ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 02

އަލުން ކިޔައިލަން: އިވްރިޝާ – އެޕިސޯޑް 01

އެޕިސޯޑް 02

“އެއްވެސް މީހަކު ނެތޭ–” އަހަރެންގެ ޖުމުލަ ފުރިހަމަ ނުވަނީސް، ކާރުގެ ފަހަތުން އިވުނު ބާރު އަޑަކާއެކު، އަހަރެންގެ ބޯ ގޮސް ކާރުގެ ހުންގާނުގައި ޖެހިއްޖެއެވެ. ކާރުގެ ބިއްލޫރިތައް އަހަރެންގެ ހަށިގަނޑަށް ވަންނަމުން ދިޔައިރު، އަހަރެން ވިއްސައިގެން ގޮސް ވެއްޓުނީ ކުރިމަތީގައި އޮތް ވިނަގަނޑު މައްޗަށެވެ.

މުޅި ހަށިގަނޑަށް އިހުސާސްވަމުން ދިޔައީ ނުހަނު ވަރުގަދަ ތަދެކެވެ. ބޮލާއި، މޫނާއި، މުޅި ހަށިގަނޑު ރިހެމުން ދިޔައެވެ.

ލޯ ހުޅުވަން މަސައްކަތް ކުރި ނަމަވެސް، ލޮލެއް ނުހުޅުވުނެވެ. ނާންގެ ނަމުން ގޮވާލަން އުޅުނު ނަމަވެސް، އަނގައިން ބަހެއް ބޭރެއް ނުވިއެވެ. އެތައް މަސައްކަތެއް ކުރުމަށްފަހު، އެންމެ ފަހުން ހަށިގަނޑަށް ވެރިވަމުން ދިޔަ ކަނު އަނދިރިކަމުގެ ތެރެއަށް އަހަރެން ޣަރަގުވެއްޖެއެވެ. މުޅި ދުނިޔެ ހިމޭންވެއްޖެއެވެ…

ބުދަ ދުވަސް، 23 ސެޕްޓެމްބަރ 2017 (4 އަހަރު ފަހުން)

(އެންގޭޖްމެންޓަށް ބާކީ ދެ ދުވަސް)

އަހަރެމެން އެ ބޮޑު ޝޮޕިންގ މޯލަށް ވަނީމެވެ. އެތަނުގެ ބޮޑުމިނާއި ފުރިހަމަކަން ފެނިފައި އަހަރެން ހުރީ އަންތަރީސްވެފައެވެ. އަހަރެންގެ ދެލޯ އެތަން މިތަނަށް ހިންގަމުން ދިޔައިރު، ގަންނަން ބޭނުންވާ ތަކެތީގެ ދެބައިކުޅަ އެއްބައި އޭރުވެސް އަހަރެންގެ ހިތުން ކަނޑައަޅައި ނިމިއްޖެއެވެ.

މުޅި ތަން އޮތީ މީހުންތަކުން ފުރި ބާރުވެފައެވެ. ބައެއް މީހުން އަންނަނީއެވެ. އަނެއް ބަޔަކު ދަނީއެވެ. އަދި ބައެއް މީހުން އެކި ދިމަދިމާ ބަލަމުން ހިނގަމުން ދެއެވެ.

“އިވްރިޝާ، ތަންކޮޅެއް ބާރަށް ހިނގާބަލަ!” އަހަރެންގެ ރުޅިގަދަ ބޭބެ ހަމްޒާ، އަހަރެން ކޮއްޕާލަމުން ބުންޏެވެ.

“ކަލޯ! ތިހާ ގަދަކަމުން ކޮއްޕަން ޖެހޭތަ؟” އަހަރެން ޝަކުވާގެ ރާގަކަށް އޭނާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުނީމެވެ.

އޭނާ އަހަންނަށް ދޫނެރުމަށްފަހު، އަހަރެންގެ އިނގިލީގައި ޖެހިއެވެ. އަސްތާ! ހަމްޒާ އުޅޭގޮތުން އޭނާއަކީ ގޭގެ އެންމެ ދޮށީ ދަރިފުޅުކަން ގަބޫލުކުރަންވެސް ދަތިވެއެވެ.

“ޑޮންކީއެއްހެން ކީއްވެތަ މަޑުޖެހިފަ ތި ހުންނަނީ؟” އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަނެއްކާވެސް އެހިއެވެ.

