ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިލަ ހޫރް – އެޕިސޯޑް 01

އަހަރެންގެ އުމުރަކީ އެންމެ އަށް އަހަރެވެ. ނަމަވެސް، އަށް އަހަރުގެ އުމުރަކަށް ފުދޭވަރުގެ ޒަޚަމްތަކާއި ލަކުނުތަކުން އަހަރެންގެ މުޅި ހަށިގަނޑު ވަނީ ފުރިފައެވެ. އެހެންކަމުން، މިއީ އަހަރެންގެ ވާހަކަ ފަށަންވީ ވަގުތެވެ. މިއީ ތިޔަ އެކުވެރިން އުފާކޮށްދޭން ކިޔައިދޭ ވާހަކައެއް ނޫނެވެ. މިއީ ތިޔަ ލޮލުން ކަރުނަ ހިލުވާނެ، ހިތްދަތި ވާހަކައެކެވެ. މިއީ ކޮންމެ ދުވަހަކު، ކޮންމެ މިނެޓަކު އަހަރެން ތަހައްމަލުކުރާ ވޭނީ އިހުސާސްތައް ތިޔަ އެކުވެރީންނަށް ކިޔައިދިނުމަށްޓަކައި ލިޔާ ލިޔުމެކެވެ.

އަހަރެންގެ ނަފުސު ވަނީ ކުދިކުދިވެފައެވެ. އަދި ދުވަހަކުވެސް މި ޒަޚަމްތައް ފަސޭހަވެ، ކުރީގެ ހާލަތަށް ރުޖޫޢަވެވޭނެ ކަމުގެ އުންމީދެއް ނެތެވެ. އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭ ހަމައެކަނި އިންސާނަކީ އަހަރެންގެ ދައްތައެވެ. އޭނާ އަހަރެން ދެކެ ނުހަނު ލޯބިވެއެވެ. އަދި ނުހަނު އޯގާތެރިކަމާއެކު އަހަރެން ބަލަހައްޓައެވެ. އޭނާ އަހަރެންނަށް މުޚާތަބު ކުރަނީ “ހިލަ ހޫރް”ގެ ނަމުންނެވެ. އިންސާނަކަށް އެހެން މަޚްލޫޤެއް ދެކެ ލޯބިވެވޭނެ އެންމެ މަތީ ދަރަޖައަށް ވުރެ ބޮޑަށް އަހަރެމެން ދެބެއިން އެކަކު އަނެކަކުދެކެ ލޯބިވަމެވެ. އަހަރެންގެ ހަށިގަނޑުގައިވާ ޒަޚަމްތަކުގެ ތަދު ފިލުވައިދޭ ފަރުވާއަކީ އޭނާއެވެ.

މިއީ ނަފުރަތާއި ލޭގެ ތެރޭގައި ހޭދަވެގެންދިޔަ، އަހަރެންގެ ހަޔާތުގެ ފަހު އަހަރުގެ ވާހަކައެވެ. އަހަރެންގެ އުމުރަކީ އެންމެ އަށް އަހަރު ނަމަވެސް، ހީވާ ގޮތުން މިހާރު އަހަރެން މިވަނީ ހަގީގީ ހޫރެއް ނުވަތަ މަލާއިކަތެއްގެ ނަން ނެގި ކޮންމެވެސް އެހެން ނަމެއް ދޭވަރު ވެފައެވެ. ސަބަބަކީ، ދިރިއުޅުމުގެ އުފާ ހާސިލުކުރާނެ ފުރުސަތެއް އަހަރެންނަށް ދުވަހަކުވެސް ނުލިބުނެވެ.

