ދީނީ ސުވާލެއް އޮތީތަ؟
އިންޓަވިއު
“އީސާ އާޓްސް” – ފަންނުތަކުގެ ކަނޑެއް ފަދަ ވެބްސައިޓް ލޯންޗްކުރަނީ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

2017 ވަނަ އަހަރުގެ ފަހުކޮޅު ޢީސާ ޝަރީފު ޅެން ހަދަން ފެށުމާއެކު، 2018 ވަނަ އަހަރުގެ ކުރީކޮޅުގައި، ރަށްރަށަށް ގޮސްގެންނާ އޮންލައިންކޮށް ޅެންވެރިކަން ކިޔަވައިދޭން ފެށިއެވެ. އަދި 2019 ގައި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، އެންމެންހެން ގޭބަންދުގައި ތިބެން ޖެހުނު ވަގުތުގައި، ކޮންމެވެސް ކަމެއް މުޖުތަމަޢުއަށް ކޮށްދިނުމުގެ މަޤުޞަދުގައި އަތޮޅުތަކުގެ ސްކޫލްތަކަށް ހިލޭ ސާބަހަށް ޅެންވެރިކަން އުނގަންނައިދިނުމަށްޓަކައި އީއޯޕީ (އީސާ އޮންލައިން ޕޮއެޓްރީ) ގެ ނަމުގައި އޮންލައިން ޙަރަކާތްތަކެއް ފެށިއެވެ. އެ ޕްރޮގްރާމުތަކުގައި 2300 ވަރަކަށް ދަރިވަރުންނަށާ ޓީޗަރުން އަދި ބެލެނިވެރިންނަށް ކިޔަވައިދިނެވެ. މިގޮތުން ކޮވިޑްގެ ބަންދުން ސަލާމަތްވުމަށް ފަހުގައިވެސް، މި ޙަރަކާތްތައް އިތުރަށް ފުޅާކޮށް، ކްލާސްތައް އާންމުންނަށްވެސް ހިނގަން ފެށިއެވެ.

އީސާ ޝަރީފު ޑޮޓް ކޮމްގެ ނަމުގައި ވެބްސައިޓެއް ހަދައި، ހިލޭ ނެގޭނޭހެން، ޅެންވެރިކަން އުނގަންނައިދޭ އެތައް ފޮތެއް ލިޔެ ޕަބްލިޝްކުރިއެވެ. 2018 އިން 2026 ފެށެންދެން އެ ވެބްސައިޓުން ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދިނެވެ. ނަމަވެސް އީއޯޕީ، އެ ނަމަކީ ހަމައެކަނި އޮންލައިންއަށް އަދި ހަމައެކަނި ޅެންވެރިކަމަށް އަމާޒުކޮށް ހެދިފައިވާ ނަމެއްކަމަށްވާތީ މިހާރު އިތުރަށް އޭގެ ދާއިރާތައް ފުޅާކޮށް އިތުރު އެތައް ރޮނގަކުން އުނގަންނައިދެމުން ދާތީ، 23 އޮކްޓޫބަރ 2025ގައި، އީސާ އާޓްސް ގެ ނަމުގައި ރަސްމީކޮށް ޖަމްޢިއްޔާއެއް ރެޖިސްޓްރީކޮށްފައި ވެއެވެ.

އީސާ އާޓްސްގެ ވެބްސައިޓެއް އާންމުކޮށް ހުޅުވާލަން މަސައްކަތް ކުރަމުން ދާތީ، އެ ވެބްސައިޓާ އަދި އޭގެ ޚިދުމަތްތަކުގެ ތަފްސީލެއް ހޯދާލުމަށް، އީއޯޕީ އަދި އީސާ އާޓްސްގެ ފައުޑަރ ޢީސާ ޝަރީފާ ވާހަކަދައްކާލީމެވެ.

