އެޑިތު ކޯވަން ޔުނިވަރސިޓީން (އީސީޔޫ) ހެދި ދިރާސާއަކުން ދައްކާގޮތުގައި، ބްރޮކޮލީ އާއި ކޭލް ފަދަ “ކްރޫސިފަރަސް” އާއިލާގެ ތަރުކާރީތަކަކީ ކައްޓަލަ ނުވަތަ ކެރެޓު ފަދަ ބިމުގެ އަޑީގައި ހެދޭ ތަރުކާރީތަކަށްވުރެ ބޮޑަށް ލޭގެ ޕްރެޝަރު ދަށްކޮށްދޭ އެއްޗެހިތަކެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
އޮސްޓްރޭލިއާގެ މެދުއުމުފުރައިގެ އަދި ދޮށީ އުމުރުގެ މީހުންގެ ތެރެއިން ލޭގެ ޕްރެޝަރު މަތި މީހުން ބޭނުންކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި، ބްރޮކޮލީ، ބޮނޑިކޮޕީ ފަތް (ކެބެޖް)، ކޭލް އަދި ކޮލިވްލާވަރަ ފަދަ ތަރުކާރީތަކުން ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
އެޑިތު ކޯވަން ޔުނިވަރސިޓީގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ މި ދިރާސާގައި، ދުވާލަކު ހަތަރު ފަހަރު ކްރޫސިފަރަސް ތަރުކާރީ ބޭނުންކުރުމުން، ކެރެޓު، އަލުވި، ކަނަމަދު އަދި ބަރަބޯ ފަދަ ތަރުކާރީތަކާ އަޅާބަލާއިރު ލޭގެ ޕްރެޝަރު ބޮޑުތަނުން ދަށްވާކަން ފާހަގަކުރެވުނެވެ.
މި ދިރާސާގައި ބައިވެރިވި ޕީއެޗްޑީ ދަރިވަރު އެމާ ކޮނޮލީ ވިދާޅުވި ގޮތުގައި، މި ބާވަތުގެ ތަރުކާރީގައި ހިމެނޭ “ގްލޫކޯސިނޮލޭޓްސް” ކިޔާ މާއްދާއަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ އެއްޗެކެވެ. މީގެ ކުރިން ޖަނަވާރުން ބޭނުންކޮށްގެން ކުރި ދިރާސާތަކުން މިކަން އެނގުނު ނަމަވެސް، އިންސާނުންގެ މައްޗަށް މިފަދަ ހެކިތަކެއް ލިބިފައިވަނީ މަދު މިންވަރަކަށެވެ.

“ކޭލް” އަކީ ތަފާތު ރަހަތަކާއި ކުލަތަކުން ސަލަޑް ފުރިހަމަކޮށްދޭ، ސިއްހީ ގޮތުން ނުހަނު ފައިދާ ބޮޑު ތަރުކާރީއެއް
ޞިއްޙީ އިތުރު ފައިދާތައް
ކްރޫސިފަރަސް ތަރުކާރީގައި ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ އިތުރު މާއްދާތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި “ނައިޓްރޭޓް” އާއި “ވިޓަމިން ކޭ” ހިމެނެއެވެ.
އެމާ ކޮނޮލީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޭގެ ޕްރެޝަރު މަތިވުމަކީ ހިތުގެ ބަލިތައް ޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް މި ނުރައްކާ އިތުރުވެއެވެ. ތަރުކާރީ ކެއުން އިތުރުކުރުމަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. ޚާއްޞަކޮށް ބްރޮކޮލީ އާއި ކޮޕީ ފަދަ ތަރުކާރީތަކަކީ އެހެން ތަރުކާރީތަކަށްވުރެ ބޮޑަށް ހިތުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ތަރުކާރީތަކެކެވެ.
ދިރާސާވެރިޔާ ޑރ. ލޯރެން ބްލެކެންހޯސްޓް ވިދާޅުވި ގޮތުގައި، އޮސްޓްރޭލިއާގެ ފުރާވަރުގެ މީހުންގެ ތެރެއިން ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ތަރުކާރީ ބޭނުންކުރަނީ ކޮންމެ 15 މީހަކުން އެކަކަށްވުރެ ވެސް މަދު އަދަދެއްގެ މީހުންނެވެ. އަދި ކްރޫސިފަރަސް އާއިލާގެ ތަރުކާރީއަކީ މީހުން އެންމެ މަދުން ބޭނުންކުރާ ތަރުކާރީގެ ބާވަތެވެ. ނަމަވެސް، މި ބާވަތުގެ ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރުކޮށްފިނަމަ، ލޭގެ ޕްރެޝަރު ދަށްކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. މި ފައިދާ ދެމެހެއްޓުމަށްޓަކައި، ހަފުތާގެ ގިނަ ދުވަސްތަކުގައި މިފަދަ ތަރުކާރީ ކެއުމަށް އޭނާ އިރުޝާދު ދެއްވިއެވެ.
ދިރާސާގެ ތަފުސީލާއި ނަތީޖާ
މި ދިރާސާ ކުރިއަށް ގެންދިޔައީ ހަ ހަފުތާގެ މުއްދަތަށެވެ. ބައިވެރިން ދެ ހަފުތާ ވަންދެން ވަކި ޚާއްޞަ ކާނާއެއް ބޭނުންކުރުމަށްފަހު، ދެން އޮތް ދެ ހަފުތާގައި އާންމުކޮށް ކައިއުޅޭ ތަކެތި ބޭނުންކުރިއެވެ.
އެއް މަރުހަލާގައި ބައިވެރިން ކޮންމެ ދުވަހަކު ހަތަރު ފަހަރު ކްރޫސިފަރަސް ތަރުކާރީގެ ސޫޕް ބޭނުންކުރިއިރު، އަނެއް މަރުހަލާގައި ބޭނުންކުރީ ބިމުގެ އަޑީގައި ހެދޭ ތަރުކާރީގެ ސޫޕެވެ. މި ދެ މަރުހަލާގެ ކުރިންނާއި ފަހުން 24 ގަޑިއިރު ވަންދެން މެދުނުކެނޑި ލޭގެ ޕްރެޝަރު ބެލިއިރު، ކްރޫސިފަރަސް ތަރުކާރީ ބޭނުންކުރި މީހުންގެ ލޭގެ ޕްރެޝަރު 2.5 mmHg އަށް ދަށްވިކަން ފާހަގަކުރެވުނެވެ.
މި ބަދަލަކީ އެމީހުންގެ ދިރިއުޅުމުގެ އެހެން އާދަތަކަކާ ގުޅިގެން އައި ބަދަލެއް ނޫންކަން ދިރާސާއިން ވަނީ ކަށަވަރުކޮށްފައެވެ. ލޭގެ ޕްރެޝަރަށް އައި މި ކުޑަ ބަދަލުގެ ސަބަބުން ވެސް ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުސަތު %5 ކުޑަކޮށްދެއެވެ.
ހާޓް ފައުންޑޭޝަނުން މި ދިރާސާގެ ނަތީޖާއަށް މަރުހަބާ ކިޔާފައިވެއެވެ. އެ ފައުންޑޭޝަނުގެ ހާޓް ހެލްތު މެނޭޖަރު ކިމް ލޭންގް ވިދާޅުވީ، ހިތުގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެ ދުވަހަކު ވެސް ތަފާތު ބާވަތްތަކުގެ ތަރުކާރީ ކެއުމަށް ބާރުއަޅާ ކަމަށާއި، ކެއުމުގައި ބްރޮކޮލީ ނުވަތަ ކޭލް ފަދަ ތަރުކާރީ ހިމެނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
