ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްއިން އިންތިޒާމްކޮށްގެން ބޭއްވި ރާއްޖެ ސުޕަރ ލީގު 2026 ވޮލީބޯޅަ މުބާރާތުގެ، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވ. ފެލިދޫ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ވ. ފެލިދޫ އާއި ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް ސެމީ ފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދި ބ. ގޮއިދޫއެވެ.
ވާދަވެރި ފޯރިގަދަ ބަލާހިތްވާފަދަ ކުޅުމެއް ފެނުނު މި މެޗު ފެލިދޫން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ފެލިދޫން މަޑުމަޑުން ކުޅުން ރަނގަޅުކޮށް ލީޑު ފުޅާކުރިއިރު، ނަތީޖާ ހަމަހަމަކުރުމަށް ގޮއިދޫން ވެސް ދިޔައީ މަސައްކަތްތަކެއް ކުރަމުންނެވެ. ގޮއިދޫން ކުރަމުން އައި މަސައްކަތް އެ ޓީމަށް ކާމިޔާބުވީ 16-16 އިންނެވެ. ދެވަނަ ފަހަރަށް ލީޑު ނެގި ފެލިދޫން މި ސެޓް ކާމިޔާބުކުރީ 25-21 އިންނެވެ.
ފުރަތަމަ ސެޓް ފެލިދޫން ކާމިޔާބުކުރުމާއިއެކު ދެވަނަ ސެޓްގެ ފޯރި ގަދަވިއެވެ. އަދި ޗެމްޕިއަންކަން ހޯދުމަށްޓަކައި ގޮއިދޫއަށް މި ސެޓް ވަރަށް މުހިންމުވިއެވެ. ދެވަނަ ސެޓް ކާމިޔާބުކުރުމުގެ އަޒުމުގައި ނުކުތް ފެލިދޫން މި ސެޓް ވެސް ފެށީ ވަރުގަދަކޮށެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ނެގި ލީޑު ބޮޑުތަނުން ތަފާތުކޮށްލިއިރު، މި ސެޓް އެ ޓީމު ހޯދީ ފަސޭހަކަމާއިއެކު 25-16 އިންނެވެ.
ތިންވަނަ ސެޓް، ހޯދުން ނޫން އެހެން ގޮތެއް ނެތްކަން އެނގި އެކަމަށް ވިސްނައިގެން ގޮއިދޫން، ތިންވަނަ ސެޓަށް ނުކުތްއިރު، މި ސެޓަށް ފެލިދޫން ނުކުމެފައި ވަނީ ސީދާ ތިން ސެޓުން ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާށެވެ. ތިންވަނަ ސެޓް ވެސް ފަށައިގެން މޮޅަށް ކުޅުނީ ފެލިދޫންނެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ލީޑު ނަގައި ލީޑު ފުޅާކޮށްލިއިރު، ނަތީޖާ ހަމަހަމަކުރުމަށް ގޮއިދޫން ކުރަމުންދިޔަ މަސައްކަތުގައި އެ ޓީމުން ފަހަތަކަށް ނުޖެހުނެވެ. 9-9 އިން ނަތީޖާ ހަމަހަމަވުމާއިއެކު ސެޓްގެ ވާދަވެރިކަން އިތުރުވިއެވެ. ދެވަނަ ފަހަރަށް ފެލިދޫން ލީޑު ނެގި ނަމަވެސް ބޮޑު ތަފާތެއް އެ ޓީމަށް ނުދެއްކުނެވެ. 23-22 އާ ހަމައަށް ގޮއިދޫން ވަރުގަދަ ޗެލެންޖެއް ކުރިމަތި ކުރުވިއެވެ. ސެޓް ނިންމުމުގެ ފުރުސަތު ގޮއިދޫއަށް ވެސް ލިބުނު މި ސެޓް ފެލިދޫން ކާމިޔާބުކުރީ 23-25 އިންނެވެ.

މުބާރާތުގެ ޑްރީމް ޓީމް / ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ފެލިދޫ ހޯދިއިރު، މުބާރާތުގައި އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
މި މުބާރާތުގެ މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމްތަކަށް ބަލާލާއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލިދޫ ޓީމުގެ މުރާދު ޖީހާން އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނަށް ބަލާލާއިރު، ބެސްޓް އައުޓް ސައިޑް އެޓޭކާރ ފެލިދޫ ޓީމުގެ ޢަލީ ހުޒާމް، ބެސްޓް އައުޓް ސައިޑް އެޓޭކާރ ގޮއިދޫ ޓީމުގެ ޝަމާއިލް ހުސައިން، ބެސްޓް މިޑްލް ބްލޮކަރ ގޮއިދޫ ޓީމުގެ މުޙައްމަދު ލަތުފާން ޢަލީ، ބެސްޓް މިޑްލް ބްލޮކަރ ގޮއިދޫ ޓީމުގެ އިބްރާހިމް ފަޒީލް، ބެސްޓް ސެޓާރ ފެލިދޫ ޓީމުގެ ހުސައިން ވިސާމް، ބެސްޓް އޮޕަސިޓް ޕްލޭޔާރ ފެލިދޫ ޓީމުގެ ޙަސަން ނިލާމް، ބެސްޓް ލިބަރޯ ޕްލޭޔާރ ފެލިދޫ ޓީމުގެ އަޙްމަދު ނަބީލް، މޯސްޓް ވެލިއުބަލް ކޯޗް ފެލިދޫ ޓީމުގެ ކޯޗް މުޙައްމަދު ޝަރަފް، މޯސްޓް ޕްރޮމިޝިން ޕްލޭޔާރ އަންޑަރ 21 މާފުށީ ޓީމުގެ ޔައީޝް ރިފްއަތު ހަމީދު، މޯސްޓް ވެލިއުބަލް ފޮރިން ޕްލޭޔާރ ފެލިދޫ ޓީމުގެ މުރާދު ޖީހާން އަދި މޯސްޓް ވެލިއުބަލް ޕްލޭޔާރ ފެލިދޫ ޓީމުގެ ޙަސަން ނިލާމްއެވެ.
