“ޒޯޔާ! ދަރިފުޅުގެ މުޅި ދިރިއުޅުން، ދަރިފުޅަށް އެއްވެސް ވަރަކަށް އިޙުތިރާމްނުކުރާ މީހަކާ އެކީ އުޅެންތަ ބޭނުންވަނީ؟ ދަރިފުޅަށް އޮތީ ދެގޮތް. އެއްގޮތަކީ އުމުރު ދުވަހު ތިހެން އުޅުން. އަނެއް ގޮތް އިޚްތިޔާރު ކޮށްފިއްޔާ ފުރަތަމަ ވަރަށް އުނދަގޫވާނެ. އެކަމު ފަހުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ.” އާފިޔާގެ ވާހަކަތަކުން ޒޯޔާގެ ދެލޯ ބޮޑުވިއެވެ.
“ވިސްނާލާ!” އާފިޔާ އެހެން ބުނެފައި ނުކުމެގެން ދިޔައެވެ. އަދި ކުޑަ އިރުކޮޅެއް ފަހުން އައިސް ޒޯޔާއަށް ދިއްކޮށްލީ ބޮޑު ސިޓީއުރައެކެވެ.
“މީ ކޯއްޗެއް؟” ޒޯޔާ އެހިއެވެ.
“ހުރިހާ ކަމެއްގެ ހައްލު. އަމިއްލައަށް ބަލާބަލަ.” އާފިޔާގެ މޫނުމަތިން މާބޮޑު އަސަރެއް ފާޅެއް ނުވެއެވެ.
ޒޯޔާ ސިޓީއުރަ ހުޅުވާލާފައި ނެގި ކަރުދާސްގަނޑަށް ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ހުއްޓުން އެރިއެވެ.
“މީ..؟”
“ވަރީގެ ފޯމު. އޭނަ ކައިރިން ވަރިވޭ.” އާފިޔާ ބުނެލިއެވެ.
ޒޯޔާ ސިހުމާއެކު، ފެންކަޅިވެފައިވާ ދެލޮލުން އޭނާގެ މަންމައަށް ބަލާލިއެވެ.
“އޭރުން މީގެ ފަހުން ތި ހިތްދަތި ދިރިއުޅުމުގައި އުޅޭކަށް ޒޯޔާއަކަށް ނުޖެހޭނެ.” އާފިޔާ މަޑުން ބުނި ނަމަވެސް އޭނާގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވެއެވެ.
ޒޯޔާ އެއްފަހަރު ވަރި ފޯމަށް، އަނެއްފަހަރު އާފިޔާގެ މޫނަށް ބަލާލިއެވެ. އަދި އޭނާގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް ހިންދާލަން މަސައްކަތްކުރިއެވެ. އަދި އެންމެ ފަހުން “މަންމާ” އޭ ބުނެލިއެވެ.
“އަޔާންއަކީ ކުރިންވެސް ޒޯޔާއާ ގުޅޭ މީހެއް ނޫން. އަދި ކުރިއަށް އޮތްތާވެސް އެކަން އޮންނާނީ އެގޮތަށް. ލޯތްބަކީ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭންޖެހޭ އެއްޗެއް. ހިތާމައެއް ނޫން. ކޮންމެ ދެމަފިރިއެއްގެ ދޭތެރޭވެސް މައްސަލަ ޖެހޭނެ. އެކަމަކު ތި ދެމީހުން މައްސަލަ ޖެހޭގޮތުން، ޒުވާބުކުރާ ގޮތުން ސާފުކޮށް އެނގެނީ ތީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާ ދެމީހުން ނޫންކަން. އެންމެ ފަހަރަކުވެސް އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާލަބަލަ ދަރިފުޅާ. ތިކަހަލަ އަންހެންކުއްޖަކަށް އަޔާންއަށްވުރެ މާ ރަނގަޅު މީހަކު ޙައްޤުވޭ.” އާފިޔާ ބެލީ ޒޯޔާ އެއްބަސް ކުރުވޭތޯއެވެ.
