އުމުރުން ދުވަސްވުމާއެކު ހުޅުތަކުގެ މަސައްކަތަށް ބަދަލުތަކެއް އާދެއެވެ. ނަމަވެސް މީގެ މާނައަކީ ހަރަކާތްތެރިވެ އުޅުން ހުއްޓާލުމެއް ނޫނެވެ. އުމުރުން ދުވަސްވުމަކީ އޭގައި އެތައް ފައިދާތަކެއް އެކުލެވިގެންވާ ކަމެއް ނަމަވެސް، ހުޅުތަކުގައި ރިއްސުމަކީ އޭގެ ތެރެއިން އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.
އުމުރުން ދުވަސްވަމުންދާ ވަރަކަށް، ކުރިން ހަށިގަނޑުގެ ހުރިހާ ހަރަކާތްތަކެއް ފަސޭހަކަމާއެކު ބަލަހައްޓައިދިން ހުޅުތައް ބަލިކަށިވާން ފަށައެވެ. މީގެ މައިގަނޑު ސަބަބަކީ ހުޅުތަކުގެ ދެމެދުގައި ހުންނަ މަޑުކަށި (ކާޓިލޭޖް) އާއި، ހުޅުތައް އޮމާންކޮށްދޭ ދިޔަ (ސައިނޯވިއަލް ފްލުއިޑް) މަދުވުމެވެ.
މި ސަބަބަށްޓަކައި ބައެއް މީހުން ކަސްރަތުކުރުން ފަދަ ހަރަކާތްތަކާ ދުރުވެއެވެ. ނަމަވެސް، ސައިންސަށް ބަލާއިރު، ރަނގަޅު ގޮތުގައި ކަސްރަތު ކުރުމަކީ ހަގީގަތުގައި ހުޅުތައް ރައްކާތެރިކޮށްދޭނެ ކަމެކެވެ.
މަޑުކަށިތަކާއި ހުޅުތަކުގެ ދިޔައިން ހުޅުތައް ރައްކާތެރިކޮށްދޭ ގޮތް
ކޮންމެ ހުޅަކީވެސް ކަށިތަކުގެ ކޮޅުގައި ހުންނަ ހާއްސަ މަޑުކައްޓަކުން ހިމާޔަތްކުރެވިފައިވާ ތަނެކެވެ. މިއީ ހުޅުތައް ހަރަކާތްކުރުމުގައި އޮމާންކަން ގެނެސްދޭ އެއްޗެކެވެ. މީގެ އިތުރުން ‘ސައިނޯވިއަލް ފްލުއިޑް’ ނަމަކަށް ކިޔާ ދިޔައެއް ކަކުލާއި، އުނަގަނޑާއި، ކޮނޑުގެ ހުޅުތައް ތެޔޮކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިއީ ހުޅުތަކުގެ ދެމެދުގައި އުފެދޭ ގޭނުން (ފްރިކްޝަން) ކުޑަކޮށްދީ، މަޑުކަށިތަކަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް ފޯރުކޮށްދޭ ދިޔައެކެވެ.
ނަމަވެސް، މަޑުކަށިތަކަކީ އަމިއްލައަށް މަރާމާތުވުމުގެ ގާބިލުކަން ކުޑަ އެއްޗެކެވެ. މީގެ މައިގަނޑު ސަބަބަކީ އެ ތަންތަނަށް ސީދާ ލޭ ފޯރުކޮށްދޭ ނާރުތައް ނެތުމެވެ. މަޑުކަށިތައް މަޑުމަޑުން ހަލާކުވަމުންދިއުމަށް ކިޔަނީ ‘އޮސްޓިއޯއާތުރައިޓިސް’ އެވެ. މިއީ ދުނިޔޭގެ 500 މިލިއަނަށްވުރެ ގިނަ މީހުންނަށް ދިމާވެފައިވާ މައްސަލައެކެވެ. މި ބަލި ހުންނަ މީހުންނަށް އެންމެ ބޮޑަށް ތަދު އިހުސާސްވަނީ ހަށިގަނޑުގެ ބަރުދަން އުފުލާ ހުޅުތައް ކަމަށްވާ ކަކުލާއި، އުނަގަނޑާއި، މައިބަދައިގައެވެ.
