ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހިރަންފުށި – ޗެޕްޓަރ 14
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މަތިވެރި މަންޒިލަށް

ރިހިރަންފުށީގެ މާހައުލަށް ވެރިވެފައިވަނީ ތަފާތު ހިމޭންކަމެކެވެ. މި ހިމޭންކަމުގެ ތެރެއިން، ގޭތެރޭގައި އަރާމު ނިދީގައި ތިބި ކުޑަކުދިންގެ ނޭވާލާ އަޑާއި، ރޭގަނޑުގެ ފިނި ރޯޅިތަކާއެކު ނަށަމުންދާ ރުކުފަންތަކުގެ މަޑު އަޑާއި، ގޮނޑުދޮަށަށް ބޮސްދެމުންދާ ރާޅުތަކުގެ އަޑު އިވެމުންދިޔައެވެ. އަދި އުނދަގޫ ހާލަތްތަކެއްގައި ބައްދަލުވި ދެ ބީރައްޓެހިންގެ ބަދަލުގައި، ކެތްތެރިކަމާއި، އީމާންތެރިކަމާއި، ނުވިސްނާ ހުއްޓާ ލިބުނު ނިޢުމަތްތަކުން ބިނާވެފައިވާ އާއިލާއެއްގެ ގޮތުގައި އެކަކު އަނެކަކަށް ލިބިފައިވާ ހިތްހަމަޖެހުމެވެ.

އަޙުމަދާއި ޚަދީޖާ ތިބީ ގޭގެ ބޭރުގައި ހުރި ލަކުޑި ފެންޑާގައެވެ. އެއީ އެއްދުވަސްވަރެއްގައި ފިލާގަނޑުތައް ހަލާކުވެ، ސިޑިބަރި ދޫވެފައި ހުރި އެ ފެންޑާއެވެ. އެއީ ކުޑަ ދަބަހަކާއެކު، ވަރުބަލިވެފައިވާ ހަށިގަނޑަކާއި، ނޭނގޭ ބިރުވެރިކަމަކުން ފުރިފައިވާ ހިތަކާއެކު ޚަދީޖާ އެންމެ ފުރަތަމަ އައިސް ހުއްޓުނު ތަނެވެ.

ނަމަވެސް މިއަދު އެތަނުން ފެންނަނީ ހިނިތުންވުމެވެ. ވާހަކަދެއްކުމެވެ. އުފާވެރި ހަވީރުތަކެވެ. އަދި އަބަދަށް ހަނދާނުގައި ހުންނާނެ ރީތި ހަނދާންތަކެވެ.

އަޙުމަދު އިނީ ޚަދީޖާގެ ތަންކޮޅެއް ފަހަތުގައެވެ. އޭނާ ދިޔައީ ޚަދީޖާގެ ބުރަކަށީގައި މަޑުމަޑުން އަތް އުނގުޅަމުންނެވެ. އެއީ އެއްމާބަނޑު ދެކުދިން ލިބުނު ފަހުން ޚަދީޖާގެ ބުރަކަށީގައި ރިހުން ހުންނާތީއެވެ. އެ އޯގާތެރި ފިރުމުންތަކަކީ މިހާރު އެމީހުންގެ އާދައިގެ ދިރިއުޅުމުގެ ބައެކެވެ. އިތުރު ތަފްސީލަކަށް ބޭނުންނުވާ، ލޯބިން ފުރިގެންވާ އަމަލެކެވެ.

ޚަދީޖާ އަޙުމަދުގެ ގައިގައި ކުޑަކޮށް ލެނގިލައިގެން އިނދެ އުޑުމައްޗަށް ބަލަހައްޓައިގެން އިނެވެ. އެރޭ އުޑުމަތީގެ ތަރިތައް އާދަޔާ ޚިލާފަށް ރީތިވެފައި ގަދައަށް އަލިކުރާ ކަހަލައެވެ. ނުވަތަ ބަދަލުވީ އުޑުމައްޗެއް ނޫނެވެ. ބަދަލުވީ އެމީހުންނެވެ.

ކުރިމަތިވި ހުރިހާ ހިތްދަތި ދުވަސްތަކަށްފަހު، ކުރިން ފާހަގަނުކުރެވޭ ކުދިކުދި ރީތި ކަންކަން ދެނެގަންނަން އެމީހުންނަށް ދަސްވީ ކަންނޭނގެއެވެ.

