ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބަރުދަން ލުއިކުރަން ބޭނުންކުރާ މަޝްހޫރު ބޭހަކުން އިންސާނާ މުސްކުޅިވުން ލަސްކޮށްދޭކަން ހާމަވެއްޖެ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ މަޝްހޫރު ބޭހަކުން އިންސާނާގެ ބަޔޮލޮޖިކަލް އުމުރު ދުވަސްވުން ލަސްކޮށްދޭކަން ދިރާސާއަކުން ދައްކައިފި އެވެ.

ބަރުދަން ލުއިކުރުމަށާއި ހަކުރު ބައްޔަށް ފަރުވާ ދިނުމަށް މިހާރު އާންމުކޮށް ބޭނުންކުރާ ބޭސްތަކަކީ ހަމައެކަނި މެޓަބޮލިކް ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެއް ނޫންކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ.

‘އޯޒެމްޕިކް’ އަދި ‘ވިގޯވީ’ ފަދަ ބޭސްތަކަކީ އާދަޔާ ހިލާފަށް ބަރުދަން އިތުރުވުމާއި، ޓައިޕް 2 ހަކުރު ބަލީގެ ފަރުވާ އަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ ބޭސްތަކެކެވެ. މި ބޭސްތަކުގެ ސަބަބުން މިލިއަނުން މީހުންނަށް ބަރުދަން ލުއިކުރުމަށާއި ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް، ސައިންސްވެރިންނަށް މިހާރު ފެންނަމުންދަނީ މި ބޭސްތަކުގެ ނަތީޖާ ހަމައެކަނި ބަރުދަން ލުއިކުރުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ހުރި ކަމެވެ. ‘ޖީ.އެލް.ޕީ-1’ ބޭސްތަކުގެ ސަބަބުން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، އަދި ސިކުނޑީގެ ނާރުތަކަށް ޖެހޭ ބައެއް ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭކަން ކުރީގެ ދިރާސާތަކުން ވަނީ ދައްކާފައެވެ. އަދި ދާދި ފަހުން ކުރެވުނު ކްލިނިކަލް ދިރާސާއަކުން ދައްކާގޮތުގައި، މި ބޭސްތަކުގެ ސަބަބުން އިންސާނާ ދުވަސްވުމަށް (އޭޖިން އަށް) މެދުވެރިވާ ބަޔޮލޮޖިކަލް މަރުހަލާތަކަށް ވެސް އަސަރު ފޯރުވައެވެ.

‘ނޭޗާ ކޮމިއުނިކޭޝަންސް’ މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، ސެމަގްލޫޓައިޑް ބޭނުންކުރުމުން އެޗް.އައި.ވީ އާ އެކު ދިރިއުޅޭ މީހުންގެ ޑީ.އެން.އޭ މާކަރުތަކަށް އަންނަ ބަދަލުތައް ލަސްކޮށްދެއެވެ. މިއީ ޖީ.އެލް.ޕީ-1 ބޭހެއްގެ ސަބަބުން އިންސާނާގެ ސެލްތަކުގެ ފެންވަރުގައި ދުވަސްވުމުގެ މަރުހަލާއަށް އަސަރުކުރާކަން ހާމަވި އެންމެ ވަރުގަދަ އެއް ހެއްކެވެ.

ބަރުދަން ލުއިކުރުމަށްވުރެ ފުން ނަތީޖާއެއް
މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އެޗް.އައި.ވީ އާ ގުޅިގެން ބަނޑު ހިމެނޭ ސަރަހައްދުގައި އާދަޔާ ހިލާފަށް ސަރުބީ ޖަމާވާ ބައްޔެއް ކަމަށްވާ ‘ލިޕޯހައިޕަރޓްރޮފީ’ ހުންނަ 108 މީހުންނެވެ. ބައިވެރިންގެ ތެރެއިން އެއްބަޔަކަށް ކޮންމެ ހަފުތާއަކު ސެމަގްލޫޓައިޑް އިންޖެކްޝަން ދިންއިރު، އަނެއް ބަޔަކަށް ދީފައިވަނީ އެއްވެސް ބޭހެއް ނުހިމެނޭ ‘ޕްލޭސިބޯ’ އިންޖެކްޝަނެވެ.

ދިރާސާ ކުރި ފަރާތްތަކުން ބަރުދަން ނުވަތަ ހަކުރު ހުންނަ މިންވަރަށް ބެލުމުގެ ބަދަލުގައި އިސްކަންދިނީ ‘ބަޔޮލޮޖިކަލް އޭޖް’ ނުވަތަ ހަށިގަނޑުގެ ސެލްތަކުގެ އުމުރަށެވެ. މިއީ ‘އެޕިޖެނެޓިކް ކްލޮކްސް’ ކިޔާ އާލަތްތަކެއް ބޭނުންކޮށްގެން، ޑީ.އެން.އޭ އަށް އަންނަ ބަދަލުތައް ދެނެގަނެގެން ބަލާ މިންގަނޑެކެވެ. މި މިންގަނޑުގެ ސަބަބުން މީހެއްގެ ހަގީގީ އުމުރަށްވުރެ، އޭނާގެ ހަށިގަނޑުގެ ގުނަވަންތަކާއި ސެލްތައް މުސްކުޅިވަމުންދާ ހަލުވިމިން ދެނެގަނެވެއެވެ.

