ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެވަނަ މެޗު ކާމިޔާބުކޮށް ސްޓެލްކޯ އެއްވަނައަށް ޖެހިލިއިރު، ހުޅުމާލޭ ހޮސްޕިޓަލް ފުރަތަމަ މޮޅު ހޯދައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތުގެ 7 ވަނަ މެޗުން މޮޅުވެ ގުރޫޕް ބީގެ އެއްވަނައަށް ސްޓެލްކޯ ޖެހިލިއިރު، 8 ވަނަ މެޗު ކާމިޔާބުކޮށް ހުޅުމާޅޭ ހޮސްޕިޓަލް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 7

ހަތްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ހުޅުމާލޭ ހޮސްޕިޓަލް އާއި ހެލްތު ރެކްރިއޭޝަން ކުލަބެވެ. ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ހެލްތު ރެކްރިއޭޝަންގެ މިއީ ތިންވަނަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ހުޅުމާލޭ ހޮސްޕިޓަލްގެ މިއީ ދެވަނަ މެޗެވެ.

މޮޅެއް ހޯދުމަށްޓަކައި އެޓޭކަށް އިސްކަން ދީގެން މެޗު ފެށި ހުޅުމާލޭ ހޮސްޕިޓަލުން ވަނީ މެޗު ފަށައިގެން މާގިނައިރެއް ނުވެ ލީޑު ނަގާފައެވެ. ދެވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ހައްވާ މިންހާއެވެ. މިންހާ މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކުޅުންތެރިއަކު މިންހާއަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ހެލްތު ރެކްރިއޭޝަންއަށް އެ ފުރުސަތު ނުދީ ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. 7 ވަނަ މިނިޓްގައި ފާތިމަތު ޝާއިގާ ހުޅުމާލޭ ހޮސްޕިޓަލަށް މި ލަނޑު ޖަހައިދިނީ ހެލްތު ރެކްރިއޭޝަންގެ ކީޕަރު ދިފާއުކުރަން މަސައްކަތްކުރި ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ހުޅުމާލޭ ހޮސްޕިޓަލެވެ. ދޭތެރެއަކުން ކުރިޔަށް އަރައި ލަނޑު ޖަހަން މަސައްކަތްކުރި ހެލްތު ރެކްރިއޭޝަންގެ ފާތިމަތު ޒާޔާ ޖަހައިދިން ލަނޑުން އެ ޓީމުން އުންމީދު އާކުރި ނަމަވެސް، ފާތިމަތު ޝާއިގާގެ ދެވަނަ ލަނޑާއިއެކު ހުޅުމާލޭ ހޮސްޕިޓަލުން އަނެއްކާ ވެސް ލީޑު ފުޅާކުރިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭ ހޮސްޕިޓަލްގެ ފާތިމަތު ޝާއިގާއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހުޅުމާލޭ ހޮސްޕިޓަލް ވަނީ ގުރޫފް އޭގެ ތިންވަނައަށް ޖެހިލައިފައެވެ.

މެޗު 8

އަށްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ސްޓެލްކޯ އާއި ބީއެމްއެލްއެވެ. މިއީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ސްޓެލްކޯއިން ކާމިޔާބުކޮށްފައި ވާއިރު، ބީއެމްއެލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވެފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ސްޓެލްކޯއަށް ލިބެމުންދިޔަ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭވަރުވީ އެގާރަވަނަ މިނިޓްގައެވެ. ސްޓެލްކޯ ކުޅުންތެރިއަކު ޖައްސާލި ބޯޅަ ހިފައިގެން ކުރިޔަށް ޖެހިލުމަށްފަހު މަރިޔަމް ޒާނާ ޒަމީރު ތިރިތިރިން ފޮނުވާލީ ބޯޅަ ބީއެމްއެލްގެ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ ދެފައި ދޭތެރޭންނެވެ.

19 ވަނަ މިނިޓްގައި ފާތިމަތު ޝައިލާންގެ ލަނޑުން ބީއެމްއެލް ނަތީޖާ ހަމަހަމަކުރި ނަމަވެސް، މި ހާފު ނިމުމުގެ ކުރިން މަރިޔަމް ޒާނާ ޖަހައިދިން ދެވަނަ ލަނޑާއިއެކު އަނެއްކާ ވެސް ސްޓެލްކޯއިން ލީޑު ނެގިއެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ދެވަނަ ހާފުގައި ވެސް ސްޓެލްކޯއިން ވަނީ ލަނޑެއް ޖަހާފައެވެ. 34 ވަނަ މިނިޓްގައި މި ލަނޑު ޖަހައިދިނީ އައިޝަތު ދީނާ ވަސީމެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ގުރޫޕް ބީގެ އެއްވަނައަށް ސްޓެލްކޯ ޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯއަށް ދެ ލަނޑު ޖަހައިދިން މަރިޔަމް ޒާނާ ޒަމީރެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top