ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހިރަންފުށި – ޗެޕްޓަރ 25
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ހިތުން މަރުހަބާ ކިޔުން

ދޮންމާމަ.. އަންނަން އޮތް ދުވަހުގެ ހެނދުނު، ފަތިސްވުމުގެ ކުރިން ޚަދީޖާ ހޭލައިފިއެވެ. ނިދި އައީ ވަރަށް ކުޑަކޮށެވެ. އޭނާގެ ޚިޔާލުތައް ހަލަބޮލިވި ނަމަވެސް، އެއީ ބުރަ ކަމެއްގެ ގޮތުގައެއް ނޫނެވެ.

މިއަދަކީ މުހިންމު ދުވަހެކެވެ. އޭނާ އުންމީދު ކުރި ވަރަށްވުރެ ވެސް ބޮޑަށެވެ. އޭނާ ގޭތެރޭގައި މަޑުމަޑުން ހަރަކާތްތެރިވަމުން ދިޔައީ، އަތްމަތި އަވަސްކޮށް، ފުން ވިސްނުމެއްގައި ހުރެގެންނެވެ.

އޭނާ ގެ ސާފުކުރިއެވެ. އެއީ ގެ ހަޑިވެފައި އޮތުމަކުން ނޫނެވެ. ނަމަވެސް، އެ ގެއަކީ މަރުހަބާ ކިޔާ، ހިތްފަސޭހަ، އަދި ދިރުން ހުރި ތަނަކަށް ހެދުމުގެ ބޭނުމުގައެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ތަންތަން ތަރުތީބު ކުރިއެވެ. ގޭގެ ކޮންމެ ކަނަކުން ވެސް އޭނާ ބިނާކުރި ދިރިއުޅުމުގެ ސާދާކަމާއި ފުރިހަމަކަން ފެންނަން ހުންނާނޭ ގޮތަށެވެ.

ދެން އޭނާ ދިޔައީ ބަދިގެއަށެވެ. ޚާއްޞަ މުނާސަބަތެއްގައި މެނުވީ ތައްޔާރު ނުކުރާ ފަދަ މީރު ކާތަކެތި ތައްޔާރު ކުރަން ފެށިއެވެ. ފަރުވާތެރިކަމާއެކު ހަވާދު މުގުރަމުން ދިޔައެވެ. މުޅި މާހައުލުގައި އެ މީރުވަސް ހިފާލިއެވެ. ކައްކަމުން ދިޔައީ ހަމައެކަނި ހުނަރުވެރިކަމަކުން ނޫނެވެ. އެކަމުގައި އޭނާގެ މުޅި ހިތާއި ރޫހު ބައިވެރިކުރިއެވެ. ކޮންމެ ހަރަކާތަކީ ވެސް މަޤުސަދެއް އޮވެގެން ކުރާ ކަމެކެވެ. ކޮންމެ ކެއުމަކީ ވެސް މާނައެއް އެކުލެވިގެންވާ އެއްޗެކެވެ.

އެއްމާބަނޑު ދެބެއިން ހޭލިއިރު ފެނުނީ ތަފާތު ހެނދުނެކެވެ. މަންމަގެ ކިބައިން ފެންނަމުންދާ ހަކަތައާއި ފޯރިއަށް ދުނިޔާ ހައިރާންކަމާއެކު ބަލަން ހުއްޓެވެ. އަޙްމަދު، ދާއިިން އުރާލުމުން އޭނާ ހީނގަތެވެ. އަޙްމަދު ވެސް ހުރީ އާދަޔާ ޚިލާފު އުފާވެރި މޫޑެއްގައެވެ.

“މީހަކު މާ ބޮޑަށް އުފާވެފައި ހުރިހެން ހީވޭ.” އަޙްމަދު މަޑުމަޑުން ދިމާކޮށްލިއެވެ.

ޚަދީޖާ އޭނާއަށް ބަލައިލަމުން، ހިނިތުންވުން ފޮރުވަން މަސައްކަތް ކުރިއެވެ.