އީސާ އާޓްސްގެ ވެބްސައިޓްގެ މަސައްކަތް ފުޅާކުރާ ވާހަކަ އަޑުއިވިފައި އޮތީ. މިހާރު ވެބްސައިޓްގެ މަސައްކަތް ކިހާ ހިސާބަކަށް ގޮއްސިތޯ؟

 ވެބްސައިޓް އޮތީ ނިމިފައި. އެކަމު އިތުރު އެޕްލިކޭޝަންތަކެއް ޑިޒައިންކުރަމުން ދާތީ ކުޑަކޮށް ލަސްވަމުން މިދަނީ، އެކަމަކު މިހާރުވެސް ވެބްސައިޓް ލައިވް ވާނެ، ބޭނުންވެސް ކުރެވޭނެ.

އެއީ ކޮންކަހަލަ އެޕްތަކެއްކަން ހިއްސާކޮށްލެވިދާނެތޯ؟

 އެއީ އުނގެނުމަށް ވަރަށް ބޭނުންތެރި އެޕްތަކެއް. ތަފާތު 4 އެޕެއް އޮންނާނެ.

އެހެންތޯ. އެޕްތަކުގެ އިތުރު ތަފްސީލެއް ދެއްވިދާނެތޯ؟

 ފުރަތަމަ އެޕަކީ “ޅެންވެރިޔާ” ކިޔާ އެޕެއް. މީ ޅެން ލިޔަން ދަސްކުރާ، ފަށައިގަންނަ ދަރިވަރުންނަށް، ވަޒަނާ ހަމަތަކާ އަދި ޅެމުގެ ޤަވާއިދުތައް ދަސްކުރަން ވަރަށް ފަސޭހަވާނެ އެޕެއް. ތައްގަނޑުތަކާ ކާފިޔާ އަދި ބަނޑުވައް އަޑުތައް ގޯސްނަމަ ގޯސްކަންވެސް ބުނެދޭނެ. އަދި ވަޒަނުން ބޭރުވަމުން ދާނަމަ، އެކަންވެސް ބުނެދޭނެ. މީގެ އިތުރުން، އެ ބައިތަކާ ގުޅުންހުރި ޕީޑީއެފް ފިލާވަޅުތައްވެސް، އޮޅުން އަރާނަމަ އެޕްތެރޭން ހަމަ ބަލައިލެވޭނެ. އަދި ރަދީފުވެސް ފަސޭހައިން ބަލާލެވޭނެ.

މިވެސް ކިޔާލަން:  "ބަވަތި"އަށް އިފްނާޒް 16 ކިލޯ ލުއިކޮށްލި!

 

ތީ ވަރަށް ވަރުގަދަ މުހިންމު މަސައްކަތެއް. މި އެޕް ބޭނުންކުރަން ކިހިނެއްތޯ ހަދަންޖެހޭނީ؟

 މީ ސަބްސްކްރައިބް ކޮށްގެން ބޭނުންކުރެވޭ އެޕެއް. އަގުތައް މާ ބޮޑެއް ނުވާނެ، އެކި މުއްދަތައް ނެގެން އޮންނާނެ.

ޑައުންލޯޑް ކުރަންތޯ ޖެހޭނީ؟ ނޫނީ އޮންލައިންކޮށް ބޭނުންކުރެވޭ ގޮތަށްތޯ އޮންނާނީ؟

 އޮންލައިން ކޮށް ބޭނުންކުރެވޭނީ. އަގުދެއްކި މުއްދަތާ ހަމަޔަށް، ބޭނުންކުރެވޭނެ.

“ޅެންވެރިޔާ” އެޕްގެ އިތުރުން ދެން އޮތީ ކޮން އެޕެއްތޯ؟

 ދެން އޮންނާނެ ޚާއްސަކޮށް ޅެން ލިޔަން ބޭނުން ކުރެވޭ އެޕެއް. “ގަލަން” ކިޔާ އެޕެއް. އެއީ ހިލޭ ޑައުންލޯޑް ކޮށްގެންވެސް ގެންގުޅެވޭނެ. އަދި އަޕްޑޭޓްސްވެސް ލިބޭނެ.

