ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ބައްޕަގެ ޖިންނީން – އެޕިސޯޑް 03

“އެހެންވީމާ ކަލޭ ބުނަނީ ގާތިލު ދުށީމޭ؟”

“އާނ. އެއީ ޖިންނި،” ބައްޕަ ޖަވާބުދިނެވެ. “މަގޭ ނޯރައިޒް މަރާލީ ޖިންނި.”

މަލީހާ ބުނި ގޮތުގައި މަރުވެފައިވާ މީހުންނާ ގުޅޭގޮތުން ހެދޭ ޚާއްޞަ ސިހުރެއް ނުވަތަ “ރިޗުއަލް” އެއް އޮވެއެވެ. އެކަން ކުރުމުން މަރުވި މީހާ ހުވަފެނުގައި ފެނި، އޭނާ މަރާލި މީހެއްގެ ނަން ބުނެދޭނެއެވެ. ނަމަވެސް، އޭނާގެ އެ ރޭވުމުގައި ބޮޑެތި އުނިކަންތައްތަކެއް ހުއްޓެވެ. ފުރަތަމަ ކަމަކީ، އަހަރެމެންގެ ގާރީ ސާހަބު ވިދާޅުވެފައިވާ ފަދައިން، މިފަދަ ހުރިހާ ސިހުރުވެރި ކަންކަމަކީ ޙަރާމް ކަންކަމެވެ. ދެވަނަ ކަމަކީ، ފަހަރެއްގައި ތައްޔާ (ބޮޑުބޭބެ) ގާތިލުގެ ނަން ބުނި ކަމުގައި ވިޔަސް، އެ ހުވަފެން ފެނުނު މީހާ އަމިއްލަ ފައިދާއަށްޓަކައި އެ ނަން ބަދަލުކޮށްފާނެއެވެ. ނުވަތަ އެއަށްވުރެ ބޮޑުވަރުވެސް ވެދާނެއެވެ. އެ ރިޗުއަލް ހަދާ މީހަކީ ޚުދު ގާތިލު ކަމުގައި ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

“އެކަމަކު އޮތް ހަމައެކަނި ގޮތަކީ އެއީ،” މަލީހާ އޭނާގެ އިސްތިރިކޮށްފައިވާ އާޓިފިޝަލް ފަން އިސްތަށިގަނޑު ކަންފަތް މަތިން ކޮށްޕާލަމުން ބުންޏެވެ. އޭނާގެ ކަންފަތް އުފެދުމުގައިވެސް ވަރަށް ބޮޑެވެ.

“އަދި އެކަން ކާމިޔާބުވެސް ވޭ. އައި.އެސް.އައިގެ ގިނަ އެޖެންޓުން މަރުގެ މައްސަލަތައް ހައްލުކުރަން އެކަން ކުރޭ. އެމީހުން އެކަން ކުރާއިރު މުޅި ދުވަހު ކުކުޅުމަސް ނުކައި ހުރެ، ހިނގާއިރު ހަމައެކަނި ހިސާބު އަކުރުގެ ފިޔަވަޅުތަކުން ހިނގަނީ.”

“ދެން ކިހިނެއްވަނީ؟”
“ދެން އެމީހުން ވަރަށް ފުން ނިންޖަކަށް ގެނބިގެންދަނީ. އެވަގުތު މަރުވި މީހާ އައިސް ގާތިލުގެ ނަން ބުނެދެނީ.”

“ޝައުގުވެރިވާ ކަހަލަ ވާހަކައެއް،” އަހަރެން ޖަވާބު ދިނީމެވެ. “އިތުރު އެއްވެސް ތިއަރީއެއް އެބައޮތްތަ؟”

މަލީހާ މޫނު ކުނިކޮށްލިއެވެ. އޭނާ އެހެން ހެދުމުން އޭނާގެ ބޮޑު ކަންފަތް މައްޗަށް އެރިއެވެ. “ޗައްޗާ (ބޮޑުބޭބެ) ބުނީ ޖިންނިއެކޭ އެކަން ކުރީ. ފަހަރެއްގައި އަހަރެމެން އެންމެންވެގެން އެ ޖިންނި ހާޒިރުކޮށްފައި އެހިދާނެ.”