〰️⌯ ⌯ ⌯ ⌯ ⌯ ⌯ 〰️

އަހަރެން ތެދުވެ އިށީނދެލިއިރު އިރުއަރައިފިއެވެ. ކޮޓަރިތެރެ ވަރަށް ފިންޏެވެ. އަހަރެން ގައިގައި އަޅައިގެން އޮތް ރަޖާގަނޑު އޮތީ ބާވެފައެވެ. ލައިގެން ހުރި ނިދާ ހެދުންވެސް ވަރަށް ތުންޏެވެ. ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ހީވަނީ މާޔޫސްވެ، މިލާފައިވާ ހެންނެވެ. ހުރިހާ ދިމާލަކުންވެސް ފެންނަނީ މަރުވެފައިވާ ކަހަލަ މާހައުލެކެވެ. މަންމަގެ ކޮޓަރި ކައިރިން އަހަރެން މަޑުމަޑުން ހިނގާފައި ދިޔައީ މަންމަ ގުގުރިދަމާ އަޑަށް ބިރުން ހުރެއެވެ. މަންމަ ހޭނުލުމުން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ސިއްރުސިއްރުން ސިޑިން ތިރިއަށް ފޭބީމެވެ. އައިސްއަލަމާރި ހުޅުވާލިއިރު، އޭގައި އޮތީ އިއްޔެ މަންމަ އޯޑަރުކޮށްގެން ގެނައި ކެއުމަކުން ބާކީވެފައި ހުރި އެތިކޮޅެއް އެކަންޏެވެ. އެއީ މާ ބޮޑު ހައިރާންކަމެއް ލިބުނު ކަމެއް ނޫނެވެ.

އަހަރެންގެ މަންމައަކީ، އަސްލަށް ބުނާނަމަ، ވަރަށް ކަންނެތް މީހެކެވެ. ދުވާލުގެ ގިނަ ވަގުތު އޮންނާނީ ނިދާފައެވެ. އަދި ނުނިދާ ހުންނަ ވަގުތުތަކުގައި ހުންނާނީ މަސްތުގެ ހާލަތުގައެވެ. އަހަރެން ހަނދާންވެއެވެ؛ އެއް ދުވަހަކު ހިފްޒާ، މަންމަ ގާތު ކޮށްލި ސުވާލެކެވެ.

“މަންމަ އަޅެއް ކޮން އެއްޗެއް ބޮއެގެންތަ އަބަދު ހަމައިން ނެއްޓިފަ ތި ހުންނަނީ؟” ހިފްޒާ މިހެން އެހުމުން، ޖަވާބު ދިނުމުގެ ބަދަލުގައި އެ ފުޅި އަހަރެންގެ ގަޔާ ދިމާލަށް އެއްލިއެވެ. އަދި އިތުރު ފުޅިއެއް ގެނެސްދޭށޭ ކިޔާ ހަޅޭއްލަވައިގަތެވެ. އެ ހާދިސާގައި އަހަރެންގެ ފައި ކެނޑި ވަރަށް ގިނައިން ލޭ އޮހުރުނެވެ. އެ ލަކުނުތައް އަދިވެސް އަހަރެންގެ ހަށިގަނޑުގައި އެބަހުއްޓެވެ. ކޮންމެ ލަކުނަކީވެސް ވޭނީ ވާހަކައެކެވެ. އެއީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ހިތްދަތި ހަނދާންތަކެއް ނޫނެވެ. އެއީ އަހަރެންގެ ހަމުގައި ކުރަހާފައިވާ ކުރެހުންތަކެއް ފަދައެވެ. އަހަރެންގެ ހަށިގަނޑަށް ބަލާލާ ކޮންމެ ފަހަރަކު އެ ހަނދާންތައް އާވެއެވެ. އެންމެ ބޮޑަށް ތަދުވަނީވެސް އެ ހަނދާންތައް އާވުމުންނެވެ.

ހެނދުނުގެ ނާސްތާ ނުކޮށް މަޑުކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަހަރެން ނިންމީމެވެ. އެއީ އަހަރެން ކައިފިނަމަ މަންމަ ރުޅިއައިސްދާނެތީއެވެ. އެވަގުތު އަހަރެންގެ ދޮންތަ ހިފްޒާ އެތެރެއަށް ވަނެވެ.