ވަރަށް ގިނައިރު ވަންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެމީހުން ތިބީ ހަމައެކަނި އެކުގައެވެ.

އެއީ އެކަކު އަނެކަކަށް ޙައްޤުވާކަން ސާބިތުކޮށްދޭން އިތުރު ބަސްތަކަކަށް ބޭނުންނުވާ ހިސާބަށް ކަންކަން ދިޔުމުން މީހުން ތިބޭނެ ފަދަ ގޮތަކަށެވެ.

ގޭގެ އެތެރޭގައި، އަލަށް މަރާމާތުކުރި ކޮޓަރީގައި ދުނިޔާއާއި ދާއިިން އަރާމުގައި ނިދާފައި ތިއްބެވެ.

ކުރިން ބޭނުންނުކުރާ ބާ ތަކެތި އަޅާފައި އޮތް ހުސް ތަނެއްގެ ބަދަލުގައި، އެތަން މިހާރު ވަނީ އަގުހުރި ރީތި ތަނަކަށް ބަދަލުވެފައެވެ. އެއީ ވަރަށް ފަރުވާތެރިކަމާއެކު ކުލަލާފައިވާ ކޮޓަރިއެކެވެ. ކުޑަކުދިންގެ ހެދުންތައް އަތުރާފައި ހުރި ކުދި ހަރުގަނޑުތައް ހުރި ކޮޓަރިއެކެވެ. މުސްތަޤުބަލުގައި އެކުދިން ފިރުކެމުން ކުޅެން އުޅޭނެ މަޑު ދޫލައެއް އަޅާފައިވާ ކޮޓަރިއެކެވެ.

އަދި އެކަކު އަނެކަކާ ގާތުގައި ހުރި ދެ އެނދު ހުރި ކޮޓަރިއެކެވެ. އެއީ އެކުދިން ބޮޑުވިޔަސް، އެކުދިންނަކީ ދުވަހަކުވެސް އެކަނިވެރި ބައެއް ނޫންކަން އިޙުސާސްކޮށްދިނުމަށް އަޙުމަދު ބޭނުންވީތީއެވެ.

މި ކޮޓަރި މަރާމާތު ކުރުމަކީ ޒަކަރިއްޔާގެ ޚިޔާލެކެވެ.

އެއްދުވަހެއްގެ ހެނދުނު އޭނާ މަސައްކަތު މީހުންނާއި ތަކެއްޗާއެކު އައީ އަޙުމަދު އެކަމަށް އިންކާރުކުރަމުން ދަނިކޮށެވެ.

“ކަލޭގެ ބޮލުގައި މިހާރުވެސް ގިނަ މަސްއޫލިއްޔަތުތަކެއް އެބަހުރި.” ޒަކަރިއްޔާ ބުންޏެވެ. “އެހެން މީހަކަށް އެހީތެރިވުމުގެ ފުރުސަތު ދީ.” އަޙުމަދު ބަހުސްކުރަން އުޅުނެވެ. ނަމަވެސް ޒަކަރިއްޔާ ހަމައެކަނި ހިނިތުންވެލީއެވެ.

“ބައެއް ބަރަކާތްތައް ލިބެނީ ދިނުމުގެ ތެރެއިން.” އޭނާ ޖަވާބު ދިނެވެ.

ޒަކަރިއްޔާގެ ޚާއްސަ ސިފައަކީ އެއީއެވެ. އޭނާ އެހީތެރިވަނީ އެއީ އެހީއެއްކަން އިޙުސާސްވިޔަ ނުދީއެވެ. އޭނާ އިޙުސާސްކޮށްދެނީ އެއީ ލޯބިކަމެވެ.

ޚަދީޖާގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާމެދު އޭނާ ގިނައިން ވިސްނައެވެ. އެއްދުވަސްވަރެއްގައި އޭނާ ހުރީ ނުދަންނަ ގޭގޭގެ ދޮރުމަތީގައި މަސައްކަތެއް ލިބޭތޯ ސުވާލުކުރާށެވެ. ކުޑަ ދަބަހަކާއި ބަނޑުގައި އޮތް ދަރިފުޅާއެކު، އެރޭ ނިދާނެ ތަނެއް ވެސް ނޭނގޭ ހާލުގައެވެ. މާލެ ދޫކޮށްލުމަކީ ނިންމުނު ގޯސް ނިންމުމެއްބާވައޭ ހިތަށް އެރި ދުވަސްތަކެއް ދިޔައެވެ. އެއްވެސް މީހަކު ނުދަންނަ ރަށަކަށް މާތް ﷲ އޭނާ ފޮނުއްވީ ކީއްވެގެންބާވައޭ ހިތަށް އެރި ވަގުތުތައް ދިޔައެވެ.