ޒޯޔާ ހިތް ނުތަނަވަސްވެފައި ހުރެ މޫނު އަނބުރާލިއެވެ. އަޔާންއާއި ވަކިވުމަކީ ދުވަހަކުވެސް އޭނާ ވިސްނާފައިވާ ކަމެއް ނޫނެވެ. އަޔާންއާ ވަކިން އުޅޭނެ ގޮތެއް އޭނާގެ ހިތަށް ގެންނަންވެސް ދައްޗެވެ. ވީއިރު ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވި ނަމަވެސް އަޔާންއާ ވަކިވާކަށް އޭނާ ނޭދެއެވެ.
“މަންމާ.. އަހަންނާ އަޔާން.. މީ..”
“އަނެއްކާވެސް ތި ހުންނަނީ ގޮތެއް ނިންމަން ނޭނގިފައި. ޒޯޔާ! މާތް ﷲ ވެސް މަގު ދައްކަވަނީ އަމިއްލައަށް މަގު ހޯދަން އުޅޭ މީހުންނަށް.” އާފިޔާ ޒޯޔާގެ އަތުގައި ހިފައި އޭނައާ ދިމާއަށް އަނބުރާލިއެވެ.
“ޒޯޔާ! ކުޑަވެސް އަމިއްލަ ޢިއްޒަތެއް ނޫނީ އަބުރެއް އޮތިއްޔާ މީގައި ސޮއިކޮށްފައި ގޮސް އޭނައަށް މި ދީ. ތިމާގެ އަގު ވަޒަންނުކުރާ މީހަކާއެކު ކިހިނެއްތަ އުފަލުގައި އުޅޭނީ؟ އަހަރެން މީ ޒޯޔާނަމަ، މާކުރިން ތިކަން ކޮށް ނިންމައިފީމުސް. ގޮތް ނިންމާނީ ތިކޮޅުން.” ހިތްހަމަނުޖެހުމާއެކު އެހެން ބުނެފައި އާފިޔާ ނުކުމެގެން ދިޔައީއެވެ.
އާފިޔާ ނުކުމެގެން ދާތަން ބަލަން ހުރި ޒޯޔާގެ ދެލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ. ކުއްލިއަކަށް ކުރިމަތި މިވީ ކަންތަކުން ލިބުނު ސިހުމާއި މަންމަގެ ނުރުހުން ފެނުމުން އޭނާއަށް އެނދުގައި އިށީނދެވުނެވެ. މަންމަގެ ބައެއް ވާހަކަތައް އޭނައަށް ޤަބޫލުކުރެވުނު ނަމަވެސް އަޔާންއާ ވަކިވުން އެއީ އޭނައަށް ކުރެވޭނެ ކަމެއް ނޫނެވެ.
އަޔާން ގެއަށް ދިޔައިރު އޭނާ ހުރީ ރުޅިއައިސްގެން ހަލާކުވާވަރު ވެފައެވެ. ޒޯޔާގެ ޢަމަލުތައް އަބަދުވެސް ހުންނަނީ އެހެންނެވެ. އޭނާ ހިތްހަމަނުޖެހޭނެހެން ހީވާނެ ހުރިހާ ކަމެއް ޒޯޔާ ކޮންމެ ގޮތެއް ހަދާފައިވެސް ކުރާނެއެވެ. އެ ދެމީހުންގެ ދޭތެރޭ ޖެހޭ ހުރިހާ މައްސަލައެއް ޒޯޔާ އޭނާގެ މަންމައާ ހަމައަށް ގެންދެއެވެ. މައިދައިތައަކީ އެ ކައިވެންޏާ ދޭތެރޭ އެއްވެސް އިރަކު ރުހުނު މީހެއް ނޫންކަން އެނގޭއިރުވެސްމެއެވެ. އެ މައްސަލަތައް މައިދައިތައާ ހަމައަށް ގެންދިޔުމުން ޒޯޔާގެ ހިތް އަޔާންއާ ދޭތެރޭ ގޯސްވާނޭ ފަދަ ވާހަކަތައް ދައްކާކަން ޒޯޔާ ނުބުންޏަސް އަޔާންއަށް އެނގެއެވެ. އެކަން އެނގެނީ މަންމައާ ބައްދަލުކޮށްފައި އަންނަ ކޮންމެ ފަހަރަކު ޒޯޔާގެ އަމަލުތަކާއި ދައްކާ ވާހަކައިގެ ރާގު ބަދަލުވާތީއެވެ. މައްސަލައަކީ ޒޯޔާއަށް ކަން ހިނގަމުންދާ ގޮތް ނުވިސްނުމެވެ. މައިދައިތަ ބޭނުންވަނީ އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް އެ ދެމީހުން ދުރުކުރަންކަން ޒޯޔާއަށް ވިސްނޭނަމަ އެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ތަކުރާރު ނުވާނެހެން ހައްލުކުރެވޭނެ ކަމަށް އަޔާން ދެކެއެވެ.