“މަގޭ ހޫރް މިއަދު ކިހިނެއްތަ؟” މަޖުބޫރު ހިނިތުންވުމަކާއެކު އޭނާ އަހަރެންގެ ގާތުގައި އެހިއެވެ. އައިސްއަލަމާރިއަށް އިޝާރާތް ކުރަމުން އަހަރެން ބުނީމެވެ، “ރަނގަޅު، އެކަމަކު ކާނެ އެއްޗެއް ނެތް.” ހިފްޒާ އަލަމާރި ކައިރިއަށް ގޮސް ކޮތަޅަކަށް ލާފައި ހުރި ޕާނާއި، ޕީނަޓް ބަޓަރާއި ނަޓެއްލާ ނެގިއެވެ.

“ޗީޑި، ތިއީ ހާދަ ފަކުރު އެއްޗެކޭ،” ހެމުން އަހަރެން ބުނީމެވެ. އޭނާ އަހަރެންނަށް ދޫ ނެރެލާފައި ބުންޏެވެ، “ރަހަ ބަލާބަލަ، މިއީ ވަރަށް މީރު އެއްޗެއް!” އޭނާ އަހަރެންނަށް ސޭންޑްވިޗެއް ދިނެވެ. އަހަރެން އޭގެ ރަހަ ބަލާލުމަށްފަހު، ވަރަށް އުފަލާއެކު އެއްކޮށް ހުސްކޮށްލީމެވެ. “ޔަމީ! އަހަރެން ބުނި ބަސް އަނބުރާ ގެނެސްފީން. މިއީ ހަމަ އަސްލުވެސް ވަރަށް މީރު އެއްޗެއް!”

“ކޮން އިރަކު ތިހާ މޮޅު ލަފުޒުތައް ބޭނުންކުރަން ދަސްކުރީ؟” ހިފްޒާ އެހިއެވެ.

އަހަރެންނަކީ އަބަދުވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. އަހަރެންގެ އުމުރާ ބަލާއިރު އަހަރެންނަކީ ހަރުދަނާ ވިސްނުމެއް ހުންނަ ކުއްޖެއް ކަމަށް ޓީޗަރުވެސް ބުނެއެވެ. ނަމަވެސް އެދުވަހު އަތަށް ތަދުވާތީ ޓީޗަރު ދެއްކި ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ. ހިފްޒާއަކީވެސް މޮޅު ކުއްޖެކެވެ. ނަމަވެސް އޭނާ އަހަރެންނަށްވުރެ ހަތަރު އަހަރު ދޮށި ނަމަވެސް، އަހަރެން މާ މޮޅު ކަމަށް ގަބޫލުކުރެވެއެވެ.

ހިފްޒާގެ ސްކޫލް ހުންނަނީ އަހަރެންގެ ސްކޫލު ހުންނަ ހިސާބާ ދިމާ އިދުކޮޅުގައި ކަމުން، އަހަރެން އަބަދުވެސް ސްކޫލަށް ދަނީ އެކަނި ހިނގާފައެވެ. އެހެން ކުދިން އަހަރެން ދެކެ ފޫހިވެއެވެ. އެކުދިން ބުނާ ގޮތުގައި އަހަރެންނަކީ މާ މޮޅުވާން އުޅޭ ކުއްޖެކެވެ. އިންޓަވަލް ގަޑީގައި އަހަރެން އެކަނި ބެންޗެއްގައި އިށީނދެގެން އިންނަމެވެ. އެހެން ކުދިން އުފަލާއެކު ކުޅޭ މަންޒަރު ބަލަން ހުންނަމެވެ. އަހަރެންވެސް އެކުދިން ފަދައިން އުޅެން ބޭނުންވެއެވެ. އަހަރެންގެ ހަށިގަނޑުގައި ހުންނަ ނޫފައިގެންފައިވާ ލަކުނުތައް ފޮރުވުމަށްޓަކައި، ކޮންމެ ދުވަހަކު އަތްދިގު އެކްޓިވިޓީ ޔުނިފޯމު ލާން އެކުދިންނަށް މަޖުބޫރު ނުވާނެކަން ޔަގީނެވެ. އަދި ގެއަށް ދާ މަގުމަތީގައި އެކުދިންނަށް ރޯން ނުޖެހޭނެކަންވެސް ކަށަވަރެވެ.

