ދިރިހުރި ވެން ނުވަތަ އެފަދަ ތަކެތި ހަށިގަނޑުގެ ނާޒުކު ގުނަވަންތަކާ، ނުވަތަ މުޅި ހަށިގަނޑާވެސް ދުރުގައި ބެހެއްޓުމަކީ އެންމެ ރައްކާތެރި ގޮތްކަން އާންމުކޮށް އެންމެނަށްވެސް އެނގޭނެއެވެ. ނަމަވެސް، މިކަމުގައި ކުޑަވެސް ޝައްކެއް އޮތް ބަޔަކަށް، ބަންގްލަދޭޝްގެ 55 އަހަރުގެ މަސްވެރިއަކަށް ދިމާވި ހިތާމަވެރި ހާދިސާއަކީ މުހިންމު ފިލާވަޅެކެވެ.
ބަންގްލަދޭޝްގެ މި މީހާ ސިއްހީ އެހީތެރިކަމަށް އެދުނީ ބަނޑުގައި ވަރަށް ގަދައަށް ރިއްސުމާއި، ބަނޑުގެ އެތެރޭގެ ފަށަލައަށް ޖެހޭ ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ ‘ޕެރިޓޮނައިޓިސް’ގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. މިއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެކެވެ.
ބަންގްލަދޭޝް އާއި ނޭޕާލްގެ ޑޮކްޓަރުން ‘އިންޓަނޭޝަނަލް ޖަރނަލް އޮފް ސާރޖަރީ ކޭސް ރިޕޯޓްސް’ގައި ހާމަކޮށްފައިވާ ގޮތުގައި، އެ މީހާގެ ހާލަތު ސީރިއަސްކަން ވަގުތުން ދެނެގަނެވި، ކަމާބެހޭ ގިނަ ތަހުލީލުތަކެއް ވަނީ ކޮށްފައެވެ.
ޑޮކްޓަރުން އިތުރަށް ސުވާލުކުރުމުން އެ މީހާ ވަނީ، އޭގެ ކުރީ ދުވަހު މަހަށް ގޮސް އުޅުމުގެ ތެރޭގައި އޭނާގެ އަންނައުނުގެ ތެރެއިން ލާފައި ފުރަގަސްފަރާތުން ހަށިގަނޑުގެ އެތެރެއަށް ވެނެއް ވަދެފައިވާ ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް، އެކަމާ ލަދުގަތުމުގެ ސަބަބުން ސިއްހީ އެހީތެރިކަން ހޯދަން އޭނާ ފަސްޖެހުނީއެވެ. އޭނާ އުއްމީދުކޮށްގެން ހުރީ އެ ވެން އަމިއްލައަށް ހަށިގަނޑުން ބޭރުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓުގައި ކްލިނީޝަނުން ބަޔާންކޮށްފައިވާ ގޮތުގައި، ހަށިގަނޑާ ބީރައްޓެހި ބޭރުގެ އެއްޗެހި ދިރުވާލުމަކީ ނުވަތަ ހަށިގަނޑުގެ ތެރެއަށް ލެވުމަކީ، ޚާއްޞަކޮށް ބައެއް ކަހަލަ މަސައްކަތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި އުޅޭ މީހުންގެ މެދުގައި އާންމުކޮށް ހިނގާ ކަމެކެވެ.