އަޔާން ގޭތެރެއަށް ވަންއިރު ގޭގެ އެންމެން ތިބީ ސިޓިންރޫމުގައި އޭނާގެ އިންތިޒާރުގައެވެ. އޭނާގެ މޫނުމަތީގައިވާ އަސަރުތައް އެމީހުންނަށް ފާހަގަކުރެވުނަ ނުދޭންވެގެން އަޔާން މަސައްކަތްކުރިއެވެ.
“މިހިރަ އައީނު. އަހަރެމެން އަޔާން އަންނާނެ އިރެއްގެ އިންތިޒާރުގައި ތިބޭތާ މިހާރު ކޮންއިރެއް؟ ބަލާބަލަ، ފަހަރި މިހާރު ތިން ފަހަރަށް ހެދުންވެސް ބަދަލުކޮށްފި.” ރިޔާޒް ހީނލަމުން ބުންޏެވެ.
“އެކަމަކު ކީއްވެ؟” އަޔާން ކުޑަކޮށް ހައިރާންވެފައި ބުންޏެވެ.
“ތިޔެއް އެނގޭނީ ފަހަރިއަށް.” ރިޔާޒް ބުނެލިއެވެ. އަޔާން އަފްޒާއަށް ނިތް އަރުވާލީ ކިހިނެއްވީހޭ އަހާލާ ފަދަ ގޮތަކަށެވެ.
“ކޮބާ ޒޯޔާ؟ އޭނަ މަންމަ ގެއަށް ލާފަތަ ތިއައީ؟” އަފްޒާގެ ސުވާލުން އަޔާންގެ މޫނުމަތިން ދައްކައިގެން ހުރި ހަމަޖެހޭކަމުގެ އަސަރު މުޅިން ފިލިއެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރުތައް ފާޅުވިއެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ހަލުވި ހިނގުމެއްގައި ކޮޓަރިއަށް ދިޔައެވެ.
“އަޔާން!” ރިޔާޒް ގޮވިއެވެ. ނަމަވެސް އަޔާން އަޅައެއް ނުލިއެވެ.
“ކުއްލިއަކަށް އޭނައަށް ކިހިނެއް އެވީ؟” ރިޔާޒް ހައިރާންވެފައި އަފްޒާއަށް ބަލާލަމުން އެހިއެވެ.
“ރިޔާޒަކަށް ނޭނގޭތަ އޭނައަށް އެ ވީގޮތެއް؟ އަނެއްކާވެސް އެއައީ ޒުވާބުކޮށްފައި.” އަފްޒާ ބޯހޫރާލަމުން ބުނެލިއެވެ.
ހަމަ އެވަގުތު ކޮޓަރީގެ ތެރެއިން އަޑުފަށްގަނޑެއް އިވުނެވެ. ރިޔާޒް ދާން އުޅުނު ވަގުތު އަފްޒާ އޭނާ ހުއްޓުވިއެވެ.
“މަޑުކުރޭ. އަހަރެން އެކަން ހަމަޖައްސާލާނަން.” އަފްޒާ އެހެން ބުނުމަށްފަހު އަޔާންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އަޔާން ކޮޓަރިތެރޭގައޮ ހުރި އެކި އެއްޗެހި އުކަން ފެށިއެވެ. އެނދުގައި ހުރި ބާލީސްތަކަށް ދާންދެން އުކާލާފައި އެނދުގައި އޮތް ބެޑުޝީޓުވެސް ދަމައިގަތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ބުރަ މަސައްކަތުން ކުރެހި ޒޯޔާގެ ތަސްވީރެވެ. އައިސްފައިވާ ގަދަ ރުޅީގައި އޭނާ ގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި އެ ކެންވަސް ނެގިއެވެ. އެވަގުތު އަފްޒާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ.