“ތިޔަ ބުނަނީ ކީކޭކަމެއް އަހަންނަކަށް ނޭނގެ.”

އޭނާ އެއްލޯ މަރާލިއެވެ.

“ފަތިސް ނަމާދުގެ ކުރިން ތިހުރީ ހޭލާ.”

ޚަދީޖާ އެ ވާހަކައަށް އަޅައެއް ނުލައެވެ. ނަމަވެސް އޭނާގެ ލޮލުން އެ އުފާވެރިކަން ފާޅުވެއެވެ.

އޭނާ ދެބެއިން އެންމެ ރީތި ހެދުން ލެއްވިއެވެ. މަޑު އޮމާން ފޮތީގެ، ފަރުވާތެރިކަމާއެކު ހޮވާފައިވާ ހެދުންތަކެވެ. ދުނިޔާ ހީވަނީ ކުޑަކުޑަ މަލެއްހެންނެވެ. ދާއިިން ހުރީ އޭނާގެ އުމުރަށްވުރެ ބޮޑު މީހަކާ ވައްތަރުވާ ކަހަލަ ރީތި ގަމީހެއްގައެވެ.

އަޙްމަދު ހިމޭންކަމާއެކު ބަލަން ހުއްޓެވެ. އަދި ކުޑަ ވަގުތުކޮޅަކަށް ފެންނަން ނެތިފައި އެނބުރި އައެވެ. އޭނާ އެނބުރި އައި ވަގުތު.. ޚަދީޖާ މަޑުޖެހިލިއެވެ. ސަބަބަކީ، ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާ ދެނެގަންނަން ދަތިވީމައެވެ.

އޭނާ އަބަދު ލައިއުޅޭ، އިރުގެ ހޫނުން ކުލަ ފަނޑުވެފައިވާ މަސްވެރި ހެދުންތަކެއް މިއަދަކު ނެތެވެ. އޭގެ ބަދަލުގައި.. ސާފު ހުދު ގަމީހެކެވެ. އިސްތިރިކޮށް، އާ ފާޑު ޖަހާ ގަމީހެކެވެ. އަދި އެއާ ގުޅޭ ސާދާ ނަމަވެސް ތަރުތީބު ފަޓުލޫނެކެވެ. އޭނާ ފެންނަނީ.. ވަރަށް ތަފާތުކޮށެވެ.

ލޮނާއި، އިރުގެ ހޫނާއި، ދިރިއުޅުމުގެ ތަކުލީފުތަކުން ސިފަ ޖެހިފައިވާ މީހެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް، އަމިއްލަ ނަފުސުގެ އާ މަރުހަލާއަކަށް ފިޔަވަޅު އަޅާ މީހެއްގެ ގޮތުގައެވެ. ޚަދީޖާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

“ތި ފެންނަނީ.. އަހަރެންގެ ހީރޯ.” އޭނާ މަޑުޖެހިލިއެވެ.

އަހުމަދު ކުޑަކޮށް ހިނިތުންވެލިއެވެ.

“ރަނގަޅު ގެއެއްގެ ވެރިއަކާ ވައްތަރުތަ؟”

ޚަދީޖާ މަޑުމަޑުން ހީނލިއެވެ. “ނޫން.”

އޭނާ އަޙްމަދާ ގާތަށް ޖެހިލިއެވެ.

“އަހަރެން އަލުން ކައިވެނި ކުރަން ބޭނުންވާ ކަހަލަ މީހަކާ.”

އޭނާ ހީނލިއެވެ. “އެ ބުނުން ވަރަށް ކަމުދޭ.”