“މަޑުން ހުރޭ،” އަހަރެން ހަޅޭއްލަވައިގަތީމެވެ. “އައްބޫގެ ބަލިހާލަތު ރަނގަޅެއް ނޫން. ތިޔަ ކަހަލަ ބޭކާރު ވާހަކަތަކުގެ ތެރެއަށް އޭނާ ނުވައްދާ.”

މަލީހާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ދެން އަނެއްކާވެސް އޭނާގެ އަސްލު ގޮދަން ކުލައަށް ބަދަލުވިއެވެ. އޭނާ ކޮޓަރިން ނުކުމެގެން ދިޔައެވެ. އެހެން ދެބެންގެދެދަރި ކުދިން އަހަރެންގެ ކައިރީގައި ތިބެ އަހަންނަށް ހިތްވަރު ދެމުން ދިޔައެވެ. ނުވަތަ އެގޮތަށް ހެދިގެން ތިއްބެވެ. އެކުދިންގެ މައިންބަފައިން ވަނީ އައްބޫގެ ބުއްދި ގޯސްވެފައިވާ ކަމުގެ ވާހަކަތަކުން އެކުދިންގެ ސިކުނޑިތައް ފުރާލާފައެވެ. އެހެންކަމުން އައްބޫ ޖަލަށް ދާންޖެހޭނެކަން އެކުދިންނަށް އޮތީ ޔަގީންވެފައެވެ.

އައްބޫ މިފަހަރު ދެއްކި ވާހަކަ އެކަންޏެއް ނޫނެވެ. މިފަހަރު އޭނާ ބުނީ އެއީ ޖިންނިއެއްގެ ކަމެއް ކަމަށެވެ. އެހެން ފަހަރު ފަހަރު އޭނާގެ އަމަލުތަކުގެ ސަބަބުން އަންމާ (މަންމަ) ވަނީ “ޚުލްޢު” ވަރިއަކުން ވަކިވެފައެވެ. އެހެން މީހުން އަންމާގެ ކެތްތެރިކަން ކުޑަކަމަށް ބުނެ އޭނާ ކުށްވެރި ކުރިއެވެ. ނަމަވެސް އަހަންނަށް އެނގެއެވެ. އަބާ (ބައްޕަ) އަކީ ފިރިއެއްގެ ނުވަތަ ބަފައެއްގެ ޒިންމާ އުފުލޭ ވަރަށްވުރެ ބޮޑަށް އެހެން ކަންތައްތަކެއްގައި މަޝްޢޫލުވެފައިވާ މީހެކެވެ. އޭނާ މަންމަދެކެ ލޯބިވިއެވެ. ފަހަރެއްގައި އަދިވެސް ލޯބިވެދާނެއެވެ. އަހަރެންދެކެ ލޯބިވާ ފަދައިންނެވެ. އެކަމަކު ހަގީގަތަކީ، އޭނާ އެހާ ތަފާތު ގޮތަކަށް އުޅެނީ ކީއްވެގެންތޯ އާއި، ރޭގަނޑު ނުނިދަނީ ކީއްވެގެންތޯ އާއި، ގެއްލެނީތޯ ކޮންތަނަކަށް އާއި، އެވާހަކަތައް ނުދައްކަނީ ކީއްވެގެންތޯ އަންމާ އެތައް އަހަރެއް ވަންދެން އޭނާގެ ކިބައިން އާދޭސްކޮށްގެން އެހި ކަމެވެ.

