ހިނގާބިނގާވެ އުޅުމުގެ ކުޅަދާނަކަން ގެއްލުމުން، އަހަރެންގެ ހަޔާތުގައި ވަރަށް ހިތްދަތި ފިލާވަޅެއް ދަސްވިއެވެ. އިންސާނުންގެ ހަޤީޤީ ސޫރަ ފެންނަނީ ކާމިޔާބީގެ ވަގުތުގައެއް ނޫނެވެ. އެމީހުންގެ އަސްލު ފެންނަނީ، ތިމާގެ ކިބައިން އެމީހުންނަށް ދެން ލިބޭނެ އެއްވެސް މަންފާއެއް ނެތްކަން ޤަބޫލުކުރެވޭ ހިނދުގައެވެ.
އަހަރެން ޤަބޫލުކޮށްގެން ހުރީ ވަފާތެރިކަމަކީ އާއިލީ ގުޅުންތަކާއި، ހިއްސާކުރެވުނު ހަނދާންތަކާއި، އުފާވެރި ދުވަސްވަރު ވީ ވައުދުތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ކަމަށެވެ. އަހަރެންގެ ކާމިޔާބީގައި ބައިވެރިވި މީހުން، އަހަރެންގެ އެންމެ ދަތި ދުވަސްވަރު ވެސް އަހަރެންގެ ގާތުގައި ތިބޭނެކަމަށް އަހަރެން ފުރިހަމައަށް އިތުބާރު ކުރީމެވެ. ނަމަވެސް އަހަރެންނަށް ހީކުރެވުނީ ކުށްހީއެކެވެ.
އެ ނުރައްކާތެރި އެކްސިޑެންޓް އަހަރެންގެ ހަށިގަނޑުގެ ބާރު ކަނޑުވައެއް ނުލައެވެ. އޭގެ ބަދަލުގައި އެ އެކްސިޑެންޓް އަހަރެންގެ ދެލޯ ހުޅުވައިދީ، ހަޤީޤަތް ބަލަން ހުރި ހުރަސްތައް ނައްތާލަދިނީއެވެ.
އަހަރެންގެ ނަމަކީ އިބްރާހީމް ނައީމެވެ. އެ ރޭގެ ކުރިން މީހުން އަހަރެން ދަންނަނީ ކޮންމެ އިންސާނަކުވެސް ހުވަފެން ދެކޭނެ ފަދަ ހުރިހާ ނިޢުމަތެއް ލިބިފައިވާ މީހެއްގެ ގޮތުގައެވެ. އަހަރެންނަކީ މާލޭގެ ނުފޫޒުގަދަ ވިޔަފާރިވެރި އާއިލާއެއްގެ ދޮށީ ފިރިހެން ދަރިފުޅެވެ. ބައްޕަގެ ނަމަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން ނަމެއް ހޯދާފައިވާ މީހެކެވެ. މީހުން ބުނާ ގޮތުގައި އަހަރެންނަކީ ނަސީބުވެރިއެކެވެ.
އެމީހުންނަށް ފެންނަނީ އަހަރެންގެ އަގުބޮޑު ގެޔާއި، ކާމިޔާބު ކުންފުންޏާއި، އާއިލާއަށް އޮތް އިޙުތިރާމެވެ. އަދި އެންމެންގެ ތަޢުރީފު ލިބިފައިވާ ރީތި އަންހެން ކުއްޖަކާ އެންގޭޖުވެފައި އޮތް އޮތުމެވެ.
ނަމަވެސް، މީހުންނަށް އަބަދުވެސް ފެންނާނީ ބޭރުފުށެވެ. ދިރިއުޅުމުގެ އެތެރޭގައި ހުންނަ ރެނދުތަކެއް އެމީހުންނަކަށް ނުފެންނާނެއެވެ.
އަހަރެންނާއި އަފާގެ ކައިވެނި ހަމަޖެހުމުން އެންމެން ބުނީ އެއީ ވަރަށް ގުޅޭ ޖޯޑެއް ކަމަށެވެ. އޭނާއަކީ އަދަބުވެރި، ނަލަހެދިގެން ތަންތަނަށް ނުކުމެ އެންމެންގެ ސަމާލުކަން ހޯދަން ދަންނަ ކުއްޖެކެވެ. އޭނާގެ ހިނިތުންވުމުން ކޮންމެ ބީރައްޓެހި މީހެއްގެ އިތުބާރުވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހޯދާލައެވެ. އަހަރެންވެސް އޭނާއަށް އިތުބާރު ކުރީމެވެ. އޭނާ އަހަރެންދެކެ ލޯބިވާކަމަށް ޤަބޫލުކުރީމެވެ. އުފާވެރި ދުވަސްތަކުގައި އަހަރެންގެ އަތުގައި ހިފި އަތް، ހިތްދަތި ދުވަސްތަކުގައިވެސް ދޫނުކުރާނެކަމަށް އުންމީދު ކުރީމެވެ.
އެ އުންމީދުތައް ފުނޑުފުނޑުވީ ސިނާއީ ސަރަހައްދު ކައިރިން އަހަރެންގެ ކާރު އެކްސިޑެންޓްވި ރޭގައެވެ. ކާރުގެ ދަގަނޑުތައް ފިތިގެން ދިޔަ އަޑާއި، ބިއްލޫރިތައް ތެޅިގެން ދިޔަ އަޑު އަދި މުޅި ހަށިގަނޑަށް އިޙުސާސްވި ތަދު، އެއީ އަދިވެސް އަހަރެންގެ ހަނދާނުގައި ހުރި ހަޤީޤަތްތަކެވެ. އެ ބިރުވެރިކަމަކީވެސް ހަޤީޤަތެކެވެ. ނަމަވެސް، އެންމެންނަށް ހީވެފައި އޮތް ގޮތާ ޚިލާފަށް އަހަރެންގެ ހަށިގަނޑަށް ލިބުނު ގެއްލުމަކީ ހަޤީޤަތެއް ނޫނެވެ.
ޑޮކްޓަރުން އަހަރެންގެ ޓެސްޓުތައް ހެދުމަށްފަހު، ދާއިމީ ނުކުޅެދުންތެރިކަމެއް ނެތްކަމުގެ އުފާވެރި ޚަބަރު ދިނެވެ. ނަމަވެސް، އެ ވަގުތު އަހަރެން ނިންމީ އެންމެން ހައިރާންކޮށްލާނެ ނިންމުމެކެވެ. އެ ހަޤީޤަތް ސިއްރުކޮށްދިނުމަށް އަހަރެން ޑޮކްޓަރުގެ ކިބައިން އެދުނީމެވެ.
ޑޮކްޓަރު ހީކުރީ އަހަރެންގެ ސިކުނޑިއަށް އަސަރުކޮށްގެން އުޅެނީ ކަމަށެވެ. “މިއީ ވަގުތީ ހާލަތެއްކަން އަހަރެން ދަންނަން.” މަޑުމައިތިރިކަމާއެކު އަހަރެން ބުނީމެވެ. “ނަމަވެސް އަހަރެން ބޭނުންވަނީ ކަމެއް ބަލާލަން. އަހަރެންގެ އެއްވެސް ބާރެއް ނެތްކަން އެނގުމުން، އަހަރެންގެ ކައިރީގައި ދެން ތިބޭނީ ކޮން ބައެއްތޯ ބަލަން އަހަރެން ބޭނުން.”
ޑޮކްޓަރަށް އަހަރެން ބޭނުންވި ގޮތް ވިސްނުނެވެ. އެންމެ ބޮޑު ކެހިވެރިކަމެއް އަބަދުވެސް ލިބެނީ ހަތުރުންގެ ފަރާތަކުން ނޫނެވެ. އެއީ ތިމާ އެންމެ އިތުބާރުކުރާ އަދި އެމީހަކަށްޓަކައި ޤުރުބާންވާން ތައްޔާރަށް ހުންނަ މީހުންގެ ފަރާތުންނެވެ.
މި ހަޤީޤަތް އެނގެނީ އެންމެ ތިން މީހުންނަށެވެ. އަހަރެންގެ ޑޮކްޓަރަށާއި، ވަކީލަށެވެ. އަދި އަހަރެމެންގެ އާއިލާއަށް 15 އަހަރު ޚިދުމަތްކޮށްދީފައިވާ ސެކިއުރިޓީގެ އިސްވެރިޔާ ޝާފިއުއަށެވެ. އެހެން އެންމެން ޤަބޫލުކޮށްގެން ތިބީ އަހަރެންނަކީ ދާއިމަށް ފުރޮޅުލީ ގޮނޑިއަށް ދޫވެފައިވާ މީހެއް ކަމަށެވެ. ޚާއްސަކޮށް އަފާއެވެ.
އަހަރެން ކެތްތެރިކަމާއެކު އިންތިޒާރު ކުރީމެވެ. މީހުންގެ އަމަލުތަކަށް ފާރަވެރިވީމެވެ. އަދި އެމީހުން ދައްކާ ވާހަކަތައް އަޑުއެހީމެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން، ގޭގައި ބޭއްވުނު ހަފުލާއަކީ އަހަރެން ސަލާމަތްވުމުގެ އުފަލުގައި ބޭއްވުނު ހަފުލާއެކެވެ. ނަމަވެސް އަހަރެންނަށް އެއީ ތަހުގީގެކެވެ. ކޮންމެ ހިނިތުންވުމަކާއި، ސިއްރު ވާހަކައަކާއި، ނުތަނަވަސް ބެލުމަކަށް އަހަރެން ސަމާލުވީމެވެ. ހުޅުމާލޭގައި ހުންނަ އަހަރެމެންގެ ގޭގެ ބޮޑު ހޯލު އޮތީ ތިމާގެ މީހުންނާއި ވިޔަފާރިވެރިންނާއި ރައްޓެހިންތަކުން ފުރިފައެވެ. އެމީހުން ތިބީ ހަދިޔާތަކާއި މާބޮނޑިތައް ހިފައިގެން، ހަމްދަރުދީގެ ބަސްތައް ދުލުކުރީގައެވެ.
“މާތް ﷲ އޭނާއަށް ހިތްވަރު ދެއްވާށި!”
“ކިހާ ދެރަ ކަމެއް.”
“އޭނާއަކީ ކިހާ ހަރަކާތްތެރި ޒުވާނެއް.”
އެ ބަސްތަކުގައި އޯގާތެރިކަން ހުއްޓެވެ. ނަމަވެސް ބަސްތަކަކީ ބުނެލަން ފަސޭހަ އެއްޗެކެވެ. ހަޤީޤަތް ހާމަވަނީ އަމަލުންނެވެ. އަހަރެން އިނީ އަޅިކުލައިގެ ފޭރާމެއްގައި، ފުރޮޅުލީ ގޮނޑީގައި، މުސްތަޤުބަލު ގެއްލިފައިވާ މީހެއް ފަދައިން ހިމޭނުންނެވެ.
އެވަގުތު އަފާ އެތެރެއަށް ވަނެވެ. ރިހިކުލައިގެ ހެދުމެއްގައި ހުރިއިރު، އޭނާ އަހަރެންގެ ގާތަށް އައުމުގެ ކުރިން އޭނާގެ އަގުބޮޑު ސެންޓުގެ ވަސް މުޅި ތަނަށް ފެތުރިއްޖެއެވެ. އޭނާގެ އިނގިލީގައި އޮތް އަލިމަސް އަނގޮޓި ބޮކިތަކުގެ އަލީގައި ދަޅަ އަޅައެވެ. އެއީ އަހަރެން ލޯބިން އޭނާ އަތުގައި އެޅުވި އަނގޮޓިއެވެ. ނަމަވެސް ފަހުން އޭނާ އެ އަނގޮޓިއާމެދު ކަންތައް ކުރީ ހަމައެކަނި ގަހަނާއެއް ފަދައިންނެވެ.
އޭނާ އެންމެންނަށް ހިނިތުންވިއެވެ. ތަޢުރީފުތައް ޤަބޫލުކުރިއެވެ. ދެން އޭނާ އަހަރެންނާ ދިމާލަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހިނިތުންވުން ބަދަލުވިއެވެ. އެއީ މީގެ ކުރިން އަހަރެން ދުވަހަކުވެސް އޭނާގެ ފަރާތުން ނުދެކޭ ފަދަ ފިނި، ހިތްނުބައި ބެލުމެކެވެ.
އޭނާ ގާތަށް ޖެހިލާފައި މަޑުމަޑުން ބުންޏެވެ. “އެންމެން ތިބީ ކަލެޔާ ދިމާލަށް ވަރަށް ހަމްދަރުދީއާއެކު ބަލަން.” އަހަރެން އެއްޗެކޭ ނުބުނެ އޭނާއަށް ބަލަން އިނީމެވެ. އޭނާ ތިރިވެލާފައި ބުންޏެވެ. “އެކަމަކު އަހަރެންނަށް ފެންނަނީ ކޯޗެއްކަން އެނގޭތަ؟ އަހަރެންނަށް މި ފެންނަނީ ދިރިއުޅުން ނިމިފައިވާ މީހެއް.”
މުޅި ތަނަށް ކުއްލި ހިމޭންކަމެއް އަތުވެއްޖެއެވެ. ބައެއް މީހުންނަށް އެ އަޑު އިވުނެވެ. ނަމަވެސް އެކަކުވެސް އެކަން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ވަށައިގެން ބަލާލުމަށްފަހު އަލުން ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެން ކައިވެނިކުރަން އުޅުނީ ނުފޫޒުގަދަ މީހަކާ. އަހަރެންގެ ގާތުގައި ސީދަލަށް ކޮޅަށް ހުރެވޭނެ، މީހުން އިޙުތިރާމުކުރާ މީހަކާ.” އޭނާ ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ތަނަކަށް ގުޑާލަންވެސް ނޭނގޭ މީހަކާއެއް ނޫން.”
އެ ވަގުތު އުފެދުނީ ވަރަށް ހިތްދަތި ހިމޭންކަމެކެވެ. އެއީ އޭނާގެ ބަސްތަކުން އަހަރެންގެ ހިތަށް ތަދުވެގެން އުފެދުނު ހިމޭންކަމެއް ނޫނެވެ. ނަމަވެސް، އެތަނުގައި ތިބި އަހަރެންގެ ގާތް އެކަކުވެސް، އާއިލާގެ މީހަކުވެސް ނުވަތަ އެކުވެރިއަކުވެސް އޭނާ ހުއްޓުވަން މަސައްކަތް ނުކުރުމުން އުފެދުނު ހިމޭންކަމެކެވެ.
ދެން އޭނާ ޖަހާލީ ވަރަށް ފިނި ހިނިގަނޑެކެވެ. “ތިމާގެ އަމިއްލަ ނަފުސަށް ބަލާބަލަ އިބްރާހީމް.” އޭނާ މަޑުމަޑުން ބުންޏެވެ. “ކަލެޔަކީ މިހާރު އެއްވެސް މީހެއް ނޫން. ހަމައެކަނި ބުރައެއް.”
އެވަގުތު ބައެއް މީހުން ނުތަނަވަސްވެފައި ތިބި ނަމަވެސް، އަނެއް ބަޔަކު ތިބީ ހިނިތުންވެފައެވެ. އެ ހިނިތުންވުންތަކުން އަހަރެންނަށް ހުރިހާ އެއްޗެއް ސާފުވިއެވެ. އަހަރެން މިހާ ދުވަހު ރައްކާތެރިކޮށްދީ، އެހީތެރިވެދިނީ ހަމައެކަނި އަހަރެންގެ ފަރާތުން އަމިއްލަ ފައިދާ ބޭނުންވެގެން ތިބި ބަޔަކަށެވެ.
އަފާ އަހަރެންގެ ފައިމަތީގައި އޮތް ފޮތިގަނޑުގައި އަތްލިއެވެ. “އަހަރެން ހީކުރީ އަހަރެން ވާނީ އިޙުތިރާމު ލިބިގެންވާ ވިޔަފާރިވެރިއެއްގެ އަނތްބަކަށް ކަމަށް. އެކަމަކު މިހާރު އަހަރެންގެ މުޅި އުމުރު ހޭދަކުރަން މި ޖެހެނީ ހިނގާބިނގާވެ ނޫޅެވޭ މީހަކަށް ޚިދުމަތްކުރުމުގައި.” އޭނާގެ އެ ޖުމްލައިން ހުރިހާ ހަޤީޤަތެއް ބޭޒާރުވިއެވެ. އޭނާ ދެރަވަނީ އަހަރެންނަށް ލިބުނު އަނިޔާއަކުން ނޫނެވެ. އޭނާ ދެރަވަނީ އަހަރެންގެ ފަރާތުން އޭނާއަށް ލިބެމުންދިޔަ މުއްސަނދިކަމާއި، ލަގްޒަރީ ދިރިއުޅުމާއި، އާއިލީ ނަން ގެއްލިދާނެތީއެވެ.
އެވަގުތު އެކަކުވެސް ހީނުކުރާ ފަދަ ކަމެއް ހިނގިއެވެ. މީހުންގެ ސަމާލުކަން މާބޮޑަށް ލިބިފައިނުވާ، އަހަރެމެންގެ ގޭގައި މަސައްކަތްކުރާ ނަޒީރާ ކުރިއަށް ޖެހިލިއެވެ. އޭނާއަކީ މުއްސަނދި ނުވަތަ މަޝްހޫރު މީހެއް ނޫނެވެ. އޭނާއަކީ ކޮންމެ ދުވަހަކުވެސް ހިމޭންކަމާއެކު އެހެން މީހުންނަށް އޯގާތެރިކަމާއެކު ޚިދުމަތްކުރާ ކުއްޖެކެވެ.
ނަޒީރާ އައިސް އަހަރެންގެ ފުރޮޅުލީ ގޮނޑި ކައިރީގައި ކަކޫޖަހާލިއެވެ. އަދި އެއްވެސް ޖެހިލުމެއްނެތި، އަފާ އެއްފަރާތްކޮށްލި ފޮތިގަނޑު ރީތިކޮށް އަހަރެންގެ ފައިމަތީގައި ފަތުރާލަދިނެވެ. އޭނާގެ އަތްތިލައިގައި ވަނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމެވެ. އޭނާ މަޑުމަޑުން ބުންޏެވެ. “އަދިވެސް އިބްރާހީމްބެއަށް އޯގާތެރިކަން ޙައްޤު.”
އެ ކުޑަކުޑަ ޖުމްލައިން އަހަރެންގެ ހިތަށް ކުރި އަސަރު، އެރޭ އެހެން އެންމެން ދެއްކި ހަމްދަރުދީގެ ބަސްތަކަށްވުރެ މާ ބޮޑެވެ. ސަބަބަކީ އަހަރެންނަކީ ހަމައެކަނި “އިބްރާހީމް” ކަމަށް ދެކިގެން އަހަރެންނާ ދިމާލަށް ބެލި ހަމައެކަނި މީހަކީ އެއީ ކަމަށްވާތީއެވެ. އޭނާގެ ކުރިމަތީގައި އަހަރެންނަކީ ވިޔަފާރިވެރިއެއް ނޫނެވެ. ނުވަތަ މުއްސަނދި ވާރިސެއްވެސް ނޫނެވެ. ހަމައެކަނި އިންސާނެކެވެ.
އަފާ މަލާމާތުގެ ރާގަކަށް ބުންޏެވެ. “ކިހާ އަސަރުގަދަ މަންޒަރެއް. ގޭގައި މަސައްކަތްކުރާ މީހާވެސް އޭނާއަށް ހަމްދަރުދީވަނީ.”
ނަޒީރާ އިސްދަށަށް ޖަހާލި ނަމަވެސް، އޭނާ އެތަނުން ދުރަކަށް ނުދެއެވެ. އެ ވަގުތު އަހަރެންގެ ހަނދާނަށް އައީ މީގެ ކުރިން ނަޒީރާ އަހަރެންނަށް ކޮށްދީފައިވާ ކުދިކުދި ކަންތައްތަކެވެ. އަހަރެން ނޭދެނީސް ބޭސްތައް ތަރުތީބުކޮށްދިނުމާއި، އެހެން އެންމެން އަހަރެންނަކީ ސިކުނޑިއަށް އުނިކަމެއް ލިބިފައިވާ މީހެއް ފަދައިން ވާހަކަދައްކާއިރުވެސް، އޭނާ އާދައިގެ ގޮތަކަށް އަހަރެންނާ ވާހަކަދައްކާ އުޅުނު ގޮތެވެ. އޭނާ އަހަރެންގެ ޤަދަރާއި އިއްޒަތް ހިމާޔަތްކޮށްދިނީ އެއްވެސް ބަދަލަކަށް އުންމީދުކޮށްގެންނެއް ނޫނެވެ.
ހަފުލާ ކުރިއަށް ދިޔައެވެ. މީހުން ހީކުރީ އަހަރެން މި ނިކަމެތިކަން ޤަބޫލުކޮށްގެން ހިމޭނުން އިންނާނެ ކަމަށެވެ. އެމީހުންނަށް ހީވީ ކުށްހީއެކެވެ. ސަބަބަކީ ވޭތުވެދިޔަ ހަފުތާތަކުގައި އަހަރެން ހުރީ އެންމެންގެ ހަޤީޤަތް ބަލާށެވެ. އަހަރެންގެ އަތުގައި ހުރިހާ ހެއްކެއް އެބަހުއްޓެވެ. ފޮނުވާފައިވާ މެސެޖުތަކާއި، ސިއްރު ރޭވުންތަކެވެ.
އަހަރެންގެ ވަކީލަށް ވަނީ އަފާ އަހަރެންގެ ވިޔަފާރީގެ ހިއްސާތަކާ ބެހޭގޮތުން ސުވާލުކުރަން ފެށިކަން އެނގިފައެވެ. އަހަރެންގެ ބައެއް ތިމާގެ މީހުން ތިބީ އަހަރެންގެ މަގާމު އަތުލަން ތައްޔާރަށެވެ. އެމީހުން ހީކުރީ އަހަރެންގެ ހިމޭންކަމަކީ ބަލިކަށިކަން ކަމަށެވެ. ނަމަވެސް އެމީހުން ހަނދާން ނެތުނު ކަމަކީ، ހިމޭން މީހަކީ ބާރުނެތް މީހެއް ނޫންކަމެވެ. ބައެއް ފަހަރު ހިމޭންކަމަކީ އެންމެ ވަރުގަދަ ރައްދު ދިނުމަށްޓަކައި ތައްޔާރުވާ ވަގުތެވެ.
އެވަގުތު މިއުޒިކް ކެނޑި، އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އަހަރެން މަޑުމަޑުން ގޮނޑީގެ ދެފަރާތުގައި އަތްވިއްދާލުމަށްފަހު، ސީދަލަށް ކޮޅަށް ތެދުވީމެވެ.
މުޅި ހޯލު ތެރެއަށް ހުއްޓުން އެރިއެވެ. މީހެއްގެ އަތުން ބިއްލޫރި ތަށްޓެއް ދޫވެގެން ތަޅައިގެން ދިޔަ އަޑު މުޅި ތަނުގައި ގޮވައި މުޅި ހޯލުތެރެއަށް ހިމޭންކަން ވެރިވެ، އެންމެންގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. އަފާ ހުރީ ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެ، ބިރުން ފަހަތަށް ޖެހިފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ރޫހެއް ފެނުމުން ބިރުގަންނަ ފަދަ ކުލަވަރެކެވެ.
“އިބްރާހީމް..” އޭނާގެ އަޑު ތުރުތުރުލައެވެ.
އަހަރެން ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އެއްވެސް ރުޅިވެރިކަމެއް ނެތެވެ. ހަމައެކަނި މިނިވަންކަމުގެ އިޙުސާސެވެ. “އަހަރެން ބޭނުންވީ އެންމެ ކަމެއް ބަލާލަން.” އަހަރެން ބުނީމެވެ.
މުޅި ތަނުގައި ވަނީ ނޭވާ ހިފަހައްޓާލެވިފައެވެ. “އަހަރެންގެ ކިބައިން އެއްވެސް ފައިދާއެއް ނުލިބޭނެކަން އެނގުމުން، އަހަރެންގެ ކައިރީގައި ބާކީ ތިބޭނީ ކޮން ބައެއްތޯ ބަލަން އަހަރެން ބޭނުންވި. މިހާރު އަހަރެންނަށް އެކަން އެނގިއްޖެ.”
އަހަރެންގެ ނަޒަރު އެ ހޯލުގައި ތިބި އެންމެންގެ މޫނުތަކަށް ދަތުރުކުރިއެވެ. އެކަކުވެސް އިސްއުފުލާ ބަލާލާކަށް ނުކެރުނެވެ. ސަބަބަކީ ހަޤީޤަތް އެމީހުންގެ ކުރިމަތީގައި ކޮޅަށް ހުރީމައެވެ.
“އަހަރެންގެ ހިނގާބިނގާވެ އުޅުމުގެ ބާރެއް ނުގެއްލޭ.” އަހަރެން ކުރިއަށް ގެންދިޔައީމެވެ. “ނަމަވެސް އަހަރެންގެ ކިބައިން މިއަށްވުރެ މާ މުހިންމު ކަމެއް ގެއްލެން ކައިރިވި. އެއީ މީހުންގެ އަސްލު ސޫރަ ދެނެގަތުމުގެ ޤާބިލުކަން.”
އަފާ ކުރިއަށް ޖެހިލިއެވެ. “ކަލޭ މިހެން ހެދީ ކީއްވެ؟” އޭނާ ސުވާލުކުރިއެވެ.
އަހަރެން އޭނާއަށް ބަލާލީމެވެ. އެއީ އަހަރެން އެންމެ ލޯބިވި އަންހެން ކުއްޖާއެވެ. ނަމަވެސް މިހާރު ފެންނަން އެހެރީ އޭނާގެ ހަޤީޤީ، ހުތުރު ސޫރައެވެ. “ސަބަބަކީ ކަލޭ ލޯބިވަނީ އަހަރެންދެކެތޯ ނުވަތަ އަހަރެންގެ މުދަލާއި މުއްސަނދިކަންދެކެތޯ ބަލަން ބޭނުންވީމަ. މިއަދު އަހަރެންނަށް އެކަން ސާފުވެއްޖެ.”
އޭނާގެ މޫނުމަތިން ފުރަތަމަ ފަހަރަށް އެ ފޮނިކަމާއި ފަރިކަން ފިލައިދިޔައެވެ. ދައްކާނެ އިތުރު ބަހެއް، ދޭނެ އިތުރު ހިނިތުންވުމެއް އޭނާގެ އަތަކު ނެތެވެ. ހަމައެކަނި އޮތީ ބޭޒާރުވުމުގެ ލަދުވެތިކަމެވެ.
އަހަރެންގެ ވަކީލު ގެނެސްދިން ފޮށިން އަލިމަސް އަނގޮޓި ނަގައި މޭޒުމަތީގައި ބޭއްވީމެވެ. “މިއީ ކަލޭ ލޯބިވާކަމަށް ދެއްކި އެ ދިރިއުޅުމުގެ ރަމްޒެއް. މިއަދު އަހަރެމެންގެ ދެމެދުގައި އޮތް ހުރިހާ ގުޅުމެއް ނިމުނީ.”
“ކަލޭ ތި ނިންމީ ހުރިހާ ކަމެއް ނިންމާލަންތަ؟” އޭނާ އަހާލިއެވެ.
އަހަރެން ބޯޖަހާލީމެވެ. “ނޫން، އަހަރެން މި ނިންމީ ތެދުވެރި ދިރިއުޅުމެއް ފަށަން.”
އަހަރެންގެ ނަޒަރު ނަޒީރާއަށް ހުއްޓުނެވެ. އެންމެންގެ ސަމާލުކަންވެސް އެވަގުތު ހުއްޓުނީ މިހާ ދުވަހު އެންމެން އެކަހެރިކޮށްލާފައިވާ އެ ކުއްޖާއަށެވެ. ނަޒީރާ ހުރީ ހައިރާންވެ، ކުޑަކޮށް ބިރުވެސް ގަނެފައެވެ. ނަމަވެސް އަހަރެން އޭނާއަށް ހިނިތުންވެލީމެވެ. ސަބަބަކީ ތިމާގެ އެންމެ ނިކަމެތި ވަގުތު ގާތުގައި ހުންނަ މީހާގެ އަގު، ތިމާގެ ކާމިޔާބީގައި ބައިވެރިވާ އެތައް ހާސް ބަޔަކަށްވުރެ މާ ބޮޑުކަން އަހަރެންނަށް މިއަދު އެނގިއްޖެއެވެ.
އޭގެ މަސްތަކެއް ފަހުންވެސް، މީހުން އެރޭގެ ވާހަކަ ދައްކައެވެ. ބައެއް މީހުން ބުނަނީ އަހަރެންވީ ވަރަށް އަނިޔާވެރި މީހަކަށް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެއީ މާ ބޮޑު “ޑްރާމާ” އެއް ކަމަށެވެ. ނަމަވެސް އަހަރެން ދަސްކުރި ފިލާވަޅަކީ، މާފުކުރުމަކީ ތިމާއަށް އަނިޔާކުރި މީހުންނަށް އަލުން އެ ފުރުސަތު ދިނުމެއް ނޫންކަމެވެ. މާފުކުރުމަކީ އެމީހުންގެ ކެހިވެރިކަމުން ހިތް މިނިވަންކޮށް، މުސްތަޤުބަލާ ދިމާލަށް ކުރިއަށް ދިއުމެވެ.
އެރެއަށްފަހު އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. އެއީ މީހަކު ގެއްލިގެން އައި ބަދަލެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އަހަރެންގެ އަމިއްލަ ނަފުސު އަލުން ހޯދުމުން އައި ބަދަލެކެވެ.
ނަޒީރާއާމެދު ބުނާނަމަ، އޭނާ ދުވަހަކުވެސް އިނާމަކަށް ނުވަތަ މީހުންގެ ތަޢުރީފަކަށް ނޭދެއެވެ. އޭނާ މިއަދުވެސް ހުރީ އެ އޯގާތެރި، ހިތްހެޔޮ ސިފަތަކާއެކުގައެވެ. ދިރިއުޅުން އަހަރެންނަށް ދަސްކޮށްދިން އެންމެ ބޮޑު ފިލާވަޅަކީ، ތިމާގެ އަގު ވަޒަންކުރާ މީހުން ދުވަހަކުވެސް ތިމާގެ މާއްދީ ތަނަވަސްކަމަކަށް ނުބަލާނެކަމެވެ. ދުނިޔެއަށް ތިމާގެ ބަލިކަށިކަން ފެންނަ ހިނދުވެސް، އެމީހުންނަށް ފެންނާނީ ތިމާގެ ހިތެވެ.
ބައެއް ފަހަރު، މާތް ﷲ އަހަރެމެންގެ ހަޔާތުން ނުބައި މީހުން ދުރުކުރައްވަނީ އަހަރެމެންނަށް ދެއްވާ އަދަބެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އަހަރެމެންނަށް ދެއްވާ ރައްކާތެރިކަމެކެވެ.
އެ އެކްސިޑެންޓަކީ އަހަރެން ބަލިކޮށްލި ކަމެއް ނޫނެވެ. އެއީ އަހަރެން ސަލާމަތްކޮށްދިން ކަމެކެވެ. އެކަމުގެ ސަބަބުން ކެހިވެރިން އެނގި، ހަޤީޤީ ވަފާތެރިން ދެނެގަތުމުގެ ފުރުސަތު އަހަރެންނަށް ލިބުނެވެ.
(ނިމުނީ)