“އެކަމަކުވާ ދޯ… ތީ ހާދަ ޒާތްކޮޅު ބޮޑު މީހެކޭ ހުވާ މިބުނީ!” — އަހަރެން ހިތްހަމަ ނުޖެހިފައި ހުރި ވަރުން ބުނެލީމެވެ.

“ކަލޭމެން ތި އުޅޭ ގޮތަކުން ހުވާ މިބުނީ މަގޭ ބޯ ގޮވާނެ! ހިމޭނުން ތިބޭ!” — އަހަރެންގެ އަންހެން ކޮއްކޮ، ތަސްނީމް، އަހަރުމެންގެ ކޯޅުމުގެ ތެރެއަށް ވަންނަމުން ބުންޏެވެ. “ޔޫ ގައިސް އާ ބަންޗް އޮފް އިމެޗުއަރޑް ލޫޒަރސް!”

ލޮލުން ހިތްހަމަ ނުޖެހުން ފާޅުކޮށްލަމުން، އަހަރުމެންގެ ވަށައިގެން ތިބި މީހުން އަހަރުމެންނަށް ލޯއަޅަމުން ދިޔަ މަންޒަރު ދައްކަމުން ތަސްނީމް ވާހަކަ ދެއްކިއެވެ.

“ކަލޭ އަނގަމަޑުންލައިގެން ހުރެބަލަ!” ތަސްނީމްގެ އަނގަމަތީގައި އަތް އަޅަމުން ހަމްޒާ އިންޒާރުދިނެވެ. “ތީ އަހަރުމެންގެ ކޮއްކޮ. އެހެންވީމަ ތީ މަށާ އިވްރީއަށް ވުރެން ހަގު މީހެއްކަން ހަނދާންނައްތާނުލާތި!… އޯކޭ؟”

ތަސްނީމް ބޯ ޖަހައިލަމުން ކުދިކިޔަމުން މާފަށް އެދުނެވެ. “ކޮންތާކަށްތަ އަހަރުން ފުރަތަމަ ވަންނާނީ؟” އަހަންނަށް ބަލައިލަމުން އޭނާ އަހައިލިއެވެ.

“ހެދުން ހުރި ތަނަކަށްނު މިހިރަ ޑަންބޯ ސިސް!” އަހަރެން އަތުން އިޝާރާތްކުރަމުން ބުނީމެވެ.

“ވެލް ޔޫ ލޫސަރސް ޝުޑް ގޯ ފަސްޓް. އައި ސްޓިލް ޑޯންޓް ނޯ ދަ ރީޒަން މޯމް ސެއިޑް އައި ޝުޑް ޑްރައިވް ޔޫ ގައިސް! އިޓްސް ނޮޓް ލައިކް ޔޫ ކާންޓް ޑްރައިވް” ފޫހިވެފައި ހުރެ ހަމްޒާ ބުންޏެވެ. އަދި އަތް ހޫރާލުމަށްފަހު އެތަނުން ހިނގައިގަތެވެ.

“ހިނގާ ދާން!” ތަސްނީމް އަހަރެންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ފިހާރައާ ދިމާލަށް މިސްރާބު ޖެހިއެވެ.

ކިޔުންތެރި ތިޔަ ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަންނޭނގެއެވެ. އަހަރެންގެ ނަމަކީ އިވްރިޝާ މުޙައްމަދެވެ. އަހަރެންގެ އުމުރަކީ 22 އަހަރެވެ. ސެޕްޓެމްބަރު މަހުގެ 25 ވާ ހުކުރު ދުވަހަކީ އަހަރެންގެ އެންގޭޖްމަންޓް އޮންނަ ދުވަހެވެ. އަހަރެން އެންގޭޖްވަނީ ވޭތުވެދިޔަ ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ އާއެވެ. އޭނާގެ ނަމަކީ ޢަލީ ޚާލީލް އެވެ. އޭނާއަކީ އަހަރެންގެ ހަޔާތުގެ ލޯތްބެވެ.

އެންގޭޖްމަންޓް އޮންނާނީ އަހަރެމެންގެ އުފަން ގައުމު ކަމަށްވާ ދިވެހިރާއްޖޭގައެވެ. ނަމަވެސް އަހަރެން ދިރިއުޅެނީ މަންމަ އާއި ކޮއްކޮމެންނާއެކު ލަންކާގައެވެ. އަހަރެން ބޮޑުވީ މިތަނުގައެވެ.

