ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ހަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އަނެއްކޮޅުން ޒޯޔާ ހޭއެރިއިރު އާފިޔާއާއި ނަސީރު ތިބީ އޭނާގެ ގާތުގައެވެ. އޭނާގެ ގައިގައި އަޅަމުންދިޔަ ގަދަ ވޭނާއެކު އޭނާގެ ހަރަކާތްތައް ވަރަށް ތަފާތެވެ. ނުވެސް ދަންނަ ބަޔަކަށް ބަލާފަދަ ބީރައްޓެހި ނަޒަރަކުން އޭނާ އެމީހުންނަށް ބަލަމުން ދިޔައެވެ. އެމީހުން އޭނާގެ ގައިގައި އަތްލުމުން އޭނާ އެމީހުންގެ އަތް ފޮޅުވާލިއެވެ. އަދި މަޑުމަޑުން ދުރަށް ޖެހިލިއެވެ.

“އޮށޯވެލާ. އަރާމުކޮށްލާ. ދަރިފުޅަށް މިވަގުތު އަރާމުކުރުން ވަރަށް މުހިންމު.” ނަސީރު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

“ތީ.. ތީ އަހަރެންގެ ޑޮކްޓަރުންތަ؟” ޒޯޔާ އިރުގަނޑެއް ވަންދެން ބަލަން އިނުމަށްފަހު މަޑުމަޑުން އެހިއެވެ.

ޒޯޔާގެ ޖުމްލައާއެކު އާފިޔާއާއި ނަސީރަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. އާފިޔާގެ ލޮލުން އޭރުވެސް ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. އޭރު ޒޯޔާ އިނީ އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ރިހުމަށް ލުޔެއް ލިބޭތޯއެވެ.

“ޒޯޔާ! ދަރިފުޅާ.” އާފިޔާ ޒޯޔާއާ ގާތްވެލަމުން ކޮނޑުގައި ހިފަހައްޓާލާފައި ގޮވާލިއެވެ.

“ޒޯޔާ..” ހައިރާންކަމާއެކު ޒޯޔާ ބުނެލިއެވެ.

“އާނ. ދަރިފުޅުގެ ނަމަކީ ޒޯޔާއޭ.” އާފިޔާ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. ޒޯޔާ ވަށައިގެން ހޯދަން ފެށިއެވެ.

“ޒޯޔާ. ދަރިފުޅާ. މީ މަންމައޭ.” އާފިޔާ އަނެއްކާވެސް ބުންޏެވެ.

“އަހަރެންގެ ބޯ..” ޒޯޔާގެ ބޮލުގައި އިހުނަށްވުރެ ބޮޑަށް ރިއްސަން ފެށިއެވެ. އާފިޔާ އަވަހަށް ޒޯޔާ އެނދުގައި ބޭއްވިއެވެ.

“އޮށޯވެލާ. އަރާމުކޮށްލާ.” އާފިޔާ ބުނެލިއެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން ނަސީރު ބަލަން ހުރީ އޭނާގެ ދަރިފުޅުގެ ހާލާމެދު ކުރާނެ ކަމެއް ނޭނގި ހިތްދަތިވެފައެވެ.

އޭނާ އާފިޔާ ގޮވައިގެން ބޭރަށް ނުކުތީ ޑޮކްޓަރާއި ބައްދަލުކުރުމަށެވެ.

*****

“އަޔާން!” ޑޮކްޓަރު ފާއިޒް ގޮވާލިއެވެ. އަޔާން މަޑުމަޑުން ލޯ ހުޅުވާލިއެވެ.

“މަޑުމަޑުން.” އަޔާން ތެދުވަން އުޅުމުން ޑޮކްޓަރު ފާއިޒް ބުންޏެވެ.

“އަޔާން! މިހާރު ކިހިނެއް؟”

“ޑޮކްޓަރު. އަހަންނަކަށް ނޭނގެ.” އަޔާންގެ ޖަވާބުން ރިޔާޒަށް ޑޮކްޓަރަށް ބަލާލެވުނެވެ. ޑޮކްޓަރު ހަމަޖެހުމަށް އިޝާރާތްކުރިއެވެ.

“އަޔާންއަށް އެއްވެސް ކަހަލަ ތަފާތު ކަމެއް ފާހަގަކުރެވޭތަ؟ މިބުނީ އުނދަގޫ ކަމެއް؟” ޑޮކްޓަރު ފާއިޒް އެހިއެވެ.

