ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިޓް ސްޕޯރޓްސް ކުލަބް ޗެމްޕިއަންކަން ހޯދައިފި
މުބާރާތުގެ ޗެމްޕިއަން ޓީމް ފިޓް ސްޕޯރޓްސް ކުލަބް / ފޮޓޯ: ކިޔުންތެރިއެއް

އދ. މަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފިޓް ސްޕޯރޓްސް ކުލަބް ހޯދައިފި އެވެ. މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ފިޓް ސްޕޯރޓްސް ކުލަބާއި ކުރޮވްސް އެވެ.

ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ފިޓް ސްޕޯރޓްސް އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ސެޓްގެ މެދަކާއި ހިސާބުން ފިޓް ސްޕޯރޓްސް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އަދި ނަތީޖާގެ ފަރަގު ބޮޑުކޮށް 25-15 އިން ސެޓް ކާމިޔާބު ކުރިއެވެ.

ދެވަނަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ކްރޮވްސް އެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ކްރޮވްސް އާއި ފިޓް ސްޕޯރޓްސް ހަމަހަމަ ކުރީ ފަސް ޕޮއިންޓް ވެސް ހޯދި ފަހުންނެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް، ލީޑު ނެގި ފިޓް ސްޕޯރޓްސް މި ސެޓް ކާމިޔާބު ކުރީ 25-17 އިންނެވެ.

ތިންވަނަ ސެޓްގައި ކްރޮވްސްއިން ވަނީ ކުރީ ދެ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ސެޓް ފަށައިގެން ހަމަހަމަކޮށް ދިޔަ ނަމަވެސް ސެޓްގެ މެދަކާއި ހިސާބުން ލީޑު ފުޅާކޮށް 25-18 އިން މި ސެޓް ހޯދައި ކްރޮވްސްއިން އުންމީދު އާކުރިއެވެ. ކުރީ ދެ ސެޓްގައި ދެއްކި ކުޅުން ފިޓް ސްޕޯރޓްސްއަށް މި ސެޓްގައި ނުދެއްކުނެވެ.

ހަތަރުވަނަ ސެޓް ކާމިޔާބުކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް، ފިޓް ސްޕޯރޓްސްއިން ވަނީ ގަދަ ހިތްވަރާއިއެކު މޮޅު ކުޅުމެއް ދައްކާފައެވެ. ދާދި ހަމަހަމަކޮށް ދިޔަ މި ސެޓްގެ ކޮންޓްރޯލް ކްރޮވްސްއަށް ގެއްލުނީ 14-13 ގައި އޮވެފައެވެ. ކުޅުން ރަނގަޅުކޮށް ލީޑު ފުޅާކުރި ފިޓް ސްޕޯރޓްސް މި ސެޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 17-25 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން / ފޮޓޯ: ކިޔުންތެރިއެއް

މި މުބާރާތުގެ މަގާމްތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ބަލާލާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފިޓް ސްޕޯރޓްސް ކުލަބެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ކްރޮވްސް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމެންޓް ) ގެ މަގާމް ހޯދީ ފިޓް ސްޕޯރޓްސްގެ ޢަބްދުﷲ އަންވަރެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ފިޓް ސްޕޯރޓްސް ކުލަބްގެ ޢަބްދުﷲ އަންވަރު، ކްރޮވްސްގެ ޢަލީ ރިލްވާން، ފިޓް ސްޕޯރޓްސް ކުލަބްގެ އަޙްމަދު އިހްސާން، ކްރޮވްސްގެ ހުސައިން ނަސީރު، ފިޓް ސްޕޯރޓްސް ކުލަބްގެ އަސްލަމް ޢަބްދުއްރަހުމާން އަދި ފިޓް ސްޕޯރޓްސް ކުލަބްގެ ޢަލީ ޝާނީޒެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ކްރޮވްސް ޖޭއާރުގެ ޝިމާއު ޝިބާއު މުޙައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ފިޓް ސްޕޯރޓްސް ކުލަބްގެ އަޙްމަދު ޢަލީ އެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ފިޓް ސްޕޯރޓްސް ކުލަބްގެ ކޯޗު ހަސަން ނާހިދެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top