“އިވްރިޝާ، ބޭނުންވާ ހެދުންތަކުގެ ތަފްސީލު ބުނެބަލަ،” ތަސްނީމް ވަރަށް ޝައުޤުވެރިކަމާއެކު އެހިއެވެ.

އަހަރެން ކޮނޑު އަރުވާލުމަށްފަހު ތުންފަތުގައި ދަތްއަޅާލީމެވެ. “މި ފެޝަނުގެ ކަންކަމުގައި އަހަރެން ހާދަ ދެރައޭ. މަޑުކުރޭ އަރްމީއަށް ގުޅާލާނަން، އޭނާ އުޅޭ ގެ މިތަނާ ވަރަށް ކައިރިވާނެ.”

އަހަރެންގެ ކޮނޑުގައި އޮތް ދަބަހުން ފޯނު ނަގައި، އެންމެ ގާތް އެކުވެރިޔާއަށް ގުޅާލީމެވެ.

“ހޭއި އީވް!” ފޯނުގެ އަނެއްކޮޅުން އޭނާ ބުންޏެވެ. އަހަރެން ފޫހިވެގެން އެއްޗެކޭ ބުނެލީމެވެ. އޭނާ އަހަރެންގެ ނަމަށް ‘އީވް’ ކިޔާތީ އަހަރެން ވަރަށް ފޫހިވެއެވެ.

“ހޭއި އަރްމީ. މޯލަށް އާދެވިދާނެތަ؟ އަހަރެން މި އުޅެނީ ހެދުމެއް ހޯދަންވެގެން،” އަހަރެން އާދޭސްކުރާ ރާގަކަށް ބުނީމެވެ.

“އެއްވެސް މައްސަލައެއް ނެތް. މިދަނީ އިރުކޮޅަކުން،” އޭނާ ފޯނު ބޭއްވިއެވެ. އަހަރެންގެ ފޯނު ދަބަހަށް ލީމެވެ.

“އޭނާ އަންނަންވާއިރަށް އަހަރެމެން ބަލަން ފަށަމާ. އަހަރެން ބޭނުމީ ވަރަށް ރީތި، ކްލާސީ އަދި ހިތްގައިމު ހެދުމެއް. ޚަލީލް ހިތްހަމަޖެހޭ ފަދަ ހެދުމެއް ހޯދަން އަހަރެން ބޭނުން،” އަހަރެން ހިނިތުންވެލަމުން މަޑުމަޑުން ބުނީމެވެ.

ޚަލީލް އަހަރެންގެ ރީތިކަމަށް ތައުރީފުކޮށް ބައްދާލާނެ ގޮތާއި، އެކުގައި ފިލްމެއް ބަލަން ތިބޭނެ ގޮތް މިހާރުވެސް އަހަރެންގެ ޚިޔާލަށް އަންނަން ފަށައިފިއެވެ.

“އޯކޭ. އޭނާ އަންނަނީ ކޮން އިރަކުން؟” ދަނބު ކުލައިގެ ޗައިނީޒް ހެދުމެއް ބަލަމުން ތަސްނީމް އެހިއެވެ.

“އޭނާ ބުނީ އޮފީސް ނިންމާފައި އަންނާނެ ކަމަށް. މި ދުވަސްކޮޅު އޭނާ އުޅެނީ ވަރަށް ބިޒީކޮށް،” އަހަރެން ބުނީމެވެ.

“ރާއްޖޭގަ ތިބި ގާތް އެންމެންވެސް ތިބީ އޭނާއާ ބައްދަލުކުރަން ކެތްމަދުވެފަ. އުއްމީދު ކުރަނީ އެންމެންނަށްވެސް އޭނާ ކަމުދާނެ ކަމަށް،” ކޮނޑުމަތީގައި ދެ ހެދުމެއް އަޅުވައިގެން ހުރެ ތަސްނީމް ބުންޏެވެ.

“އާނ، ހަމަޔަގީނުންވެސް ކަމުދާނެ. އޭނާއަކީވެސް އައްޑޫ މީހެއްނު. އަހަރެން ރާއްޖެ މަތިން ވަރަށް ހަނދާންވޭ،” އަހަރެން ހިނިތުންވުމާއެކު ބުނީމެވެ.