އައްބޫ ހަމައެކަނި ދެފަރާތަށް ބޯ ހޫރާލާފައި ބުނާނީ، އެއީ އެހެން މީހުންނާ ހިއްސާ ކުރެވޭނެ ފަދަ ޚިޔާލުތަކެއް ނޫން ކަމަށެވެ. އެމީހުންގެ ގުޅުން އޮތީ އެފަދަ ސިއްރުތަކާއި ނުބުނެވި ހުރި ވާހަކަތަކެއްގެ މަތީގައެވެ.

ބޮޑެތި މީހުންގެ ވާހަކަތަކުގައި ބައިވެރިވާން އަހަރެން މާ ހަގުވުމާއެކު، މަރުގެ މައްސަލަ ހިނގި ފަހުން އަހަރެން ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އެންމެން ހިމޭންވެއެވެ. މީހަކު ވާހަކަދައްކަން އުޅުނަސް، އަހަރެން ފެނުމުން އެހެން މީހުން ކަރުކެހިލައި، އެއީ ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން އަންގައިދެއެވެ. ރޯދަ ވީއްލާ ގަޑީގައި އެހެން މީހުންނަށްވުރެ ކުރިން އަހަރެންގެ ތަށި ފުރުމަކުން ދާދޯ (މާމަ) މިހާރު ކަންބޮޑެއް ނުވެއެވެ. އަދި ކިއެއްތަ، އޭނާގެ އަސާގަނޑުން ފުރުޓް ޗާޓަށް އިޝާރާތްކޮށް، އެއިންވެސް ބައެއް ނެގުމަށް އަހަންނަށް ބުނެއެވެ.

އެހެން މީހުން އަހަންނާ މެދު ހަމްދަރުދީ ވަނީއެވެ. އަމިއްލަ ބޭބެ މަރާލި ކަމުގެ ތުހުމަތު ކުރެވޭ، އަދި އެކަން ކުރީ ޖިންނިއެއް ކަމަށް ދައުވާކުރާ ބައްޕައެއްގެ ދަރިއަކަށް ވީތީއެވެ. އަދި އޭނާގެ މަންމަ ހުރީ އެތައް މޭލެއް ދުރުގައި، ދަރިފުޅު ބަލާ ދާންވީތޯ ނުވަތަ ނޫންތޯ ނިންމަން ނޭނގިފައެވެ.
އަހަރެން އަންމީ (މަންމަ) އާ ވާހަކަދެއްކީމެވެ. އޭނާ އަހަރެން ބަލާ އަންނަން ބޭނުން ނުވަނީއެއް ނޫނެވެ. އޭނާ ހުރީ ވަޒީފާގެ ބުރަކަމާއި ދަތުރުފަތުރުގެ ދަތިކަމުގެ ތެރޭގައި ތާށިވެފައެވެ. އަދި އޭނާއަށް ޔަގީންވާ ކަމަކީ އައްބާ ކޮންމެ ފަދަ ގޮތަކުންވެސް މިކަމުން ސަލާމަތްވާނެ ކަމެވެ. “އޭނާއަކީ މައްސަލަތައް އުފައްދާފައި އެއިން ސަލާމަތްވުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް،” މަންމަ ބުންޏެވެ. “އަދި އަހަންނަށް އެނގޭ ފަރުވާ، އޭނާއާ ދުރުގައި ހުރެގެން ކަލެއަށް އުފަލެއް ނުލިބޭނެކަން.” އަހަރެން ބޭނުންވީ އަންމާ އާއި އައްބޫ ވަކިނުވެ އުޅުނު، އަދި އަހަރެން އެ ދެމީހުންގެ މެދުގައި ނިދި އުފާވެރި ދުވަސްތަކަށް އެނބުރި ދާށެވެ.