އަޔާން އެ ކެންވަސް ހަލާކުކޮށްލަން އުޅުނު ވަގުތު އަފްޒާ އައިސް އޭގައި ހިފެހެއްޓިއެވެ.
“އަޔާން. ހަމަޖެހިބަލަ.”
“ފަހަރީ. އަހަރެން އެކަނި ދޫކޮށްލާފަ މިހާރު ދޭ. ޕްލީޒް.” އަޔާން ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ބުންޏެވެ.
“ދޫކޮށްލާށޭ. ތި ދޫކޮށްބަލަ.” އަފްޒާ އެހެން ބުނުމަށްފަހު އެ ކުރެހުން އަތުލިއެވެ. އަދި އެ އެނދުމަތީ ބާއްވަމުން އަޔާންއާ ކުރިމަތިލިއެވެ.
“ތިހާ އެއްޗެހި ހަލާކުކުރާ ހިތްވަންޏާ އެހެން އެއްޗެހި ހަލާކުކުރޭ. މި ކީއްކުރަން ހަލާކުކުރަންވީ؟ މި ތައްޔާރުކުރަން ހޭދަކުރި ހަމަސް ދުވަހުގެ އެއްވެސް އަގެއްވެސް ނެތީތަ؟” އަފްޒާ ބުނެލިއެވެ.
އަފްޒާ ކޮޓަރި ތެރެއަށް ބަލާލިއެވެ. ދެން ގޮސް އެނދުގެ ކައިރީ ހުރި ބޮޑު މާޖަހާ ވަށިގަނޑެއް ގެނެސްދިނެވެ.
“އަން. ތިހާ އެއްޗެހި ހަލާކުކުރާ ހިތްވަންޏާ މި ތަޅާލާ. އާނ. މި ކިހާ ސަޅި. މިވެސް ތަޅާލާ. މިވަރު މަދިއްޔާ އަދި ބޭރުންވެސް ގެނެސްދީފާނަން. އެކަމަކު ﷲ އަށްޓަކާވެސް ތި ރުޅިގަނޑު މައިތިރިކޮށްބަލަ. ތިހެން މީހުންނާ ފެންނަހާ އެއްޗަކަށް ރުޅިގަނޑު ނުބާލަބަލަ.” އަފްޒާ ބުނެލިއެވެ.
“އަޔާން. މިއަދު އަހަންނަށް ވަޢުދުވޭ.”
“މިއަދުވެސް ގޮސް ޒޯޔާ ރުއްސައިގެން މިގެއަށް އަލުން ގެންނަންތަ؟ ނޫން. އަހަންނަކަށް ނުވާނެ. އަހަރެން މިހާރު އޭނަ ރުއްސަން މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެ.” އަޔާން ވަރުބަލިވެފައިވާ އަޑަކުން ހިތްހަމަނުޖެހިފައި ބުންޏެވެ. އަދި އަފްޒާއާ ދުރަށް އެނބުރުނެވެ.
“އަހަންނެއް ތިހެނެއް ނުބުނަމެއްނު. އަހަރެން ބުނަން އުޅުނީ މީގެ ފަހުން ދުވަހަކުވެސް ޒޯޔާ ރުއްސަން ނުދައްޗޭ.” އަފްޒާގެ ވާހަކައިން އަޔާންއަށް ލިބުނީ ހައިރާންކަމެކެވެ. ލިބުނު ހައިރާންކަމުގައި އޭނައަށް އަނގައިން އަޑެއްވެސް ލައްވާލެވުނެވެ.
“އާނ. ރަނގަޅަށޭ ތި އަޑުއިވުނީ. އެއީ އަހަރެންވެސް މިހާރު ތި ދެމީހުންނަށް ވިސްނައިދީދީ ވަރުބަލިވެއްޖެ.” އަފްޒާ ބުންޏެވެ.
“އެހެންވެގެން މިބުނީ މިފަހަރު ތި ރުޅިގަނޑު މައިތިރިވީމަ އޭނަ ރުއްސަން އެގެއަށް ނުދައްޗޭ. އެއީ އޭގެ އެއްވެސް ފައިދާއެއް ނެތީމަ. އަޔާން އޭނަދެކެ ލޯބިވާވަރަށް އޭނަ އަޔާންދެކެ ލޯތްބެއް ނުވޭ.” އަފްޒާ ބުންޏެވެ.