އަހަރެމެން ލަންކާއަށް ބަދަލުވީ މީގެ ހަތަރު އަހަރު ކުރިން މަންމަ އާއި ބައްޕަ ވަކިވި ހިސާބުންނެވެ. އެއީ މަންމައަށާއި އަހަރެމެންނަށް ވަރަށް ހިތްދަތި ދުވަސްވަރެކެވެ.

ބައްޕައަކީ އަބަދުވެސް ވަރަށް އަމިއްލަ އެދުން ބޮޑު މީހެކެވެ. އޭނާ ވަނީ މަންމަގެ އިހުސާސްތަކާ އެތައް ފަހަރަކު ކުޅެފައެވެ. އޭނާއަކީ ނުހަނު މުއްސަނދި މީހެކެވެ. އެ ފައިސާގެ ސަބަބުން އޭނާ ބޮޑާވެ، މަގު އޮޅުނީއެވެ. އެހެން އަންހެނުންނާ ގުޅުން ބާއްވަން ފެށިއެވެ. އެ ދުވަސްވަރު އަހަރެންގެ އުމުރަކީ 17 އަހަރެވެ.

އެއްފަހަރަކު ބައްޕަ ކޮޓަރި ތެރޭގައި އެހެން އަންހެނަކާއެކު އުޅެނިކޮށް އަހަރެންނަށް ފެނުނެވެ. އެކަމުން އަހަރެންގެ ހިތް މުޅިން ކުދިކުދިވިއެވެ. އެ ވާހަކަ މަންމަ ގާތު ނުބުނުމަށް އެދި އޭނާ އާދޭސްކުރިއެވެ. އަދި އަހަރެންނަށް ދޭ ޚަރަދު ބޮޑުތަނުން އިތުރުކުރިއެވެ. އޭރު އަހަރެންނަކީ މައުސޫމް އަދި ބަސްއަހާ ކުއްޖަކަށް ވުމުން، މަންމަ ގާތު އެ ވާހަކައެއް ނުބުނަމެވެ.

މަންމައަށް އެކަން އެނގުނީ ކުއްލިއަކަށް ބައްޕަގެ އޮފީހަށް ދިޔަ ދުވަހަކު، ބައްޕަ އެހެން އަންހެނަކާއެކު އުޅެނިކޮށް ފެނުމުންނެވެ. ވަގުތުން މަންމަ ވަރިވާން އެދުނެވެ. ބައްޕަވެސް ހުރީ އެގޮތް ބޭނުންވެފައި ކަމުން، ވަރަށް އުފަލާއެކު ވަރީގެ ލިޔުމުގައި ސޮއިކުރިއެވެ.

މަންމަ އަހަރެމެން ގޮވައިގެން ލަންކާއަށް ބަދަލުވީ ރާއްޖޭގައި ތިބި މަންމަގެ އާއިލާ އާއި ހުރިހާ ކަމެއް ދޫކޮށްލުމަށްފަހުއެވެ. ބައްޕަ އަބަދުވެސް ހަމްޒާ އަށާއި ތަސްނީމް އަދި އަހަރެންނަށް ފައިސާ އާއި ހަދިޔާ ފޮނުވައެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް އެ ތަކެއްޗެއްގައި ނުހިފަމެވެ. ބައްޕަ މަންމައަށް ބޭވަފާތެރިވި ހިސާބުން، އޭނާއަށް އަހަރެންގެ ހިތުގައި އޮތް އިހުތިރާމް ގެއްލިއްޖެއެވެ. ހަމްޒާ އާއި ތަސްނީމް އަދިވެސް ބައްޕައާ ވާހަކަދައްކައެވެ. ބައްޕަ ކުރި ކަންތައްތަކެއް އެމީހުންނަކަށް ނޭނގެއެވެ. އަދި މަންމަވެސް އެމީހުންނަށް އެ ވާހަކަ ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ. މަންމައަކީ ހާދަހާ ހިތްހެޔޮ އަންހެނެކެވެ.

