ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނަރުސް ކުއްޖާ – ދެވަނަބައި

އެކަކަށް އަނެކަކު ފެނުނު ވަގުތު ދެމީހުނަށް ވެސް ލިބުނީ ހައިރާން ކަމެވެ. ރޭގައި ހިޖްރާ ހޮސްޕިޓަލަށް ގެނައި މީހަކީ އެއަންހެން ކުއްޖާ އެވެ. ދުވަހަކު ވެސް ހިޖްރާއަކަށް އެއަންހެންކުއްޖާ ނޯޅޭނެއެވެ.

“ކިހިނެއްވީ؟” ޝުއޫން ބަލައިލީ ޝިއުފާ އަށެވެ.

“ދޮންބޭ! މީ އަހަރެން ބުނި ދައްތަ … ރޭގައި އަހަރެން ގެނައި ދައްތަ. ދޮންބެ ކައިރީ އެ ދައްތަ ކޮބައިތޯ ބަލާލައްޗޭ އަހަރެން ބުނި ދައްތަ …. ދައްތާ! އަވަހަށް ހިނގާ ސައިބޯން. ޑޮކްޓަރު ބުނެފަ އޮތީ ރަނގަޅަށް ސައިބޮއި ގައިގާ ވަރު ޖައްސަން. މިއަދު ވެސް ފަހަރެއްގަ އޮފަރޭޝަން ކޮށްފާނެ.” ވާހަކަ ދައްކަމުން ދައްކަމުން ހިޖްރާ އެނދުން ނަގަން މަސައްކަތްކުރި އެއަންހެންކުއްޖާގެ އަތުގައި އޭނާ ހިފެހެއްޓިއެވެ.

“އަހަރެންނަކީ ކޮއްކޮ ތިޔަ ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން. ތި ވަރަށް އަހަރެންނަށް އަޅާނުލާ. އަހަރެން ދޫކޮށްލާ … އަހަރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫން …. އަދި ޚާއްސަކޮށް ތިޔަ އާއިލާ އެއްވެސް މީހެއްގެ އެހީތެރިކަން ދުވަހަކު ވެސް ބޭނުމެއް ނޫން.” ހިޖްރާ ރޯން ފެށިއެވެ. އޭނާއަށް އޭނާގެ ކުށާއި އޭނާގެ ހާލަތު ވިސްނެމުންދިޔައެވެ.

“ހިތްހަމަ ޖެހުނަސް ނުޖެހުނަސް ވިހާ ގަދަވާންދެން މިތާ އޮންނަން ޖެހޭނީ. އަހަރެން އެއްބަސްވި އިރަކުން ހޮސްޕިޓަލުން ދޫކޮށްލާނީ. އެހެން ގޮތަކަށް ގޮސްފިނަމަ ކުށްވެރިވާނެ. ގޮތް ދޫނުކުރުން އެއީ ހައްލެއް ނޫން. ވިހާ ގަދަވެގެން ނުވަތަ މިތަނުން ކުރަންޖެހޭ ކަންކަން ނިންމައި ދޫކޮށްލުމުން ކޮންމެ ތާކަށް ދިޔަޔަސް އަހަރެން ހިޖްރާގެ ފަހަތަކުން ނުދާނަން.” ޝުއޫންގެ ވާހަކައިގެ ރާގު ބަދަލުވިއެވެ.

ހިޖްރާ ކޮންމެވެސް ވަރަކަށް ޖެހިލުން ވިއެވެ.

“ދެން ދޭ ދޮންބެ! އަހަރެން ނުބުނަނީސް ނާންނާތި.” ޝުއޫންގެ އަތު ހިފައިގެން ބޭރަށް ނެރެމުން ޝިއުފާ ވާހަކަ ދެއްކިއެވެ.

ހިޖްރާ ހަމަޖައްސަން ޝިއުފާއަށް ވަރަށް ގިނަ ވާހަކަ ދައްކަން ޖެހުނެވެ.

