ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސެކްޓާ ލީގު 2026 ފުޓްސަލް މުބާރާތުގެ ކުއާޓާރ ފައިނަލަށް އެމްއޭޑަބްލިޔޫސީ އާއި ހޯކްސް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ރައުންޑް އޮފް ސިކްސްޓީންގެ މެޗުތައް ރޭގައި ފަށާފައި ވާއިރު، ރޭ ވަނީ ހަތަރު މެޗު ކުޅެފައެވެ. ރޭ ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ ދެމެޗަށް ބަލާލާއިރު:
ރައުންޑް އޮފް ސިކްސްޓީން މެޗު 1
ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް އެމްއޭޑަބްލިޔޫސީ އާއި ޔޫރޯ ރެކްރިއޭޝަން އެވެ. ރައުންޑް އޮފް ސިކްސްޓީންއަށް ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްއޭޑަބްލިޔޫސީ ދަތުރުކޮށްފައި ވާއިރު، ގުރޫޕް ޑީގެ ހަތަރުވަނަ ހޯދި ޔޫރޯ ރެކްރިއޭޝަންއަކީ ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ދެވަނަ ބުރުން ލިބޭ ޖާގަތަކުން ޖާގައެއް ލިބުނު ޓީމެކެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފައިވާ އެމްއޭޑަބްލިޔޫސީން ރޭގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މުޅި މެޗު ލީޑުކޮށްގެން ކުޅުނު އެމްއޭޑަބްލިޔޫސީން ވަނީ މެޗުގެ 6 ވަނަ މިނިޓްގައި ލީޑު ނަގާފައެވެ. އަޙްމަދު ހައިޒަމް މި ލަނޑު ޖަހާފައިވަނީ ޔޫރޯ ރެކްރިއޭޝަންގެ ހާފުގެ މެދަކާއި ހިސާބުން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލީޑު ނެގިތާ މާގިނައިރެއް ނުވެ އެމްއޭޑަބްލިޔޫސީން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ހައިޒަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ޢަބްދުﷲ ރިޒާން އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ޔޫރޯ ރެކްރިއޭޝަންއަށް އަޙްމަދު ރިޒާން ޖަހައިދިން ލަނޑާއިއެކު އެ ޓީމުން އުންމީދު އާކުރިއެވެ. ރިޒާން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްއޭޑަބްލިޔޫސީގެ އާދަމް ޝަހީމް އެ ޓީމުގެ ލީޑު އަނެއްކާ ވެސް ފުޅާކޮށްދިނެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އެމްއޭޑަބްލިޔޫސީންނެވެ. ހާފުގެ ކުރީކޮޅު ރާއިފް އާއި ޢަބްދުﷲ ރިޒާން ގުޅިގެން އުފެއްދި ހަމަލާއެއްގައި ރިޒާން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ނަތީޖާގެ ފަރަގު ކުޑަކުރަން މަސައްކަތްކުރި ޔޫރޯ ރެކްރިއޭޝަންގެ ދެވަނަ ލަނޑު ޖަހައިދިނީ ޢަލީ އިޒްވާން އެވެ. މެޗުގެ ފަހުކޮޅު ޢަބްދުﷲ ރިޒާން ފުރިހަމަކުރި ހެޓްރިކާއިއެކު އެމްއޭޑަބްލިޔޫސީން ފަސް ލަނޑު ހަމަކުރިއިރު، މެޗުގެ ފަހު ސިކުންތުކޮޅުތެރޭ އާދަމް ޝަހީމް އެ ޓީމުގެ ހަވަނަ ލަނޑު ޖެހިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭޑަބްލިޔޫސީގެ ޢަބްދުﷲ ރިޒާން އެވެ.

ފޮޓޯ: ކުލަބް މޯލްޑިވްސް – އެފްބީ
ރައުންޑް އޮފް ސިކްސްޓީން މެޗު 2
ރައުންޑް އޮފް ސިކްސްޓީންގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހޯކްސް އާއި އާރުއޯއެލް އެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ހޯކްސް ރައުންޑް އޮފް ސިކްސްޓީންއަށް ދަތުރުކޮށްފައިވަނީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ޑީގެ ތިންވަނަ ހޯދި އާރުއޯއެލްއަކީ ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ދެވަނަ ބުރުން ލިބޭ ޖާގަތަކުން ޖާގައެއް ލިބުނު ޓީމެކެވެ.
މުބާރާތުގައި ވާދަކުރާ އެންމެ މޮޅު ޓީމުގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ހޯކްސްގެ ފަރާތުން މި މެޗުގައި ވެސް ފެނުނީ ތަފާތު ބޮޑު މޮޅު ކުޅުމެކެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ހޯކްސްގެ އިބްރާހިމް ނަދާދު ނަގައިދިން ލީޑާއިއެކު ލަނޑު ޖަހަން ފެށި ހޯކްސް އިން ފުރަތަމަ ހާފުގައި ފަސް ލަނޑު ޖެހިއެވެ. މި ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ހޯކްސްއިން ތަނަވަސްކުރިއިރު، ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް އާރުއޯއެލްއަށް ވެސް ލިބުނެވެ.
ދެވަނަ ހާފުގައި ވެސް އާރުއޯއެލްގެ ގޯލު ހުޅުވާލަދިނީ އިބްރާހިމް ނަދާދު އެވެ. މިއީ މި މެޗުގައި ނަދާދު ޖެހި ދެވަނަ ލަނޑެވެ. ގާތްގާތުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ހޯކްސްއިން މި ހާފުގައި ހަ ލަނޑު ޖެހިއެވެ. 11-0 އިން ހޯކްސް ކާމިޔާބުކުރި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، އިބްރާހިމް ނަދާދުގެ އިތުރުން މުޙައްމަދު ނާއިމް 3 ލަނޑު، އަޙްމަދު އައިހަމް 2 ލަނޑު އަދި ހުސައިން ޝުހާދު، އުލާން ބަޓީރުބެކް، ހޫދު އަޙްމަދު، ހަސަން ރަޝީދު، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯކްސްގެ މުޙައްމަދު ނާއިމް އެވެ.