އަހަރެން އާދައިގެ މަތިން ބެންޗުގައި އިށީނދެގެން އިންދާ، އަހަރެންގެ ޓީޗަރު ރަޝްފާ މިސް އައިސް އަހަރެންގެ ކައިރީގައި އިށީނެވެ. “ހޫރް ކީއްވެ އެކުދިންނާއެކު ކުޅެން ނުދަނީ؟” ވަރަށް އޯގާތެރި އަޑަކުން އޭނާ އެހިއެވެ. އަހަރެން ބޭނުންވީ ރޮއެގަނެފައި އޭނާގެ ގައިގައި ބައްދާލާށެވެ. ނަމަވެސް އެކަން ނުކުރުމަށް އަހަރެންގެ ހިތް ބުންޏެވެ. “ބަލިވެ އުޅޭތީ،” އިސްއުފުލާ ބަލާލުމެއް ނެތި އަހަރެން ބުނީމެވެ. “ކަމަކު ބޭނުންވެއްޖެއްޔާ މިސް ގާތުގަ ބުނާތި! މިސް އަބަދުވެސް ހުންނާނަން ހޫރް ގޮވާލީމަ އަޑުއިވޭ ހިސާބުގަ،” އޭނާ ބުންޏެވެ. އޭނާ ތެދުވެގެން ދިޔުމުން އަހަރެން ފުން ނޭވައެއް ދޫކޮށްލީމެވެ. އޭނާއަކީ އަހަރެންގެ މަންމައަށް ވީނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

އަހަންނަށް ގެއަށް ދެވުނީ ހިފްޒާ ގެއަށް ދިޔަ ފަހުންނެވެ. އޭރު ގޭތެރެއިން އަޑުތަކެއް އިވެމުންދިޔައެވެ. ހިފްޒާއާ ދިމާއަށް މަންމަ ހަޅޭއްލަވަނީއެވެ. ހިފްޒާ ރޯ އަޑުވެސް އިވެއެވެ. ހިފްޒާއަކީ ދުވަހަކުވެސް ރޯ ކުއްޖެއް ނޫނެވެ. އަހަރެން ވަރަށް ސިއްރުން ދޮރު ހުޅުވާލީމެވެ. ދުރުގައި ހުރެގެން ވާނުވާ ބަލާލުމުގެ ބޭނުމުގައެވެ. ނަމަވެސް މަންމައަށް އަހަރެން ފެނުނެވެ. މަންމަ އަހަރެންނާ ދިމާއަށް ހިނގައިގަތުމުން އަހަރެންގެ ހިތް ބިރުން ތެޅިގަތެވެ. އަހަރެން ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ.

“ކޮންތާކު އުޅެއުޅެފަ ތިއައީ؟” މަންމަ ހަޅޭއްލަވައިގަންނަމުން އަތް އުފުލާލިއެވެ. އަހަރެން ބިރުން ރޮމުން ފަހަތަށް ޖެހުނީމެވެ. “އަހަރެން… މައާފުކުރޭ، އަހަރެން ޓީޗަރާ ވާހަކަ ދައްކަން މަޑުކޮށްލެވުނީ…” އުނދަގުލުން އަހަރެންނަށް ބުނެވުނެވެ.

“ހަމަ މިހާރުން މިހާރަށް ގޮސް ކަލޭގެ ކޮޓަރިއަށް ވަދޭ!!” މަންމަ ހަޅޭއްލަވައިގަންނަމުން އަހަރެންގެ ކަރުނުން ތެމިފައިވާ ކޯތާފަތްމަތީގައި ބާރަށް އެތިފަހަރެއް ޖެހިއެވެ. އަހަރެން ދުވެފައި ގޮސް ސިޑިން އަރައިގެން ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ.