ޖެހިގެން އައި ދުވަހު، އަހަރެން އިނީ އޭނާގެ އިނގިލިތަކުން ކޮންމެވެސް އެއްޗެއް ގުނަން އިން އައްބޫގެ ކައިރީގައެވެ.
އިރުކޮޅަކުން އޭނާ އަނެއްކާވެސް ގުނަން ފެށިއެވެ. އަދި ގުނުމުގެ ތެރެއިން އޮޅުނީ ކަމަށް ބަލައި މާޔޫސްކަމާއެކު ބޯ ހޫރާލިއެވެ. ހާރުކެއުމާ ދެމެދު އަދި ބައެއް ގަޑިއިރު އެބައޮތެވެ. މަތީބައިގައި ތިބި މަދު ކުދިންކޮޅެއް ފިޔަވައި އެންމެން ތިބީ ނިދާފައެވެ. ދުވަސްތަކަކީ ބުރަ ދުވަސްތަކަކަށް ވުމުން އަހަރެމެން އެންމެންނަށްވެސް ނިދި ބޭނުންވެއެވެ. ޚާއްޞަކޮށް އައްބާއަށެވެ.

އަހަރެން އޭނާއަށް ބަލަހައްޓައިގެން އިނީމެވެ. އޭނާ މުސްކުޅިވެފައިވާ އަވަސްމިނެވެ. އިސްތަށިގަނޑުގައި ނުރަ ޖަހާފައިވާއިރު، ލޮލުގައި ވަނީ ނިދިންވެސް ފިލުވައިނުލެވޭ ފަދަ ބަރުކަމެކެވެ. އޭނާ ހަމަޖެހިލައިގެން، އަވަސް އަރުވާނުލައި އިން ތަނެއް އަހަރެން ދުވަހަކުވެސް ދުށިންތޯ ހިތަށް އެރިއެވެ. ހީވަނީ ދާން އޮތް ރޭލަކަށް ލަސްވެގެން އުޅޭ ހެންނެވެ.

“އައްބާ،” އަހަރެން ގޮވާލީމެވެ. އޭނާގެ އިނގިލިތަކުން އޭރުވެސް ދިޔައީ އަތްތިލައިގައި ބުރު އަޅަމުންނެވެ.
“އައްބާ،” އަހަރެން ތަކުރާރުކޮށްލީމެވެ. އޭނާ އަހަންނަށް ބަލާލިއެވެ.

“ދަރިފުޅު ނުނިދާ ތިޔަ އިނީ ކީއްވެ؟” އޭނާ އަނެއްކާވެސް ބުރު އެޅުމަށް ސަމާލުކަން ދެމުން އެހިއެވެ. “ދަރިފުޅު އޮންނަންވާނީ ނިދާފަ.”

“އަހަރެންވެސް ބައްޕައާ ދިމާލަށް ތިހެން ބުނެވިދާނެ،” އަހަރެން ޖަވާބު ދިނީމެވެ.

“މާދަމާ އަހަރެން ސުކޫލަކަށް ދާކަށް ނުޖެހޭ،” އޭނާ ބުންޏެވެ. “ދޭ ނިދަން ދަރިފުޅާ. ކަމަކަށް ބޭނުންވެއްޖެނަމަ ބުނާތި.”

އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ފުން ކަންބޮޑުވުމަކުން އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ދުރަކަށް ނުދެއެވެ.