އެކަމަކު މިއަދު.. އޭނާ އެ އިނީ ތަރިތަކުގެ ހިޔަލުގައެވެ. އޭނާދެކެ ލޯބިވާ ފިރިއަކާއެކުގައެވެ. ގޭގެ އެތެރޭގައި ރައްކާތެރިކަމާއެކު ނިދާފައި ތިބި ދެ ދަރިންނާއެކުގައެވެ. ގެދޮރާއި އުޖާލާ މުސްތަޤުބަލަކާއެކުގައެވެ. މިއީ ހަޤީޤަތެއްކަން ޤަބޫލުކުރަން އަދިވެސް ބައެއް ފަހަރު އޭނާއަށް އުނދަގޫވެއެވެ.

އަޙުމަދު ޚަދީޖާއަށް ބަލާލިއެވެ.

“ވާހަކައެއް ބުނެބަލަ.” އޭނާ މަޑުމަޑުން ބުންޏެވެ.

ޚަދީޖާ ކުޑަކޮށް އެނބުރިލިއެވެ. “ކީކޭ؟”

އަޙުމަދުގެ ނަޒަރު ހުރީ އުޑުމައްޗަށެވެ.

“އަހަރެން ހިތަށް އަރަނީ..” އޭނާ ހިނިތުންވެލަމުން ހުއްޓާލިއެވެ. “ކަލޭ ފުރަތަމަ މިތަނަށް އައި ދުވަހު އަހަރެންގެ ކިބައިން ފެނުނީ ކޮން އެއްޗެއް؟”

ޚަދީޖާ އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން އިނެވެ.

ދެން މަޑުމަޑުން އޭނާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް އައެވެ.

“ހަމަ އަސްލަށްވެސް އެނގެން ބޭނުންތަ؟”

އަޙުމަދު މަޑުމަޑުން ހީނލިއެވެ. “އާނ.”

ޚަދީޖާ ވަރަށް ފުންކޮށް ވިސްނާ ކަމަށް ހެދުނެވެ.

“ދެން..” އޭނާ ގެޔާ ދިމާލަށް ބަލާލިއެވެ.

“އެންމެ ފުރަތަމަ ފެނުނީ، ދުނިޔެ އޭނާގެ މަތިން ހަނދާން ނައްތާލަންދެން އެތަނުގައި އިށީނދެގެން އިންނަން ނިންމައިގެން ހުރި މީހަކު.”

އަޙުމަދު އެއް ބުމަ އަރުވާލިއެވެ. “އެހެންތަ؟”

“އާނ.” ޚަދީޖާ ސީރިއަސްކަމާއެކު ބުންޏެވެ. ނަމަވެސް އޭނާގެ ލޮލުން ފެންނަނީ ސަމާސާގެ އަސަރެވެ. “މުޅިން ނެތިގެން ދާން ތައްޔާރަށް ހުރި މީހަކު.”

އަޙުމަދު ހިނިތުންވެލަމުން ބޯ ހޫރާލިއެވެ. “ދެން އިތުރަށް؟”

“ދެން ފެނުނީ ވެއްޓެން ކައިރިވެފައި ހުރި ގެއެއް.”

އަޙުމަދު މަޑުމަޑުން ހީނލިއެވެ. “އެއީ ތެދެއް.”

“އަދި ގެޔާ ހަމައަށް ނުފޯރަނީސް،” ޚަދީޖާގެ ހިނިތުންވުން ފުޅާވަމުން ދިޔައެވެ. “ވަރަށް ދުރުން ކުނިވެފައި ހުރި މަހުގެ ވަސް ދުވި.”

މިފަހަރު އަޙުމަދު ބާރަށް ހީނގަތެވެ. އެ ހުނުމުގެ އަޑު މުޅި ރޭގަނޑުގެ ހިމޭންކަމުގެ ތެރެއަށް ފެތުރިގެން ދިޔައެވެ.

ޚަދީޖާ އޭނާއަށް ބަލާލާފައި ހިނިތުންވެލިއެވެ.

“އެކަމަކު..” އޭނާ މަޑުމަޑުން ކުރިއަށް ގެންދިޔައެވެ.

އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކުރިއަށްވުރެ ބޮޑަށް އޯގާތެރިކަން ފެންނަން ފެށިއެވެ.

“އަހަރެންނަށް އިތުރު ކަމެއްވެސް ފެނުނު.”

އަޙުމަދު އޭނާއަށް ބަލާލިއެވެ. “ކޮން ކަމެއް؟”

“ވަރުބަލިވެފައި ހުރި.. އެކަމަކު އަނިޔާވެރި ނޫން އިންސާނަކު.” އެ ހިނިތުންވުން ފުން އަސަރަކަށް ބަދަލުވިއެވެ. “ހިތުގައި ޖެހިފައި ހުރި.. އެކަމަކު އަދިވެސް ހިތުގައި ހެޔޮކަން އޮތް މީހަކު.”

އޭނާ ކުދިން ނިދާފައި ތިބި ކޮޓަރިއާ ދިމާލަށް ބަލާލިއެވެ.

“އަހަރެން ޤަބޫލުކުރަނީ މާތް ﷲ މީހުން ބައްދަލުކުރުވަނީ ސަބަބުތަކަކާ ހުރެކަމަށް. ބައެއް ފަހަރު އަހަރެމެންނަށް ނޭނގިދާނެ ވަކި ހާލަތްތަކަކަށް އަހަރެމެން ކުރިމަތިލާން ޖެހެނީ ކީއްވެގެންކަން. ބައެއް ފަހަރު އަހަރެމެންނަށް ހީވަނީ އެއީ ވަރަށް ބޮޑު ތަކުލީފެއްހެން. އެކަމަކު ހަޤީޤަތުގައި އެއީ މާ ރަނގަޅު ތަނަކަށް އަހަރެމެން ގެންގޮސްދޭ މަގު.”

އޭނާގެ އިނގިލިތަކުން ކޮނޑުގައި އޮތް ފޮތިގަނޑުގެ ކައިރިފަށާ ކުޅެލިއެވެ.

“އަހަރެމެން މިތަނުގައި ތިބުމަކީ މިންވަރުގައި އޮތް ގޮތް.”

އަޙުމަދު ހިމޭންކަމާއެކު އޭނާއަށް ބަލަހައްޓައިގެން އިނެވެ. އެ ބަސްތައް އޭނާގެ ހިތުގެ ފުނަށް އަސަރުކުރުވިއެވެ. އޭނާ އެ ސުވާލު ކުރީ މަޖާ ޖަވާބެއް ލިބޭނެކަމަށް އުންމީދުކޮށްގެންނެވެ.

އެކަމަކު އޭނާއަށް ލިބުނީ ދުޢާއެއް ފަދަ، ޝުކުރުވެރިކަމުން ފުރިފައިވާ އަސަރުގަދަ ޖަވާބެކެވެ. އޭނާ ޚަދީޖާގެ އަތުގައި ހިފާލިއެވެ.

“ދެން ކަލޭ.” އޭނާ މަޑުމަޑުން ބުންޏެވެ. “ކަލެއަށް އަހަރެން ފެނުނު ފުރަތަމަ ދުވަހު ހިތަށް އެރީ ކީކޭ؟” ޚަދީޖާ އޭނާއަށް ބަލާލިއެވެ.

“އަހަރެންނަށް ފެނުނީ އުފާވެރިކަން އޭނާއަށް ޙައްޤުވާކަން ހަނދާން ނެތިފައި ހުރި މީހަކު.” އަޙުމަދު ހިމޭންވިއެވެ.

އެއީ ތެދެކެވެ. ޚަދީޖާ އައުމުގެ ކުރިން އޭނާ ހަމައެކަނި ދިރިހުރީއެވެ. ހަޤީޤީ ދިރިއުޅުމެއް އޭނާއަކަށް ނޫޅެވެއެވެ. މަންމަ ވަކިވުމަށްފަހު، އެ ގެއަކީ އޭނާ ހަމައެކަނި ވަގުތު ހޭދަކުރާ ތަނަކަށް ވެފައި އޮތެވެ. އޭނާ މަސައްކަތް ކުރިއެވެ. ކެއެވެ. ނިދިއެވެ. ދުނިޔޭގައި ހުއްޓެވެ. އެކަމަކު އޭނާ އެއްވެސް އުންމީދެއް ނުކުރެއެވެ. ނުވަތަ ހުވަފެނެއް ނުދެކެއެވެ. އޭނާ އަންނަންދެންނެވެ.