އެހެންނަމަވެސް، މަހެއް ފަދަ ދިރިހުރި މަޚްލޫޤެއް ގޮހޮރުގެ ފާރު ފޫއަޅުވާލުމަކީ ވަރަށް އާދަޔާ ހިލާފު، އަދި މިހާތަނަށް އެފަދަ ހާދިސާތަކުގެ މައުލޫމާތު ވަރަށް މަދުން ނޫނީ ރެކޯޑުކުރެވިފައި ނުވާ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މި މީހާގެ ބަނޑުގެ އެކްސް-ރޭއިން، ޝައްކުކުރެވޭ ގޭހުގެ ހިޔަނި (ހުދު ތީރުން ފާހަގަކޮށްފައި) އަދި ބަނޑުގައި އޮތް ވެން (ރަތް ތީރުން ފާހަގަކޮށްފައި) ފެންނަން އެބަހުއްޓެވެ. (މަގްބޫލް އަދި އެހެން ބޭފުޅުން، އިންޓަނޭޝަނަލް ޖާނަލް އޮފް ސާޖަރީ ކޭސް ރިޕޯޓްސް، 2026)
ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މީގެ ކުރިން މިފަދަ ހާދިސާއެއް ރިކޯޑު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2004 ވަނަ އަހަރު ހޮންކޮންގްގައެވެ. އެ ހާދިސާ މާ ބޮޑަށްވެސް އާދަޔާ ހިލާފެވެ. ސަބަބަކީ، އެ ފަހަރު އުމުރުން 50 އަހަރުގެ އެ މީހާ، ބަނޑުހިކުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ނިޔަތުގައި، ގަސްތުގައި އޭނާގެ ފުރަގަސްފަރާތުން ވެނެއް އެތެރެކޮށްފައިވާތީއެވެ.
ސާފުކޮށް ބުނާނަމަ، އަމިއްލަ ސިއްހަތާއި ސަލާމަތަށްޓަކައި، ދިރޭ ވެން ފަދަ ތަކެތި ފުރަގަސްފަރާތާ ކައިރިކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
ބަންގްލަދޭޝްގައި ހިނގި ހާދިސާއަށް ބަލާއިރު، ހެދި ސްކޭންތަކުން އެނގުނު ގޮތުގައި އެ މީހާގެ ބަނޑުގެ ފަށަލައަށް ގެއްލުންވެ ‘ޕެރިޓޮނައިޓިސް’ އަދި ‘ނިއުމޯޕެރިޓޯނިއަމް’ \ފަދަ ސިއްހީ ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ. މިއީ ބަނޑުގެ ތެރޭގައި ނުރައްކާތެރި ގޮތަކަށް ވައި ބަންދުވުމުގެ ސަބަބުން ދިމާވި ކަމެކެވެ. މީގެއިން ވަރަށް ބޮޑަށް ދޭހަކޮށްދެނީ ގޮހޮރުގެ ފާރު ހަލާކުވެ، ހަށިގަނޑުގެ ތެރޭގައި ނުރައްކާތެރި އިންފެކްޝަނެއް އުފެދުމުގެ ފުރުސަތު އޮތް ކަމެވެ.
ކުއްލި ހާލަތުގައި ކުރެވުނު އޮޕަރޭޝަނެއްގެ ތެރެއިން، ބޮޑު ގޮހޮރުގެ އެންމެ ތިރީ ބައި ކަމަށްވާ ‘ސިގްމޮއިޑް ކޯލޯން’ އިން 5 ސެންޓިމީޓަރު (2 އިންޗި) ގެ ބޮޑު ލޯވަޅެއް ހުރިކަން ޑޮކްޓަރުންނަށް ފާހަގަކުރެވުނެވެ. މީގެ އިތުރުން، އެ މީހާގެ ހަށިގަނޑުގެ ތެރެއިން ދިރިހުރި، ތެޅިތެޅި އޮތް 65 ސެންޓިމީޓަރު (ގާތްގަނޑަކަށް 26 އިންޗި)ގެ ވެނެއް ނެގުމުގެ ސާޖަރީއެއް ޑޮކްޓަރުންނަށް ކާމިޔާބުވިއެވެ.
މިފަދަ ބިރުވެރި އަދި ހިތްދަތި މަންޒަރެއް ފެނުމުން އާންމުކޮށް ކޮންމެ މީހަކުވެސް ހޭނެތިދާނެއެވެ. ނަމަވެސް، އެ މަސްވެރިޔާއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ގާބިލު ފަންނީ ބޭފުޅުން މި ހާދިސާ ބެލީ، ސިއްހީ ދާއިރާއިން އައު ތަޖުރިބާތަކެއް ލިބިގެންދިޔަ މުހިންމު ފިލާވަޅެއްގެ ގޮތުގައެވެ.
