މިހާރު ކުރިޔަށްދާ ފީފާ ވޯޑްގެ ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ކުޅުނު، އެއްވެސް މެޗަކުން މޮޅު ނުވެ، އެއްވެސް މެޗަކުން ބަލި ނުވެ، އެ ޓީމު ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ހޯދައި ގުރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައި ކުޑަކުޑަ ކޭޕް ވާޑޭ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ތިންވަނައަށް އެންމެ ކުޑަ ޤައުމު، ކޭޕް ވާޑޭއަކީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި އެންމެ ކުޑަ ޤައުމެވެ.
ގުރޫޕް އެޗްގައި ސްޕެއިންނާއި ސައުދީ އަރަބިއްޔާގެ އިތުރުން ހިމެނެނީ އުރުގުއާއީ އާއި ކޭޕް ވާޑޭއެވެ.
ކޭޕް ވާޑޭއިން ފުރަތަމަ މެޗުގައި މަޝްހޫރު ސްޕެއިން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާލިއިރު، ދެވަނަ މެޗުގައި އުރުގުއާއީއިން ޖެހި ލަނޑަކަށް ލަނޑެއް ޖެހިއެވެ.
ގުރޫޕް ސްޓޭޖްގެ ފަހު މެޗަށް، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކޭޕް ވާޑޭ ނުކުތްއިރު ވެސް ސައުދީ އަރަބިއްޔާއަށްވުރެ ފުރުސަތު ބޮޑުކޮށް އޮތީ އެ ޓީމަށެވެ.
ގުރޫޕް ސްޓޭޖްގެ ފަހު މެޗަށް ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކަކާއި އެކުއެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ސައުދީ އަރަބިއްޔާއިން ވަނީ ފުރަތަމަ ހަމަލާ ވެސް އުފައްދައިފައެވެ. މި ހަމަލާ ކޭޕް ވާޑޭގެ ކުޅުންތެރިން ދިފާއުކުރިއިރު ލަނޑެއް ޖެހުމަށް ސައުދީ އަރަބިއްޔާއިން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ކޮށްލިއެވެ.
ޑިފެންސަށް އިސްކަން ދިން ނަމަވެސް ލިބޭ ފުރުސަތުގައި ގިނަ ކުޅުންތެރިންތަކެއް އެޓޭކްގައި ބައިވެރިވެ ލަނޑެއް ޖެހޭތޯ ކޭޕް ވާޑޭއިން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ލިބުނު ފުރުސަތުތަކުގައި ކޭޕް ވާޑޭއިން ވަނީ ސައުދީ އަރަބިއްޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
ފުރަތަމަ ހާފު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއިން ރަނގަޅަށް ކުޅުނު ނަމަވެސް، ހާފުގެ ފަހުކޮޅު ކޭޕް ވާޑޭއިން ވަނީ މެޗްގެ ކޮންޓްރޯލް ހޯދާފައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ކޭޕް ވާޑޭއިން ތަނަވަސްކުރިއިރު، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސައުދީ އަރަބިއްޔާގެ ކީޕަރު ވަނީ ކޭޕް ވާޑޭއިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މި މެޗުން އެއްވަރުވެ، މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ކޭޕް ވާޑޭއަށް ތިން ޕޮއިންޓް ލިބި ގުރޫޕްގެ ދެވަނަ ޔަގީންވިއެވެ. މި ގުރޫޕްގެ އެއްވަނަ ހޯދި ސްޕެއިންއަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ދެން މި ގުރޫޕްގައި ހިމެނޭ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