އަދި އެއަށްފަހު.. ޚަދީޖާ ތައްޔާރުވިއެވެ. އާ ހެދުމެކެވެ. މީގެ ކުރިން އޭނާ ނުލާ ހެދުމެކެވެ. މަޑު، ސާދާ، ނަމަވެސް ނުހަނު ހިތްގައިމު ހެދުމެކެވެ. އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލާ ހެދުން ރީތިކޮށްލިއެވެ. އެއީ ބޮޑާކަމަކުން ނޫނެވެ. ނަމަވެސް، މިއަދަކީ އޭނާގެ ފުރިހަމަ ސިފައިގައި ކުރިމަތިލާން ބޭނުންވި ދުވަހަކަށް ވާތީއެވެ.

އޭނާ ބޭރަށް ނުކުތުމާއެކު.. އަޙްމަދަށް އެކަން ފާހަގަވިއެވެ. އަދި ކުޑަ ވަގުތުކޮޅަކަށް، އޭނާ ހަމައެކަނި ޚަދީޖާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. ބުނާކަށް ބޭނުމެއް ވެސް ނުވިއެވެ.

ޚަދީޖާއަށް އޭނާގެ ބެލުން ފާހަގަވިއެވެ. “ކިހިނެއްވީ؟”

އޭނާ މަޑުމަޑުން ބޯ ހޫރާލިއެވެ. “ކަމެއް ނުވޭ.”

ހިމޭން ވަގުތުކޮޅަކަށްފަހު.. އޭނާ މަޑުމަޑުން ބުންޏެވެ. “ތިޔައީ އަހަރެން ރާނީ.. އަބަދުވެސް އެންމެ ރީތި.”

ޚަދީޖާގެ މޫނުމަތިން ލަދުވެތިކަން ފާޅުވިއެވެ.

“މިއަދު ވެސް ތަ؟” އޭނާ އަހާލިއެވެ.

އަޙްމަދު ހިނިތުންވެލިއެވެ.

“މިއަދު.. ތި ފެންނަނީ ގެއްލިފައިވާ އެއްޗެއް އަލުން ހޯދަން ތައްޔާރުވެފައި ހުރި މީހެއްގެ ގޮތުގައި.”

ހެނދުނުގެ މެދުތެރެއަށް ދިޔައިރު، މުޅި ރަށަށް އެ ޚަބަރު ފެތުރިއްޖެއެވެ. އެކަމަނާ އަނެއްކާވެސް ވަޑައިގަންނަވަނީއެވެ. ނަމަވެސް މިފަހަރު.. އެއީ ތަފާތު ދަތުރެކެވެ. އެއީ ސިއްރުވެރި، ނުވަތަ ބީރައްޓެހި ދަތުރެއް ނޫނެވެ. އެއީ އެންމެން އުންމީދު ކުރަމުން އައި، މަރުހަބާ ކިޔާނޭ ދަތުރެކެވެ.

އެމީހުން އައިސް ވާސިލުވުމުން، ޚަދީޖާގެ ހިތް އަވަސްވާން ފެށިއެވެ. އެއީ ބިރުގަތުމަކުން ނޫނެވެ. އެކަމަކު އިންތިޒާރުގެ ސަބަބުންނެވެ. ކުރީ ފަހަރު ވެސް އައި އުޅަނދު ގޭގެ ބޭރުގައި މަޑުކޮށްލިއެވެ. ޚާދިމު ކުރިއަށް ޖެހިލިއެވެ. އަދި ދެން.. ދޮންމާމަ ފައިބައިވަޑައިގަތެވެ. ނަމަވެސް ކުރީގެ އެ ހަރުކަށިކަމެއް މިއަދަކު ނެތެވެ.

މިއަދު، ދޮންމާމަގެ މޫނުމަތިން ފެންނަނީ މަޑުމޮޅިކަމެވެ. އެކަމަނާގެ ހައިބަތު ހުރި ނަމަވެސް، އެއަށްވުރެ ބޮޑަށް ފެންނަނީ އޯގާތެރިކަމެވެ. އިންސާނިއްޔަތުކަމެވެ.