އަހަރެން އޭނާގެ އަތުގައި އަހަރެންގެ އަތް ބާއްވާލީމެވެ. ވަގުތުން އޭނާ އިސްއުފުލާ ބަލާލިއެވެ. “އައްބާ،” އަހަރެން ބުނީމެވެ. “މި ދުނިޔޭގައި އަހަރެންގެ ހުރި ހަމައެކަނި މީހަކީ ބައްޕަ. އަދި އަހަރެން ބައްޕަ ގަބޫލުކުރަން. ބައްޕައާ މެދު ޝައްކު ކުރާނެ އެއްވެސް ސަބަބެއް އަހަރެންގެ ނެތް. އަންމާއަށް ކަންތައްވީގޮތް ބުނެނުދެވުނު އިރުވެސް އަހަރެން ގަބޫލުކުރިން. ރޭގަނޑު ބޭރުން އަންނައިރު އަންހެނެއްގެ ވަސް ދުވާތީ އެއީ އަންހެނެއް ނޫން ކަމަށް ބުނުމުންވެސް އަހަރެން ގަބޫލުކުރިން. އަހަރެންގެ އާޓް އެގްޒިބިޝަނަށް ނުދެވުނީ ކޮޓަރީގެ ދޮރު ގެއްލިގެން އެތެރޭގައި ތާށިވުމުން ކަމަށް ބުނި ދުވަހުވެސް އަހަރެން ގަބޫލުކުރިން. އަދި ތައްޔާ މަރާލީ ޖިންނިއެއް ކަމަށް ބުނުމުންވެސް އަހަރެން ގަބޫލުކުރަން. އެހެންވީމާ، މިހާރު އަހަރެން ބޭނުންވަނީ އެކަން އެހެންވީ ކީއްވެގެންކަން އެނގެން. އަދި އަހަރެން ވައުދުވަން ބައްޕަ ދައްކާ ވާހަކަ ގަބޫލުކުރާނެކަމަށް.”

އައްބޫ މަޑުޖެހިލާފައި، އަހަރެން ނިދަން ދާން ބުނުން ހުއްޓާލީ އަހަރެން ދެއްކި ވާހަކައަކުންނެއް ނޫނެވެ. އެއީ އަހަރެންނަކީ އަދިވެސް ކުޑަ، މައުސޫމު ކުއްޖަކަށް ވެފައި، އަހަރެން ބުނާ ވާހަކައެއް އެއްވެސް މީހަކު ސީރިއަސްކޮށް ނުނަގާނެތީއެވެ. އެހެންކަމުން އޭނާ ތެދުވެރިވިޔަސް ނުވަތަ ނުވިޔަސް، އަހަރެން އެވާހަކަ އެހެން މީހަކަށް ކިޔައިދިނަސް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ.

“އަހަރެން ޖިންނިންނަށް ދެރައެއް ދީފިން، މިހާރު އެމީހުން އެ އުޅެނީ އަހަރެން އަތުލައިގަންނަން،” އައްބޫ ޖަވާބު ދިނީމެވެ.

އޭނާގެ އުމުރާއި ބުއްދި ހުރި އެހެން މީހަކު ނަމަ، ޖިންނި ފަދަ އެއްޗެހި ގަބޫލުކުރާތީ ލަދުން ސިއްރުން އެވާހަކަ ބުނެފާނެއެވެ. ނަމަވެސް އައްބޫ އެވާހަކަ ބުނީ އެއީ ހަގީގަތް ކަމަށް ފުރިހަމައަށް ގަބޫލުކޮށްގެން ހުރެއެވެ.

“އަ-އަހަރެމެންނަށް އެހީއަށް އެދެވިދާނެ،” އަހަރެން ބުނީމެވެ. “ޖިންނިންނާ ވާހަކަދައްކާ އެސޫފިތައް ފޮނުވާލެވޭނެ މީހަކު ގެނެވިދާނެ.”

އައްބޫ ހީލިއެވެ. އަހަރެން ބުނި އެއްޗަކުން އޭނާއަށް މަޖާވީ ކަހަލައެވެ. “ހުރިހާ ވާހަކައެއް ދައްކާ ނިމިއްޖެ. ކުށްވެރިއަކީ އަހަރެން.”

“އެކަމަކު–”

“ދަރިފުޅާ، ދޭ ނިދަން. އަހަރެން ޖަލަކަށް ނުދާނަން. ފަހަރެއްގައި އެހެން ތަނަކަށް ދާން ޖެހިދާނެ، އެކަމަކު ޖަލަކަށް ނޫން.”