ކަންތައްތައް ދިމާވިގޮތުން ހޮސްޕިޓަލްގައި، މަޑުކުރަންޖެހޭ ދުވަސް ގިނަވިއެވެ. ހުރިހާކަމެއް ހަމަޖައްސައި ދިނީ ޝުއޫން އެވެ. އެންމެ ގާތުގައި ހުރީ ޝިއުފާއެވެ. ހިޖްރާގެ ކޮންމެ ކަމެއް އަމިއްލަކަމެއް ފަދައިން ޝިއުފާ ކޮށްދިނެވެ. ފޯނަކާއި ސިމެއް ވެސް ގެނެސް ދިނެވެ.

ހިޖްރާ ވިހައިގެން އޮތްއިރު ވެސް ދޭތެރެއަކުން ޝުއޫން އާދެއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ ހިޖްރާގެ ދަރިފުޅަށެވެ. ލޯބިލޯބި އެ ފިރިހެން ކުއްޖާއަށް ޝުއޫން ނުހަނު ޝައުޤުވެރި ވިއެވެ.

“މިހުރީ ހުރިހާ ލިޔުންތައް. ދައްކަން ޖެހޭ އެއްވެސް ބިލެއް އެއްޗެއް ނޯންނާނެ. މިހާރު ބޭނުން ވިޔަސް ނުކުމެގެން ދާންވީ …. ދަނީ ކޮންތާކަށްތޯ އެއް ނާހާނަން … އެކަމު … ގެންގޮސްދޭންވީ ތަން ކޮއްކޮ ކައިރީ ބުނީމަ ގެންގޮސް ދޭނެ.” ހިފައިގެން އައި ލިޔުންތައް ހިޖްރާއާ ހަވާލުކުރުމަށްފަހު ޝުއޫން ނުކުތެވެ.

ޝުއޫން ރޫމުން ނުކުތް ވަގުތު ކަހަލަ ގޮތަކަށް ޝިއުފާ އައިސް ރޫމަށް ވަނެވެ. ދާންވީ ކަމަށް ބުނެ ތުއްތުކުއްޖާ އުރާލަމުން ބައެއް ތަކެތި އަތަށް ނެގިއެވެ. މިއުވާން އައިސް ވަނީ ތަންކޮޅެއް ފަހުންނެވެ.

ހިޖްރާ ބޭނުންވީ އޭނާގެ މައިންބަފައިން ކައިރިއަށް ރަށަށް ދާށެވެ. އެކަމު ހަފުތާއެއް ފަހުން ދަރިފުޅު ދައްކަން ޖެހޭތީ މިވަގުތު ފުރައިގެން ދިއުމަށްވުރެ ރަނގަޅީ މަޑުކުރުމެވެ. މަޑުކުރަން ބަލާއިރު، އެކަން ކުރެވޭކަށް ނެތެވެ. ވަންނާނެ ތަނެއް، ޚަރަދު ކުރާނެ ފައިސާއެއް ނެތެވެ. ޢާއިލާގެ މީހެއް މާލޭގައި ނެތްއިރު، ހިލޭ ސާބަހަށް ބަހައްޓާލަދޭ ވަރުގެ ގާތް މީހަކު ވެސް މިއަދަކު ނެތެވެ.

“ދައްތާ!… ދެން ތިވަރަށް ނުވިސްނަބަލަ. އަހަރެން މިހުރީއެއްނު. ހަފުތާއެއްހާ ދުވަހު އަހަރުމެން ކައިރީ މަޑުކޮށްލާފަ ދަރިފުޅު ޑޮކްޓަރަށް ދައްކާފަ ރަށަށް ދާނީ. ހުރިހާކަމެއް އަހަރެން ހަމަޖައްސައިދޭނަން. އޯކޭ އެއްނު.” ހިޖްރާގެ އަތު ހިފައިގެން ކާރާއި ދިމާއަށް ހިނގައި ގަންނަމުން ޝިއުފާ ވާހަކަ ދެއްކިއެވެ.

ޝިއުފާއާއެކު ދާން ބޭނުން ނުވިޔަސް، ނުގޮސްވާނެ ގޮތެއް ނެތުމާއި، އެ ދެމައިންނާއިމެދު ޝިއުފާ ކަންތައް ކޮށްދިން ރަނގަޅުގޮތް ފެނިފައި ހިޖްރާއަށް ގޮތް ހުސްވިއެވެ. ގޮތްދޫކޮށް ޝިއުފާއާއެކު ދިޔައެވެ.