މިނެޓްތަކެއް ފަހުން އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ބިރުން ގޮސް އަހަރެންގެ ނޭވާވެސް ހުއްޓުނު ކަހަލައެވެ. “ކަންބޮޑުނުވޭ ކޮއްކޯ، މިއީ މަށޭ،” އެއީ ހިފްޒާކަން އެނގުމުން އަހަރެން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލީމެވެ. އަހަރެން ތެދުވެ އޭނާއަށް ބަލާލީމެވެ. ނަމަވެސް ފެނުނު މަންޒަރަކުން އަހަރެން ބިރުން ހަލާކުވާވަރުވިއެވެ. އޭނާގެ މޫނުމަތިން ވަރަށް ބޮޑަށް ލޭ ފައިބަމުން ދިޔައީ މޫނުގައި ހުރި ފުން ޒަޚަމަކުންނެވެ. ނޫނެކެވެ، އެއީ ވެދާނެ ކަމެއް ނޫނެވެ… އެއީ ކަނޑައިގެން ގޮސްފައި ހުރި ތަނެއް ހެއްޔެވެ؟

“މަންމަ ތިހެން ހެދީ ކީއްވެ…؟” އަހަންނަށް އަހައިލެވުނެވެ.

“މަންމަ ކުރި ކަމެއްތަ ތިއީ؟” އަދިވެސް އެދިމާލަށް ބަލަހައްޓައިގެން ހުރެ، މަޑުމަޑުން އަހަރެން އަހާލީމެވެ.

“ޕާން ކަފާ ވަޅިން!” މޫނުމަތީގެ ކުލަވަރު ފަނޑުވަމުންދިޔަ ހާލު ހިފްޒާ ޖަވާބު ދިނެވެ.

“ހިފްޒާ، އިށީނދޭ. ޑޮކްޓަރަކަށް ދައްކަން ހިނގާ!،” އަހަރެންގެ މޫނުމަތިންނާއި އަޑުން ފާޅުވަމުންދިޔަ ބިރުވެރިކަމާއެކު ބުނީމެވެ. އޭނާ އަހަރެންގެ އެނދުގައި އިށީނދެ ރޯން ފެށިއެވެ.

“އަޅެ ހޫރް، ދެން އަހަރެމެން ހަދާނީ ކިހިނެއް؟ މިހެންނެއް ނޫޅެވޭނެ، އޭނާ އަހަރެމެން މަރާލަފާނެ!” އޭނާ އެހެން ބުނުމުން، ކަންކަން ހަގީގަތަކަށް ވެއްޖެކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.

“ދެން އަހަރެމެން ހަދާނީ ކިހިނެއް؟” ދެމީހުން އެކަކު އަނެކަކަށް ބަލާލުމަށްފަހު، މާޔޫސްވެފައިވާ ހާލު އެނދުމައްޗަށް ވެއްޓިގަތީމެވެ.

ނިދުނު އިރެއް ނޭނގެއެވެ. ހޭލެވުމާއެކު ހިފްޒާގެ ގައިގައި އަތްލީމެވެ. އޭނާ އޮތީ ފިނިވެފައެވެ.

“ހޭލަބަލަ،” އަހަރެން މަޑުމަޑުން ގޮވާލީމެވެ. އޭނާ ލޯ ހުޅުވާލިތަނާހެން، ގޭގެ ފެންޑާ ތެރެއިން ފިޔަވަޅުގެ އަޑު އިވެން ފެށިއެވެ. ބިރުން ތިއްބާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“ތެދުވޭ، ސްކޫލަށް ދާން ގަޑިޖެހިދާނެ،” ތިރިއަށް ދަމުން މަންމަ ބުނެލީ އެވަރަށެވެ.

“ހިފްޒާ!” އަހަރެން ބާރަށް ހަޅޭއްލަވައިގަތީމެވެ.

“ކިހިނެއްވީ؟” އޭނާ އަހަންނާ ދިމާލަށް ބަލާލިއެވެ.

“ކަލޭގެ ބޯ! ކިހިނެއް ހަދާނީ؟ ސްކޫލުގައި ތިތަން ފޮރުވާނީ ކިހިނެއް؟” އޭނާ ތެދުވެގެން ފާޚާނާއަށް ދިޔައެވެ.

“ހޫރް، މިކޮޅަށް އާދެބަލަ،” އޭނާ ގޮވާލިއެވެ. އޭނާ ކަތުރު ނަގައި އިސްތަށިގަނޑު ކޮށަން ފެށިއެވެ. ދިހަވަރަކަށް މިނެޓު ފަހުން އޭނާގެ ހުނަރުވެރި މަސައްކަތް ނިންމާލައިފިއެވެ.

