީމަ ގުޅިކަން ނޭނގުނީ. ދެން ގެއަށް އާދެވުނުއިރު ވަރަށް ލަސްވެއްޖެ. އެހެންވެ ދެން ނުގުޅީ. މިއަދު ގުޅަންވެގެން ހުރީ. އެކަމު މަންމަ ތި އައީ ވިއްޔަ.” ޒޯޔާ ހިނިތުންވެލާފައި ބުންޏެވެ.
“ކިހިނެއް ވަނީ؟”
“ވަރަށް ސަޅި. ކާއެއްޗެހި ވެސް ވަރަށް މީރު. އަނެއްކާ އަޔާން އެތަން ތައްޔާރުކޮށްފަ އޮތީ އެހާ ސަޅިކޮށް. އާ ބޭންޑެއްވެސް ޕާފޯމް ކުރި. އަދި..”
“ޒޯޔާ..! މަންމަ މި އަހަނީ ރެސްޓޯރެންޓްގެ ވާހަކައެއް ނޫނޭ. ތި ދެމީހުންގެ ޒުވާބުގެ ވާހަކަ. މަންމަ ހީކުރަން އިއްޔެ ތި ދެމީހުން ޒުވާބު ނުކުރާ ކަމަށް.” ތަންކޮޅެއް ރާގުލައި ޒޯޔާއަށް ގޮވާލަމުން ކަންބޮޑުވުން އެކުލެވޭ އަޑަކުން އާފިޔާ ބުންޏެވެ.
“ދެން މަންމާ. އަހަރެމެން ކޮންމެ ދުވަހަކު ޒުވާބެއް ނުކުރާނެއެއްނު.”
ހަމައެވަގުތު ކޮޓަރިން ނުކުމެގެން އަޔާން އައެވެ. އޭނާ އައީ އަތުކުރީ ގަޑި އަޅަމުންނެވެ. އޭނާއަކަށް އާފިޔާ އައިކަމެއް ނޭނގެއެވެ. އޭނާއަށް އާފިޔާ ފެނުމާއެކު ކުއްލިއަކަށް ހުއްޓެވުނެވެ.
“މަންމާ. ކޮންކަހަލަ ސަޕްރައިޒެއް. މަންމަ ކޮންއިރަކު އައީ؟ ޒޯޔާ ނުވެސް ބުނޭ މަންމަ އަންނަ ވާހަކައެއް.” ހައިރާންކަން ވެރިވި ނަމަވެސް އުފާވެރިކަމާއެކު އަޔާން އެހިއެވެ.
“ހަމަ ދެންމެ މިއައީ. ޒޯޔާ ގާތުވެސް ނުބުނަމޭ އަންނަ ވާހަކައެއް.” އާފިޔާ ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން ބުންޏެވެ.
“އެހެންތަ. އެކަމު މިހާ ހެނދުނާ.. ކީއްވެ؟” އަދިވެސް ހައިރާންކަން ނުފިލާތީ އަޔާންއަށް އަހާލެވުނެވެ.
“އިއްޔެ ޒޯޔާއަކަށް ގުޅޭގޮތެއް ނުވި. އެހެންވެ މަންމަގެ އަތުން ތައްޔާރުކުރި ހަދިޔާއެއް ހިފައިގެން އައީ. އެކަމަކު ޒޯޔާ ބުނެފި އޭގެ ބޭނުމެއް ނެތޭ. އަޔާން އޭނަގެ ހުރިހާ ވިޝްއެއް ފުރިހަމަ ކޮށްދީފިއޭ.” އާފިޔާ އާދައިގެ ރާގެއްގައި ބުނި ނަމަވެސް އޭނާގެ އެ ބަސްތަކުގައިވާ ޖެއްސުމުގެ އިޙުސާސް އަޔާންއާއި ޒޯޔާއަށްވެސް ކުރެވުނެވެ.
“ޒޯޔާ. އަހަރެން ޒޯޔާ ބޭނުންވާ ކަންކަން ކޮށްދީ، އުފާކޮށްދިނަސް މަންމަ ދޭ ހަދިޔާ އަބަދުވެސް ޚާއްސަ ވާނެ. އެއީ މުޅިން ތަފާތު ލޯތްބެއް އެކުލެވޭ ހަދިޔާއެއްނު. އެހެންވީމަ ބޭނުން ނުވެޔޭ ބުނާކަށް ނުވާނެއެއްނު.” އަޔާން ޒޯޔާއަށް ބަލާލަމުން ބުނެލިއެވެ.