“ކީކޭ ތި ކިޔަނީ..” އަޔާން ހިތްހަމަނުޖެހިފައި ބުނަން ފެށި ޖުމްލަ އަފްޒާ މެދުކަނޑާލިއެވެ.
“ކީއްވީ؟ އެއީއެއްނު ތި ވިސްނާ ގޮތަކީ. ޒޯޔާ އަޔާންގެ ހަލާކުކޮށްލައިފި ކަމަށް. އަޔާން ކުރިއަށް ދާން މަސައްކަތްކުރާ ވަރަކަށް އޭނަ އަޔާން ފަހަތަށް ގެންދަނީއޭ. މި ގުޅުން ސަލާމަތްކުރަން އަޔާން ތިހާ މަސައްކަތް ކުރާއިރު، އޭނަ އެއްވެސް ކަމެއް ނުކުރެޔޭ. އަޔާންގެ ސިކުނޑީގެ އެނބުރެމުން ދަނީ މި ޚިޔާލުތަކެއްނު. ދެން އަހަރެން މިވާހަކަ އަޑުއިވޭ ވަރަށް ބާރަށް ބުނެލީމަ ތިހާ ހައިރާންވި ކަމަށް ތި ހެދެނީ ކީއްވެ؟” އަފްޒާގެ ވާހަކަދެއްކީ އަޑުގަދަކޮށެއް ނޫނެވެ. ނަމަވެސް އެ އަޑުގައިވި ހިތްހަމަނުޖެހުމާއި އެ ވާހަކައިގެ ހުރި ބުރަދަން ހަޅޭއްލެވުމަކަށްވުރެ ވަރުގަދައެވެ.
އަޔާންއަށް ދެލޯ މަރާލެވުނެވެ. އަފްޒާ ދެއްކީ ރަނގަޅު ވާހަކައެވެ. އޭނާގެ ހިތާއި ސިކުނޑީގައި ހިނގަމުން ދިޔައީ އެ ޚިޔާލުތަކެވެ. ކަންތައްތައް ހިނގި ގޮތުން އޭނާގެ ވިސްނުން ވީ ތަޣައްޔަރުވެފައެވެ.
އަފްޒާ ކޮޓަރިން ނުކުންނަން ގޮސް ދޮރާއި އަރާ ހަމަވެފައި، މަޑުކޮށްލާފައި އަނެއްކާވެސް އަޔާންއާ ދިމާލަށް ބަލާލިއެވެ.
“އަދި އެއްވާހަކަ. ޒޯޔާ އަޔާންއަށްޓަކައި ކޮށްދިނީ ކޮންކަމެއް؟ މުއްސަނދި، ރީތި އަންހެން ކުއްޖަކު، އޭނަގެ ގަނޑުވަރެއް ކަހަލަ ގެޔާއި، އަމިއްލަ ކެރިއަރު ދޫކޮށްލާފައި، އާއިލާގެ ނުރުހުމުގައި އައިސް މި އާދައިގެ ދިރިއުޅުމުގައި އުފަލުން އުޅެން ފެށީ. މި ގޭގެ ކަމަކާ ނޫނީ ގޭގެ މީހަކާ ބެހޭގޮތުން ވެސް ދުވަހަކުވެސް ޝަކުވާއެއް ނުކުރޭ. ކުއްލިއަކަށް އޭނާގެ އަގުބޮޑު ކާރުތައް ދޫކޮށްލާފައި މިގޭގެ ކުޑަކުޑަ އާދައިގެ ކާރުގައި އަހަރެމެންނާއެކު ދަތުރުކުރީ އެއްވެސް ޝަކުވާއެއް ނެތި. ހަ އަހަރު ވަންދެން އަބަދާ އަބަދު ޒުވާބުކޮށްފައިވެސް އަބަދުވެސް މީ އޭނާގެ އަމިއްލަ ގެ ކަމަށް ދެކިގެން އެނބުރި އަންނަނީ. ތި ބުނަނީ ރަނގަޅަށޭ. އޭނަ އަޔާންއަށްޓަކައި ކޮށްދިނީ ކޮން ކަމެއް؟ އެއީކީ ލޯތްބެއް ނޫނެއްނު. އޭނަ އަޔާންދެކެ ލޯތްބެއް ނުވޭ.” އަފްޒާ އެހެން ބުނެފައި ކޮޓަރީގެ ދޮރު ލައްޕާފައި ދިޔައީއެވެ.