އެ ދެ ކުދިން އުފަންވުމުގެ ކުރިން، އެ ކުދިންގެ ފިޔަވަޅުތަކުގެ އަޑު އޭނާގެ ދިރިއުޅުމަށް އިވެންދެންނެވެ. އަމިއްލަ ހިތާމަތަކާއެކުވެސް، ހަލާކުވެފައިވާ ތަކެތި އަލުން ރީތި ކުރެވިދާނެކަން އޭނާއަށް ދަސްކޮށްދިން އަންހެނަކު އަންނަންދެންނެވެ.

“އަހަރެން ޤަބޫލުކުރަނީ މާތް ﷲ ކަލޭ މިތަނަށް ފޮނުއްވީ އަހަރެން ކަލެއަށް ބޭނުންވާތީ ކަމަށް.” އޭނާ އިޢުތިރާފުވިއެވެ.

ޚަދީޖާ ލަދުން ފަރާތަކަށް ބަލާލިއެވެ.

“އަދި އަހަރެން ޤަބޫލުކުރަނީ އަހަރެންނަށް ހިމާޔަތް ހޯދާނެ ތަނެއް ބޭނުންވާތީ މާތް ﷲ ކަލޭ ދެއްވީ ކަމަށް.”

ޖެހެމުންދިޔަ މަޑު ފިނިރޯޅި އެމީހުންގެ ވަށައިގެން އެނބުރެމުން ދިޔައެވެ. އިތުރަށް ބުނާނެ އެއްވެސް ވާހަކައެއް އެމީހުންގެ ނެތެވެ.

ޖެހިގެން އައި ހަފުތާތަކުގައި، ރިހިރަންފުށީގެ އެންމެ ދުވަސްވީ މީހުންނަށްވެސް ދެކޮޅު ނުހެދޭނެ ފަދަ ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ.

އެ ރަށަކީ އަބަދުވެސް އޭގެ ރީތިކަމަށް މަޝްހޫރު ރަށެކެވެ. ނިމުމެއް ނެތް ނޫކުލައިގެ ކަނޑެވެ. ހުދު ދޮންވެލީގެ މަގުތަކެވެ. އެކަމަކު މިހާރު މީހުން ވާހަކަދައްކަނީ މުޅިން ތަފާތު ކަމަކާ ބެހޭގޮތުންނެވެ. އެމީހުން ދައްކަނީ އައު އީޖާދުތަކުގެ ވާހަކައެވެ. ފުރުސަތުތަކުގެ ވާހަކައެވެ. ކުރެވިދާނެ ކަންކަމުގެ ވާހަކައެވެ. އެމީހުން ދައްކަނީ ހަމައެކަނި ހިތްވަރާއި މައުލޫމާތު ހިފައިގެން މާލެއިން އައި އަންހެންކުއްޖާގެ ވާހަކައެވެ. އުކާލަންޖެހޭ މަސްތަކުން އަގުހުރި ތަކެތި އުފެއްދި އަންހެންކުއްޖާގެ ވާހަކައެވެ. އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައި ހުނަރުތަކަކީ ރައްކާތެރިކުރަންޖެހޭ އަގުހުރި އެއްޗެއްކަން އަންހެން ކުދިންނަށް ދަސްކޮށްދިން އަންހެންކުއްޖާގެ ވާހަކައެވެ. ރަށު ދިރިއުޅުމަކީ ސަލާމަތްވާންޖެހޭ ކަމެއް ނޫންކަމާއި، އެއީ ފާހަގަކުރަންޖެހޭ އުފާވެރި ކަމެއްކަން ހަނދާންކޮށްދިން މީހާގެ ވާހަކައެވެ.

މާލޭގައި އޮންނަ މުބާރާތުގެ ވާހަކައަކީ މުޅި ރިހިރަންފުށީގައި މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައެވެ. ރަށުގެ ދަރިވަރުން ދަނީ އެމީހުންގެ އުފެއްދުންތައް ދައްކާލުމަށް ތައްޔާރުވަމުންނެވެ. ދިވެހި ސަގާފީ ކާނާގެ ބާވަތްތަކެވެ. އަތްތެރި މަސައްކަތްތަކެވެ. ރަށުން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އަމިއްލަ އުފެއްދުންތަކެވެ. އަދި އެކުދިންނަށް ލިބިފައިވާ އިތުބާރުގެ ބޮޑު ބައެއް ގުޅިފައިވަނީ ޚަދީޖާއާއެވެ.