“މިތާކު އިތުރު މީހަކު ނޫޅޭނެ … މިހުރީ އަހަރުމެންގެ ރޫމް. އެއީ ދައްތަމެންގެ ރޫމް. ދެން އެއީ ގެސްޓް ރޫމް. މިހުރީ ބަދިގެއާ ކާގެ. ބޭނުން އެއްޗެއް ބޭނުން އިރަކު ކައްކައިގެން ކާންވީ. އެއްޗެއް ބޭނުންވެ ނުބުނެ ނުހުންނާތި.” ގޭތެރެއަށް ވަދެ ތަންތަން ދައްކާލުމަށްފަހު، ހިޖްރާ އާއި އޭނާގެ ދަރިފުޅު ގޮވައިގެން ޝިއުފާ ދިޔައީ އެމީހުންގެ ކޮޓަރި އަށެވެ.

ހީކުރިވަރަށްވުރެ ފަސޭހައިން ވަރީގެ ކަންކަން ހަމަޖެހުން ވީ ހިޖްރާގެ ހިތަށް ލިބުނު ނުހަނުބޮޑު ހަމަޖެހުމަކަށެވެ.

ހިޖްރާމެން އެތަނަށް އައި ދުވަހު ޝުއޫން ފުރައިގެން ހިނގައްޖެއެވެ. ހިޖްރާއަކީ އަސްލު ކާކުކަން އެނގުނު ހިސާބުން ޝުއޫންއާ ގުޅޭ އެތައް ވާހަކައެއް ޝިއުފާ ކިޔައިދިނެވެ.

ޝިއުފާ އާއި ޝުއޫންއަކީ އެއްބަނޑު އެއްބަފާ ދެމީހުނެއް ނޫނެވެ. ޝިއުފާއަކީ ޝުއޫންގެ މަންމައާ އެއްބަނޑު އެއްބަފާ އަންހެނެއްގެ ދަރިއެކެވެ. ޝުއޫންގެ އުމުރުން ފަސް އަހަރުގައި އޭނާގެ މަންމަ ނިޔާވިއިރު، ޝިއުފާގެ އުމުރުން އެއް އަހަރު ނުވަނީސް ޝިއުފާގެ މަންމަ ނިޔާވިއެވެ. އެހިސާބުން އެ ދެ ކުދިންގެ ހުރިހާ ކަމަކާއި ހަވާލުވީ މާމައެވެ. ޝުއޫންއަށްވުރެ ފަސްވަރަކަށް އަހަރު ހަގު ޝިއުފާ އާއި ޝުއޫން އުޅެ ބޮޑުވީ އެކުގައެވެ.

ޝިއުފާ އާއި ޝުއޫންގެ ކުރިމަގަށް ޓަކައި ކުރަން ޖެހުނު ކޮންމެކަމެއް އުފަލުން ކޮށްދެމުން އައި، މާމަ ނިޔާވީ ޝުއޫން ކޯހުގައި މާލޭގައި ހުއްޓައެވެ. އެހިސާބުން ޝިއުފާގެ ކަންކަމާއި ހަވާލުވީ ޝުއޫން އެވެ. އެއީ ޝުއޫންގެ ކޯހުގެ، ޝިއުފާގެ ގުރޭޑް 10ގެ ފަހު ސެމިސްޓާރ އެވެ.

ކޯހުގައި އުޅެމުން އާމްދަނީ ހޯދަން މަސައްކަތް ކުރަމުންދިޔަ ޝުއޫން، ޝިއުފާ މާލެ ގެނައެވެ. އޭނާއަށް ކިޔަވައިދީ މޮޅު މީހަކަށް ހެދުމުގެ ޒިންމާއާ ހަވާލުވިއެވެ. ޝިއުފާއާމެދު އޭނާ ދެކުނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިންނެވެ.

