ވިކްރަމް ބަޓްގެ “ހޯންޓެޑް 3ޑީ: އެކޯސް އޮފް ދަ ޕާސްޓް” އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއާ އެކު، އޭނާ އަނެއްކާވެސް “1920”ގެ ބިރުވެރި ފިލްމު ސިލްސިލާއަށް އެނބުރި އަންނަން އުޅޭކަން ހާމަކޮށްފިއެވެ.
“މޭނ ވަޕަސް އާއުންގާ” އަދި “ބާރަތު ބާގްޔާ ވިދާތާ” ފަދަ ވަރުގަދަ ފިލްމުތަކާ ވާދަކޮށް، “ހޯންޓެޑް 3ޑީ: އެކޯސް އޮފް ދަ ޕާސްޓް” ވަނީ ބޮޑު މަގުބޫލުކަމެއް ހޯދައި، ހީނުކުރާ ފަދަ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. ބިރުވެރި ފިލްމުތަކަށް އޮތް ތަރުހީބު އިތުރުވަމުންދާކަން ފާހަގަކުރަމުން، ވިކްރަމް ބަޓް ބޭނުންވަނީ މި ދާއިރާއިން އިތުރު ކުރިއެރުންތަކެއް ހޯދުމަށެވެ. އެގޮތުން، ބޮލީވުޑަށް މިވަގުތު މިފަދަ ފިލްމުތައް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި، އޭނާ މިވަނީ މަޝްހޫރު “1920” ފްރެންޗައިޒްގެ އާ ފިލްމަކާ އެކު އެނބުރި އައުމަށް ނިންމާފައެވެ.

ވިކްރަމް ބަޓް “1920” ސިލްސިލާ އަލުން ފަށަނީ
“1920” ސިލްސިލާގެ އާ ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ފިލްމަށް ދީފައިވާ ނަމަކީ “1920: ކޯލްޑް ވިންޓަރ” އެވެ. މި މަޝްރޫއު އިއުލާނުކުރީ “ހޯންޓެޑް 3ޑީ: އެކޯސް އޮފް ދަ ޕާސްޓް” ގައިވެސް ވިކްރަމްއާއެކު މަސައްކަތް ކުރި އާނަންދު ޕަންޑިތެވެ. މި ދެ މީހުން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފިލްމުގެ ޕޯސްޓަރާއެކު މިކަން ހާމަކޮށްފައެވެ.
އާނަންދު ޕަންޑިތާއި ވިކްރަމް ބަޓްގެ މި ގުޅުމަކީ ކާމިޔާބު ގުޅުމެއްގެ ގޮތުގައި ފާހަގަކުރަމުން އޭނާ ބުނީ، “1920” އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، “ހޯންޓެޑް 3ޑީ” އިންވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މިހާރު މި ތައްޔާރުވަނީ މި ސިލްސިލާގެ ބިރުވެރި އާ ބާބު، “1920: ކޯލްޑް ވިންޓަރ” ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކަމަށްވެސް އޭނާ ބުންޏެވެ.
މި ފިލްމު އުފައްދަނީ އާނަންދު ޕަންޑިތެވެ. ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރާނީ ވިކްރަމް ބަޓެވެ. ކޯ-ޕްރޮޑިއުސަރުންނަކީ ރޫޕާ ޕަންޑިތާއި ރާހުލް ވީ. ދުބޭއެވެ. މި ސިލްސިލާގެ އެންމެ ފުރަތަމަ ފިލްމު 2008 ވަނަ އަހަރު ނެރުނީވެސް ވިކްރަމް ބަޓްގެ ޑައިރެކްޝަނުގެ ދަށުންނެވެ. ރަޖްނީޝް ދުއްގަލް އާއި އަދާ ޝަރުމާ މުހިންމު ރޯލުތަކުން ފެނިގެންދިޔަ އެ ފިލްމަކީ ރޫހާނީ ބާރެއް އަވަލާފައިވާ އަންހެނެއްގެ ވާހަކަ ދައްކުވައިދިން ފިލްމެކެވެ.
މި ސިލްސިލާގެ ދެވަނަ ފިލްމު “1920: އީވިލް ރިޓަރންސް” ރިލީޒްކުރީ 2012 ގައެވެ. ބޫޝަންޕަޓޭލް ޑައިރެކްޓްކުރި އެ ފިލްމުގައި ހަރަކާތްތެރިވީ އަފްތާބް ޝިވްދަސާނީ، ތިއާ ބަޖްޕާއީ، ވިދްޔާ މަލްވަޅޭ އަދި ޝަރަދު ކޭލްކަރެވެ. ތިންވަނަ ފިލްމު “1920: ލަންޑަން” ޑައިރެކްޓްކުރީ ތިނޫ ސުރޭޝް ދެސާއީއެވެ. އޭގައި ފެނިގެންދިޔައީ ޝަރުމަން ޖޯޝީ، މީރާ ޗޯޕްރާ އަދި ވިޝާލް ކަރްވަލްއެވެ.
އޭގެ ފަހުން ވިކްރަމް ބަޓްގެ ހިއްސާއާއެކު އިތުރު ދެ ފިލްމެއް ނެރުނެވެ. އެއީ 2018 ވަނަ އަހަރު ރިލީޒްކުރި “1921” (ޒަރީން ޚާން އަދި ކަރަން ކުންދުރާ) އާއި 2023 ވަނަ އަހަރު ނެރުނު “1920: ހޮރޯސް އޮފް ދަ ހާޓް” (އަވިކާ ގޯރް އަދި ރާހުލް ދޭވް) އެވެ.
ކާމިޔާބު ފަސް ފިލްމާއެކު، މި ފްރެންޗައިޒް ވަނީ ޖުމްލަ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ ބިރުވެރި ފިލްމު ސިލްސިލާއަށް ވެފައެވެ. “1920: ކޯލްޑް ވިންޓަރ” ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