ކަސްރަތުގެ ސަބަބުން ހުޅުތަކުގެ ރިއްސުން ކުޑަވަނީ ކީއްވެ؟
ހަށިގަނޑު ހަރަކާތްކުރުމުން ހުޅުތަކުގެ ދިޔަ (ސައިނޯވިއަލް ފްލުއިޑް) ފެތުރިގެންދެއެވެ. އެހެންކަމުން ކަސްރަތު ކުރުމުން މި ދިޔައާއި އޭގައި ހިމެނޭ ނިއުޓްރިއަންޓްސް މަޑުކަށިތަކަށް ފޯރުކޮށްދިނުމަށް އެހީތެރިވެދެއެވެ.
ހަމައެއާއެކު، ހުޅުތަކުގެ ވަށައިގެންވާ މަސްތަކަކީ ހުޅުތަކަށް އަންނަ ލޮޅުންތައް ކުޑަކޮށްދޭ އެއްޗެކެވެ. ބަރު އުފުލުން ފަދަ ކަސްރަތުތަކުން މަސްތައް ވަރުގަދަކުރުމަކީ ހުޅުތަކަށް ކުރާ ބާރު ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ފަލަމަސްގަނޑުގެ ކުރިމަތީގައިވާ މަސްތައް (ކްއާޑްރިސެޕްސް) ވަރުގަދަކުރުމަކީ ހުޅުތަކުގެ ރިއްސުން ކުޑަކުރުމަށް ވަރަށް ފައިދާހުރި ކަމެކެވެ.
ކޮކްރޭން ރިވިއުއަކުން ދައްކާގޮތުގައި، ކަކުލުގެ ހުޅު ދުޅަވުމުގެ މައްސަލަ ހުންނަ މީހުން ކަސްރަތު ކުރުމުން ތަދު ކުޑަވެ، ހުޅުތަކުގެ ހަރަކާތްތެރިކަން އިތުރުވެއެވެ. އަދި މިއީ ތަދު ކަނޑުވާ ބޭސްތަކާ އެއްވަރުގެ ނަތީޖާއެއް ލިބޭ، ނަމަވެސް ބޭހުން ކުރާ ނޭދެވޭ އަސަރުތައް ނެތް ގުދުރަތީ ފަރުވާއެކެވެ.
ބެލެންސް ކުރުމާއި ހަށިގަނޑުގެ ހޭލުންތެރިކަން (ޕްރޮޕްރިއޯސެޕްޝަން)
ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ މަގާމާއި ހަރަކާތް އިހުސާސްކުރުމުގެ ގާބިލުކަން ނުވަތަ ‘ޕްރޮޕްރިއޯސެޕްޝަން’ ދެމެހެއްޓުމަށް އެހީވެދެއެވެ. އުމުރުން ދުވަސްވުމުން މި ގާބިލުކަން ކުޑަވެ، ހުޅުތަކަށް ބަރުދަން އެއްވަރަކަށް ނުބެހޭ ގޮތް ދިމާވެއެވެ. މީގެ ސަބަބުން ހުޅުތައް އަވަހަށް ހަލާކުވެއެވެ.
އެއްވަރު ނޫން ބިންތަކުގައި ކަސްރަތު ކުރުމުން ހުޅުތަކަށް އަންނަ މި ގެއްލުންތައް ކުޑަކުރެވެއެވެ. އެއީ ކަކުލާއި އުނަގަނޑުގެ ހުޅުތަކުން އަވަސް އަވަހަށް ހަރަކާތްތައް ބަދަލުކުރަން ޖެހުމުން، އެ ހުޅުތަކުގެ ފްލެކްސިބިލިޓީ އިތުރުވާތީއެވެ.