ހާލު ދެރަވެގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެނައި، އުމުރުން ދުވަސްވީ ފިރިހެން މީހާގެ ކަންކަމާއި ޝުއޫން ހަވާލުވީ ވަޒީފާއަށް ނުކުންނަން ފެށި ދުވަސްވަރު އެވެ. އެއީ އިނގިރޭސިވިލާތައް ނިސްބަތްވާ މީހެކެވެ. އޭނާއާއެކު އޭނާގެ އަންހެނުން ވެސް އައެވެ.

ޑިއުޓީ ނިންމާލުމަށްފަހު، ލިބޭ ހުސް ވަގުތުތަކުގެ ބޮޑުބައި ވެސް ޝުއޫން ހޭދަކުރީ އެ ދެމަފިރިންގެ ޚިދުމަތުގައެވެ. އެމީހުންނާއި އެކުގައެވެ. އެއްވެސް ކަމެއް ދަތިވެފައި، އެއްވެސް ކަމެއް ނުވެފައި، ތިބޭކަށް އެމީހުން ނުޖެހެއެވެ. ހުރިހާކަމެއް ޝުއޫން ބަލަހައްޓަމުން ދިޔައީ އެހާ ވެސް ފުރިހަމަ އަށެވެ.

މަހެއްހާ ދުވަހު އެމީހާ ހޮސްޕިޓަލްގައި ބޭއްވި އެވެ.

އެމީހުން ރާއްޖެއިން ފުރައިގެން ދިޔައީ ޝިއުފާ އާއި ޝުއޫން ގޮވައިގެންނެވެ.

އެމީހުންގެ ޚިދުމަތަށް ޝުއޫން ހުސްވެގެން ހުރިއިރު، ޝިއުފާ އުޅުނީ ކިޔެވުމުގައެވެ. އެމީހުންގެ ނަޒަރުގައި ޝިއުފާ އާއި ޝުއޫންއަކީ ވެސް އެމީހުންގެ ދަރިންނެވެ. އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާއި އެމީހުންނާއި އެއްވެސް ތަފާތެއް ނުކުރެއެވެ. އޭނާ ވެސް ދެކެނީ ހަމައެހެނެވެ.

ފަސްވަރަކަށް އަހަރު އެމީހުނާއިއެކު ޝިއުފާމެން ހޭދަކުރިއެވެ. އެމީހުން އެނބުރި ރާއްޖެ އައީ މިދިޔަ އަހަރުއެވެ. ޝުއޫން ބަލަހައްޓަމުންދިޔަ ފިރިހެންމީހާ ނިޔާވުމުން އޭނާ ބޭނުންވީ ރާއްޖެ ބަދަލުވާށެވެ. ބޭނުންނަމަ އިތުރަށް މަޑުކުރުމުގެ ފުރުސަތު އެމީހުން ދިނެވެ. އަދި ބޭނުން ވެއްޖެނަމަ މިހާރު ވެސް ގޮސް އެމީހުން ކައިރީ އުޅުމުގެ ފުރުސަތު ޝިއުފާ އާއި ޝުއޫންއަށް އޮވެއެވެ. ޗުއްޓީ ނަގައިގެން ޝުއޫން އިނގިރޭސިވިލާތައް ދަނީ އެމީހުންނާއިއެކު ވަގުތު ހޭދަކުރާށެވެ. ތިން މަހުން އެއް މަހު އެމީހުން ކައިރިއަށް ޝުއޫން ނޫނީ ޝިއުފާ ދާން ޖެހެއެވެ. އެމީހުނާއިމެދު މަޔަކު ފަދައިން ކަންތައް ކޮށްދިން އެއަންހެން މީހާގެ ހަމައެކަނި އެދުމަކީ އެއީ އެވެ.

އުމުރުން ފަންސަވީސް އަހަރުގެ ޝިއުފާއަކީ ޑޮކްޓަރެކެވެ. ޝުއޫން ބޭނުންވީ އޭނާ އެންމެ ބޭނުންވި ނަރުސްކަމުގެ ދާއިރާއިން ކުރިޔަށް ދާށެވެ. އެހެންވެ އޭނާ އަދިވެސް ހުރީ އެގޮތުގައެވެ.