އަޔާންއަށް އޭނާގެ ކުށް އިޙުސާސްކުރެވުނެވެ. އޭނާ ދެލޯ މަރާލީ އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވުމުންނެވެ.
އަނެއްކޮޅުން ޒޯޔާ އެނދުގައި އިށީނދެގެން އިނދެ އާފިޔާ ދެއްކި ވާހަކަތަކާމެދު ވިސްނަމުން ދިޔައެވެ. އޭނާގެ ސިކުނޑި ވަނީ އެކި ޚިޔާލުތަކުން ސުވާލުތަކެއްގެ ތެރެއަށް ޣަރަޤުވެފައެވެ. އާފިޔާގެ ވާހަކަތަކާއި އަޔާންއާ ދެމެދު އަތިރިމަތީ ހިނގި ދިގު ޒުވާބުގައި އަޔާން ރުޅިއައިސްގެން ބުނި ކޮންމެ ލަފުޒެއް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ.
ކުއްލިއަކަށް ޒޯޔާ ވަރީގެ ފޯމު ނަގައި ސޮއިކޮށްލިއެވެ. އަދި ރޯން ފެށިއެވެ. އަޔާންއާ ވަކިވުމަކީ ކެތްކުރެވޭވަރުގެ ކަމަކަށް ނުވިޔަސް އޭނާ އެގޮތަށް ނިންމައިފިއެވެ. ހަމަ އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. ފޯނު ބަލާލިއިރު އަޔާންގެ މެސެޖެކެވެ. އަޅާނުލާ ފޯނު ބާއްވަން އުޅެފައިވެސް އޭނައަށް އެ މެސެޖުގައި އޮތް އެއްޗެއް ކިޔާނުލައެއް ނީނދެވުނެވެ. އޭނާ މެސެޖު ހުޅުވާލާފައި ކިޔަން ފެށިއެވެ.
“ޒޯޔާ! އަހަންނަށް މާފުކުރޭ. އަހަރެން ޒޯޔާދެކެ ވަރަށް ލޯބިވޭ. ރުޅިއައިސްގެން ކިޔުނު އެއްޗެއް ނޭނގުނަސް އެއީ ޒޯޔާއާ ވަކިވާން ޖެހިދާނެތީ ކިޔުނު އެއްޗެހިތަކެއް. އަހަރެން މިދަނީ ޒޯޔާ ބަލައި. އަހަރެމެން އަބަދުވެސް ބައްދަލުވާ އަހަރެމެންގެ އެންމެ މަޤުބޫލު ތަނުގައި އަހަރެން މަޑުކޮށްގެން ހުންނާނަން. ޒޯޔާ އަންނާނެ އިރެއް ވަންދެން އަހަރެން އިންތިޒާރު ކުރާނަން.”
މެސެޖު ކިޔާލުމާއެކު ކަރުނައިގެ ތެރެއިންވެސް ޒޯޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ވިސްނުމަކަށްވެސް ނުގޮސް އޭނާ ކޮޓަރިން ބޭރަށް ދުއްވައިގަތެވެ. ގޭތެރޭގައި ހުރި އާފިޔާއަށް އުފަލުން ދުވެފައި ނުކުތް ޒޯޔާ ފެނުމުން ހައިރާންވިއެވެ. ދެންމެ ރޮއިރޮއި އިން ޒޯޔާ މިހާރު އޭގެ އެއްވެސް އަސަރެއްވެސް ނެތި އުފަލުން ފޮޅިފައި ހުރެ ނުކުތުމުން ވާނީވެސް އެހެންތާއެވެ.
“ޒޯޔާ! ދަރިފުޅު ރަނގަޅުތަ؟” އާފިޔާ އެހިއެވެ.
“އާނ މަންމާ. އަހަރެން ރަނގަޅޭ. އަހަރެން މި ދަނީ.” ޒޯޔާ ހިނިތުންވެފައި ބުންޏެވެ.
“ކޮންތާކަށް؟” އާފިޔާ އަނެއްކާވެސް އެހިއެވެ. ހީވަނީ ބޮޑު ތަހުޤީޤެއް ފަށައިގެން އުޅޭހެންނެވެ.