ދުވަސްވުން ލަސްކޮށްދޭކަމުގެ ނިޝާންތައް
އެޗް.އައި.ވީ އާ އެކު ދިރިއުޅޭ މީހުންގެ ހަށިގަނޑު، އާންމު މީހުންނަށްވުރެ އަވަހަށް މުސްކުޅިވާކަން ފާހަގަކުރެވެއެވެ. މީގެ މައިގަނޑު ސަބަބަކީ ހަށިގަނޑުގައި އުފެދޭ ދާއިމީ އިންފްލެމޭޝަން އެވެ. ޔޫ.ސީ ސެން ޑިއޭގޯ ސްކޫލް އޮފް މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރ މައިކަލް ކޯލީ ވިދާޅުވި ގޮތުގައި، ސެމަގްލޫޓައިޑް ބޭނުންކުރުމުން މި ނޭދެވޭ އަސަރުތައް ކުޑަކޮށްދެއެވެ.

ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި:

1- ‘ޑުނެޑިން ޕޭސް’ މިންގަނޑުން ބަލާއިރު، ބަޔޮލޮޖިކަލް އުމުރު ދުވަސްވާ މިންވަރު 9 އިންސައްތަ ލަސްވެފައިވެއެވެ.

2- ހިތް، ސިކުނޑި، ކިޑްނީ، ފުރަމޭ އަދި ލޭގެ ދައުރުވުމުގެ ނިޒާމާ ގުޅުންހުރި މުސްކުޅިވުމުގެ ނިޝާންތައް ވަނީ ބޮޑުތަނުން މަދުވެފައެވެ.

3- އުމުރާ ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުސަތާއި، މަރުވުމުގެ ނުރައްކާ ކުޑަވެފައިވާކަން ‘ޕީ.ސީ ގްރިމް އޭޖް’ މިންގަނޑުން ދައްކައެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ބޭހުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދުޅަވުންތައް މަދުކޮށްދީ، ގުނަވަންތަކުގެ ވަށައިގެން ހުންނަ ނުރައްކާތެރި ސަރުބީތައް ވިރުވައިލުމަކީ ދުވަސްވުން ލަސްކޮށްދޭ މައިގަނޑު ސަބަބެވެ.

އެޗް.އައި.ވީ ނެތް މީހުންނަށްވެސް މީގެ ފައިދާ ކުރާނެތަ؟
މި ދިރާސާ ހާއްސަކުރެވުނީ އެޗް.އައި.ވީ ހުންނަ މީހުންނަށް ނަމަވެސް، ޕްރޮފެސަރ ކޯލީ ގަބޫލުކުރައްވާ ގޮތުގައި މީގެ ނަތީޖާ އާންމު ހުރިހާ އެންމެންނަށްވެސް ފޯރާނެއެވެ. ސަބަބަކީ އިންސާނާ މުސްކުޅިވުމަށް މެދުވެރިވާ ބަޔޮލޮޖިކަލް ސަބަބުތަކަކީ އެންމެންގެ ހަށިގަނޑުގައިވެސް އެއްގޮތަކަށް ހިނގާ ކަންކަމަށް ވާތީއެވެ.

މީގެ އިތުރުން ކުރެވުނު އެހެން ކުޑަ ދިރާސާއަކުން ދެއްކި ގޮތުގައި، މި ބޭސް ބޭނުންކުރި މީހުންގެ ތެރެއިން 49 އިންސައްތަ މީހުންގެ ‘ޓެލޯމިއާ’ ނުވަތަ ޑީ.އެން.އޭގެ ކޮޅުތައް ވަނީ ދިގުވެފައެވެ. މިއީ ސިއްހަތު ރަނގަޅުކޮށް ގިނަ ދުވަހު ދިރިއުޅުމާ ގުޅުންހުރި މުހިންމު ކަމެކެވެ.

ނިންމުން
“އަޅުގަނޑުމެން މި ބުނަނީ ސެމަގްލޫޓައިޑަކީ މީހާ އަލުން ޒުވާންކޮށްދޭ ނުވަތަ މުސްކުޅިވުން މުޅިން ހުއްޓުވައިދޭ އެއްޗެކޭ ނޫން، ނަމަވެސް، މީގެ ސަބަބުން މުސްކުޅިވުމާ ގުޅުންހުރި ބައެއް ބަޔޮލޮޖިކަލް މަރުހަލާތައް ލަސްކޮށްދޭކަމުގެ ވަރުގަދަ ހެކިތަކެއް މިވަނީ ފެނިފައި.” ކޯލީ ވިދާޅުވިއެވެ.

މި ހޯދުންތައް އިތުރަށް ކަށަވަރުކުރުމަށްޓަކައި ގިނަ ދުވަސްތަކަކަށް ދެމިގެންދާ، މިއަށްވުރެ ބޮޑެތި ދިރާސާތަކެއް ކުރަންޖެހޭ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ. އަދި ދިރިއުޅުމުގެ އާދަކާދަތަކާއި (ކެއިންބުއިމާއި ކަސްރަތު ފަދަ ކަންކަން) މި ބޭސް އެކުލަވައިލުމުން ލިބޭނެ އިތުރު ފައިދާތައް ބެލުމަކީ މުސްތަގުބަލުގެ އަމާޒެކެވެ.

ނޯޓް
މިއީ 'ސައިންސް ޑެއިލީ'ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގެ ތަރުޖަމާއެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top