ހޮސްޕިޓަލްގެ ވަޒީފާއަށް އެމީހުން ނުކުންނަން ފެށީ ފަސް މަހެއްހާ ދުވަސް ކުރިންނެވެ.

އެއީ ތަނަވަސްކަމާއި ފޯރުންތެރިކަން ލިބިފައިވާ ބައެވެ. ޝިއުފާމެން ހުޅުމާލޭ ދިރިއުޅެމުންދާ ދެ އެޕާރޓްމެންޓާއި ބޭނުންކުރާ ވެހިކަލްތަކަކީ އެމީހުން ގަނެދީފައިވާ ތަކެއްޗެވެ.

ޝުއޫންއަކީ ޝިއުފާއަށް އެންމެ މުހިންމު މީހާ އެވެ. މިއަދު އޭނާ އެހުރި ހިސާބަށް އޭނާ ގެނެސްދިން މީހާ އެވެ. ޝުއޫންއަށް ލިބޭ ކޮންމެ ކާމިޔާބަކީ، އޭނާއަށް ލިބޭ ކޮންމެ އުފަލަކާއި ހިތްހަމަ ޖެހުމަކީ ޝިއުފާގެ އުފަލާއި ހިތްހަމަ ޖެހުމެވެ. ހިތާމައެއް ނަމަވެސް ކަން އޮތީ އެހެނެވެ. އޭނާގެ އުންމީދަކީ އަދި އޭނާގެ ދުޢާއަކީ ޝުއޫންއަށް އަބަދު ވެސް ރަނގަޅު ގޮތް މިންވަރުކުރައްވައި ހަޔާތް ބާއްޖަވެރި ކޮށް ދެއްވުމެވެ. އުފަލުގައި ހުރުމެވެ.

ޝުއޫންއާމެދު އޭނާގެ ހިތުގައި ޝައްކެއް ނެތެވެ. ޝުއޫންއަކީ އޯގާތެރި އެކެވެ. އަނެކުންނަށް ޓަކައި ކިތަންމެބޮޑު ގުރުބާނީއެއް ވެސް އޭނާ ވެދާނެއެވެ. ކޮލެޖް ދުވަސްވަރު އޭނާ ވަނީ އެތަން ދެކިފައެވެ. އެކަމާއިމެދު އޭނާ ދުވަހަކު ވެސް ޝައްކެއް ނުކުރާނެއެވެ.

ޝުއޫންއާ ދިމާވީ ފަނަރަވަރަކަށް ދުވަސް ފަހުންނެވެ. އޭނާ އައީ އިނގިރޭސިވިލާތުގައި އުޅެފައެވެ. ހިޖްރާ އާއި ދަރިފުޅު ހަދިޔާ ގެނެސް ދިނެވެ. ކަންތައްދަނީ ރަނގަޅަށް ތޯ އަހައި އޮޅުން ފިލުވިއެވެ. އެއްވެސް ކަމެއް ބޭނުންތޯ ވެސް އެހިއެވެ.

ލަދަކާއި ހުރެ ތަދެއް ނުފިލާނެ އެވެ. ކަމެއް ހިތު އަޅައިގެން ހުއްޓަސް އެހެން މީހަކަށް ނޭނގޭނެއެވެ. ޖެހޭނީ ބުނާށެވެ. ނޫނީ އަމަލުން ދައްކާށެވެ.

“ކަމެއް … ބޭ … ނުން ….” ހިޖްރާ ހިތްވަރު ކުރިއެވެ. ކޮންމެގޮތެއް ވިޔަސް ޝުއޫން ދިން ފުރުސަތުގެ ބޭނުން ހިފަން ވިސްނިއެވެ. އެކަން ވެއްޖެނަމަ ހިޖްރާ އެންމެ ބޭނުންވާ ކަންތައް ވާނެއެވެ. މިހާރު އޭނާއަށް އެކަން ޔަގީނެވެ.

“ބުނީމަ އެނގޭނީ.” ހިޖްރާއާ ކައިރިއަށް ޝުއޫން ޖެހެލިއެވެ.