“މަންމާ. އަޔާންގެ މެސެޖެއް އަތުވެއްޖެ. އޭނަ މާފަށްވެސް އެދިއްޖެ. އަސްލު އަހަންނަށްވެސް އޭނައާ ދޭތެރޭ ކަންތައް ކުރެވުނީ ގޯސްކޮށް. އަހަރެން އޭނަގެ ވާހަކަތައްވެސް އަޑުއަހަން ޖެހޭނެ. އަހަންނަށް ހެދޭ ގޯސްތައް ރަނގަޅުކުރަންވެސް މަސައްކަތް ކުރަން ޖެހޭނެ. އޭނަ އަހަރެންދެކެ ވަރަށް ލޯބިވޭ. އޭނަ އަހަރެންގެ އިންތިޒާރުގައި އެބަހުރި. އަހަރެން މިދަނީ މަންމާ.” ޒޯޔާ އުފަލުން ބުނެލިއެވެ. އޭނާ ހުރީ ލަސްވެފައެވެ. ނަމަވެސް އާފިޔާ އަނެއްކާވެސް އޭނާ ހުއްޓުވިއެވެ.
“ދެން އެ ވަރީގެ ފޯމޯ؟” އާފިޔާ އެހިއެވެ.
“މަންމާ. އެ ވީދާލާފަ އެއްލާލާ. ވަރަށް ލޯބިވޭ.” ޒޯޔާ އެހެން ބުނަމުން އާފިޔާގެ ގައިގައި ބައްދާލާފައި ބޭރަށް ނުކުންނަން ހިނގައިގަތެވެ. ހިނގަމުން ދުވަމުން ކަހަލަ ގޮތަކަށް ނުކުންނަމުން އޭނާ އެގޭ ޑްރައިވަރު އަތުން ކާރުގެ ތަޅުދަނޑި އަތުލިއެވެ.
“ޒޯޔާ! ދަރިފުޅު ބަލައިގެން ދައްޗޭ.” ޒޯޔާ ކާރުގައި ދާކަން އެނގުމުން އާފިޔާ އަޑު ބާރުކޮށް ގޮވާލިއެވެ. އޭނާގެ ހިތް ނުތަނަވަސްވީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގުނެވެ.
ޒޯޔާ ކާރަށް އަރާ ދުއްވާލިއެވެ. އަޔާންވެސް އޭނާގެ ގެއިން ނުކުމެ ކާރުގައި ދުއްވާލިއެވެ. ދެމީހުންގެ މަންޒިލަކީ އެއް މަންޒިލެކެވެ. ހުރިހާ ޝަކުވާއެއް އެއްފަރާތްކޮށްލާފައި އާ ފެށުމަކުން ފެށުމުގެ ވަގުތު އައީއެވެ. ދެމީހުންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ބައްދަލުވުމުގެ ކެތްތެރިކަން ކުޑަވެފައެވެ.
އަޔާން ޒޯޔާއަށް ގުޅިއެވެ. ޒޯޔާ ފޯނު ނަގައި ސްޕީކަރަށް ލާފައި ސީޓު މަތީ ބޭއްވިއެވެ. ދެމީހުންވެސް ލޯބީގެ ވާހަކަތައް ދައްކަމުން، ކެތްތެރިކަމެއް ނެތި ދަތުރު ދިގުވެގެން ކުރިއަށް ދިޔައިރު، ދެމީހުންނަށްވެސް ކާރުގެ ދުވެލި ބާރުކުރެވޭ ކަމެއް އިޙުސާސެއް ނުކުރެވެއެވެ. ކުއްލިއަކަށް މަގަކުން ނުކުތް ކާރާއެކު ޒޯޔާގެ ހަޅޭކުގެ އަޑު އަޔާންއަށް އިވުނެވެ. ދެ ކާރު ޖެހުނު އަޑުފަށްގަނޑާއެކު އަޔާންގެ ސަމާލުކަން މަގުން ކައްސާލައި ފޯނަށް ދެވުނެވެ.
“ޒޯޔާ!” އަޔާން ހަޅޭއްލަވައިގަތް ވަގުތު އޭނާގެ ކާރު އެނބުރިގަނެގެން ދިޔައެވެ. ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.
(ނުނިމޭ)