ޚަދީޖާ އެކުދިންނަށް ދަސްކޮށްދިނީ ހަމައެކަނި ތަކެތި ތައްޔާރުކުރާނެ ގޮތެއް ނޫނެވެ. އޭނާ ދަސްކޮށްދިނީ ކެތްތެރިކަމެވެ. ތަކެތި ހުށަހަޅާނެ ގޮތެވެ. ސާފުތާހިރުކަމެވެ. އަދި އައު ގޮތްގޮތަށް ކަންކަން ކުރާއިރު، ކުރީގެ މުސްކުޅި މަޢުލޫމާތުތަކަށް އިޙުތިރާމް ކުރުމުގެ މުހިންމުކަމެވެ.

“ތިޔަކުދިންގެ އަތުގައި މިހާރުވެސް ޚާއްސަ އެއްޗެއް އެބައޮތް.” އޭނާ އެކުދިން ގާތު ބުނެއެވެ.

“ބޭނުންވަނީ އެހެން މީހުންނަށްވެސް އޭގެ އަގު ފެންނާނެކަމުގެ އިތުބާރު އަމިއްލަ ނަފުސަށް އޮތުން.”

ކުރިން އެ ގެޔަށް ނުދިއުމަށް ބުނެވިފައިވާ އަންހެން ކުދިން މިހާރު ތިބީ އޭނާގެ މޭޒުދޮށުގައި ހީނ ސަކަރާތްޖަހައި، އައު ކަންކަން ދަސްކޮށް، ސުވާލުތައް ކުރާށެވެ.

ޚަދީޖާ އެކުދިންނަށް ބަލާލާ ކޮންމެ ފަހަރަކު، ކުރީގެ އެ ހިތްދަތި ދުވަސްތައް ހަނދާންވެއެވެ. ކުރެވުނު ތުހުމަތުތަކެވެ. ދެކެވުނު ދޮގު ވާހަކަތަކެވެ. އެކަނިވެރިކަމެވެ. އެކަމަކު އިންސާނުންގެ ނިންމުންތަކަށްވުރެ މާ ބޮޑު ރޭވުމެއް މާތް ﷲ ރާއްވަވާފައިވާކަން އޭނާ މިއަދު ޤަބޫލުކުރެއެވެ.

މިދޭތެރެއިން އަޙުމަދާއި ޒަކަރިއްޔާގެ މަސްވެރިކަމުގެ ވިޔަފާރިވެސް ދިޔައީ ފުޅާވަމުންނެވެ. އުކާލާ މަސްތައް ސަލާމަތްކުރުމަށް ފެށި ކުޑަ މަސައްކަތް މިހާރު ވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައެވެ. އެތައް އާއިލާއަކަށް އާމްދަނީ ލިބޭ ވަސީލަތަކަށް ވެފައެވެ. ޒުވާން މަސްވެރިން އައު ހުނަރުތައް ދަސްކުރާ ތަނަކަށް ވެފައެވެ. އަދި ހަމައެކަނި ފައިދާއަށްވުރެ ބޮޑަށް އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވިޔަފާރިއަކަށެވެ.

ދެވަނަ ދޯންޏެއް ގަނެފިއެވެ. އިތުރު މަސްވެރިން ގުޅިއްޖެއެވެ. ގުދަންކުރާ ސަރަހައްދު ބޮޑުކުރެވިއްޖެއެވެ. ކުރިން ހަމައެކަނި ކުނިވަސް ދުވި އެ ބާ ގެއިން މިހާރު ދުވަނީ ބުރަ މަސައްކަތާއި ކާމިޔާބީގެ ވަހެވެ.

ބައެއް ދުވަސްދުވަހުގެ ހެނދުނު، މަސްވެރިން ތައްޔާރުވާ މަންޒަރު ބަލަން އަޙުމަދު ހުންނައިރު، މީގެ މަސްތަކެއް ކުރިން އޭނާގެ ދިރިއުޅުން ނިމުނީކަމަށް ހީކޮށް އެކަނި އިނދެވުނު ހަނދާންތައް އާވެއެވެ.

