ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނ. ޒޯންގެ 6 ވަނަ މެޗުން ސިޔާމް ވޯލްޑް، 7 ވަނަ މެޗުން ވެލާ އަދި 8 ވަނަ މެޗުން ސޮނެވާ ޖާނީ މޮޅުވެއްޖެއެވެ. މި ޒޯންގެ އަށް މެޗު މިހާތަނަށް ކުޅެފައިވާއިރު، މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއިއެކު ލީގު ބުރުގެ އެއްވަނައިގައި އޮތީ ސޮނެވާ ޖާނީއެވެ. ފައިނަލްގެ ފުރުސަތު ސިޔާމް ވޯލްޑާއި ރޮބިންސަން ނޫނަށް ގެއްލިފައިވާއިރު، ލީގު ބުރުގެ ދެވަނައިގައި އޮތީ ވެލައެވެ. 3 ވަނައިގައި އޮތް ޗެވެލް ބުލެންކް ރަންދެއްޔަށް ވެސް ފައިނަލްގެ ފުރުސަތު އެބައޮތެވެ. މި ޒޯންގެ އެންމެ ފަހުން ކުޅެވުނު މި މެޗުތަކަށް ބަލައިލާއިރު:
މެޗު 6
މި ޒޯންގެ ހަވަނަ މެޗުގައި ބައްދަލުކުރީ ޗެވެލް ބުލެންކް ރަންދެލި އާއި ސިޔާމް ވޯލްޑެވެ. ރަންދެލި އެ ޓީމުގެ ތިންވަނަ މެޗާއި ކުރިމަތިލީއިރު، ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗު ވަނީ އެއްވަރު ކޮށްފައެވެ. ސިޔާމް ވޯލްޑްގެ ވެސް މިއީ ތިންވަނަ މެޗެވެ. މި މެޗާއި އެ ޓީމުން ކުރިމަތިލީއިރު، މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށްޓަކައި ދެޓީމަށް ވެސް މޮޅެއް މުހިންމުވި މި މެޗުގައި ރަނގަޅަށް ކުޅުނީ ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ސިޔާމް ވޯލްޑެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ސިޔާމް ވޯލްޑެވެ. 16 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދެވެ. ނަތީޖާ ހަމަހަމަކުރެވޭތޯ ރަންދެލިން މަސައްކަތް ކުރަމުން ދަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޔާމް ވޯލްޑް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. މި ހާފުގައި ދެ ޓީމުން ދެ ލަނޑު ޖެހިއިރު، ސިޔާމް ވޯލްޑަށް ލަނޑު ޖަހައިދިނީ މުސްތަގީމް މޫސާއެވެ. މެޗުގެ އިތުރު ވަގުތުގައި ރަންދެލީގެ ލަނޑު ޖެހީ އަޙްމަދު އަފްރާހެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޔާމް ވޯލްޑްގެ ޢަބްދުﷲ އިޝާންއެވެ.
މެޗު 7
ހަތްވަނަ މެޗުގައި ބައްދަލުކުރީ ވެލާ ޕްރިވެޓް އައިލެންޑާއި ރޮބިންސަން ނޫނެވެ. ފުރަތަމަ މެޗުން މޮޅުވި ނަމަވެސް، ދެވަނަ މެޗުން ރޮބިންސަން ނޫނު ބަލިވެފައިވާއިރު، ވެލާ ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުން ބަލިވެފައެވެ.
ދެ ޓީމަށް ވެސް މޮޅެއް މުހިންމުވި މި މެޗުގައި ވެލައިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ވެލައިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 14 ވަނަ މިނިޓްގައި މުޙައްމަދު ޒާހިދު ސައީދެވެ. ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ލަނޑު ޖަހާނެ ފުރުސަތު ރޮބިންސަން ނޫނަށް ވެސް ލިބުނެވެ.
ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ދެވަނަ ހާފުގައި ވެލައިން ކުޅުނުއިރު މި ހާފުގައި އެ ޓީމުން ތިން ލަނޑު ޖެހިއެވެ. 37 ވަނަ މިނިޓްގައި އަޙްމަދު އިމްތިނާހް އެ ޓީމުގެ ލީޑު ފުޅާކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގައި އަޒްލީމް އަޙްމަދާއި ހަސަން ޢަބްދުލްޖަލީލު އިތުރު ދެ ލަނޑު ޖަހައިދިނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލައަށް ފުރަތަމަ ލަނޑު ޖަހައިދިން މުޙައްމަދު ޒާހިދު ސައީދެވެ.
މެޗު 8
އަށްވަނަ މެޗުގައި ބައްދަލުކުރީ ސިޔާމް ވޯލްޑާއި ސޮނެވާ ޖާނީއެވެ. މުބާރާތުގައި އެ ޓީމު ކުޅޭ ފަހު މެޗާއި ސިޔާމް ވޯލްޑް ކުރިމަތިލީއިރު، އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން ވަނީ މޮޅުވެފައެވެ. ސޮނެވާ ޖާނީ ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް ދެވަނަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗަކީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށްޓަކައި ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ.
ވާދަވެރިކަން ބޮޑު ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ލީޑު ނެގީ ސޮނެވާ ޖާނީއިންނެވެ. ހަވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޖުނައިދެވެ. މި ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހައި ސިޔާމް ވޯލްޑް އުންމީދު އާކުރިއެވެ. ޝިވާން ޢަބްދުލްމަޖީދުގެ ލަނޑުން ސިޔާމް ވޯލްޑް މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް، އެ ލަނޑަށް މާގިނައިރެއް ނުވެ ޢަލީ ޝިޔާޒް ވަނީ ދެވަނަ ފަހަރަށް ސޮނެވާ ޖާނީއަށް ލީޑު ނަގައިދީފައެވެ.
2-1 އިން މޮޅުވެ ހަތް ޕޮއިންޓާއިއެކު ލީގު ބުރުގެ އެއްވަނައަށް ސޮނެވާ ޖާނީ ޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ފަހު ލަނޑު ޖަހައިދިން އަލީ ޝިޔާޒެވެ.