“ކަލެއަކީ ހާދަ މޮޅު މީހެކޭ،” އަހަރެން ބުނީމެވެ. އޭނާގެ އިސްތަށިގަނޑުން ނިތްމަތި ފޮރުވޭނޭހެން ކޮށާފައި ހުރި ގޮތް ފެނިފައި އަހަރެން ހުރީ ހައިރާންވެފައެވެ. އެއީ ލިބިފައިވާ އަނިޔާ ފޮރުވުމަށް އެންމެ އެކަށީގެންވާ ގޮތެވެ.

“އަހަރެން މި މަސައްކަތް ކުރަނީއެއްނު،” އޭނާ އެއްލޯ މަރާލަމުން ބުނެލިއެވެ. އަދި އަހަރެން އަތްދަނޑިމައްޗަށް އުފުލާލައިގެން ގެއިން ބޭރަށް ނިކުތެވެ.

〰️⌯ ⌯ ⌯ ⌯ ⌯ ⌯ 〰️

މަސްތަކެއް ފާއިތުވެއްޖެއެވެ. ލަކުނުތައް ފިލަމުން ގޮސް އައު ލަކުނުތަކެއް އުފެދެމުން ދިޔައެވެ. އެއްދުވަހަކު ހޭލެވުނުއިރު ދުނިޔެ ތަފާތު ގޮތަކަށް ފެނުނެވެ. ވައިރޯޅިއެއްގެ ހިލަމެއް ނެތެވެ. އުޑުމަތީގައި ކާޅެއްގެ ހިލަމެއްވެސ ނެތެވެ. ފެންނަން އޮތީ އެންމެ ވިލާގަނޑެކެވެ. ފާއިތުވި ހަފުތާގައިވެސް ލީ ޔުނީފޯމު އަހަރެން ލީމެވެ. އެއީ ލިބިފައިވާ ޒަޚަމްތައް ފޮރުވޭ ވަރުގެ ދިގު ހެދުމަކަށް ވާތީއެވެ. އެދުވަހު ހެނދުނު ހިފްޒާއާ ވާހަކަދައްކަން ބޭނުންނުވާތީ، މާ ކުރިން ގެއިން ނިކުތީމެވެ. ހީވަނީ ފަޅު ރަށެއްގައި ހިނގޭ ހެންނެވެ. އެކަމާ ބިރުގަތެވެ. ބޭރުގައި އެކަކުވެސް ނެތެވެ. ގަސްގަހާގެއްސާއި ވިނަތައް އޮތީ ހުއްޓިފައެވެ. އެކަމަކު އެ މަންޒަރު އަހަންނަށް ކަމުދިޔައެވެ. ހީވަނީ ވައިގެ ތެރެއިން ގަސްތަކުގައި ބައްދާލައިގެން ހުރި ހެންނެވެ. މަންމަ އަހަރެންގެ ގައިގައި ބައްދާލި ދުވަހެއް ހަނދާނެއް ނެތެވެ.

ސްކޫލުގެ ކަންތައްތައް ހުރީ ކުރިއެކޭވެސް އެއްގޮތަށެވެ. މެންދުރުގެ ކެއުމުގެ ވަގުތު ބެންޗެއްގައި އިށީނދެގެން އުޑާ ދިމާލަށް ބަލަހައްޓައިގެން އިނީމެވެ. އަދިވެސް އޮތީ އެންމެ ވިލާގަނޑެކެވެ. ދުނިޔޭގެ ރަސްގެފާނު ފަދައިންނެވެ. ހުރިހާ ކަމެއްގެ ވެރިއަކަށް އަހަރެން ހުރިނަމަ ވާނެ ގޮތާމެދު ޚިޔާލީ ދުނިޔެއެއްގައި އުޅެނިކޮށް، ގަޑިޖެހުނު ރަނގަބީލުގެ އަޑަށް ހޭލެވުނެވެ. އެ އަޑު އިވުމުން އަހަރެން ބިރުން ތުރުތުރުލިއެވެ. އެއީ މަންމަ ހަޅޭއްލަވާ އަޑާ ވައްތަރު ގޮތެއް ހުންނާތީއެވެ.