އަހަރެން އޭނާގެ އިނގިލިތަކުގައި ބާރަށް ހިފަހައްޓާލީމެވެ. އަހަރެންގެ ކޯތާފަތް މަތިން ކަރުނަ ތިއްކެއް ވެއްޓުނެވެ. “އައްބާ، އަހަރެން ހުރިހާ ކަމެއް އެނގޭކަށް ބޭނުމެއް ނޫން. އަހަންނަށް ހުރިހާ ކަމެއް ފަހުމް ނުވެދާނެކަން އެނގޭ. އެކަމަކު އޭގެ ކުޑަ މިންވަރެއް ނަމަވެސް ބުނެދީ. ކޮންމެވެސް އެއްޗެއް.”

އަހަރެމެންގެ މެދުގައި އުފެދުނު ހިމޭންކަން ހީކުރިވަރަށްވުރެ ދިގުވިއެވެ. އަހަރެން ހީކުރީ އެއީ ނިދަން ދާންވީ ކަމުގެ ނިޝާނެއް ކަމަށެވެ. ބަދިގެ ތެރެއިން ބޮކެއް ގޮވާ އަޑަށް އަހަރެންގެ ޚިޔާލު މެދުކެނޑުނެވެ. “އޭގެ ފަހުން އަހަރެން ވަގުތުން ނިދަން ގޮސްފާނަން،” އަހަރެން އަނެއްކާވެސް ބުނީމެވެ. “އިތުރު ސުވާލެއް ނުކުރާނަން.”

“މިވަގުތަށް ސުވާލު ނުކުރާނީތަ؟ ނޫނީ ދުވަހަކުވެސް ނުކުރާނީތަ؟” އައްބޫ އެހިއެވެ.

“ދުވަހަކުވެސް.”

“އެހެންވީއާ އަޑުއަހާ،” ކުރިމަތީގައި ހުރި ފާރަށް ބަލަހައްޓައިގެން ހުރެ އޭނާ ބުންޏެވެ. “ދަރިފުޅުގެ ކާފަ، ދާދޯއާ ކައިވެނީގެ ކުރިން އިނީ ދާދޯގެ ދޮށީ ދައްތައާ. އޭނާ މަރުވީ ސިކުނޑީގެ ލޭހޮޅިއެއް ބެދިގެން. ދަރިފުޅުގެ ތައްޔާ ނޮރައިޒް އަކީ އޭނާގެ ދަރިއެއް، އަދި އަހަރެންވެސް. އޭގެ ފަހުން ބާބާޖާން (ކާފަ) ކައިވެނި ކުރީ ދާދޯއާ. އޭނާ އަހަންނަށް ކަންތައް ކުރީ އަމިއްލަ ދަރިއަކަށްވުރެ ވަކި ދެރަ ގޮތަކަށް ނޫން. ނަމަވެސް އަހަރެންގެ އަސްލު މަންމައަކީ ޖިންނިންނާ ވާހަކަދެއްކުމުގެ ގާބިލުކަން ލިބިފައިވާ މީހެއް.”

“އެ ގާބިލުކަން އޭނާއަށް ލިބުނީ ކިހިނެއް ކަމެއް ބުނެދޭކަށް ނޭނގޭ. އަހަންނަށް އެނގޭ ގޮތުގައި، އެއްރެއަކު އަވަށްޓެރިއެއްގެ ދަރިއަކު ވިއްސައިދީފައި އޭނާ ގެއަށް އަންނަނިކޮށް، ރޭލު ސްޓޭޝަން ހުރަސްކުރި އިރު ދެ މީހަކު މައްސަލައެއް ޖެހިގެން އުޅޭތަން ފެނުނު. އެމީހުން އޭނާ މަޑުކުރުވައި، ގޮތެއް ނިންމައިދިނުމަށް އެދުނު. އޭނާ ބިރުން ހުރެމެ، ދެ ފަރާތުގެ ވާހަކަ އަޑުއަހައި އިންސާފުވެރި ގޮތެއް ނިންމައިދިން. އެ މީހުން އެކަމާ ހިތްހަމަޖެހި، އޭނާގެ ކުރިމަތީގައި ވައިގެ ތެރެއަށް ގެއްލިގެން ދިޔަ. އޭނާ ބިރުން ގޮސް ދުވެފައި ގެއަށް އައީ.”