“އަދި މަންމަ ވަރަށް އުފާވި އިއްޔެ ތި ދެމީހުން ޒުވާބު ނުކުރާކަން އެނގުނީމަ.” އާފިޔާގެ އެ ވާހަކައިން އަޔާންއަށް ޒޯޔާއަށް ބަލާލެވުނެވެ. ޒޯޔާ ހިނިތުންވެލިއެވެ. އަޔާންއަށް ވިސްނުނެވެ.
“ޒުވާބު. އެއްގޮތަކަށްވެސް. އެހެން ދޭތެރެދޭތެރެއިން ކުދިކުދި މައްސަލަ ޖެހުނަސް އަހަރެމެން އަބަދަކު ޒުވާބެއް ނުކުރަމޭ ދޯ ޒޯޔާ. އަނެއްކޮޅުން އިއްޔެ އަހަރެމެން ދެމީހުން އެއްކޮށް ކިހާ އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނީ. ނޫންތަ ޒޯޔާ؟” އަޔާން ޒޯޔާގެ ކައިރީ ހުއްޓެމުން ޒޯޔާގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން ވަރަށް ލޯބިން ބުނެލިއެވެ. ޒޯޔާވެސް ހިނިތުންވުމާއެކު ބޯޖަހާލިއެވެ.
އާފިޔާ މާގިނަ އިރަކު އެގޭގައި މަޑެއް ނުކުރެއެވެ. ފަހަރުގައި އެގޭގައި މަޑުކޮށްފިނަމަ އޭނާ މޫނުމަތީ ކުރަހައިގެން ހުރި ހިނިތުންވުން ފިލައި ދަރިފުޅުގެ ހިތަށް ތަދުވާ ކަހަލަ އެއްޗެއް ބުނެވިދާނެތީއެވެ.
އާފިޔާގެ މުއްސަނދި ދިރިއުޅުމުގެ ކުރިމަތީގައި އަޔާންގެ އާއިލާއަކީ އެއްވެސް ބައެއް ނޫނެވެ. އޭނާ އެންމެ ކުރިންވެސް އަޔާންއަކާ ނުރުހެއެވެ. އޭނާގެ ނަޒަރުގައި އަޔާންއަކީ ޒޯޔާއާ އެކަށީގެންވާ މީހެއް ނޫނެވެ. އަޔާންއަކީ ޒިންމާދާރު ފިރިއެއް ނޫނެވެ. ކުރެހުމަކީ އޭނާގެ ނަޒަރުގައި މަސައްކަތެއް ނޫނެވެ. ނަމަވެސް ޒޯޔާގެ ގޮތްދޫނުކުރުމާއި ދަރިފުޅުގެ ފުރާނައަށްޓަކައި އޭނާއަށް އެ ކައިވެންޏާ ރުހެން މަޖުބޫރުވީއެވެ.
ހަވީރުގެ ވަގުތެވެ. އަޔާން ޒޯޔާ ގޮވައިގެން ބޭރަށް ނުކުމެލީ ޒޯޔާ އުފާކޮށްލަދިނުމުގެ މަޤުސަދުގައެވެ. އެމީހުން ދިޔައީ މީގެ ހަތް އަހަރު ކުރިން އެމީހުން އެންމެ ފުރަތަމަ ލޯބީގެ ބައްދަލުވުމެއް ބޭއްވި ތަނަށެވެ. އެއީ ހުޅުމާލޭގެ އަތިރިމަތީގެ ހިތްގައިމު ސަރަހައްދެކެވެ. ޒޯޔާގެ އެންމެ މަޤުބޫލު ތަންވެސް މެއެވެ. ދެމަފިރިން އެކި ވާހަކަތައް ދައްކަމުން ގޮސް ކުއްލިއަކަށް ޒޯޔާގެ ޚަބަރެއް ނުވެގެން ފަހަތަށް ބަލާލި އަޔާންގެ ނިތްކުރިއަށް ރޫތައް އަރައިގެން ދިޔައެވެ.
(ނުނިމޭ)