ގެއަށް ދިޔަ މަގުމަތީގައި ހިފްޒާއާ ދިމާވިއެވެ. “ހޫރް، އާރ ޔޫ އޯކޭ؟…. އަހަރެން ހާދަ ކަންބޮޑުވިއޭ!” އޭނާ އަހަރެން އުފުލާލައި ބާރަށް ބައްދާލިއެވެ.

“އަހަރެން ބޭނުންވީ މިއަދު ހެނދުނު އެކަނި އިނދެލަން،” ދެރަވެފައިވާ އަޑަކުން އަހަރެން ބުނީމެވެ.

“ތީ ހަމަ މޮޔައެއް،” އޭނާ ހިނިތުންވަމުން އަހަރެންގެ އަތުގައި ހިފާލިއެވެ. “ހިނގާ ގެއަށް ދާން.”

‘ގެ’. އެއީ އަޑުއަހަން އުފާވެރި އަދި ހިތްގައިމު ބަހަކަށް ވާންޖެހޭނެއެވެ. އެކަމަކު އަހަންނަށް އެ ބަސް އިވެނީ ވަރަށް ހަރުކަށި އަދި ތޫނު ބަހެއްގެ ގޮތުގައެވެ. ގަނޑުފެންކޮޅެއް ފަދައިން ފިނި ބަހެއްގެ ގޮތުގައެވެ. ‘ގެއަކީ ހިތް އޮތް ތަނެވެ،’ އެއީ މީހުން ބުނެއުޅޭ ގޮތެވެ. އެކަމަކު އަހަރެމެންނަށް ގެއަކީ ‘ނަފްރަތު އޮތް ތަނެވެ’.

“ނޫން،” ހިފްޒާގެ އަތުން ދޫކޮށްލަމުން އަހަރެން ބުނީމެވެ. “ހިނގާ ފިލައިގެން ދާން، އަހަރެމެންނަށް އުފަލުގައި އުޅެވޭނެ ތަނަކަށް.” އެހެން ބުނެވުނުއިރު އަހަންނަށް ރޮވިއްޖެއެވެ. އެއީ އަހަރެންގެ ހަމައެކަނި އެދުމެވެ. ހިފްޒާ ފުން ނޭވާއެއްލިއެވެ.

“ހޫރް، ތިއީ ވާނެ ކަމެއް ނޫން. އޭނާ އަހަރެމެން ހޯދާނެ. އަދި ހޯދުމަށްފަހު އަހަރެމެން މަރާލާނެ. އެހެން ނޫނަސް އަހަރެމެން އަތުގައި ކާނާއެއް، އަންނައުނެއް ނެތް. އޭނާ އަހަރެމެން ނުމެރި ނަމަވެސް، ބަނޑުހައިހޫނުކަމުގައި މަރުވާނީ.”

“އަހަރެން ބޭނުމީ މަރުވާން. އޭރުން ވާނީ ކޮން ތަފާތެއް؟” އަހަރެން ބުނީމެވެ. އެކަމަކު ހިފްޒާގެ ނިންމުން ބަދަލުނުވާނެކަން އަހަންނަށް އެނގެއެވެ.

މިއަދު ތަފާތުވީ ކީއްވެގެންކަން އެނގެން ބޭނުން ހެއްޔެވެ؟ ކިޔައިދޭނަމެވެ.

މަޑުމަޑުން ދޮރު ހުޅުވާލިއިރު، މީހެއްގެ ފުރަގަސް ފެނެއެވެ. އެކަމަކު އެއީ މަންމައެއް ނޫނެވެ.

“ހިފްޒާ، އެތެރޭގައި މީހަކު އެބަހުރި،” ބިރުން ހުރެ އަހަރެން ބުނީމެވެ.

“މަޑުކުރޭ، އަހަރެން ބަލާލާނަން،” އޭނާ ބުންޏެވެ. “އަހަންނަށް މީހަކު ފެނޭ… އެކަމަކު… މަންމަވެސް އެބަހުރި؟” އޭނާ ދޮރު އެއްކޮށް ހުޅުވާލުމުން އަހަރެން ސިހުނެވެ. މަންމައަށް އަހަރެމެން ފެނުނެވެ.

