ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ ގްރީން އެންޓަޓެއިންމަންޓް އިން އުފައްދާ، އާ ޑްރާމާ ސިލްސިލާ “އިންތިޚާބު” ދައްކަން ފެށުމަށް ތައްޔާރުވެއްޖެއެވެ.
“އިންތިޚާބު” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މަޝްހޫރު ތަރިން ކަމަށްވާ ސުކައިނާ ޚާން، ފަހަދު ޝެއިޚް، އަލީ އައްބާސް އަދި ސަރްހާ އަސްގަރް އެވެ. މީގެ އިތުރުން ސަލީމް ޝެއިޚް، ދިއާ މުޣަލް، އަދުނާން ޖީލާނީ، އައިޝާ ގުލް، ސަލްމާ ޙަސަން އަދި މިޒްނާ ވަގާސް ފަދަ ތަޖުރިބާކާރު ގިނަ ތަރިންތަކެއް މި ސިލްސިލާގެ ސަޕޯޓިންގ ކާސްޓުންގެ ގޮތުގައި ފެނިގެންދާނެއެވެ.
މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ އޮޅުވާލުމާއި، ދަހިވެތިކަމާއި، އިތުބާރު ގެއްލުމުގެ ސަބަބުން އާއިލާއެއްގެ ތެރޭގައި އުފެދޭ ބޮޑު ހަމަނުޖެހުމެއްގެ މައްޗަށެވެ. ޚާއްޞަކޮށް ދެ އަންހެން ކޮއްކޮއިން ނިންމާ އަމިއްލަ ނިންމުންތަކުގެ ސަބަބުން، އެމީހުންގެ ވަށައިގެންވާ ފިރިހެނުންގެ ދިރިއުޅުމަށް، ވަކިން ޚާއްޞަކޮށް ޒަރޫން އާއި އަޔާންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް މި ސިލްސިލާއިން ދައްކުވައިދޭނެއެވެ. މީގެ އިތުރުން ބައްޕައަކު ކުރާ ދެވަނަ ކައިވެންޏަކާ ގުޅިގެން އާއިލާ ބައިބައިވެ، މަޖުބޫރުންނާއި އޮޅުވާލުމުގެ ތެރެއިން ކުރެވޭ ކައިވެނިތަކުން ނުކުންނަ ހިތްދަތި ނަތީޖާތައް މި ވާހަކައިގައި ވަރަށް ފުރިހަމައަށް ތަމްސީލުކޮށްދޭނެ ކަމަށް ބެލެވެއެވެ.
މި ސިލްސިލާގެ ސްކްރީންޕްލޭ ލިޔެފައިވަނީ އާބިދާ އަޙްމަދެވެ. ޑައިރެކްޓްކޮށްފައިވަނީ ޝާހިދު ޔޫނުސްއެވެ. އަދި ޕްރޮޑިއުސްކުރީ ޓީއެންއައި އެންޓަޓެއިންމަންޓްގެ ކުޑައިގެ ދަށުން ޒީޝާން އެމް. ޚާން އެވެ.
މާދަމާ (10 ޖޫން) ގައި ދައްކަން ފަށާ “އިންތިޚާބް” ގެ އެޕިސޯޑްތައް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ދުވަހަކުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް، ރޭގަނޑު 9:00 ގައެވެ. މީގެ އިތުރުން ގްރީން އެންޓަޓެއިންމެންޓްގެ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