“އަހަރެންނަށް މަޢާފް ކޮށްދީ …. އަދި އަބަދުގެ އަބަދަށް … އަހަރެންނަކީ … ޝުއޫންގެ މީހަކަށް.” ހިޖްރާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރެވޭ ވަރެއް ނުވިއެވެ. އޭނާއާ ދިމާއަށް ޝުއޫން ބަލާލުމާއިއެކު ހިޖްރާގެ ބަސް ހުއްޓުނެވެ. ދެން ވާނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އިޚްތިޔާރުން ބޭރުގައި ނަމަވެސް ފަހަތަށް ޖެހިލެވުނެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވެ ހާސްވިއެވެ. ނުތަނަވަސް ވެސް ވިއެވެ.

“މަޢާފް ކޮށްފިން …. އެ ދުވަހު ވެސް އެހެން ބުނިން. ގަބޫލު ނުކުރީ ހިޖް އެއްނު. ވަލީވެރިޔާގެ ހުއްދަ ހޯދާ … ތިން މަސް ވާ ދުވަހު ހެކިވެރިން ފޮނުވާނަން. އެގޮތް ކިހިނެއްވަނީ.” ހިޖްރާއާ ކައިރިއަށް ދެވަނަ ފަހަރަށް ޝުއޫން ޖެހިލިއެވެ. ހިޖްރާ ހުރިގޮތަށް ހުރީ އެވެ.

“ކައިވެނި ކުރިޔަސް ނުކުރިޔަސް މިގެއިން ދައްތައާ ކޮއްކޮ ނުގެންދެވޭނެ. އެމީހުން ކައިރީ ހުންނަން ބޭނުންމިއްޔާ ތިބުނާ ދުވަހުގެ ފަހުން މިތަނަށް ބަދަލުވޭ.” ގޭތެރެއަށް ވަންނަން ހުޅުވާލި ދޮރާއިއެކު ޝިއުފާގެ އަޑު އިވުނެވެ.

“ލައްބަ… ލައްބަ.” ޝިއުފާއާ ދިމާއަށް ޝުއޫން ހިނގައިގަތެވެ.

ޝުއޫންގެ ކިބައިން ފެންނަން ޝިއުފާ ބޭނުންވި އުފަލާއި ހިތްހަމަ ޖެހުން އެދުވަހު ފެނުނެވެ. ޝިއުފާގެ ހިތް އުފަލުން ފުރުނެވެ.

ޝުއޫން އާ ހިޖްރާ ކައިވެނި ކުރިއެވެ.

ދިރިއުޅުމެއްގެ އަސްލު ފޮނިމީރުކަމާއި އުފަލާއި ހިތްހަމަ ޖެހުން ހިޖްރާއަށް އިހުސާސްވީ ޝުއޫންގެ ފަރާތުންނެވެ. ފިރިއެއްގެ ފަރާތުން އޭނާ ބޭނުންވާ ކަންކަމާއި ބައްޕައެއްގެ ފަރާތުން އޭނާގެ ދަރިފުޅަށް ލިބެން ބޭނުންވާ ކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޝުއޫންގެ ފަރާތުން ލިބުނެވެ.

އެކުވެރިކަމާއި ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއި އިހުތިރާމްއަކީ ޢާއިލާއަކަށް ކިހާބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ގެނެސްދޭ ކަންތައްތަކެއްކަން ޝިއުފާ އާއި މިއުވާންގެ ފަރާތުން ހިޖްރާއަށް ފެނުނެވެ. ޢާއިލާއަކަށް އޭނާގެ ހިތް އެދުނުފަދަ ޢާއިލާއެއް ލިބުނެވެ.

ޝުކުރުއަދާކުރާނެ ގޮތެއް ހިޖްރާއަކަށް ނޭނގުނެވެ. ބުނެވުނުހާ ވެސް އެއްޗަކީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ދުނިޔެ އުމުރަށް، ޝުކުރުވެރިކަމާއިއެކު ތިޔަ ކަންކަން ބަލައިގަންނާނެ ވާހަކަ އާއި ދުވަހަކު ވެސް ވަކިވާން ނޭދޭ ވާހަކަ އެތައް ފަހަރަކު ބުނެވުނެވެ.

