ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ ފައިނަލަށް ކުރިމިނަލް ކޯޓާއި ކުލަބް ބިނާރާ ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިރޭ ކުޅެފައިވާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބީސީސީ އާއި ކުރިމިނަލް ކޯޓެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކުލަބް އަވްސެކް އާއި ކުލަބް ބިނާރާއެވެ. މިރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:
ސެމީ ފައިނަލްގެ ފުރަތަމަ މެޗު
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބީސީސީ އާއި ކުރިމިނަލް ކޯޓެވެ. ފަސޭހަކަމާއިއެކު ކުރިމިނަލް ކޯޓް ކާމިޔާބުކުރި މި މެޗުގެ ލީޑު ނެގީ ވެސް އެ ޓީމުންނެވެ. ފަސްވަނަ މިނިޓްގައި މުޙައްމަދު ޝަފްރާޒް ޖަހައިދިން ލަނޑުން ކުރިމިނަލް ކޯޓުން ނެގި ލީޑު ހަވަނަ މިނިޓްގައި ޔައިޝް މުސްތަފާ ފުޅާކޮށްދިނެވެ. ޢަބްދުއްރަޙްމާން ސާމީ ޖަހައިދިން ލަނޑުން ބީސީސީން ލީޑު ހަނިކޮށް އުންމީދު އާކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މުޙައްމަދު ހައްސާން ވަނީ ކުރިމިނަލް ކޯޓަށް އިތުރު ލަނޑެއް ޖަހާދީފައެވެ.
ފުރަތަމަ ހާފުގައި ވެސް މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ކުރިމިނަލް ކޯޓުން ދެވަނަ ހާފުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. 29 ވަނަ މިނިޓްގައި މުސްލިމް މުޙައްމަދު ކުރިމިނަލް ކޯޓްގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، 32 ވަނަ މިނިޓްގައި މުޙައްމަދު އީމާން ބީސީސީގެ ދެވަނަ ލަނޑު ޖަހައިދިނެވެ. ކުރިމިނަލް ކޯޓްގެ ފަސްވަނަ ލަނޑު މުޙައްމަދު ޝާއިފް ކާމިޔާބުކޮށްދިންއިރު ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ޝާޒް ހިލްމީއެވެ.
7-2 އިން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ކުރިމިނަލް ކޯޓް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރިމިނަލް ކޯޓްގެ ޔައިޝް މުސްތަފާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔައިޝް މުސްތަފާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ސެމީ ފައިނަލްގެ ދެވަނަ މެޗު
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ބިނާރާ އާއި ކުލަބް އަވްސެކެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކުލަބް ބިނާރާއިންނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަވްސެކްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ހަމަހަމަ ނަތީޖާއަކާއިއެކު ނިމިދާނެކަމަށް ހީވި މި ހާފުގެ 19 ވަނަ މިނިޓްގައި ކުލަބް ބިނާރާއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި އަވްސެކް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން ކުލަބް ބިނާރާއަށް ދެ ލަނޑުގެ ލީޑެއް އަނެއްކާ ވެސް ލިބުނުއިރު، އޭގެ ތިން މިނިޓެއްހާއިރު ފަހުން އެ ޓީމުން ހަތަރުވަނަ ލަނޑެއް ޖެހިއެވެ. 27 ވަނަ މިނިޓްގައި އަވްސެކްއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ. އަޙްމަދު ރުވާއުގެ ހެޓްރިކާއިއެކު ބިނާރާއިން ތިންވަނަ ފަހަރަށް ތިން ލަނޑުގެ ލީޑެއް ނެގިއެވެ.
މުޅި ޓީމު އެކުގައި ކުރިޔަށް ޖެހި ރަނގަޅު ޕާސްތަކެއް ދީގެން ކުޅެމުންދިޔަ ބިނާރާއިން 30 ވަނަ މިނިޓްގައި އެ ޓީމުގެ ހަވަނަ ލަނޑު ޖެހި ފަހުން އަވްސެކްއިން އިތުރު ލަނޑެއް ޖެހިއެވެ. 39 ވަނަ މިނިޓްގައި އަވްސެކްއިން އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ ފަހު ސިކުންތުކޮޅުގައި ކުލަބް ބިނާރާއިން ހަތްވަނަ ލަނޑު ޖެހިއެވެ.
7-4 އިން މެޗު ކާމިޔާބުކޮށް ކުލަބް ބިނާރާއިން ފައިނަލްގެ ދެވަނަ ޖާގަ ހޯދިއިރު، މިދިޔަ އަހަރު ވެސް މި މުބާރާތުގެ ފައިނަލްގައި ކުލަބް ބިނާރާއިން ވަނީ ކުޅެފައެވެ. މި މެޗުގައި ކުލަބް ބިނާރާއަށް ލަނޑު ޖަހައިދިނީ އަޙްމަދު ރުވާއު 3 ލަނޑު، ޖަޒްލާން ޖައުފަރު 2 ލަނޑު، މުޙައްމަދު ޒިދާން 1 ލަނޑެވެ. ކުލަބް ބިނާރާގެ އަނެއް ލަނޑަކީ ކުލަބް އަވްސެކްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ކުލަބް އަވްސެކްގެ ލަނޑުތައް ޖަހައިދިނީ ތަޢުމީން ނޫހު 2 ލަނޑު އަދި އަބްދުލް ބައްސާން އާއި މުޙައްމަދު ނާއިލް، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ބިނާރާގެ އަޙްމަދު ރުވާއުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ރުވާއު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެރޭ 21:00 ގައެވެ.
