ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ މެޗުން އޭދަފުށި އަދި ދެވަނަ މެޗުން ތުޅާދޫ މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އޭދަފުށީގައި އިއްޔެ ފެށި މި މުބާރާތުގެ ދެ މެޗު އިއްޔެ ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި އޭދަފުށްޓާއި ގޮއިދޫ ބައްދަލު ކުރިއިރު، ދެވަނަ މެޗުގައި ބައްދަލުކުރީ ތުޅާދޫ އާއި ފެހެންދޫ އެވެ.
މެޗު 1
މި މެޗުގައި ބައްދަލުކުރީ ގުރޫޕް އޭ ގައި ހިމެނޭ އޭދަފުށްޓާއި ގޮއިދޫ އެވެ. އަތޮޅު ފުޓްބޯޅަ އަދި ފުޓްސަލްގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް އޭދަފުށްޓާއި ގޮއިދޫ ބައްދަލު ކުރި މި މެޗު ފަސޭހަކަމާއިއެކު އޭދަފުށި ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ގޮއިދޫން ވަނީ މި މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި އޭދަފުށީގެ ހަމަލާތައް ހުއްޓުވައި ކައުންޓަރ އެޓޭކެއްގައި ލަނޑު ޖަހަން މަސައްކަތް ކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގޮއިދޫންނެވެ. އޭދަފުށީ އޭރިޔާގެ ބޭރުން ހަސަން ސާމްއަށް ލިބުނު ބޯޅަ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލިއިރު އެ ބޯޅަ ދިފާއުކުރަން އޭދަފުށީގެ ކުޅުންތެރިއަކު ވެސް މަސައްކަތް ކުރިއެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ އޭދަފުށިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. 19 ވަނަ މިނިޓްގައި އޭދަފުށްޓަށް މި ލަނޑު ޖަހައިދިނީ މުއާޒް ޢަލީ އެވެ. މުއާޒް މި ލަނޑު ޖަހައިދިނީ ގޮއިދޫގެ އޭރިޔާ ބޭރުން އެ ޓީމު ކުޅުންތެރިއެއް ހިފައިގެން ކުރިއަށް ދާން މަސައްކަތްކުރި ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފަހަތުން އަރައި އޭދަފުށި ކާމިޔާބު ކުރި މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު ޖެހީ ހުސައިން ސުހައިލް އެވެ. ގޮއިދޫގެ ހާފުގެ މެދަކާއި ހިސާބުން ސުހައިލްއަށް އެ ޓީމުގެ ކުޅުންތެރިއަކު ޖައްސާލި ބޯޅަ ސުހައިލް ގޯލުގެ ތެރެއަށް ފޮނުވާލީ ބޯޅަ ދިފާއުކުރަން ކީޕަރު ނުކުތް ވަގުތު އެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދެއްކި އޭދަފުށީގެ ލީޑު ފުޅާކޮށްދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. ފާއްޓޭ މި ލަނޑު ޖަހާފައިވަނީ ގޮއިދޫ ޓީމު އެޓޭކަށް އެރި ވަގުތެއްގައި، އޭދަފުށީ ކުޅުންތެރިއަކު އެ ބޯޅަ ހޯދައި ފާއްޓޭއަށް ޖައްސާލުމުން ބޯޅަ ދިފާއުކުރަން ނުކުތް ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އޭދަފުށީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޝާން އިބްރާހިމް (ސައްޓު) އެވެ.

ފޮޓޯ: އެފްއޭއެމް – އެފްބީ
މެޗު 2
މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ގުރޫޕް ބީގައި ހިމެނޭ ތުޅާދޫ އާއި ފެހެންދޫ އެވެ. މިއީ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ. މެޗު ކާމިޔާބު ކުރުމަށްޓަކައި، ފުރަތަމަ މިނިޓުން ފެށިގެން ދެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މި މެޗުގައި ފެނުނު ފުރަތަމަ ލަނޑަކީ ފެހެންދޫ ކުޅުންތެރިއަކު ތުޅާދޫ ޓީމުގެ އޭރިޔާ ތެރެއަށް މަތިމަތިން ލައދިން ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ތުޅާދޫ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ތުޅާދޫން މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދަމަހައްޓަން ފެހެންދޫން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ތުޅާދޫން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް އެ ޓީމުން ކުރަމުން އައި މަސައްކަތް މި ހާފުގެ ކުރީކޮޅު ކާމިޔާބު ވެސް ކުރިއެވެ.
ތުޅާދޫ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހާޔަން ހަސަން ހުސައިން އެވެ. ފެހެންދޫގެ ގޯލާއި އަމާޒުކޮށް ހާޔަން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.
ފަހަތުން އަރައި ތުޅާދޫން ލީޑު ނެގި މި މެޗުގައި ތުޅާދޫން ޖެހި ދެވަނަ ލަނޑު ޖަހައިދިނީ އާދިލް ޢަބްދުއްރަހުމާން އެވެ. ފެހެންދޫ ޓީމުގެ ހާފުގެ މެދަކާއި ހިސާބުން އާދިލް ފޮނުވާލި ބޯޅަ ފެހެންދޫގެ ގޯލްގެ ތެރެއަށް ވަނީ، ބޯޅަ ދިފާއުކުރަން މަސައްކަތް ކުރި ކީޕަރުގެ އަތުގައި ޖެހިފައެވެ.
ތުޅާދޫން ނެގި ލީޑުގައި މާ ގިނައިރު އޮވެވޭ ގޮތެއް ނުވިއެވެ. އެ ލަނޑަށް މިނިޓެއް ނުވެ އުޅެނިކޮށް ފެހެންދޫން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސާޖިދު އެވެ. ސާޖިދު މި ލަނޑު ޖެހީ އޭރިއާ ތެރެއަށް އޭނާ ޖައްސާލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ތުޅާދޫ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގެ ފަހު ފަސް މިނިޓް ފެނުނީ އެންމެ ފޯރިގަދަ ވަގުތުކޮޅުގެ ގޮތުގައެވެ. ފެހެންދޫން ނަތީޖާ ހަމަހަމަ ކުރި މިނިޓްގައި ތުޅާދޫން އަނެއްކާ ވެސް ލީޑު ނެގި އެވެ. ފެހެންދޫން ޖެހި ލަނޑަށްފަހު ކުޅުން ފެށި ބޯޅަ ހިފައިގެން ކުރިއަށް އަރައި، ތުޅާދޫ ކުޅުންތެރިޔާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލިއިރު އެ ޓީމުގެ އީމާން އިލްޔާސް ހުރީ ހުސްކޮށެވެ. އީމާން އިލްޔާސް ވަނީ އެއް ފަހަރުން ޖަހައި އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.
3-2 އިން ތުޅާދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހާޔަން ހަސަން ހުސައިން އެވެ.