މިއީ އޭގެ އަހަރެއް ހާ ދުވަސް ފަހެވެ. ހޮސްޕިޓަލްގައި އެނދުމަތިކޮށް ފަރުވާ ދެމުންދިޔަ އަޖީބުގެ އަންހެނުންނާއި ދިމާވީ ދުވަހުގެ ހަވީރު އެވެ. އެއީ ހިޖްރާ އަދި ޝުއޫންއާއެކު ކޮލެޖްގައި އުޅުނު ނިފްލާ އެވެ.

ޝުއޫންއާއެކު ހިޖްރާ ފެނުމުން ނިފްލާއަށް ލިބުނީ ހައިރާން ކަމެވެ. އުފެދުނީ ސުވާލެވެ.

ޝުއޫންއަކީ ހިޖްރާއަށް އެންމެ ކަމުދާ މީހާ ކަމަށް ބުނާތީ، އަބަދުގެ އަބަދަށް އެމީހަކާއި ހިޖްރާ ގުޅުން ކަނޑާލި ހަމައެކަނި ރަހުމަތްތެރިއަކީ ނިފްލާ އެވެ. ނިފްލާއަކަށް ބަދަލެއް ނައެވެ. ކުރިއެކޭ އެއްގޮތަށް މިއަދު ވެސް ހިޖްރާ ފެނުމުން އައިސް ހާލު އަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.

އެ ދުވަހު އެވާހަކަ ދައްކަން ބޭނުން ނުވި ހިޖްރާ މިއަދު ހުރީ އެވާހަކަ ދައްކާށެވެ. އެސުވާލުތަކަށް ޖަވާބު ދޭށެވެ.

އާނއެކެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ. އެދުވަހު އަހަރެންގެ ރައްޓެހިންނަށް ކަމުނުދާތީ އަހަރެން ދޫކޮށްލި ނަރުސް ކުއްޖާ ނުވަތަ ނަރުސް މީހާ އެވެ. އެދުވަހާއި މިއަދާއި އޮތް އެންމެބޮޑު ތަފާތަކީ އަހަރެންގެ ވިސްނުމާއި ދެކޭގޮތެވެ. އެދުވަހު ގޮތް ނިންމަން ރައްޓެހިންނަށް ދިން ފުރުސަތު މިއަދަކު ނުދެމެވެ. ނުވެސް ދޭނަމެވެ.

ބަލަންވީ މީހާ ހުންނަ ސިފައަކަށް ނޫނެވެ. އޭނާގެ ފެންވަރާއި އަދާކުރާ ވަޒީފާއަކަށް ވެސް ނޫނެވެ. އޭނާ ނިސްބަތްވާ ރަށާއި ޢާއިލާއަކަށް ވެސް ނޫނެވެ. އޭނާގެ ޚިދުމަތަށެވެ. އޭނާގެ ތެދުވެރިކަމާއި ވަފާތެރިކަމަށެވެ. ދީނީ ކަންކަމަށް ދޭ ސަމާލުކަމާއި ތިމާއާމެދު ދެކޭގޮތަށެވެ. އަނެކުންނަށް ކުރާ އިހްތިރާމާއި ގަދަރަށެވެ. އަދާކުރާ ޒިންމާ އާއި ވާޖިބަށެވެ.

ދިވެހިރާއްޖެއަކީ ނަރުހުންގެ ގޮތުގައި މަސައްކަތްކުރާ ފިރިހެނުން މަދު ޤައުމެކެވެ. އެދުވަހު އަހަރެންނަށް އެގޮތް ކަމުނުދިޔަޔަސް މިއަދު އަހަރެންނަށް އެންމެ ކަމުދަނީ އެގޮތެވެ. އަހަރެންގެ ފިރިމީހާއާމެދު އަހަރެން ފަޚުރުވެރިވަމޭ މިއަދު މިބުނަނީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ކެރިހުރެގެންނެވެ. އަދި އުމުރަށް މިގޮތުގައި ހުންނާނެކަމުގެ ޔަގީންކަން ދެމުންނެވެ.

— ނިމުނީ —

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top