“ޑޮކްޓަރު. އަހަންނަކަށް ނޭނގެ. ވަރަށް ބޮޑަށް ގައިގައި ރިއްސާފައި، އުނދަގޫ ގޮތެއް ވެފައި ހުންނަނީ.” އަޔާން ބުންޏެވެ.

“އެންމެ ރަނގަޅު. އަރާމުކޮށްލާ. ތިހާ ބޮޑަށް އަނިޔާވީމަ އެއީ. ރަނގަޅުވަމުންދާ ވަރަކަށް ތި އުނދަގޫތައްވެސް ފިލަމުން ދާނީ.” ޑޮކްޓަރު ފައިސަލް ބުންޏެވެ.

“އަޔާން! އިހަށް މާގިނައިން ތެދުވެ ނޫޅޭތި. ވަރަށް ގިނައިން އަރާމު ބޭނުންވާނެ.” ޑޮކްޓަރު އެހެން ބުނެލާފައި ރިޔާޒްގެ ކޮނޑުގައި ޖަހާލާފައި ދިޔައެވެ.

ޑޮކްޓަރު ދިޔުމުން ރިޔާޒް އަޔާންގެ އެނދު ކައިރީ ގޮނޑީގައި އިށީނދެލިއެވެ. އަދި މަޑުމަޑުން އަޔާންގެ އަތުގައި ހިފާލިއެވެ. އަޔާން އޭނާގެ އަތް ދަމައިގަތެވެ.

“ތީ ކާކު؟ ކީއްވެ މިތަނުގައި؟” އަޔާން ބީރައްޓެހި ނަޒަރަކުން ބަލަން އޮވެ ބުނެލިއެވެ. ރިޔާޒަށް ލިބުނީ ކުއްލި ސިހުމެކެވެ.

“އަޔާން! މީ ދޮންބެއެއްނު.” އަނެއްކާވެސް އަޔާންގެ އަތުގައި ހިފާލަމުން ރިޔާޒް ބުންޏެވެ. އަތް ދަމައިނުގަތް ނަމަވެސް އަޔާން ބަލަހައްޓައިގެން އޮތީ އަލަށް ބައްދަލުވި ނުދަންނަ މީހަކާ ދިމާލަށް ބަލާފަދަ ނަޒަރަކުންނެވެ.

“ނިދާލެވޭތޯ ބަލާ. ދޮންބެ އެބަ އަންނަން.” އެހެން ބުނުމަށްފަހު ރިޔާޒް ބޭރަށް ނުކުންނަން ހިނގައިގަތްއިރު އޭނާގެ ދެލޮލުން ކަރުނަ ފޭދިއްޖެއެވެ. އޭނާގެ ހުރި ހަމައެކަނި ކޮއްކޮ އޭނާގެ މަތިންވެސް ހަނދާން ނެތިއްޖެއެވެ.

އޭނާ ހޮސްޕިޓަލުގެ މިސްކިތް ބަޔަށް ގޮސް ނަމާދުކޮށްލައިގެން އައި ވަގުތު ޒޯޔާގެ މައިންބަފައިންނާ ބައްދަލުވިއެވެ. ކޮންމެ ގޮތެއް ހެޔޮކަމަށް އޭނާ އެމީހުންނާ ވާހަކަދެއްކިއެވެ.

“ނަސީރުބެ. ޒޯޔާގެ ހާލު ކިހިނެއް؟” ރިޔާޒް އެހިއެވެ.

“ކަލޭމެންނަށް ކީއް އޭނަ މަރުވިޔަސް؟” އާފިޔާ ބާރު އަޑުން ބުންޏެވެ.

“އާފިޔާ! މިތާ އަޑުގަދަނުކޮށް ދޭ!” ނަސީރު އަމުރުކުރިއެވެ. ލޯ އަޅާލާފައި އާފިޔާ ދިޔައެވެ.

“ރިޔާޒް. އާފިޔާގެ ފަރާތުން އަހަރެން މާފަށް އެދެން. ޒޯޔާގެ ހާލު ރަނގަޅެއް ނޫން. ހޭއަރައިފި. އެކަމަކު އެފަކީރުގެ ހަނދާނުގައި އެއްވެސް ކަމެއް ނެތް. އޭނައަށް އަހަރެމެން ދެމީހުންވެސް ނޭނގެ.” ނަސީރު ދެރަވެފައި ބުންޏެވެ.