ދޮންމާމަގެ ފަހަތުން ދެ ފިރިހެން ދަރިން ވެސް ފަހަތުން އައެވެ. އެމީހުންގެ ކިބައިން ވެސް ފެންނަނީ ތަފާތު ބަދަލެކެވެ. އެމީހުންގެ މޫނުމަތިން ކުރީގެ އެ ނުތަނަވަސްކަމެއް ނުފެނެއެވެ. މާ ބޮޑަށް ހަމަޖެހިފައި ތިބިހެން ހީވެއެވެ. އެމީހުންގެ އެތެރެހަށިން ވެސް ބަދަލެއް އައިސްފައިވާ ކަހަލައެވެ.

ޚަދީޖާ ކުޑަ ވަގުތުކޮޅަކަށް ހުއްޓި ހުއްޓެވެ. އަދި މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

“އައްސަލާމް ޢަލައިކުމް.” އޭނާ މަޑުމަޑުން ބުންޏެވެ.

“ވަޢަލައިކުމުއްސަލާމް، ދަރިފުޅާ،” ދޮންމާމަ ޖަވާބު ދެއްވިއެވެ.

ދޮންމާމަގެ އަޑު.. މިހާރު މާ އޯގާތެރިއެވެ.

ދެން ދޮންމާމަގެ ނަޒަރު ހުއްޓުނީ އެއްމާބަނޑު ދެބެއިންނަށެވެ. އެހެން ހުރިހާ ކަމެއް ހަނދާން ނެތުނު ފަދައެވެ. ދޮންމާމަ ވަގުތުން ކުރިއަށް ޖެހިލައި، ކެތްތެރިކަން ކޮޅުންލައި، އިޙުސާސްތަކުން ފުރިގެންވާ ގޮތަކަށް ކުދިންނާ ގާތްވިއެވެ.

“އޯހ..” އެކަމަނާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

ފުރަތަމަ ދުނިޔާ އުރާލިއެވެ. ނުހަނު ފަރުވާތެރިކަމާއެކުގައެވެ. ދޮންމާމަގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

“ޔާ ﷲ!”

ވަރަށް ލޯތްބާއެކު އެ ކުއްޖާގެ ބޮލުގައި ބޮސްދިނެވެ. ދެން ދާއިިންއާ ދިމާއަށް އެނބުރި، ހަމަ އެފަދަ ލޯތްބަކާއެކު އޭނާ އުރާލިއެވެ.

“މަގޭ ރީތި ދަރިފުޅުމެން..”

ދޮންމާމަގެ ލޮލުން ކަރުނަ އައެވެ. ފޮރުވުމެއް ނެތެވެ. ހިފެހެއްޓުމެއް ވެސް ނެތެވެ. އެ ދެ ކުދިން މޭގައި ޖައްސައި ބާރުކޮށްލީ، ގެއްލިގެން ދިޔަ އަހަރުތަކުގެ ބަދަލު ހޯދަން އުޅޭ ފަދަ ގޮތަކަށެވެ.

އަޙްމަދު ހިމޭންކަމާއެކު ބަލަން ހުއްޓެވެ. އަދި ފުރަތަމަ ފަހަރަށް.. އޭނާއަށް ފެނުނީ ބާރުގަދަ، ބީރައްޓެހި އަންހެނެއް ނޫނެވެ. ނަމަވެސް، އޭނާއަށް ފެނުނީ ހަމައެކަނި.. މާމައެކެވެ.

އެމީހުން ގޭތެރެއަށް ވަނެވެ. ދޮންމާމަ މަޑުޖެހިލިއެވެ. ވަށައިގެންވާ ކޮންމެ ތަނަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. ކޮންމެ ކުޑަ ކަމަކަށް ސަމާލުކަން ދެއްވިއެވެ. އެ ގޭގެ ސާދާކަމާއި، އޯގާތެރިކަމާއި، ދިރުމެވެ.

ދޮންމާމަގެ ލޮލުން މަޑުމޮޅިކަން ފާޅުވިއެވެ.

“މިއީ..” ދޮންމާމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މިއީ ހަޤީޤީ ގެއަކީ.”