މެޑިކަލް ޓީމުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ވެން، ފުރަގަސްފަރާތުން ވަދެ ސިގްމޮއިޑް ކޯލޯން (ބޮޑުގޮހޮރުގެ ބައެއް) ވީދާލި ގޮތަކީ، އެ ސޫފީގެ އުޅުމާއި އިންސާނާގެ ހަޖަމުކުރާ ނިޒާމުގެ އޮނިގަނޑާ ބެހޭގޮތުން އިތުރަށް ދިރާސާކުރަންޖެހޭ މުހިންމު ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ބަލިމީހާގެ ހަށިގަނޑުން ނެގި ދިރިހުރި ވެން. (މަގްބޫލް އަދި އެހެން ބޭފުޅުން، އިންޓަނޭޝަނަލް ޖާނަލް އޮފް ސާޖަރީ ކޭސް ރިޕޯޓްސް، 2026)
ދިރިހުރި މަސްފަދަ ތަކެތި އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަނުމުން ދިމާވާ ނުރައްކާތަކާ ބެހޭ އާންމު އިރުޝާދުތަކުގެ އިތުރުން، ސާޖަރީ ޓީމުން ފާހަގަކުރާ މުހިންމު އެހެން ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، ބަނޑުގައި ރިހުމުގެ ޝަކުވާ ކުރާ ބަލިމީހުން ބެލުމުގައި، މިފަދަ ގޮތަކަށް ގޮހޮރު ވީދިފައި ހުރެދާނެކަމުގެ ފުރުސަތަށް ޑޮކްޓަރުން ސަމާލުކަން ދޭންޖެހޭކަން އެ ޓީމުން ފާހަގަކުރެއެވެ.
ދެވަނަ ކަމަކީ، ބަލިމީހާގެ ފަހުގެ ސިއްހީ ހާލަތާއި މާޒީގައި ކުރިމަތިވެފައިވާ ބަލިތަކާ ބެހޭގޮތުން ފުންކޮށް ސުވާލުކޮށް މައުލޫމާތު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިފަދަ ސުވާލުތައް ކުރުމަކީ ބައެއް ފަހަރު ކިތަންމެ އުނދަގޫ ނުވަތަ ލަދުވެތި ކަމަކަށް ވީނަމަވެސް، މިއީ އެމީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތަކަށް ވެދާނެއެވެ.
މިކަމާ ގުޅޭގޮތުން ޑޮކްޓަރުން ލިޔުއްވާފައިވަނީ، ބަލީގެ އަލާމާތްތަކާ ގުޅުންހުރި ލަދުވެތި ނުވަތަ އާދަޔާ ހިލާފު ކަންކަން ހާމަކުރަން ބަލިމީހުން ފަސްޖެހިދާނެތީ، ވީހާވެސް އަވަހަށް އަދި ފުރިހަމަ ގޮތެއްގައި ބަލިމީހާގެ ސިއްހީ މައުލޫމާތު (މެޑިކަލް ހިސްޓްރީ) ހޯދުމަކީ، ބައްޔާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ދެނެގަތުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި ރިޕޯޓު ތައްޔާރުކުރެއްވި ފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި، ބަނޑުގައި ރިއްސުމަށް މެދުވެރިވާ އާދަޔާ ހިލާފު ސަބަބުތަކަށް، ހާއްސަކޮށް ބަލިމީހާ ކުރާ މަސައްކަތުގެ ތާރީޚާ ގުޅުންހުރި ކަންކަމަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
އަދި ބަލިމީހާގެ ފަރުވާ ކާމިޔާބުކޮށް، ހާލަތު ރަނގަޅުކުރުމަށްޓަކައި ލަސްނުކޮށް އޮޕަރޭޝަން ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް އެ ފަރާތްތަކުން ބަޔާންކުރައްވައެވެ.
މި މައްސަލައާ ގުޅޭ ރިޕޯޓު މިހާރު ވަނީ “އިންޓަނޭޝަނަލް ޖާނަލް އޮފް ސާޖަރީ ކޭސް ރިޕޯޓްސް”ގައި ޝާއިއުކޮށްފައެވެ.