“ހާދަ ދެރައޭ. ޒޯޔާއަކީ އަހަރެންގެ ކޮއްކޮގެ އަނބިމީހާއަށް ވިޔަސް އަހަރެން ދުށީ އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ކަމަށް. އަހަންނަށް އެނގޭ ދައްތަގެ ރިއެކްޝަން އަންނާނީ އެގޮތަށްކަން. އެހެންވެ ދެކިލަން ދާން ނުކެރުނީ ވެސް. އަހަންނަށް އެނގޭ ބޭބެމެން ބޭނުމެއް ނުވާނެކަން އަޔާންގެ ހާލު ބަލާކަށް. އެކަމަކު އެއީ ބޭބެއާ ގުޅުން ހުރި މީހަކަށް ވާތީ ބުނެލާނަން. އަޔާންގެ ހާލަކީވެސް ހަމަ ތީ. އޭނަގެ ހުރިހާ ހަނދާނެއް ވަނީ ފޮހެވިފައި.” ރިޔާޒް ބުންޏެވެ.

ނަސީރު ކުއްލިއަކަށް ރިޔާޒަށް ބަލާލީ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ. ރިޔާޒް ބޯޖަހާލީ އޭނާ ބުނި ވާހަކައަކީ ތެދު ވާހަކައެއްކަން ޔަޤީންކޮށްދިނުމުގެ ގޮތުންނެވެ.

“ބޭބޭ. އަހަރެން ބޭނުން ޒޯޔާ ދެކިލަން.” ރިޔާޒް ބުންޏެވެ.

“ރިޔާޒް. ރިޔާޒަށް އެނގެއެއްނު ރިޔާޒް ގޮއްސިއްޔާ ކަންތައް ވާނެ ގޮތް. އަހަންނަކަށް އާފިޔާ އެތަނުން ދުރަކަށް ނުގެންދެވުނު. ނޫންނަމަ..”

“އަހަރެން އެތެރެއަށް ނުވަދެ ބޭރުން ބަލާލަފާނަން.” ރިޔާޒް އަވަސްއަވަހަށް ބުނެލިއެވެ. ނަސީރު ބޯޖަހާލިއެވެ.

ޒޯޔާ ދެކިލުމަށްފަހު އައި ރިޔާޒް އަޔާން އޮތް ވާޑަށް ވަނުމުގެ ކުރިން އަފްޒާއަށް ގުޅާލިއެވެ. އަދި ހުރިހާ ކަމެއް ކިޔައިދިނެވެ. އެކަމުން ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް އަފްޒާ އޭނާއަށް ހިތްވަރު ދިނެވެ. އަދި ރާއިޒް ހޭލުމުން ހޮސްޕިޓަލަށް އަންނާނެކަމަށް ބުންޏެވެ.

ޑޮކްޓަރު ފައިސަލްއަކީ ޒޯޔާގެ ދިރިއުޅުމުގެ ކަންތައްތައް އެނގޭ މީހެކެވެ. އަޔާންއާ ޒޯޔާގެ ކައިވެނީގެ ކަންތައްވެސް އޭނައަށް އެނގެއެވެ. އަދި އަޔާން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދާކަންވެސް އޭނައަށް އޮތީ އާފިޔާއާ ނަސީރު ދެއްކި ވާހަކައަކުން އެނގިފައެވެ. ވުމާއެކު އޭނާ އަޔާންގެ ޑޮކްޓަރު ފާއިޒާ ބައްދަލުކުރިއެވެ. އަދި އެ ދެމީހުން އެކަމާ މަޝްވަރާ ކުރިއެވެ.

ޒޯޔާއާއި އަޔާންގެ ހާލަތު ކުޑަކޮށް ހަމައަކަށް އެޅިލުމުން އެ ޑޮކްޓަރުން އެމީހުންގެ އިތުރު ފަރުވާތައް ފެށިއެވެ. އެ ދެމީހުންގެ ހަނދާނުގެ ޓެސްޓުތައް ކުރިއެވެ. ސްކްރީންއަކުން އާއިލާގެ މީހުންނާއި ރައްޓެހިންގެ ފޮޓޯތައް ދެއްކިއެވެ.