‘ލޯ-އިމްޕެކްޓް’ ކަސްރަތަކީ ހުޅުތަކަށް ކުރާ ބާރު ކުޑަ، މަދުވެގެން އެއް ފައި ބިންމަތީގައި ބަހައްޓައިގެން ނުވަތަ ހަށިގަނޑަށް އެހެން ގޮތަކުން އެހީތެރިކަން ލިބިގެން ކުރާ ކަސްރަތުތަކެވެ. މިސާލަކަށް ފެތުމާއި ވޯޓާ އެރޮބިކްސް ހިމެނެއެވެ. ފެނުގެ ތެރޭގައި ހުންނައިރު ހަށިގަނޑުގެ ބަރުދަނުގެ %90 ފެނުން އުފުލައިދެއެވެ. ބައިސްކަލް ދުއްވުމަކީ ވެސް ކަކުލުގެ ހުޅުތަކަށް ވަރަށް ފައިދާހުރި ކަމެކެވެ.
ދުވަސްވީ މީހުންނަށް އެންމެ ރަނގަޅު ކަސްރަތުތައް
ތައި-ޗީ އަކީ ލަސްލަހުން ކުރާ ހަރަކާތްތަކާއި ނޭވާލުމުގެ އުކުޅުތަކެއްގެ މައްޗަށް ބިނާވެފައިވާ ފައިދާހުރި ކަސްރަތެކެވެ. މިއީ ފިޒިއޮތެރަޕީއާ އެއްވަރުގެ ނަތީޖާއެއް ލިބޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ޔޯގާ އަކީ ވެސް ހުޅުތައް ވަށައިގެންވާ މަސްތައް ވަރުގަދަކޮށްދޭ ކަމެކެވެ.
ހިނގުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ވިނަގަނޑު މަތީގައި ނުވަތަ އެއްވަރު ނޫން ބިންތަކުގައި ހިނގުމުން ހަށިގަނޑު ބެލެންސް ކުރުމުގެ ގާބިލުކަން އިތުރުވެއެވެ. ދިރާސާއަކުން ދައްކާގޮތުގައި މިފަދަ ތަންތަނުގައި ކަސްރަތު ކުރުމުން އުމުރުން ދުވަސްވީ މީހުން ވެއްޓުމުގެ ފުރުސަތު %23 ކުޑަކޮށްދެއެވެ.
ކަސްރަތު ފަށާނީ ކިހިނެއް؟
ކަސްރަތު ފެށުމަށް ތިރީގައިވާ ތިން ކަންތަކަށް ސަމާލުކަން ދޭށެވެ:
1- ކުޑަކޮށް ފަށާށެވެ: އަގުބޮޑު ސާމާނެއް ބޭނުމެއް ނުވާނެއެވެ. މަގުމަތީގައި ހިނގުމުގެ ބަދަލުގައި ވިނަގަނޑު ނުވަތަ ދޮންވެލި މަތީގައި ހިނގަން ފަށާށެވެ. ދަތް އުނގުޅާއިރު އެއް ފައިމަތީގައި ހުންނަން އާދަކުރާށެވެ.
2- އެހީތެރިކަން ހޯދާށެވެ: ރައްކާތެރިކަމަކީ އެންމެ މުހިންމު ކަންތަކެވެ. ކަސްރަތު ކުރާއިރު ހިފަހައްޓާލެވޭނެ ބެންޗެއް ނުވަތަ މޭޒެއް ކައިރީގައި ހުރެގެން ކުރާށެވެ. ވަރުބަލިވެފައި ހުންނައިރު އެއްވަރު ނޫން ބިންތަކުގައި ކަސްރަތު ނުކުރާށެވެ.
3- ލަފާ ހޯދާށެވެ: ކޮންމެ ކަސްރަތަކީވެސް ނުބައިކޮށް ކޮށްފިނަމަ ނުރައްކާވެދާނެ ކަމެކެވެ. އެހެންކަމުން ކަސްރަތު ޕްރޮގްރާމެއް ފެށުމުގެ ކުރިން ފިޒިއޮތެރަޕިސްޓެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.
އުމުރުން ދުވަސްވުމުން ހުޅުތައް ބަލިކަށިވުމަކީ ގުދުރަތީ ކަމެއް ނަމަވެސް، ރަނގަޅު ކަސްރަތުތަކެއް އިހުތިޔާރު ކުރުމުން އުފާވެރި އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅެވިދާނެއެވެ.
