އަހަރެން އިނީ ލިޔާމްގެ ބުރަކަށީގެ ފަހަތުން ބަލާށެވެ. އެހެންކަމުން އޭނާގެ ހަށިގަނޑު ކުއްލިއަކަށް ވާންވިކަން އަހަރެންނަށް ފާހަގަކުރެވުނެވެ. ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ. ނަމަވެސް އަހަރެންގެ ތިރީ ތުންފަތަށް ކުޑަ ތަދެއް އިހުސާސްވިއެވެ. އަހަރެން އަވަހަށް ތުންފަތުގައި އިނގިލި ޖައްސާލީމެވެ. ހޫނު ދިޔާއެއްޗެއް ތުންފަތުގައި ހުރިކަން އިހުސާސްވުމުން އިނގިލި ނަގައި ބަލައިލިއިރު، އިނގިލީގެ ކުރީގައި ހުރީ ރަތްކުލައިގެ ލެޔެވެ.
އަހަރެން ހައިރާންވެފައި ބަލައިލިއިރު، ލިޔާމް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި އަހަރެންނާ ދިމާއަށް ބަލާށެވެ. ދާމިން އޭނާގެ ކައިރީގައި ހުރިއިރު، އޭނާގެ ލޮލުން ފެންނަނީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ފަދަ ބިރުވެރި ބަނޑުހައިހޫނުކަމެކެވެ.
🧜♀️🧜♀️🧜♀️🧜♀️🧜♀️
ލިޔާމް، ދާމިން އަހަރެންގެ ގައިން ދުރުކުރި ވަގުތު ދާމިންގެ ދަތް އަހަރެންގެ ތުންފަތުގައި ޖެހި ކުޑަކޮށް މަށައިގެން ދިޔައެވެ.
“މާތް ކަލާއްކޯ! މިހާ ގިނަ ލޭއިންސިން އުޅޭ ގެއެއްގެ ތެރޭގައި ތިހާ ފަސޭހައިން ލޭ ހިލޭ ގޮތްވާންވީ ކީއްވެ؟” ލިޔާމް ބޯ ހޫރުވާލަމުން ބުންޏެވެ.
“އެއީ އަހަރެންގެ ކުށެއް ނޫން!” އަހަރެން ޝަކުވާގެ ރޫހެއްގައި ބުނީމެވެ. “ތިބޭފުޅާ…”
“އަނގަ މަޑުންލައިގެން ހުރޭ،” އޭނާ އަތް އުފުލާލަމުން އަހަރެން ހުއްޓުވިއެވެ.
ދާމިން ސަމާސާ ރާގަކަށް އޭނާގެ ކޮއްކޮގެ އުޅަނބޮށީގައި ކޮށްޓާލުމަށްފަހު ބުންޏެވެ. “އަހަރެން ރަހަ ބަލާލަން އެންމެ ފުރުސަތެއް ދީބަލަ، އޭގެ ފަހުން އޭނާ ކަލެއަށް ދޫކޮށްލާނަން.” މިހެން ބުނެ ދާމިން އަހަރެންގެ ގާތަށް ޖެހިލިއެވެ.
ލިޔާމް، ދާމިންގެ އަތުގައި ހިފާ ފަހަތަށް ދަމައިގަތެވެ. “ދާމިން، ކަލޭގެ އެދުންވެރިކަން ފުއްދަން އެހެން ތަނަކަށް ދޭ،” ލިޔާމް ރުޅިއައިސްފައި ބުންޏެވެ. “އަހަރެން ކަލޭ ހުއްޓުވުމުގެ ކުރިން އަމިއްލައަށް ދުރަށް ދޭ.”
ދާމިން، ލިޔާމް ކޮށްޕާލުމަށްފަހު އަހަންނަށް ބަލާލާފައި މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. “އަދި ކޮންމެވެސް އެހެން ފަހަރަކުން ދިމާވާނެ.”
އޭނާ ދޮރުން ނުކުމެގެން ދިޔަ ވަގުތު އަހަރެންގެ މުޅި ހަށިގަނޑު ބިރުން ތުރުތުރުލައިގަތެވެ. ކުއްލިއަކަށް ލިޔާމް އަހަރެންގެ ކުރިމައްޗަށް ހުއްޓި، ފުން ނޭވާއެއްލުމަށްފަހު އަހަރެންގެ ތުންފަތަށް ބަލާލިއެވެ. އޭނާގެ މޫނު ހުރީ އަހަރެންގެ މޫނާ ވަރަށް ކައިރީގައެވެ. “މިއީ މާ ބޮޑު ކަމެއް ނޫން، މިހާރު ލޭ މަނާވެއްޖެ،” އޭނާ ބުންޏެވެ.
އަހަރެން އޭނާއާ ދުރަށް ޖެހިލީމެވެ. އޭނާ ހިނދުކޮޅެއްގެ ތެރޭގައި ތެތް ތުވާއްޔެއް ހިފައިގެން އައިސް އަހަރެންގެ އަތަށް އެއްލިއެވެ. “ތިތަން ސާފުކޮށްލާ.”
އަހަރެން އެ ތުވާލިން ތުންފަތުގައި ހުރި ލޭތައް ފޮހެލީމެވެ.
“އަހަރެން ބުނީމެއްނު ދާމިންއާ ދުރުގަ އުޅުމަށް،” އޭނާ ހަރުކަށިކަމާއެކު ބުންޏެވެ.
“އަހަރެން ކޮޓަރިން ބޭރަކަށް ނުދަން. އޭނާ އަމިއްލައަށް އަހަރެންގެ ގާތަށް އައީ،” އަހަރެން ދިފާޢުގައި ބުނީމެވެ.
“ކަލެއަށް ބުނެވިދާނެއެއްނު ދާން،” އޭނާ އަހަރެންގެ އަތުން ތުވާލި އަތުލައި ފާޚާނާ ތެރެއަށް އެއްލާލިއެވެ.
އަހަރެން އޭނާއާ ދިމާލަށް ބަލާލަމުން ބުނީމެވެ. “އާނ، ތިބޭފުޅާ ކައިރީގައި އަދަބުވެރިކަމާއެކު އާދޭސްކުރީމާ ވަރަށް ބޮޑަށް އަޑުއަހާނެކަން އަހަންނަށް އެނގޭ.”
“ކަލޭ ދުވަހަކުވެސް ‘ޕްލީޒް’ އޭ ބުނި އަޑެއް އަހަރެން ނާހަން،” އޭނާ އަހަންނާ ދިމާކޮށްލިއެވެ.
“އަހަރެން ރުޅިއަރުވަން ތިހާ ބޮޑަށް ބޭނުންވަނީ ކީއްވެ؟” އަހަރެން ސުވާލުކުރީމެވެ.
“އަހަރެން އައީ އަންނަން މަޖުބޫރުވެގެން. އެކަން ނޭނގޭތަ؟” ލިޔާމް ހަޅޭއްލަވައިގަތެވެ. “އަހަރެން ބޭނުމެއް ނޫން ކަލޭގެ ކަންތައްތަކާ އުޅޭކަށް.”
“އެހެންވިއްޔާ ނޫޅޭ،” އަހަރެން އަތް އުރާލައިގެން ހުރެ ބުނީމެވެ.
“މިދިޔަ ފަހަރު އެކަން ވީގޮތް ވަރަށް ރަނގަޅަށް ފެނިއްޖެ،” ލިޔާމް މަލާމާތްކުރިއެވެ. “ދާމިން އޭނާގެ އެދުން ފުއްދަން އުޅުމުގެ ތެރޭގައި ކަލޭގެ ހަށިގަނޑުން ހުރިހާ ލެޔެއް ބޮއެ ހުސްކޮށްލިޔަސް، އޭގެ ޒިންމާ އަހަރެން ނުނަގާނަން، އެނގިއްޖެ؟”
“ތިބޭފުޅާގެ ކުށްވެރިކަމުގެ އިހުސާސާ މެދު އަހަރެންގެ ފަރުވާލެއް ނެތް. އަހަރެން ބޭނުމެއް ނޫން ތިބޭފުޅާ އަހަރެންގެ ކައިރީގައި ހުންނާކަށް،” އަހަރެން ތެދުވެ އޭނާގެ ކުރިމައްޗަށް ހުއްޓިފައި ބުނީމެވެ.
“ކަލޭ ތިއީ ހަމަ އަންހެން ކުއްޖެއް،” ލިޔާމް ފޫހިވެފައި ބުންޏެވެ. “ރައްކާތެރިކަން ނެތް ވަގުތު ރައްކާތެރިކަން ބޭނުންވޭ، އެކަމަކު ރައްކާތެރިކަން ދިނީމާ ބުނަނީ ދުރަށް ދާށޭ!”
“އިޒް އެވްރީ ތިންގ އޯކޭ އިން ހިއަރ؟” ކިޔާމް ދޮރުމަތީގައި ހުރެ ސުވާލުކުރިއެވެ.
“ޝުކުރިއްޔާ، އާދެވިއްޖެތާ،” އަހަރެންނާއި ލިޔާމްއާ ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ލޯ އަޅާލީމެވެ.
“މި ގޮތްދޫނުކުރާ ކުއްޖާއާ ހަވާލުވޭ،” ލިޔާމް، ކިޔާމްގެ ކައިރިން ލާފައި ބޭރަށް ނުކުތެވެ.
“އަހަރެން މިއީ ގޮތްދޫނުކުރާ ކުއްޖެއް ނޫން!” އަހަރެން ފަހަތުން ހަޅޭއްލަވައިގަތީމެވެ.
“އާރ ޔޫ އޯކޭ؟” އަހަރެން ކޮޓަރިއަށް ވަދެގެން ދިޔުމުން ކިޔާމް އަހަރެންގެ ފަހަތުން އައެވެ. އޭނާ ދޮރު ކުޑަކޮށް ލައްޕާލުމަށްފަހު މަޑުމަޑުން މަޑުކޮށްލިއެވެ.
“ކިހިނެއްވީ؟” އަހަރެން ހަރުކަށިކަމާއެކު އޭނާއާ ސުވާލުކުރީމެވެ.
“ކޮން ކަމަކާ ތިހާ ރުޅިއައިސްފަ؟” އޭނާ އަހަރެން ހައިރާންކޮށްލަމުން ސުވާލުކުރިއެވެ. “އަހަރެން މިއީ ކަލެއަށް އެއްވެސް އުނދަގުލެއް ނުކޮށް ހުންނަ ހަމައެކަނި މީހާ، އެކަމަކު އަބަދުވެސް މަށާ ދިމާއަށް ތި ހަޅޭއްލަވަނީ.”
“މާފުކުރޭ،” އަހަރެން ފުން ނޭވާއެއްލަމުން އޭނާއާ ދިމާލަށް އެނބުރުނީމެވެ. “ތިބޭފުޅާގެ އެއް ބޭބެ އަހަރެން ރުޅިއެރުވަން ހުއްޓާނުލާ، އަނެއް ބޭބެ ހުރީ އަހަރެންގެ ލޭ ބޯން ކެތްމަދުވެފަ.”
އޭނާ ހައިރާންވެފައި އަހަންނަށް ބަލާލިއެވެ. “އެއީ ކާކު؟”
“ދާމިން،” އަހަރެން ބުނީމެވެ.
“އެނގިއްޖެ،” ކިޔާމް ބުންޏެވެ. “އޭނާ ބޭނުންވަނީ ތިއީ ކޮން ކަހަލަ އިހުސާސެއްތޯ ބަލާލަން…” ކިޔާމަށް ވާހަކަ ދައްކަން ކުޑަކޮށް އުނދަގޫވިއެވެ.
“ތިޔައީ ތި އެންމެންގެ ތެރޭގައި އާންމު ކަމެއްހެން ހީވޭ. ލަޔިލް ވެސް ކާރުގައި އިންއިރު އަހަރެންގެ ލޭގެ ރަހަ ބަލަން ބޭނުންވި،” އަހަރެން ބުނީމެވެ.
“އަހަރެން ނޫނީ،” އޭނާ ލަދުން ހުރެ ހިނިތުންވެލިއެވެ. “އެއީ ކަލެއަށް ލިބޭ ހިތްހަމަޖެހުމެއް ކަމުގައިވާނަމަ.”
“އާނ، ހަގީގަތުގައިވެސް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،” އަހަރެން އޭނާއަށް ހިނިތުންވުމެއް ރައްދުކުރީމެވެ.
“މާފުކުރޭ، އަދި އެއްފަހަރު ނަން ބުނެދީފާނަންތަ؟” އޭނާ ކޮޓަރި ތެރެއަށް ފިޔަވަޅެއް އަޅަމުން ސުވާލުކުރިއެވެ.
“އަޒްމާރާ،” އަހަރެން ބުނީމެވެ.
“އަހަރެންގެ ނަމަކީ ކިޔާމް ކަން ކަލެއަށް މިހާރު އެނގޭނެ ކަމަށް ހީކުރަން،” އޭނާ ޖަވާބުދިނެވެ.
“ކަލޭގެ ނަމުގެ މާނައިގަ ތެދުވެރިކަން ވުމާ، ކަލޭގެ އެއްމާބަނޑު ބޭބެގެ ނަން ‘ލިޔާމް’ އަށް ވުމަކީ އިއްތިފާގެއްތަ؟” އަހަރެން އަހާލީމެވެ.
“އިޓްސް ނޮޓް،” ކިޔާމް އަހަންނާ ކައިރިއަށް ޖެހިލަމުން ހީލާފައި ބުންޏެވެ. “އަހަރެންގެ މައިންބަފައިން ނިންމާފައި އޮތީ ހުރިހާ ދަރިންނަށްވެސް މިފަދަ ރީތި މާނަ ހިމެނޭ ނަންތައް ކިޔަން، އެކަމަކު ހުރިހާ ކަމެއް އެގޮތަކަށް ނުވި.”
“އާނ،” އަހަރެން ކުޑަދޮރާ ދިމާލަށް ބަލާލަމުން ބުނީމެވެ.
ކުއްލިއަކަށް އޭނާ އެނދުމަތީގައި އިށީނެވެ. އަހަރެން ސިހިފައި ފަހަތަށް ޖެހިލީމެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ.
“މާފުކުރޭ،” އޭނާ މަޑުމަޑުން ބުންޏެވެ.
“ނޫން، އެންމެ ރަނގަޅު… އަހަރެން މިހުރީ ކުޑަކޮށް ބިރުގެންފަ،” އަހަރެން ބުނީމެވެ.
“އެއީ ވެދާނެ ގޮތެއް،” އޭނާ އޯގާތެރިކަމާއެކު ހިނިތުންވެލިއެވެ.
“އަހަންނަށްވެސް ހީވަނީ އެހެން،” އަހަރެން ބޯޖަހާލީމެވެ.
“ހަގީގަތުގައި ކަލެއަކީ އަހަރެން ހީކުރި ވަރަށްވުރެ ހިތްވަރުގަދަ ކުއްޖެއް،” އޭނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. “އިހާނެތިކޮށް ބުނި އެއްޗެއް ނޫން އިނގޭ. އެކަމަކު ކަލޭ ތިހާ ކުޑަވީމާ ހީކުރެވުނީ އެހެން.”
“ކަނޑުރެއްސިންގެ ވެރިކަމަކީ އަންހެނުންގެ ބާރު އޮންނަ ތަނެއް. އަހަރެމެން އެންމެންނަކީވެސް އަމިއްލަ ނަފްސު ދިފާޢުކުރަން ދަންނަ ބައެއް،” އަހަރެން ބުނީމެވެ. “އަހަރެން ހަމައެކަނި އިޚްތިޔާރުކުރީ އެކަން ސިއްރުކުރަން.”
“އެއީ ކީއްވެ؟” އޭނާ ޝައުގުވެރިކަމާއެކު އަހާލިއެވެ.
“ދިހަ ފަހަރުގެ ތެރެއިން ނުވަ ފަހަރު ކަލޭ ބަލިކޮށްލެވޭނެ ފަދަ އަންހެން ކުއްޖަކާ ރައްޓެހިވެގެން އުޅުމަކީ ފިރިހެނުން ޖެހިލުންވާނެ ކަމެއްކަން އެނގޭތީ،” އަހަރެން ހީލަމުން ބުނީމެވެ.
އޭނާވެސް ހީލިއެވެ. “ތިއީ ތެދެއް، އަހަރެން އެއްބަސްވަން.”
“ކަލޭގެ ބޭބެމެންނަށްވުރެ ކަލެއާ ވާހަކަދައްކަން މާ ފަސޭހަ،” އަހަރެން ބުނީމެވެ.
“އެއީ އަހަރެން ކަލޭގެ ގައިގައި އަތްލާން ނޫނީ ލޭ ބޯން ނޫނީ ކަލޭ ރުޅިއަރުވަން މަސައްކަތް ނުކުރާތީ،” އޭނާ ހިނިއައިސްފައި ބުންޏެވެ.
“ވަރަށް ތެދު ވާހަކައެއް،” އަހަރެން ހިނިތުންވެލީމެވެ. “ލިޔާމް އަކީ…”
“އަބަދުވެސް ތިކަހަލަ ގޮތަކަށް އުޅޭ މީހެއްތަ؟” ކިޔާމް އަހަރެންގެ ވާހަކަ މެދުކަނޑާލުމަށްފަހު ބުންޏެވެ. “އާނ، އަހަންނަށް އެނގިފައިވާ ގޮތުގައި އޭނާއަކީ އަބަދުވެސް އެކަހަލަ މީހެއް.” އޭނާ ފޫހިވެފައި ބުންޏެވެ. “އެކަމަކު ލިޔާމް އަހަރެންދެކެ ލޯތްބެއް ނުވޭ. އޭނާ ލޯބިވާ މީހެއްގެ ގާތުގަ ތަފާތު ގޮތަކަށް އުޅެފާނެ. މިސާލަކަށް ފައުޒާ ކަހަލަ ކުއްޖެއްގެ ކައިރީގަ.”
“އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް،” އަހަރެން ބުނީމެވެ. “އަހަރެންގެވެސް ވަރަށް ގިނަ ދައްތަމެން ތިބޭ. ބޭރުފުށުން އަހަރެން އެމީހުންދެކެ ރުޅިއަންނަކަމަށް ދެއްކިޔަސް، ހަގީގަތުގައި އެމީހުންނަށްޓަކައި އަހަރެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން.”
“ލިޔާމްގެ ކަންތައް ތަފާތު،” ކިޔާމް ދެރަވެފައި ބުންޏެވެ. “އޭނާ އާއިލީ ގުޅުމަކަށް އެއްވެސް ޝައުގުވެރިކަމެއް ނުހުރޭ. މާ ކުރީގައި ދިމާވި ކަމަކުން އޭނާގެ ހިތް ވަނީ ހަރުވެފަ. އެއީ ކޮން ކަމެއްކަމެއް ނޫނީ އޭނާގެ ހިތް އަލުން މަޑުކުރާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެ. އަހަރެން މިހާރު މި ހުންނަނީ އެކަން ގަބޫލުކޮށްގެން.”
“އެއީ ހަގީގަތުގައިވެސް ވަރަށް ދެރަ ކަމެއް، ކިޔާ،” އަހަރެން މޫނު ހިތާމަވެރިކޮށްލަމުން ބުނީމެވެ.
“ކިޔާ؟” އޭނާ ހައިރާންވެފައި ބުންޏެވެ.
“މާފުކުރޭ،” އަހަރެން ހީލީމެވެ. “އެހެން ކިޔުން ރަނގަޅު ނޫނީތަ؟ ކިޔާމް ކިޔަން ކުޑަކޮށް އުނދަގޫވާތީ…”
“ނޫން، އައި ލައިކް ދެޓް ނޭމް،” އޭނާ އަހަންނަށް ބަލާފައި ހިނިތުންވެލިއެވެ.
“އޯކޭ،” އަހަރެން ހިނިތުންވުމަކާއެކު ބުނީމެވެ.
އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޯ ހުއްޓުނީ އެނދުމަތީގައި އޮތް އަހަރެންގެ ފައިތިލައަށެވެ. އޭނާ ވަރަށް ޝައުގުވެރިކަމާއެކު އަހަރެންގެ ފަޔަށް ބަލަހައްޓައިގެން އިނެވެ.
“ކިހިނެއްވީ؟” އަހަރެން އަހާލީމެވެ.
“ތި ޓެޓޫ. ތީގެ މާނައަކީ ކޮބާ؟” އަހަރެންގެ ކުޑަހުޅާ ދިމާލުގައި އިން ނިޝާނުގައި އަތްލުމަށް އޭނާ އަތް ދިއްކޮށްލިއެވެ. އޭނާގެ ފިނި އަތްލުމާއެކު، ސިހިފައި އަހަރެން ފައި ދަމައިގަތީމެވެ. އޭނާ އިސްއުފުލާލައި އަހަރެންގެ ލޮލަށް ބަލާލީ މަޢާފަށް އެދޭ ފަދަ ގޮތަކަށެވެ. “ސޮރީ…”
“ނޫން، އަހަރެން މަޢާފަށް އެދެން. ކުރިންވެސް ބުނިހެން… އަހަރެން މިއީ ވަރަށް އަވަހަށް ސިހޭ މީހެއް،” އަހަރެން ހިނިތުންވުމަކާއެކު ބުނީމެވެ. އަދި އޭނާގެ އަތުގައި ހިފާ، ޝަހާދަތް އިނގިލި ފިޔަވައި އެހެން އިނގިލިތައް ބާރުކޮށްލުމަށްފަހު، އެ އިނގިލި އެ ނިޝާނާ ހަމައަށް ގެންދިޔައީމެވެ. އޭނާގެ ހަންގަނޑު އަހަރެންގެ ހަންގަނޑުގައި ޖެހުމުން، އަހަރެން އޭނާއަށް ބަލާލާފައި ހިނިތުންވެލީމެވެ.
“މިއީ އުފަންލަފެއް ކަހަލަ އެއްޗެއް. މި ފެންނަ އެއް ބުރުން ރަމްޒުކޮށްދެނީ ކަނޑުގެ ރާނީއެއް ގޮތުގަ އަހަރެން އުޅޭ ދުނިޔަވީ ހަޔާތް،” އެކުލެވިފައިވާ ދެ ބުރުގައި އޭނާގެ އިނގިލި ހިންގަމުން އަހަރެން ކިޔައިދިނީމެވެ. “އަނެއް ބުރުން ރަމްޒުކޮށްދެނީ އަހަރެންގެ ރޫހާނީ ހަޔާތް. އެއީ އަހަރެންގެ ދުނިޔަވީ ހަށިގަނޑު ދޫކޮށްލާ، އަހަރެން ނިސްބަތްވާ ޤުދުރަތީ ބާރު ނުވަތަ އިލަމެންޓާ އެކުވެދާ ވަގުތު.” އަހަރެން އޭނާއަށް ބަލާލިއިރު، އޭނާ އިނީ ވަރަށް އަޖައިބުވެ، ތަޢުރީފުގެ ނަޒަރަކުން ބަލާށެވެ. އަހަރެން ވަގުތުން ލަދުން އިސްޖަހާލަމުން އޭނާގެ އަތުން ދޫކޮށްލީމެވެ.
“ކިހިނެއްވީ؟”
“ތިޔަ މަޑުމައިތިރިކަން،” އޭނާ ކިޔައިދިނެވެ. “ލޭއިންސިންނާ އަޅާބަލާއިރު، ތިޔައީ ވަރަށް… ތަފާތު، ހިތްހަމަޖެހޭ ކަމެއް.” އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެމެންނަކީ ވަރަށް މަޑުމައިތިރި ބައެއް ކަމަށް ހީކޮށް ކުށްހީއެއް ނުކުރާތި،” އަހަރެން ބޯ ހޫރާލަމުން ބުނީމެވެ. “އެހެން ކޮންމެ ނަސްލެއް ފަދައިން އަހަރެމެންގެ ތެރޭގައިވެސް ރުޅިގަދަ އަންހެނުންނާ ހަނގުރާމަވެރި ފިރިހެނުން އުޅޭ. އެކަމަކު ފިތުރަތީ ގޮތުން އަހަރެމެންނަކީ ތިމާވެއްޓަށް ލޯބިކުރާ ބައެއް. އަހަރެމެންގެ ވަށައިގެންވާ ތަކެއްޗަށް އިޙްތިރާމް ކުރަން. އެއިން އެއްޗަކަށް ގެއްލުމެއް ދޭން އުޅޭ މީހަކަށް އަހަރެމެން އެހާ އޯގާތެރިއެއް ނުވާނަން،” އަހަރެން ހިނިތުންވުމަކާއެކު ބުނީމެވެ.
“ވިސްނިއްޖެ،” އޭނާވެސް ހިނިތުންވުމަކާއެކު ބުންޏެވެ. އަދި ފުން ނޭވާއެއްލުމަށްފަހު ދުރަށް ބަލާލިއެވެ.
“ކިޔާ، ކިހިނެއްވީ؟” އަހަރެން އެހީމެވެ.
“ތީ ވަރަށް ރީތި ކުއްޖެއް،” އޭނާ ބުންޏެވެ. “މި ގަނޑުވަރުގަ އުޅޭ ގިނަ ލޭއިންސި އަންހެނުންނަށްވުރެ މާ ރީތި.”
އަހަރެން ލަދުން އިސްޖަހާލައި، ކުޑަކޮށް ހިނިތުންވެލީމެވެ.
“އަދި ލަދުން މޫނު ރަތްވާއިރު މާ ލޯބި،” އޭނާގެ އިނގިލިން އަހަރެންގެ ކޮލުގައި ފިރުމާލިއެވެ.
“ކިޔާ،” އަހަރެން ހީނލީމެވެ. “އަހަރެން ހީކުރީ ލިޔާމްއަކީ ހުރިހާ އަންހެނުންނާ ހިތާވާ މީހާ ކަމަށް.” އަހަރެން އޭނާއާ ދިމާކޮށްލީމެވެ.
އަހަރެން ހީނލާ ދިމާކުރަނީ ހެއްޔެވެ؟ މި ލޭއިންސިން އަހަރެން ވަގަށް ނެގީއެވެ. ސަބަބެއްވެސް ނޭނގެއެވެ. އެކަމަކު މިހާރު މިއިނީ އެމީހުންގެ ތެރެއިން އެކަކާ ސަމާސާ ކުރާށެވެ. މިއީ ހަމަ ބުއްދި ގަބޫލުކުރެވޭ ވަރުގެ ކަމެއް ހެއްޔެވެ؟ އަހަރެން މިކުރަނީ ކީއް ހެއްޔެވެ؟
ކިޔާމް ހީލުމުން އަހަރެންގެ ވިސްނުން ކެނޑުނެވެ. “އަންހެނުންނާ ހިތާވާ މީހާގެ ލަގަބު ލިޔާމްއަށް ދޫކޮށްލާނަން. އަހަރެން ހަމައެކަނި ބުނީ ތަޢުރީފު ހައްގުވާ އަންހެނަކަށް ތަޢުރީފު ކުރަން އެނގޭ ވާހަކަ.”
ކޮޓަރީގެ ދޮރު ބޭރުން ކޮންމެވެސް އަޑެއް އިވުނެވެ. އަހަރެމެން ދެމީހުންގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ.
“އެއީ ކޮން އަޑެއް؟” ހިތް އަވަސްވެފައި ހުރެ އަހަރެން އެހީމެވެ.
“ހާސްނުވޭ އަޒްމާރާ،” ކިޔާމް އަހަރެންގެ ހިތްހަމަޖައްސައިދިނެވެ. “އެއީ ލިޔާމް ބަލާލީ.”
“ބަލާލީއޭ؟ އަހަރެންދެކެ ރުޅިއަންނައިރުވެސް އަހަރެން އުޅޭނޫޅޭގޮތް ބަލަން އޭނާ ވަރަށް ބޭނުންވާ ކަހަލަ،” އަހަރެން ހަމަޖެހިލަމުން ބުނީމެވެ.
“އެއީ އެހެންވެއެއް ނޫން،” ކިޔާމް ދެރަވެފައި ބުންޏެވެ. “އޭނާ ދެކޭގޮތުގަ ތިޔައީ ހަވާލުކުރެވިފައިވާ މަސައްކަތެއް. ބައްޕަ އޭނާއަށް އަމުރުކޮށްފައިވަނީ ކަލޭގެ ސަލާމަތާ ހިތްހަމަޖެހުން ކަށަވަރުކުރުމަށް. އޭނާއަކީ ފިނި މިޒާޖެއްގެ މީހަކަށް ވިޔަސް، އޭނާގެ އެންމެ ބޮޑު މަގުސަދަކީ އޭނާއަކީ ނާކާމިޔާބު މީހެއް ނޫންކަން ބައްޕައަށް ސާބިތުކޮށްދިނުން. ބައްޕަ އަމުރެއް ކޮށްފިއްޔާ، އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު ލިޔާމް އެކަން ކުރާނެ. އޭނާ ބޭރުފުށުން ބައްޕައަށް އިޙްތިރާމް ނުކުރާކަމަށް ދެއްކިޔަސް، މި ގޭގައި އޭނާ ކުޑަކޮށް ނަމަވެސް އިޙްތިރާމް ކުރާ ހަމައެކަނި މީހަކީ ބައްޕަ.”
“ކޮންމެއަކަސް، އަލްޔާން އަހަންނާމެދު ދެކޭގޮތް ބަދަލުވަންދެން އަހަރެން ސަލާމަތުން ހުންނާނެކަން އެނގުމުން ހިތްހަމަޖެހިއްޖެ،” އަހަރެން ބުނީމެވެ.
“ތިޔައީ ތެދެއް،” ކިޔާމް ހިނިތުންވުމަކާއެކު ބުންޏެވެ.
🧜♀️🧜♀️🧜♀️🧜♀️
ލިޔާމްގެ ނަޒަރުން….
“ޔާމް،” މަންމަ އާދޭހުގެ ރާގަކަށް ގޮވާލިއެވެ. އަހަރެން ސިޓިންގ ރޫމުގައި ފިލްމެއް ބަލަން އިންދާ މަންމައާއި ބައްޕަ އަހަރެންގެ އަޚްލާގާ ބެހޭގޮތުން ނަސޭހަތް ދެނީއެވެ.
“ތިހެން ނުކިޔާ،” އަހަރެން ހަރުކަށިކަމާއެކު ބުނީމެވެ.
“ތިޔައީ އަހަރެމެން މި ދައްކާ ވާހަކައަކީ،” ބައްޕަ ކުޑަކޮށް ރުޅިއައިސްފައި ބުންޏެވެ. “ދަރިފުޅު އަޒްމާރާއާ މެދު ކަންތައް ކުރަނީ ކުއްތާއަކާ މެދު ކަންތައް ކުރާ ފަދައިން. އެއީ އިޙްތިރާމް ކުޑަ ކަމެއް. އޭގެ ސަބަބުން ލޭއިންސިންނާ މެދުގަ އޭނާ ދެކޭގޮތް ގޯސްވާނެ.”
“އަހަރެމެން އޭނާ ވަގަށް ނެގީމަ، މިއަށްވުރެ ވަކި ގޯސްކޮށް އޭނާ ދެކޭނެ އެހެންކަމެއް އޮންނާނެތޯ؟” ލަޔިލް ފޫހިވެފައި ބުންޏެވެ. އޭނާ އިނީ އަހަރެންގެ ކައިރީގައި ސޯފާގައި ޓީވީ ބަލާށެވެ.
“އަހަރެމެން މި އުޅެނީ އޭނާ ދެކޭގޮތް ރަނގަޅު ކުރަން، ލަޔިލް،” މަންމަ ފުން ނޭވާއެއްލަމުން ބުންޏެވެ.
“އޭނާ މާ ފޫހި،” އަހަރެން ލަޔިލްގެ ވާހަކަ މެދުކަނޑާލާފައި ބުނީމެވެ. “އޭނާ އަހަރެންދެކެ ލޯތްބެއް ނުވޭ. އެކަން ވަރަށް ސާފު. ކިޔާމްއަށް އޭނާގެ ކަންތައް ނުބެލެނީ ކީއްވެ؟”
އެ ކަނޑުގެ ރާނީއަކީ ވަރަށް ފޫހިކުރުވާ އަދި އަހަރެންގެ މަސައްކަތްތަކަށް ހުރަސްއަޅާ ކުއްޖެކެވެ. އަހަރެން ކުރަންޖެހޭ މާ މުހިންމު ކަންތައްތައް އެބަހުއްޓެވެ. ލޭއިންސިންނުން ފުރިފައިވާ މި ގޭގައި އޭނާގެ ސަލާމަތާ މެދު އަބަދު ފިކުރު ކުރުމަކީ އަހަރެންގެ އެންމެ މުހިންމު ކަމެއް ނޫނެވެ. އަހަރެން އޭނާގެ ސަލާމަތާ މެދު ހަގީގަތުގައި ކަންބޮޑެއް ނުވަމެވެ. އަބަދު އޭނާގެ ހިތުގެ ވިންދަށް އަހަރެން ސަމާލުކަން ދެނީ އެއީ އަހަރެންގެ ވަޒީފާ ކަމަށްވާތީއެވެ.
އަހަރެން އަޒްމާރާއާ މެދު، ނުވަތަ އެ ކަނޑުގެ ރާނީއާ މެދު އެއްވެސް ފަރުވާލެއް ނެތެވެ. އޭނާގެ އެ ދިގު، އިސްތަށިގަނޑާއި، އޭނާގެ ކުލަ ބަދަލުވާ ހައިރާންކުރުވަނިވި ދެލޮލަކީ އަހަންނަށް މުހިންމު އެއްޗެއް ނޫނެވެ. ނުވަތަ އޭނާ ރުޅިއައުމުން ހުންނަ ގޮތަކީވެސް އަހަރެން އަޅާލާ ކަމެއް ނޫނެވެ. ނޫނެކެވެ، އެއިން އެއްވެސް ކަމަކީ އަހަންނަށް މުހިންމު ކަންކަމެއް ނޫނެވެ.
“މިއީ ދަތި ދަނޑިވަޅަކަށް ވެދާނެ، އެކަމަކު އޭނާއަކީ އަހަރެމެންގެ މެހެމާނެއް، ލިޔާމް.” ބައްޕަ ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓާލުމުން އަހަރެންގެ ޚިޔާލުތަކުން ބޭރުވީމެވެ. ހަގީގަތުގައި އެ ޚިޔާލުތަކުގެ ސަބަބުން އަހަރެންގެ ބޮލުގައި ރިއްސަން ފަށައިފިއެވެ.
“އާނ، އަހަންނަށް ވިސްނިއްޖެ،” އަހަރެން ފުން ނޭވާއެއްލަމުން ބުނީމެވެ.
“މީގެ ފަހުން އޭނާއާ މެދު ރަނގަޅަށް ކަންތައް ކުރަންވާނެ،” މަންމަ އަހަންނާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ.
“އެނގިއްޖެޔޭ. އެކަމަކު އޭނާ އަހަރެން ދުރަށް ފޮނުވާލަން އުޅެފިއްޔާ…” ކުއްލިއަކަށް އޭނާގެ ހިތުގެ ވިންދު އަވަސްވި އަޑު އިވުނެވެ. ދާމިން އެ ސަރަހައްދަކު ނެތެވެ. ފައުޒާ ދެންމެއަކު އެތެރެއަށް އެ ވަނީއެވެ.
އަހަރެންގެ މޫނުމަތިން ފެންނަން ހުރި ރުޅިވެރިކަން ފެނިފައި ފައުޒާ ކަންބޮޑުވިއެވެ. “ކިހިނެއްވީ ޔާމް؟”
ކިޔާމް ހުންނަންވާނީ އޭނާގެ ކައިރީގައެވެ. އަހަރެން އޭނާ ބެލުމަށް ކިޔާމްއާ ހަވާލުކުރީމެވެ. ކިޔާމް ގޯސް ކަމެއް ނުކުރާނެކަން ޔަގީނެވެ. އަދި ދާމިންވެސް އޭނާއާ ދުރަށް ޖައްސާނެއެވެ.
އަހަރެން ތެދުވެ ފުން ނޭވާއެއްލީމެވެ. “އަހަރެން މި އަންނަނީ.” އެއްވެސް މީހަކަށް ފަރުވާލެއް ނެތި އަހަރެން ސިޓިންގ ރޫމުން ނުކުމެ، ސިޑިން މައްޗަށް އެރީމެވެ. މިއީ ހަމައެކަނި އަހަރެންގެ ވަޒީފާ ކަމަށް ހިތަށް ވިސްނައިދެމުން އޭނާގެ ކޮޓަރިއާ ހަމައަށް ދިޔައީމެވެ. އެ ނޫން އެހެން ސަބަބެއް އޮވެދާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ.
އޭނާގެ ކޮޓަރިއާ ހަމައަށް ދިޔައިރު ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އޭނާއާއި ކިޔާމް ވާހަކަދައްކާ އަޑު އިވުނެވެ. އަހަރެން ބަލާލިއިރު، އެނދުމަތީގައި ކިޔާމްއާއި އަޒްމާރާ ވަރަށް ގާތްކޮށް ތިއްބެވެ. އެމީހުން ތިބި ގާތްމިނަކީ އަހަންނަށް މުހިންމު ކަމެއް ނޫނެވެ.
“ކަލޭގެ ބޭބެމެންނަށްވުރެ ކަލެއާ ވާހަކަދައްކަން މާ ފަސޭހަ،” އަޒްމާރާ ބުންޏެވެ.
އޭނާގެ ރާގުގައި ހުރި ތަޢުރީފުގެ ސަބަބުން އަހަރެން ފޫހިވިއެވެ.
“އެއީ އަހަރެން ކަލެއަށް އުނދަގޫކޮށް ނުވަތަ ކަލޭގެ ލޭ ބޯން ނޫޅޭތީ،” ކިޔާމް ހީލަމުން ބުންޏެވެ.
“ތިޔައީ ތެދެއް،” އަޒްމާރާ ހިނިތުންވުމަކާއެކު ބުންޏެވެ. “ލިޔާމްއަކީ…”
“އަބަދުވެސް އެހެން ހުންނަ މީހެއް ހެއްޔޭ؟” ކިޔާމް އޭނާގެ ވާހަކަ މެދުކަނޑާލާފައި ބުންޏެވެ. “އާނ، އަހަންނަށް އެނގޭ ގޮތުގައި އޭނާއަކީ އަބަދުވެސް އެކަހަލަ މީހެއް.” ކިޔާމް ދެލޯ މަރާލިއެވެ. “ލިޔާމް އަހަރެންދެކެ ލޯތްބެއް ނުވޭ. އެކަމަކު އޭނާ ލޯބިވާ މީހުންގެ ކައިރީގައި ތަފާތުވާނެ. މިސާލަކަށް ފައުޒާ ފަދަ މީހުންގެ ކައިރީގަ.” ކިޔާމްއަށް އަހަރެންގެ ވިސްނުމެއް ނޭނގެއެވެ.
“އެހެންވެގެން ނުވާނެ،” އަޒްމާރާ ބުންޏެވެ. “އަހަރެންގެވެސް ވަރަށް ގިނަ ދައްތަމެން ތިބޭ. ބައެއް ފަހަރު ރުޅިއަންނަ ކަމަށް ދެއްކިޔަސް، ހަގީގަތުގައި އެމީހުންނަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކުރާނަން.”
“ލިޔާމް ތަފާތު،” ކިޔާމް ބުންޏެވެ. “އޭނާ އާއިލާއަށް އެއްވެސް ޝައުގުވެރިކަމެއް ނުބަހައްޓާ. މާ ކުރިން ހިނގި ކޮންމެވެސް ކަމެއްގެ ސަބަބުން އޭނާގެ ހިތް ހަރުވީ. އެއީ ކޮން ކަމެއް ކަމެއް ނޭނގެ. އަހަރެން މިހާރު މި ހުރީ އެކަމަށް އާދަވެފަ.”
“ތިއީ ވަރަށް ދެރަ ކަމެއް، ކިޔާ،” އަޒްމާރާ ބުންޏެވެ.
އެ ވާހަކައިން އަހަރެންގެ ހިތަށް ކުޑަކޮށް ތަދުވިއެވެ. ނޫނެކެވެ… އަހަންނަށް އެނގެއެވެ، އަހަރެން ފެންނަނީ ވަރަށް ފިނި މީހެއްގެ ގޮތުގައެވެ. އެކަމަކު އަހަރެން ހުންނަން ޖެހެނީ އެހެންނެވެ. މާ ބޮޑަށް އޯގާތެރިވުމުން ލިބޭނެ ގެއްލުން އަހަރެންގެ އާއިލާއަކަށް ނުވިސްނެއެވެ. އެކަމަކު އަޒްމާރާ އެކަމާ ދެރަވެފައި ބުނުމުން އަހަންނަށް އުނދަގޫވީ ކީއްވެގެން ކަމެއް ނޭނގެއެވެ.
“ކިޔާ؟” އޭނާ ހައިރާންވެފައި ބުންޏެވެ.
އޭނާގެ ސަމާސާ ރާގުން އަހަރެން އަނެއްކާވެސް ފޫހިވިއެވެ.
“މާފުކުރޭ،” އަހަރެން ހީލީމެވެ. “އެހެން ކިޔުން ރަނގަޅު ނޫނީތަ؟ ކިޔާމް ކިޔަން ކުޑަކޮށް އުނދަގޫވާތީ…”
“ނޫން، އައި ލައިކް ދެޓް ނޭމް،” ކިޔާމް ބުންޏެވެ.
މިހާރު އެމީހުން އެކަކު އަނެކަކާ ސަމާސާ ކުރަނީއެވެ.
“އޯކޭ،” އޭނާ ހީލިއެވެ.
އެ ހިނިގަނޑެވެ. އެއީ ވަރަށް ހިތްގައިމު ހިނިގަނޑެކެވެ. އެކަމަކު އޭނާ އެ ހެނީ އަހަންނާއެކު ނޫންކަން އަހަރެން ހަނދާން ކުރަން ޖެހެއެވެ.
އަހަރެން ބަލަން ހުއްޓާ ކިޔާމް ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ލޯ ހުއްޓުނީ އަޒްމާރާގެ ފައިތިލައަށެވެ.
“ކިހިނެއްވީ؟” އަޒްމާރާ އަހާލިއެވެ.
“ތި ޓެޓޫގެ މާނައަކީ ކޮބާ؟” އޭނާ އަޒްމާރާގެ ކުޑަހުޅުގައި އަތްލާން އުޅުނެވެ. އޭނާގެ ފިނި އަތްލުމުން އަޒްމާރާ ދުރަށް ޖެހުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކިޔާމް މަޢާފަށް އެދުމުން އޭނާ ފައި ދަމައިގަތީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އޭގެ ފަހުން އޭނާ ބުނި ބަސްތަކުން އަހަރެންގެ ހިތްހަމަޖެހުން ގެއްލުނެވެ.
“ނޫން، އަހަރެން މަޢާފަށް އެދެން. އަހަރެން ބުނިހެން… އަހަރެން މިއީ ވަރަށް އަވަހަށް ސިހޭ މީހެއް،” އޭނާ ބުންޏެވެ. އޭނާ ކިޔާމްގެ އަތުގައި ހިފިއެވެ. އަދި އޭނާގެ އިނގިލި އެ ނިޝާނާ ހަމައަށް ގެންދިޔައެވެ. އަހަރެން ބޭނުންވީ ވަގަށް އެތަނަށް ވަދެ އެ މަންޒަރު ހުއްޓުވާށެވެ. އެކަމަކު އަހަރެން މަޑުކުރީމެވެ.
“މިއީ އުފަންލަފެއް ކަހަލަ އެއްޗެއް. މި ފެންނަ އެއް ބުރުން ރަމްޒުކޮށްދެނީ ކަނޑުގެ ރާނީއެއްގެ ގޮތުގައި އަހަރެން އުޅޭ ދުނިޔަވީ ހަޔާތް،” އަޒްމާރާ ކިޔައިދިނެވެ. “އަނެއް ބުރުން ރަމްޒުކޮށްދެނީ އަހަރެންގެ ރޫހާނީ ހަޔާތް.” އަޒްމާރާ ކިޔާމްއަށް ބަލާލިއިރު، ކިޔާމް އިނީ ތަޢުރީފުގެ ނަޒަރަކުން ބަލާށެވެ. އެ މަންޒަރު ފެނިފައި އަހަރެންނަށް އުނދަގޫވިއެވެ.
“ކިހިނެއްވީ؟”
“ތިޔަ މަޑުމައިތިރިކަން،” ކިޔާމް ބުންޏެވެ. “ލޭއިންސިންނާ އަޅާބަލާއިރު، ތިޔައީ ވަރަށް… ތަފާތު، ހިތްހަމަޖެހޭ ކަމެއް.”
” އަހަރެމެންނަކީ ވަރަށް މަޑުމައިތިރި ބައެއް ކަމަށް ހީކޮށް ކުށްހީއެއް ނުކުރާތި،” އަޒްމާރާ ބުންޏެވެ. “އެހެން ކޮންމެ ނަސްލެއް ފަދައިން އަހަރެމެންގެ ތެރޭގައިވެސް ރުޅިގަދަ އަންހެނުންނާ ހަނގުރާމަވެރި ފިރިހެނުން އުޅޭ. އެކަމަކު ފިތުރަތީ ގޮތުން އަހަރެމެންނަކީ ތިމާވެއްޓަށް ލޯބިކުރާ ބައެއް. އަހަރެމެންގެ ވަށައިގެންވާ ތަކެއްޗަށް އިޙްތިރާމް ކުރަން. އެއިން އެއްޗަކަށް ގެއްލުމެއް ދޭން އުޅޭ މީހަކަށް އަހަރެމެން އެހާ އޯގާތެރިއެއް ނުވާނަން،”
“ވިސްނިއްޖެ،” ކިޔާމް ހިނިތުންވުމަކާއެކު ބުންޏެވެ.
“ކިޔާ، ކިހިނެއްވީ؟” އަޒްމާރާ އަހާލިއެވެ.
ކިޔާ؟ އެއީ ކޮން ކަހަލަ ދަށު ދަރަޖައިގެ ވަނަމެއް ހެއްޔެވެ؟ އޭނާ އަހަންނަށް ވަނަމެއް ނުދެއެވެ. އެކަމަކު އެއީ އަހަރެންގެ ނަން ކުރުވީމާ ކަމަށް އަހަރެން އަމިއްލައަށް ވިސްނައިދިނީމެވެ.
” ތީ ވަރަށް ރީތި ކުއްޖެއް،” ކިޔާމް ބުންޏެވެ. “މި ގަނޑުވަރުގަ އުޅޭ ގިނަ ލޭއިންސި އަންހެނުންނަށްވުރެ މާ ރީތި.” ކިޔާމް ބުންޏެވެ. އޭނާ އެ ދައްކާ ފިނޑި، އާދައިގެ ސަމާސާ ވާހަކަތަކުގެ ސަބަބުން އަހަރެން ހުރީ އިންތިހާއަށް ފޫހިވެފައެވެ.
އޭނާ ހަމައެކަނި ލަދުން އިސްޖަހާލައި، މަޑުމައިތިރި ހިނިތުންވުމަކާއެކު ދުރަށް ބަލާލިއެވެ.
އަދި ލަދުން މޫނު ރަތްވާއިރު މާ ލޯބި،” ކިޔާމް އޭނާގެ އިނގިލި އަޒްމާރާގެ ކޮލުގެ ކަށިގަނޑާ ދިމާލުން ހިންގާލިއެވެ.
އަހަރެން ދޮރާ ދިމާލަށް ހިނގައިގަތީމެވެ. އެކަމަކު ކޮޓަރިއަށް ވަދެ، އަހަރެންގެ ކޮއްކޮގެ އިނގިލި އަޒްމާރާގެ މޫނުން ނައްޓާލުމަށްޓަކައި، ބާރަށް ދޮރުގެ އޮނިގަނޑުގައި ހިފަހައްޓާލީމެވެ.
“ކިޔާ،” އަޒްމާރާ ހީލިއެވެ. އޭނާގެ އެ ހިނިތުންވުމުގެ ސަބަބުން އަހަރެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. “އަހަރެން ހީކުރީ ލިޔާމްއަކީ ހުރިހާ އަންހެނުންނާ ހިތާވާ މީހާ ކަމަށް.” އޭނާ ސަމާސާކޮށްލިއެވެ.
އަހަރެން ފަޚުރުވެރިކަމާއެކު ހިނިތުންވެލީމެވެ.
ކިޔާމް ހީލިއެވެ. “އަންހެނުންނާ ހިތާވާ މީހާގެ ލަގަބު ލިޔާމްއަށް ދޫކޮށްލާނަން. އަހަރެން ހަމައެކަނި ބުނީ ތަޢުރީފު ހައްގުވާ އަންހެނަކަށް ތަޢުރީފު ކުރަން އެނގޭ ވާހަކަ.”
އަހަރެން އަނެއްކާވެސް ފޫހިވެގެން ދެލޯ މަރާލީމެވެ. އަހަރެންގެ ކޮއްކޮއަށް ބައެއް ކަންކަން ދަސްކޮށްދޭން ޖެހޭނެއެވެ. އެކަމަކު، މި ކަހަލަ އާދައިގެ ކަންކަންވެސް އެ ކަނޑުގެ ރާނީއަށް ކަމުދާ ކަހަލައެވެ. ކޮންމެއަކަސް، މިއަށްވުރެ އިތުރަށް ބަލަން ހުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ދޮރުގެ އޮނިގަނޑުން އަތް ދޫކޮށްލަމުން، އަހަރެން ނުރުހުމުގެ އަޑެއް ލައްވާލުމަށްފަހު އެތަނުން ދާން ހިނގައިގަތީމެވެ.
“އެއީ ކޮން އަޑެއް؟” އޭނާ ސިހިފައި ބުނި އަޑު އިވުނެވެ. އަދި އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އަހަރެން ހިނިތުންވެލީމެވެ. އޭނާގެ ހިތުގެ ވިންދަށް އަހަރެން ކުރާ އަސަރާ މެދު އަހަރެން ހިތްހަމަޖެހެއެވެ. އަހަރެން މާ ގާތްވުމުން އޭނާ ހާސްވާ ގޮތް އަހަންނަށް ކަމުދެއެވެ. އެކަމަކު އޭގެ މާނައަކީ އެއްވެސް ކަމެއް އޮތުމެއް ނޫނެވެ. އޭނާއަށް އަހަރެން ކަމުދަނީއެއް ނޫނެވެ… އަދި ހަމަ ޔަގީނުންވެސް އަހަރެން އޭނާއާ ގަޔާވަނީއެއް ނޫނެވެ.
އަހަރެމެން ދެމެދުގައި އެއްވެސް ކަމެއް ނެތެވެ… ދޯއެވެ؟
— ނުނިމޭ —