“އެރެއަށްފަހު، މައްސަލަ ޖެހިގެން އުޅޭ މީހުންނާ އޭނާއާ ދިމާވާން ފެށި. ބައެއް ފަހަރު އަމިއްލަ ގޭތެރެއިންވެސް!”

“އަދި ބަދިގެއަށް ވަންނައިރު ކުދިކުދި ސޫފިތަކެއް ތެޔޮ ދަޅު ކައިރީގައި ތަޅާފޮޅަނިކޮށް ފެނުމަކީ ކިހާ އާދަޔާ ޚިލާފު ކަމެއްތޯ އަމިއްލައަށް ހިތަށް އަރުވާލާ! މި މީހުން އެކި ސިފަސިފަޔަށާއި އެކި ސައިޒުގައި އާދޭ. ބައެއް ފަހަރު ހަދިޔާ ހިފައިގެން ބުޅަލުގެ ސިފައިގައިވެސް އާދޭ. އެކަމަކު އަންމާޖާން ކޮންމެ ކަމެއްގައިވެސް ނިންމަނީ އިންސާފުވެރި ގޮތް. މާގިނަ ދުވަހެއް ނުވެ، އޭނާއަށް އެމީހުންގެ ދުނިޔޭގެ ގާނޫނުތައް ކިޔަވަން ދެވުނު. އޭނާ އެ ގާނޫނުތައް ދަސްކޮށް، އޭގެ މައްޗަށް ހުކުމް ކުރަން ފެށި. އަދި ތެދުވެރި އިންސާފުވެރި އަންހެނެއްގެ ގޮތުގައި އޭނާގެ މަގުބޫލުކަން އިތުރުވެގެން ދިޔަ.”

“ބައެއް ރޭރޭ އޭނާގެ ނަމުން ގޮވާ އަޑަށް އަހަންނަށް ހޭލެވޭ. އޭނާ އެމީހުން ގާތު މަޑުން ތިބުމަށް ބުނާނެ، ދަރިފުޅު ނިދާފައި އޮތުމުން. ބައެއް ފަހަރު އޭނާއަށް ހަމަލާދީ، ހަށިގަނޑުގައި ލަކުނުތައް ހުއްޓާވެސް ހޭލެވޭ. އެކަމަކު އަބަދުވެސް ކާމިޔާބު ލިބެނީ ހަގީގަތަށް. ދަރިފުޅުގެ ތައްޔާ ދުނިޔޭގައި ހުރިއިރު އޭނާއަށްވެސް ޖިންނިން ފެނޭ. ހަގީގަތުގައި އޭނާގެ ފުރާނަ ދުއްވާލީވެސް ޖިންނިއެއް. އަހަރެން ހީކުރީ އޭނާ ޖަލަށް ލާނެ ކަމަށް…”

“ޖަލަށް؟”

“އާނ، ޖިންނިންގެ ޖަލަށް. އެއީ އެހެން ދުނިޔެއެއްގައި ހުންނަ ތަނެއް. ޖިންނިންގެ އަހަރުތަކުން ހުކުމް ތަންފީޒު ކުރަމުން ދާއިރު އޭނާ އޮންނާނީ ކޯމާއެއްގައި. އޭގެ ފަހުން އޭނާ އެނބުރި އައީސް. އެއީ މާ ބޮޑު ގޯހެއް ނޫން. އެކަމަކު ހިތާމައަކީ އޭނާ މަރާލެވުނު ކަން!”