“ގަލަން” އެޕްގައި ތަފާތު ކޮން ކަންކަމެއްތޯ ހުންނާނީ؟

 ގަލަން އެޕްގައި ލިޔުމުގެ ސައިޒާ ސުރުޚީ ސައިޒާ އަދި ކުލަޔާ، ކަރުދާހުގެ ކުލަވެސް ބަދަލުކުރެވޭނެ. އެތައް ފޮންޓެއް އޭގެތެރޭން ބޭނުންކުރެވޭނެ. ސުރުޚީ ފޮންޓްތައްވެސް ހުންނާނެ. އަދި އިނގިރޭސިންވެސް ބޭނުމިއްޔާ ލިޔެވޭނެ. ސިޓީ ނޫނީ ނޯޓް ކޮށްލާ ހަދާއިރު، އައިޑީ ނަމްބަރު ކަހަލަ އަދި އިތުރު ޕެރެގްރާފުތަކުގައިވެސް ދެ އަކުރުންވެސް ލިޔެވޭނެ. އެންމެ ފަސޭހަ އެއްކަމަކީ، ސޭވްކުރާއިރު ކެޓެގަރީތަކަށް ވަކިން ސޭވްކޮށް ހެދޭނެ. ފަހުން ޅެމެއް އެއްޗެއް ހޯދާލަންވެސް އޭރުން ވަރަށް ފަސޭހަވާނެ. ހުރިހާގޮތަކަށް ޝެއާރވެސް ކުރެވޭނެ. ސާރޗްވެސް ކުރެވޭނެ. އަދި ޅެން ލިޔާއިރު ދެ ފޮޅުވަތުން ޅެން ލިޔާ ސްޓައިލަށް އޮޓޯ ޓެބްވެސް ކުރެވެމުން ދާނެ އޭރުން ސްޕޭސް ޖަހައިގެން ކޮންމެ ދެފޮޅުވަތުން އެއް ފޮޅުވަތް ޖާގަހަދަން އުޅޭކަށް ނުޖެހޭނެ. އޮންނާނެ ތިން ފޮޅުވަތް އަދި ހަތަރު ފޮޅުވަތަށްވެސް ބަދަލުކުރެވެން.

ތީ ޅެން ލިޔުމުގައި ވަރަށް ފަސޭހަ ކަމަކަށްވާނެ. ދެން ކޮން އެޕްތަކެއްތޯ ތައްޔާރުކުރަމުން ދަނީ؟

މިވެސް ކިޔާލަން:  ފުވައްމުލަކު އަންހެނަކާ ނޮޅިވަރަމު ފިރިހެނެއް ދިމާވުމުގެ ނަތީޖާ

 ދެން އޮތީ ޅެންވެރިކަމާ ގުޅުންހުރި އެޕެއް ނޫން. އެކަމަކު ވަރަށް މުޖުތަމަޢުތެރެއަށް މިވަގުތަށް ބޭނުންވެފައި އޮތް އެޕެއް. އެއީ ތުއްތު ކުދިންނަށް އަރަބި ތާނަ ލިޔަން ދަސްކޮށްދޭ އެޕެއް. އޭގައި ތާނަވެސް އަރަބިވެސް ލިޔާ ގޮތާ، އަޑާއެކު ބުނެދިނުމާ، އަދި މީގެ އިތުރުން، ނަވަތަ ވެސް ހިމަނާފަ އޮންނާނެ. ކުއްޖާއަށް ފޯނުގައި ނޫނީ ޓެބްގައި އަތުން ލިޔެވެސްލެވޭނެ. މައިންބަފައިނަށް ވަރަށް ފަސޭހައިން ކުދިންނަށް ލިޔަން ދަސްކޮށްދެވޭނެ މި އެޕް ތެރޭން.

ވަރަށް ބޮޑު މުހިންމު މަސައްކަތެއް ތިޔައީ. ތިޔަ އެޕް ޑައުންލޯޑް ކުރެވޭނެތޯ؟

 މި އެޕްވެސް ސަބްސްކްރައިބް ކުރަން ޖެހޭނީ. ޓްރައިލް އެއް ދުވަސް ހިލޭ ލިބޭނެ. ދެން ރެޖިސްޓަރ ކޮށްލީމަ އެކި މުއްދަތައް ލިބޭނެ. ކުއްޖާގެ ނަމާ ފޮޓޯއަކާ ސޭވްކުރެވޭނެ. 2 ކުދިންނަށް އެއް ސަބްސްކްރިޕްޝަންގައި ބޭނުން ކުރެވޭނެ. އަދި އިތުރު ކުއްޖަކު ލަންޏާވެސް ލެވޭނެ އޮޕްޝަނެއްވެސް އޮންނާނެ.