އޭނާ އެނބުރި ގެޔާ ދިމާލަށް ބަލާލައެވެ. ޚަދީޖާ ހަރަކާތްތެރިވާ މަންޒަރު ފެންނަ ކުޑަދޮރުތަކަށެވެ. އެމީހުންގެ ދަރިން ނިދާފައި ތިބި ކޮޓަރިއަށެވެ. އަދި އޭނާ މަޑުމަޑުން ބުނެލައެވެ. “އަލްޙަމްދުލިﷲ!”

އެއީ އެ ހުރިހާ ނިއުމަތަކަށް ޝުކުރު އަދާކުރަން ބޭނުންކުރެވޭނެ އެންމެ ފުރިހަމަ ބަހެވެ.

އެއްދުވަހެއްގެ ހަވީރު، އިރު އޮއްސެމުން ދިޔަ ވަގުތު، މަސްވެރިން އެނބުރި އަންނަ މަންޒަރު ބަލަން ޚަދީޖާ ބޭރުގައި ހުއްޓެވެ. ދުނިޔާ އޮތީ އޭނާގެ އަތްދަނޑިމަތީގައެވެ. ދާއިިން އޮތީ އަޙުމަދުގެ މޭގައި ލެނގިލައިގެން ނިދާފައެވެ.

އެއީ އެމީހުން ދުވަހަކުވެސް ރޭވި ދިރިއުޅުމެއް ނޫނެވެ. އުންމީދު ކުރި ދިރިއުޅުމެއްވެސް ނޫނެވެ. އެކަމަކު އެއީ އެއްވެސް އެއްޗަކަށް ބަދަލުކުރަން ބޭނުންނުވާ ފަދަ ފުރިހަމަ ދިރިއުޅުމެކެވެ.

އަޙުމަދު އައިސް އޭނާގެ ކައިރީގައި ހުއްޓުނެވެ.

“ކަލޭ މިތަނަށް އައި ފުރަތަމަ ދުވަސް ހަނދާން އެބަހުރިތަ؟” އޭނާ އެހިއެވެ.

ޚަދީޖާ ހިނިތުންވެލިއެވެ. “ކިހިނެއް ހަނދާން ނެތޭނީ؟”

“ކަލޭ ހުރީ އެ ކުޑަ ދަބަސް ހިފައިގެން އެތަނުގައި.”

“އަދި ކަލޭ އިނީ އެއްވެސް މީހަކު ކަލޭގެ އެ ހިތާމަޔަށް ހުރަސްއަޅަން ބޭނުންނުވެފައި.”

އަޙުމަދު ހީނލިއެވެ. “އާނ، އޭރު ހުރެވުނީ އެހެން ކަންނޭނގެ.”

ޚަދީޖާ އޭނާއަށް ބަލާލިއެވެ. “އެކަމަކު މިހާރު އަމިއްލަ ނަފުސަށް ބަލާލަބަލަ.”

އަޙުމަދު ކުދިންނަށް ބަލާލިއެވެ. ދެން ޚަދީޖާއަށް ބަލާލިއެވެ.

“ނޫން.” އޭނާ މަޑުމަޑުން ބުންޏެވެ.

“އަހަރެމެންނަށް ބަލާލަބަލަ.”

ޚަދީޖާ ހިނިތުންވެލިއެވެ. އެއީ ހަޤީޤަތެވެ.

އެމީހުންނަކީ މިހާރު ވަކިވަކިން ތޫފާންތަކާ ހަނގުރާމަކުރާ ދެމީހުންނެއް ނޫނެވެ. އެއީ އެއް އާއިލާއެކެވެ. އެއް ފުރާޅެއްގެ ދަށުގައިވާ ދިރިއުޅުމެކެވެ. އެއް ވާހަކައެކެވެ.

އަދި އެއްދުވަސްވަރެއްގައި އެމީހުންނާމެދު ސުވާލު އުފެއްދި ރިހިރަންފުށި، މިއަދު މިވަނީ އެމީހުންނަށް ލިބުނު އެންމެ ބޮޑު ބަރަކާތުގެ ހެކިވެރިޔަކަށް ވެފައެވެ.

ބައެއް ފަހަރު މާތް ﷲ އިންސާނާ އޭނާ ދަންނަ ހުރިހާ ކަމަކާ ދުރަށް ގެންދަވަނީ.. އޭނާއަށް އަދަބު ދެއްވާކަށް ނޫނެވެ. އެކަމަކު އޭނާއަށް ޙައްޤުވާ، އެންމެ މަތިވެރި މަންޒިލަށް އޭނާގެ މަގު ދެއްކެވުމަށެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top