ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި ޕާކިސްތާން އެވެ.
ފުރަތަމަ މެޗުން އަފްޣާނިސްތާން ކައިރިން ބަލިވި ދިވެހިރާއްޖެ މި މެޗުން ވީ ބައްޔާއިއެކު ފައިނަލްގެ ފުރުސަތު ވަނީ ގެއްލިފައެވެ.
މިއަދު ހަވީރު ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ޕާކިސްތާނެވެ. ދެ އަރިމަތިން، ދިގު ޕާސްތަކެއް މަތިމަތިން ކުރިޔަށް ލައި އެ ބޯޅަތައް ގޯލު ކުރިމައްޗަށް ހުރަސްކޮށްގެން ލަނޑު ޖަހަން މަސައްކަތްކުރި ޕާކިސްތާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން ބައެއް ބޯޅަ ގޯލާއި އަމާޒުކޮށް ނުލެވުނުއިރު ގިނަ ފުރުސަތުތަކެއް ދިވެހިރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ހުއްޓުވައިފައެވެ.
ކައުންޓަރ އެޓޭކްގައި ފުރުސަތުތައް ފަހިކުރި ދިވެހިރާއްޖެއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ. ފުރަތަމަ ފުރުސަތު ގޯލު ކުރިމަތިން ހުރަސްވެގެން ދިޔައިރު ބޯޅަ އާއި ހަމައަށް އެއްވެސް ކުޅުންތެރިއަކަށް ނޭރުނެވެ. އޭގެ ފަހުން ލިބުނު ދެ ފުރުސަތުގައި ޕާކިސްތާނުގެ ގޯލަށް ނުރައްކާކޮށްލެވޭ ވަރެއް ނުވިއެވެ.
ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނު ދިވެހިރާއްޖޭން ފުރަތަމަ ދެ މިނިޓްގައި ތިން ފުރުސަތު ތަނަވަސް ކުރިއެވެ. ނައްސާހު އާއި އަލީ ފާސިރު ފޮނުވާލި ބޯޅަ ޕާކިސްތާނުގެ ޑިފެންޑަރުން ދިފާއު ކުރިއިރު އިބްރާހީމް ވަހީދު ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ އެވެ.
ދިވެހިރާއްޖެއިން ފޮނުވާލި ގިނަ ހަމަލާތަކެއް ޕާކިސްތާނުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ކައުންޓަރ އެޓޭކަށް އިސްކަން ދީގެން ކުޅެމުންދިޔަ ޕާކިސްތާނުން ވަނީ އެ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގައި ގޯލް ޖަހައިފައެވެ. 53 ވަނަ މިނެޓުގައި ޕާކިސްތާނަށް މި ލަނޑު ޖަހައިދިނީ އުމަރު ނަވާޒް އެވެ.
ޕާކިސްތާނުގެ މި ލަނޑަށްފަހު ވެސް ދިވެހިރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ލަނޑެއް ޖެހޭތޯ ދިވެހިރާއްޖޭން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް ޕާކިސްތާނުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ.
ޕާކިސްތާނުގެ ދެވަނަ ލަނޑު ޖެހީ 84 ވަނަ މިނެޓުގައި އަބްދުއްސަމަދު ސަހުޒާދު އެވެ.
ދެން ވެސް ފެނިގެން ދިޔައީ ޕާކިސްތާނުގެ ލަނޑެކެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހާރޫނު ހާމިދު އެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ހަތަރު ޕޮއިންޓް ހަމަކޮށް ޕާކިސްތާނު ވަނީ ލީގު އެއްވަނައަށް ޖެހިލައިފިއެވެ. ދިވެހިރާއްޖެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އަފްޣާނިސްތާން ދެވަނައިގައި އޮތްއިރު ފުރަތަމަ މެޗު އެއްވަރުވެ އެއް ޕޮއިންޓާއެކު ބަނގުލަދޭޝް އޮތީ ތިން ވަނައިގައެވެ.
މިރޭގެ މެޗުން އަފްޣާނިސްތާން މޮޅުވެއްޖެނަމަ އެ ޓީމަށް ހަ ޕޮއިންޓް ހަމަވާނެއެވެ. އަދި އެއްވަރުވެއްޖެނަމަ އެ ޓީމަށް ހަތަރު ޕޮއިންޓް ހަމަވާނެއެވެ. އަދި ބަނގުލަދޭޝް މޮޅުވެއްޖެނަމަ އެ ޓީމަށް ހަތަރު ޕޮއިންޓް ހަމަވާނެއެވެ.
ކުރިޔަށް އޮތް މެޗުން މޮޅުވިޔަސް ދިވެހިރާއްޖެއަށް ހަމަކުރެވޭނީ ތިން ޕޮއިންޓެވެ.
މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާން އާއި ބަނގްލަދޭޝް އެވެ.