ވަރަށް ތަފާތު މަސައްކަތްތަކެއް ތިޔަ ކުރައްވަނީ. ދެން އެންމެ ފަހު އެޕަކަށް އޮތީ ކޮން އެޕެއްތޯ؟

 ދެން އޮތީ ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހަދާފައި އޮތް އިނގިރޭސި ކިޔަވައިދޭ އެޕެއް. ހަމަ އޭބީސީން ފެށިގެން. ދިވެހިން ބުނެދީފަވެސް ހުންނާނެ. އެއްގޮތަކަށް އިނގިރޭސި ނޭނގޭ ބޭފުޅުންނަށްވެސް ވަރަށް ފަސޭހަވާނެ. މި އެޕްގެ ލެވެލް ދޭއްވެސް އޮންނާނެ.

މިވަގުތަށް ދިވެހިންނަށް ވަރަށް ބޭނުންތެރި އެޕްތަކަކަށް ތި އެޕްތައް ވާނެ. ދެން ތި އެޕްތަކުގެ އިތުރުން ވެބްސައިޓުން ލިބޭނީ ކޮން ޚިދުމަތްތަކެއްތޯ؟

 މިފަހަރުވެސް ހިލޭ ފޮތްތަކާ. ކުޑަކުދިންގެ، ގަނެގެން ގެންގުޅެވޭނެ، ވަރަށް ފޫހިފިލުވައިދޭނެ، ބެޑްޓައިމް ސްޓޯރީކަހަލަ ފޮތްތަކާ. އަދި އެތައް ފޮންޓްތަކެއް ގަންނަށް ލިބެން ހުންނާނެ. އަދި ވަރަށް ގިނަ އާ ފޮންޓުތައް އިތުރުކޮށްފަވެސް ހުންނާނެ. އަދި މުޅިން އަލަށް އަޅުގަނޑުމެން ފަށާ، ޓްރޭނިންގ ޕްރޮގްރާމްތަކެއް ވެސް ހުންނާނެ. މިޔުޒިކާ ލަވަކިޔުމާ ލަވަހެދުމާ އަދި ގިޓާ ޑްރަމް ކަހަލަ އިންސްޓްރުމެންޓްސް ދަސްކޮށްދިނުމާ، އަދި ރިސޯރޓް މިޔުޒިކަށް ކުދިން ތައްޔާރުކޮށްދިނުމާ، އެކަމަށް ބޭނުންވާ ތަކެތި ހޯދޭނެ މަގުތައްވެސް ފަހިކޮށްދެވިފައިވާނެ.

ތިޔަ ޓްރޭނިންގ ޕްރޮގްރާމްތަކުގައި ކިހިނެއްތޯ ކިޔަވައިދެއްވަން ނިންމަވާފައި އޮތީ؟

މިވެސް ކިޔާލަން:  އަކްޘަމްގެ ފުރަތަމަ އިންސްޓްރޫމެންޓަލް ކަވަރވެސް ޑީބީ ރެކޯޑްސް އިން

 މިއިން ކޮންމެ ކަމެއްވެސް ކިޔަވައިދޭނީ އެކަމަށް ހަމަ ޤާބިލު ފުންނާބުއުސް ފަންނީ ތަޖުރިބާކާރުން. މިހާރުވެސް 4 ޓީޗަރަކު އަޅުގަނޑުމެން އަންޔަންކޮށްފައި ވާނެ.

އެއީ ކޮންކޮން ބޭފުޅުންނެއްތޯ؟

 ލަވަޔަށް ޢަބްދުލްހަންނާނު މޫސާ ދީދީ އަދި މަޝްހޫރު ޝަފީޤް ސަރ. ގިޓާރ ކޯޑްސް އަށް ޢަލީ ނާޒް. މީގެ އިތުރުން ޅެންވެރިކަމުގެ ބަޔަށް އަޅުގަނޑު.