އަޔާންއަށް ޒޯޔާގެ ފޮޓޯ ފެނުމުން އިރުގަނޑެއް ވަންދެން ބަލަން އިނެވެ. ތަފާތު އިޙުސާސެއް ކުރެވުނެވެ. ދެން އޭނާގެ ހަނދާނަށް ފުސް ގޮތަކަށް އަންނަން އުޅުނެވެ. ބޮލަށް ތޫނު ތަދެއް އެރިއެވެ. އޭނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ޑޮކްޓަރު ފޮޓޯ ބަދަލުކޮށްލިއެވެ. ޑޮކްޓަރަށް އެނގުނެވެ. ޒޯޔާގެ ފޮޓޯ ފެނުމުން އޭނާގެ ހަނދާންތައް އާވާން އުޅެއެވެ. ނަމަވެސް އެވާ އުނދަގޫތަކަކީ ހަނދާންތައް އަނބުރާ ނާންނާތީ ސިކުނޑިއަށް ލެވޭ ބާރެއްގެ ސަބަބުން ވާ އުނދަގުލެކެވެ.

ޒޯޔާއަށްވެސް ވީ އެފަދަ ގޮތެކެވެ. އަޔާންގެ ފޮޓޯ ފެނުމުން އޭނައަށް ތަފާތެއް އިޙުސާސްވިއެވެ. ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވިޔެވެ. ސިކުނޑިއަށް ބާރު ބޮޑުވިއެވެ.

ފައިސަލް އާއި ފާއިޒް ބައްދަލުކުރިއެވެ. އަދި އަޔާން އާއި ޒޯޔާގެ ހާލަތާމެދު މަޝްވަރާ ކުރިއެވެ. އަދި އެ ދެމީހުންނަށްވެސް އެންމެ ރަނގަޅުވާނެ ގޮތެއް ވިސްނިއެވެ. ގޮތެއް ނިންމިއެވެ. އުނދަގޫ، ބޮޑު ނިންމުމެކެވެ. ނަމަވެސް އެއީ ޑޮކްޓަރުންގެ ހައިސިއްޔަތުން ބަލި މީހާގެ ސިއްޙަތަށް ވިސްނާފައި ނިންމަން ޖެހުނު މުހިންމު ނިންމުމެކެވެ. ދެ ޑޮކްޓަރުން އަޔާން އާއި ޒޯޔާގެ އާއިލާގެ މީހުންނާ އެކުގައި ބައްދަލުކުރިއެވެ.

ޑޮކްޓަރުން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ދެ އާއިލާ ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެ ޑޮކްޓަރުންވެސް ދެ އާއިލާއަށް ވަރަށް ފުންކޮށް ބަލާލާފައި ދެމީހުންނަށް ނަޒަރެއް ދިނެވެ. ފުރަތަމަ ވާހަކަ ދެއްކީ ފައިސަލްއެވެ.

“ތިޔަ ދެ ފަރާތަށްވެސް އެނގޭނެ ޒޯޔާއާ އަޔާންއާ ދެމީހުންގެ ވެސް ހަނދާންތައް ވަނީ އެއްކޮށް ފޮހެވިފައިކަން. ވޭތުވެދިޔަ ދުވަސްތަކުގެ އެއްވެސް ހަނދާނެއް ނެތް. އެކަމަކު.. އަހަރެމެން ވާހަކަ އެހާ ދިގުދަންމާކަށް ގަސްތެއް ނުކުރަން. ސީދާ ޕޮއިންޓަށް ގޮސް ވަރަށް ސާފުކޮށް އޮޅުންފިލުވައިދޭން އަހަރެމެން ބޭނުމީ.” ފައިސަލް ބުންޏެވެ.

“އެ ދެމީހުންގެ ހަނދާންތައް ނެތްކަމަށް ވިޔަސް، އެއްކަމެއް އަހަރެމެންނަށް ފާހަގަކުރެވިއްޖެ. އެ ދެމީހުން އެކަކު އަނެކަކުގެ ކުރިމައްޗަށް އައީމަ ނޫނިއްޔާ އެ ދެމީހުންނަށް އެކަކު އަނެކަކުގެ މަތިން ހަނދާންކޮށްދޭން މަސައްކަތްކުރީމަ އެމީހުންގެ ސިކުނޑިއަށް އެބަ ބާރު ބޮޑުވޭ. ހަނދާންތައް އަންނަން އުޅެފައި ހަނދާން ނުވީމަ ވާ އުނދަގޫތަކެއް. އަހަރެމެން ދެމީހުންގެ ވެސް ހަނދާނުގެ ޓެސްޓުތައް ކުރިއިރު ދެމީހުންނަށްވެސް މިހެން ދިމާވީ.” ފާއިޒް ކިޔައިދިނެވެ.