ދޮންމާމަގެ އަޑުގައި ފަޚުރުވެރިކަން ހުއްޓެވެ. އަދި އެހެން ކަމެއް ވެސް ހުއްޓެވެ. ހިތާމައެވެ.

އެންމެން އެކުގައި އިށީނެވެ. ކާތަކެތި ސުފުރާމައްޗަށް އެރިިއެވެ. ދޮންމާމަ ފުރަތަމަ ފަހަރަށް ކެއުމުން އެތިކޮޅެއް ނެންގެވި ވަގުތު، ޚަދީޖާ ހުރީ ނުތަނަވަސްކަމާއެކު ބަލާށެވެ. އެއީ ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް އެއީ މުހިންމު ވަގުތެކެވެ. އެކަމަނާ ކެއުން މަޑުޖައްސާލިއެވެ. ދެން ޚަދީޖާއަށް ބަލައިލިއެވެ. އަދި އެކަމަނާގެ ލޮލުން ކަރުނަ އައެވެ.

“ދަރިފުޅާ..” ދޮންމާމަގެ އަޑު ކުރެހުނެވެ. “މި ވަރަށް ފުރިހަމަ.”

ދޮންމާމަގެ އަތް ޚަދީޖާގެ އަތްމަތީގައި މަޑުމަޑުން ބާއްވާލިއެވެ.

“މާތް ﷲ ދަރިފުޅަށް ބަރަކާތް ލައްވާށި!” ހިމޭން ވަގުތުކޮޅަކަށްފަހު ބުންޏެވެ. “އެކަލާނގެ މި ގެ ރައްކާތެރި ކުރައްވާށި!”

ޚަދީޖާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ފާޑުކިއުމެއް ނެތެވެ. އުންމީދުތަކެއްގެ ބުރައެއް ނެތެވެ. އޮތީ ހަމައެކަނި.. ފަޚުރުވެރިކަމެވެ. އަދި ފުރަތަމަ ފަހަރަށް.. ޚަދީޖާ ކުރިއަށް ޖެހިލައި އެކަމަނާގެ ގައިގައި ބައްދާލިއެވެ. ވަރަށް ބާރަށެވެ.

ދޮންމާމަ ކުޑަ ވަގުތުކޮޅަކަށް ގަނޑުވި ފަދަ އިޙުސާސެއް ކުރެވުނެވެ. ނަމަވެސް މަޑުމަޑުން.. ދޮންމާމަގެ ދެއަތުން ޚަދީޖާގެ ގައިގައި ބައްދާލިއެވެ. އެހާމެ ބާރަށެވެ. ދިގު އަހަރުތަކެއްގެ ދުރުމިން.. އެންމެ ވަގުތުކޮޅެއްގެ ތެރޭގައި ފޮހެވިގެން ދިޔައެވެ.

ކުޑަ ވަގުތުކޮޅަކަށްފަހު، މާހައުލު ހަމައަކަށް އެޅުނެވެ. ހިތްފަސޭހަވެފައި އޯގާތެރިއެވެ. ދެން އަނެއްކާވެސް ދޮންމާމަ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ނަމަވެސް މިފަހަރު.. ދޮންމާމަގެ ރާގު ކުޑަކޮށް ބަދަލުވިއެވެ. މާ ސީރިއަސްވެފައި، ކަމަކަށް އަމާޒުވެފައިވާ ފަދައެވެ.

“ޚަދީޖާ.”

ޚަދީޖާ ދޮންމާމައަށް ބަލައިލިއެވެ.

“އަހަރެން ދަރިފުޅާ ދައްކަން ބޭނުންވާ ވާހަކައެއް އެބައޮތް.”

އަޙްމަދުގެ ސަމާލުކަން އިތުރުވިއެވެ. ފިރިހެން ދަރިން ވެސް ސީދާވެލިއެވެ. ދޮންމާމަ ވާހަކަ ކުރިއަށް ގެންދެވިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top