ތިޔަ ޓްރޭނިންގ ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ އަގުތަކަކީ ކޮބައިތޯ؟

 މިކަންކަމުގެ އަގު ކަނޑައަޅާނީ، އެ ކަމެއްގެ ބޭނުންވާ ފެންވަރާ ކަމަކާ އެނގުނީމަ. އަޅުގަނޑުމެން މިކަންކަން އައުޓްސޯސް ކުރާނީ އެފަރާތްތަކަށް. އެބޭފުޅުންނާ ދަރިވަރާ ދެމެދު މުއާމަލާތް ހިނގާނީ. އަޅުގަނޑުމެން މޮނީޓަރ ކުރަމުން ދާނީ.

ތިޔަ ފާހަގަކުރެއްވި ކަންކަމުގެ އިތުރުން ދެން ވެބްސައިޓްގެ ޚާއްސަ ކަމެއް އޮންނާނެތޯ؟

 މިފަހަރުގެ ވެބްސައިޓަކީ ކުޑަވަރެއްގެ އާކައިވް އެއްވެސްމެ. އޭގައި ލަވަ ލިޔާ މީހުންނާ ޅެންވެރީންގެ ވަރަށް ބޮޑު އާކައިވެއް އޮންނާނެ. ޅެންވެރީން މިހާރުވެސް އެންމެ ކުރީގެ މަޝްހޫރު ބޭފުޅުންނާއެކު ފަންސާހަކަށް ބޭފުޅުންގެ ޕޭޖު ފެންނަން އޮންނާނެ. މިހާރުވެސް ގިނަ ބޭފުޅުންގެ ތާރީޚީ މައުލޫމާތާ ޕްރޮފައިލްގެ އިތުރުން ކޮންމެ ބޭފުޅެއްގެ 10 ޅެން އޮންނާނެ. އަދި ލަވަހައްދަވާ ބޭފުޅުންގެ އޯޑިއޯ ބައެއް ލަވަތަކާއި ލަވަކިޔުންތެރިންގެ އޯޑިއޯ ބައެއް ލަވަތައްވެސް އަދި ލައިރިކްސް ވެސް ހުންނާނެ. އަދިވެސް މިގެންދަނީ އަޕްޑޭޓްކުރަމުން.

ދެން މި ވެބްސައިޓް ގެ މަސައްކަތް ނިންމާ، ލޯންޗުކުރަން ނިންމަވާފައިވަނީ ކިހާ ތާކުތޯ؟

 މިހާރު، މި އާރޓިކަލް އަށްފަހު، ވެބްސައިޓްގެ ހުރިހާ ޚިދުމަތެއްވެސް ހޯއްދެވޭނެ. އެކަމަކު އަދިވެސް އަޕްގްރޭޑުކުރުން ދާނީ ކުރިޔަށް. ޚާއްޞަކޮށް ލައިރިކްސްތައް އެޅުމުގެ މަސައްކަތަކީ ވަރަށް ބުރަކަމަކަށްވާތީ، އެކަން ކުރަމުން ދާނީ. އަޅުގަނޑުމެން މިހާރު މި ވެބްސައިޓް ތެރޭން އޮންނާނެ ޅެން ލިޔުމުގެ މުބާރާތެއް އިޢުލާންކޮށްފައި. ފޯމްވެސް ފުރުއްވޭނެ އެ ޕޭޖުން. އަޅުގަނޑުމެން މީގައި ބައިވެރިކުރާނީ އާންމުކޮށް ޅެން ނުހައްދަވާ އާ ފަންނާނުން ބޮޑަށް. ވަރަށް ބޮޑު އިނާމުތަކެއްވެސް އެ ޕޭޖުގައި ފެންނަން ހުންނާނެ. އެކަމަކު އެ ޢަދަދުތަކާ ޤަވާޢިދުތަކާ ޝަ އަށް ވަންނަވާފައި ބައްލަވާ ލައްވާ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top