މިވަގުތު ދިވެހި ފިލްމުބަލާ އޯޑިއަންސުން އެންމެ އިންތިޒާރުކުރަމުން އަންނަ ދިވެހި ފިލްމު “މަޖުނޫން”ގެ އާ ކެރެކްޓާއެއްގެ މަޢުލޫމާތު މިވަނީ އާއްމުކޮށްފައެވެ. ފާތިމަތު ނަހުލާ ގެނެސްދޭ “މަޖުނޫން”ގައި މުހިންމު ކެރެކްޓަރ ރޯލެއް ކުޅެނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި އެކްޓަރު އަޙްމަދު އީސާ (އާނަންދު) އެވެ. ފިލްމު “މަޖުނޫން”ގައި އާނަންދު ފެނިގެންދާނީ ވާހަކައިގެ މުހިންމު ހާދިސާއަކާ ގުޅިފައިވާ “މާނިއު”ގެ ކެރެކްޓާއިންނެވެ.
ކްރިސްޓަލް އެންޓަޓެއިންމެންޓްގެ “މަޖުނޫން”ގައި މާނިއުއަކީ އޭނާގެ އާއިލާދެކެ ނުހަނު ލޯބިވާ، އަޅާލާ ފިރިއެއްގެ އިތުރުން ނަމޫނާ ބައްޕައެކެވެ. މީގެ އިތުރުން އޭނާއަކީ މިލީ (ވާޝިޔާ މުޙައްމަދު) އަދި މަހޭގެ ބޭބެގެ މަގާމުވެސް ފުރަމުންދާ، މުޅި އާއިލާގެ ތަނބެވެ.
ނަމަވެސް، މާނިއުގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް ނުތަނަވަސްކަން ވެރިވަނީ މީގެ 15 އަހަރު ކުރީގެ މާޒީއެއް އޭނާއާ އަލުން ކުރިމަތިލުމުންނެވެ. ވަޅުލެވިފައިވާ ބިރުވެރި ހާދިސާއަކާއި، އޭނާ ހިތުގެ އަޑީގައި ފޮރުވައިގެން އުޅުނު ކުށްވެރިކަމުގެ އިހުސާސްތައް އަލުން ތިލަވުމުން، މާނިއުއަށް މަޖުބޫރުވަނީ އޭނާ އެންމެ ޖެހިލުންވާ ހަގީގަތްތަކާ ކުރިމަތިލާށެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނާ ގޮތުގައި، އާނަންދު މި ފިލްމުގައި ދައްކުވައިދޭ މާނިއުގެ ރޯލަކީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ، އިހުސާސްތަކުން ފުރިގެންވާ ވަރުގަދަ ކެރެކްޓާއެކެވެ.
ކުޅަދާނަ ފިލްމު ޑައިރެކްޓަރު ފާޠިމަތު ނަޙްލާގެ ދިވެހި ފިލްމު “މަޖުނޫން”ގެ ލީޑުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ ހަތް ތަރިންގެ ނަން މިހާތަނަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިލްމުގެ އެންމެ މައިގަނޑު ރޯލު، މަޖުނޫނެއްގެ ކެރެކްޓަރު އަދާކުރަނީ ދިވެހި ފިލްމީ ދާއިރާގައި މިވަގުތު ތިބި ޒުވާން، ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް އެކްޓަރު އަޙްމަދު ޝާރިފް އެވެ. ފިލްމުގެ އަންހެން ލީޑް އަދާކުރަނީ ފިސާރި ހަޤީޤަތާ އެއްގޮތަށް މޮޅު އެކްޓިންއެއް ދައްކަމުން އަންނަ މަޝްހޫރު ބަޠަލާ މަރިޔަމް ޝިފާ އެވެ. ޝިފާގެ އިތުރުން ހަމަ އެހާމެ ހުނަރުވެރި ވާޝިޔާ މުޙައްމަދު (ޝިޔާ) ވެސް މި ފިލްމުގައި ފެނިގެންދާނީ ހަމަ އެހާމެ މުހިންމު، އަދި ވަރުގަދަ ރޯލަކުންނެވެ.
ފިލްމު “މަޖުނޫން”ގައި ވަރަަށް މުހިންމު ރޯލަކުން، ނަހުލާގެ ދެ ދަރިން ކަމަށްވާ ލާލީ އަދި އެވްލީ ވެސް ހަރަކާތްތެރިވެއެވެ. މި ފިލްމުގައި ޝިފާ ކުޅެނީ ލާލި އަދި އެވްލީގެ މަންމަގެ ރޯލެވެ.
މިއަހަރު އޮކްޓޯބަރު 26 ގައި ރިލީޒްކުރާ ކްރިސްޓަލް އެންޓަޓެއިންމެންޓްގެ “މަޖުނޫން” އަކީ ނަހުލާގެ ފިލްމުތަކަށް އިންތިޒާރުކުރާ ގިނަ ބަޔަކަށް ލިބިގެންދާނެ ވަރަށް އުންމީދީ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.