“އޭއް … އަރްމީ އަތުވެއްޖެ!” ތަސްނީމް އުފަލުން ހަޅޭއްލަވައިގަތް އަޑަށް އަހަރެންގެ ޚިޔާލީ ދުނިޔެއިން ބޭރުވިއެވެ. އަހަރެން އެނބުރިލިއިރު އަރްމީ އަންނާތީ ފެނުނެވެ.

އޭނާ ހުރީ ޖީންސަކާއި އަންހެންވަންތަ ޓޮޕެއްގައެވެ. ބޮލުގައި ކަޅު ކުލައިގެ ފޮތިގަނޑެއް އޮޅާލާފައި އޮތެވެ. އަރްމީއަކީ ފުވައްމުލަކަށް ނިސްބަތްވާ ދޮން ހަންގަނޑެއް ލިބިފައިވާ ރީތި ކުއްޖެކެވެ. އަހަރެމެންނަކީ ކުރީއްސުރެ ދަންނަ ބަޔަކަށް ވިޔަސް، އަހަރެން ރާއްޖެ ދޫކޮށް ދިޔުމުން ގުޅުން ކެނޑުނީއެވެ. އަހަރެމެން އަލުން ބައްދަލުވީ އޭނާ ޔުނިވަރސިޓީއަށް ކިޔަވަން ލަންކާއަށް އައި ހިސާބުންނެވެ. މިއީ މިހާރު އޭނާގެ ފަހު އަހަރެވެ. އަހަރެން އަދި މި އުޅެނީ ހަތަރުވަނަ އަހަރުގައެވެ. އަހަރެން ކިޔަވަނީ މެޑިސިން އެވެ. އޭނާ ކިޔަވަނީ އިނގިރޭސި ބަހެވެ.

“ހޭއި އީވް،” އޭނާ އަހަރެންގެ ގައިގައި ބައްދާލުމަށްފަހު ތަސްނީމްގެ ގައިގައިވެސް ބައްދާލިއެވެ. އަހަރެން އޭނާގެ ގައިން ދުވި މީރުވަސް ބަލާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީމެވެ. އަރްމީގެ ގައިން އަބަދުވެސް ދުވަނީ އެ މީރުވަހެވެ. އެއަށް ކިޔަނީ ކީކޭ ހެއްޔެވެ؟ އާނ، ‘ތުރާރެން ވޫތާ’އެވެ.

“އޯކޭ، އަހަރެމެން ޖެހޭނެ ވަރަށް އަވަސްކުރަން. އަދި ގެއަށް ގޮސް ފޮށިތައްވެސް ބަންދުކުރަން ޖެހޭނެ. ސަޅި ހެދުމެއް ފެނިއްޖެއްޔާ ނަގާ،” އަހަރެން ތަސްނީމް އަދި އަރްމީއަށް އިރުޝާދު ދިނީމެވެ.

“ހަމަ އެކަނި ސަޅި ހެދުމެއްތަ؟ ޚަލީލްއާ އެއްކޯށް ކޮންމެވެސް ވަރަކަށް ސަކަރާތް ޖަހާލެވޭ ކަހަލަ ސެކްސީ ހެދުމެއްވެސް ބޭނުންވާނެ ނޫންތަ؟” އަރްމީ ލާނެތް ގޮތަކަށް ހީލަމުން ބުންޏެވެ.

އަހަރެން ލަދުން ހުރެ އޭނާގެ ކޮނޑުގައި ޖަހާލީމެވެ. “އަރްމީ! އަހަރެންގެ ކޮއްކޮވެސް މިތާ އެބަހުއްޓޭ!”

ނުނިމޭ

ނޯޓް
ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކަ އެ ނަމަކަށް ނިސްބަތްކޮށްފައިވާ އިވްރިޝާ އަކީ ވަރަށް ޔުނީކް ނަމެއްކަމަށްވާތީ އިޚްތިޔާރުކުރި ނަމެކެވެ. 2013 ވަނަ އަހަރު މި ވާހަކަ އަހަރެން ލިޔަން ފެށިއިރު، މުނިއަވަސްގައި އުޅޭ އިވްރިޝާއަކީ އުޅޭ މީހެއްކަންވެސް ނުދަންނަ މީހެކެވެ. މި ވާހަކައިގައި އުޅޭ މީހުންނަކީ ޚިޔާލަށް އުފައްދާފައިވާ އައްތަ (ކެރެކްޓަރ) ތަކެކެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top