އަބޫގެ އަނގައިން އެ ބަސްތައް ނުކުތީ އެއީ އެއްވެސް އާދަޔާ ޚިލާފު ވާހަކައެއް ނޫން ކަމަށް ދެކިގެން ހުރެއެވެ. ސިހުރުވެރި ވާހަކަތައް ލިޔާ އިނގިރޭސި ލިޔުންތެރިންވެސް އެފަދަ ކަންކަމާ ބެހޭގޮތުން ވާހަކަދައްކާނީ މާ ބޮޑު ކަމެއްގެ ގޮތުގައެވެ. ނަމަވެސް އަބޫ އެވާހަކަތައް ކިޔައިދިނީ ހީވާގޮތުން އާދައިގެ ދުވަހެއްގެ ވާހަކައެއް ކިޔައިދޭ ފަދައިންނެވެ.

އޭނާ އުއްމީދު ކުރީ އަހަރެން އެ ހުރިހާ ވާހަކައެއް ގަބޫލުކުރާނެ ކަމަށެވެ. އަދި އަހަރެން ހުރީ އެގޮތަށް ހެދިގެންނެވެ. އަހަރެން ވީވަރަކުން ބޯ ޖަހަމުން ދިޔައީމެވެ. ހަގީގަތުގައި، އޭނާ ވާހަކަ ދައްކާ ނިންމާލުމުންވެސް އަހަރެން ބޯ ޖަހަޖަހާ އިނީމެވެ. އޭނާ އަހަންނަށް ހަނދާންކޮށްދިނީ މަލީހާގެ މަތިންނެވެ. އޭނާވެސް އެފަދަ ވާހަކަތައް ހަދައިގެން ކިޔައިދޭން ވަރަށް ލޯބިކުރެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އޭނާ ގަސްތުގައި އެހެން އެ ހަދަނީ ބާވައެވެ؟ އެހެން މީހުންނަށް އޭނާއަކީ މޮޔައެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ މަންމަ ކައިރީގައިވެސް އޭނާ ރޭގަނޑު ގެއްލެނީ ކީއްވެގެންކަން ހޯދަން އުޅުމުން އެއީ މަންމަގެ ކުށެއް ކަމަށް ދައްކަން އުޅުނު ފަދައިންނެވެ.

އަހަރެން އަނެއްކާވެސް ބާރަށް ބޯ ޖަހާލީމެވެ. އެއީ އެ ބުނި ހުރިހާ ވާހަކައެއް ފުރިހަމައަށް ގަބޫލުކުރެވުނު ކަމުގެ ނިޝާނެއްގެ ގޮތުންނެވެ. އަދި އޭނާއަށް ގުޑްނައިޓް ކިޔާފައި ދިޔަ ވަގުތު މަލީހާ ބުނި ބަސްތައް އަހަރެންގެ ކަންފަތުގައި ގުގުމާލިއެވެ.

“ފަރުވާ، އަހަރެން ކަލެއަށް ވަރަށް ހެޔޮކޮށް ކަންތައް ކުރިން. އެކަމަކު ކަލޭ ތީ ވަރަށް ނުލަފާ ކުއްޖެއް. އަދި ބުނަން، މަގޭ މަންމަ ބުނީ ކަލޭގެ ބައްޕައަކީ ގާތިލެކޭ.”

“އެކަމުން ސަލާމަތްވާން އޭނާ އެ ދައްކަނީ ބޭކާރު ވާހަކަ. އެކަމަކު އޭނާގެ ޓެސްޓުތައް ހަދާއިރު އޭނާއަކީ މޮޔައެއް ނޫންކަން އެނގިއްޖެއްޔާ އޭނާ ދާންޖެހޭނީ ޖަލަށް. މާދަމާގެ އަޑުއެހުމަށްފަހު ކަލޭގެ ބައްޕަ ހުންނާނީ ހަމަ ގައިމުވެސް ޖަލުގައި. ބަލަން ހުންނާތި.”


ނުނިމޭ..

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top