“ކަލޭމެންނަށް ކިހިނެއް ކެރުނީ ތިގޮތަށް ވަންނަން!” މަންމަ ރުޅިގަދަވެފައި ހަޅޭއްލަވައިގަތެވެ.

“އެއީ ކޮން ބައެއް؟” އެމީހާ އަހަރެމެންނަށް އިޝާރާތްކޮށް އަހާލިއެވެ. އެމީހުން އަހަރެމެންނާ ދިމާލަށް އަންނަން ފެށުމުން ބިރުން ހިފްޒާގެ ގައިގައި ބައްދާލީމެވެ.

“އެއީ ހިފްޒާއާއި ހޫރް. އެއީ މަގޭ ކުރީގެ ފިރިމީހާ އަހަރެން ދޫކޮށްލާފަ ދިޔައިރު ޖައްސާފަ ދިޔަ މުސީބާތްތަކެއް،” މަންމަ ބުންޏެވެ. އަދި މައްޗަށް ދިއުމަށް އިޝާރާތް ކުރުމުން އަހަރެމެން ފަސްބެލުމެއް ނެތި މައްޗަށް ދިޔައީމެވެ.

“އެއީ ކާކު؟” ކޮޓަރިއަށް ވަދެވުމުން އަހަރެން އެހީމެވެ.

“ނޭނގެ، އެކަމަކު އަހަރެން އެމީހާ ދެކެ ފޫހިވޭ،” ހިފްޒާ ބުންޏެވެ. އަހަރެންވެސް އެއްބަސްވީމެވެ. އަދި ސްކޫލުގެ ވާހަކައަށް މައުޟޫޢު ބަދަލުކުރީމެވެ. ނުވައެއް ޖެހުމުގެ ކުރިން އަހަރެމެން ނިދަން އޮށޯތީމެވެ.

“ގުޑް ނައިޓް، އައި ލަވް ޔޫ ސޯ މަޗް،” ހިފްޒާ ބުނެލިއެވެ. އޭނާ ހުރުމުން އަހަންނަށް ހިތްހަމަޖެހުން ލިބެއެވެ. އޭނާ ނެތްނަމަ މި ކޮޓަރިވެސް ފެންނާނީ ވަރަށް މާޔޫސްކޮށެވެ.

ޖެހިގެން އައި ދުވަހު ހެނދުނު، މަންމައަށް ހޭނުލެވޭނޭ ހެން ވަރަށް ސިއްރުސިއްރުން އަހަރެން ތިރިއަށް ފޭބީމެވެ. އެ ބޭރު މީހާގެ މަތިން އަހަރެން ހުރީ ހަނދާން ނެތިފައެވެ. އެހެންކަމުން މަޑުމަޑުން ލަަވަޔެއް ކިޔަމުން ކޮޓަރިން ނިކުމެ ބަދިގެއަށް ވަނީމެވެ. އޭރު އޭނާ އިނީ އަހަރެމެންގެ ކެއުމަށް ބޭނުންކުރާ މޭޒުދޮށުގައި އިށީނދެގެންނެވެ. ސިހުނުވަރުން އަހަންނަށް ފަހަތަށް ޖެހިގަނެވުނެވެ. އިއްޔެގެ ހަނދާންތައް އައިސް ސިކުނޑި ތޮއްޖައްސާލިއެވެ.

“އަމް… ތީ… ތީ ކާކު؟” ވީހާވެސް އަދަބުވެރިކަމާއެކު އަހަރެން އަހާލީމެވެ. އޭނާ އަހަންނާ ދިމާލަށް ބަލާފައި ހީނގަތެވެ. އޭނާގެ ގައިން ދުވަނީ މަންމަގެ ގައިން ދުވާ ކަހަލަ ވަހެކެވެ. މަންމަ ބޯ ބުއިމުން ދުވާ ކަހަލަ ގަދަ ވަހެކެވެ.

“މިއީ ކަލޭގެ އާ ބައްޕަ!” އޭނާ ޖަވާބު ދިނެވެ.

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top