“އެހެންވީމަ އެ ދެމީހުންގެ ޑޮކްޓަރުންނަށްވެ ތިބެ އަހަރެމެން ދޭނެ ލަފައަކީ އޭގެ ދެމީހުން އެއްކޮށް އެއްތަނެއްގައި ނުގެންގުޅުން. އެ ދެމީހުންގެ ނޫނީ ދެމީހުންކުރެ ކޮންމެވެސް އެކެއްގެ ހަނދާންތައް އެނބުރި އަންނަންދެން. އެމީހުންގެ ހަނދާންތައް އެނބުރި އަންނާނީ ކޮންއިރަކު ކަމެއް ބުނާކަށް ނޭނގެ. ފަހަރެއްގައި ކުޑަ ދުވަސްކޮޅެވެސް، މަސްތަކެއްވެސް ނޫނީ އަހަރުތަކެއްވެސް ނަގާފާނެ.” ފައިސަލް އެވާހަކަ ބުނީ އެއީ ކިހާ އުނދަގޫ ކަމެއްކަން އެނގިހުރެއެވެ.

“އަދި އެންމެ މުހިންމު ކަމަކީ އެ ދެމީހުންނަށްވެސް ހަނދާންތައް އަނބުރާ ގެނައުމަށް އެއްވެސް ކަހަލަ ޕްރެޝަރެއް، ސިކުނޑިއަށް ބާރުބޮޑުވާނެ ކަހަލަ އެއްވެސް ކަމެއް ނުކުރުން. އެއީ އެގޮތަށް ކަންތައް ކޮށްފިނަމަ ފަހަރެއްގައި އެމީހުންގެ ހަނދާންތައް ދުވަހަކުވެސް އެނބުރި ނައުންވެސް އެކަށީގެންވޭ.” ފާއިޒް އިތުރުކޮށްލިއެވެ.

“އެހެންވީމަ އަނެއްކާވެސް ތަކުރާރުކޮށް ބުނެލަން. އެ ދެމީހުން އެކަކު އަނެކަކާ ވީހާވެސް ދުރުގައި ތިބުން އެ ދެމީހުންނަށްވެސް ރަނގަޅުވާނީ. ހަނދާންތައް އަމިއްލައަށް އެނބުރި އަންނަންދެން.” ފައިސަލް ބުންޏެވެ.

“އެކަމަކު ޑޮކްޓަރު..”

“ރިޔާޒް. އަހަންނަށް އެނގޭ މިވަގުތު މީ ކިހާ އުނދަގޫވާނެ ވަގުތެއްކަން. އެކަމަކު އަޔާން އާދައިގެ ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުންކަމަށް ވަންޏާ މިގޮތަށް ކަންތައް ކުރަން ޖެހޭނެ. އަޔާންގެ ހަނދާންތައް އެނބުރި އަންނަންދެން. އުންމީދުކުރަން މި ހާލަތުގެ ނާޒުކުކަން ވިސްނޭނެކަމަށް.” ފާއިޒް ބުންޏެވެ.

ރިޔާޒް ބޯޖަހާލި ނަމަވެސް އެކަމާ އޭނާގެ ހިތެއް އެއްބަހެއް ނުވެއެވެ. އަޔާންއާއި ޒޯޔާ ވަކިކުރުމަކީ އެ ދެމީހުންގެ ހަނދާންތައް ދުވަހަކުވެސް އަނބުރާ ނައިސްދާނެ ސަބަބެކެވެ. އަދި އެވަގުތު އާފިޔާގެ މޫނުމަތީގައިވާ އަސަރުތަކުން އެކަން އެގޮތަށް ވިޔަނުދޭން އޭނައަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެކަން ރިޔާޒަށް އެނގުނެވެ.

“އެކަމަކު އަޔާންއާ ޒޯޔާ ވަކިކުރާނީ ކިހިނެއް؟ އެއީ ދެމަ..”

“ޚަބަރުދާރު!”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top